އަނެއްކާވެސް ދިވެހި އޮބްޒާވަރުގެ ޒަމާނަށް!

ކުޑަކުޑަ އަންދާޒާއަކަށް ބިނާކޮށް ލަފާކޮށްލިޔަސް އުމުރުން މިހާރު 30 އަހަރުގެ ދިވެހި ޒުވާނަކަށް ވިއްޔާ ދިވެހި އޮބްޒާވަރަކީ ކޮބައިކަން ނޭނގިއެއް ނުހުންނާނެ އެވެ. އެ އުމުރުގެ މީހަކަށް އެއީ ކޮން އެއްޗެއްކަން ފަހުމް ނުވާ ނަމަ އޭނާ ވާނީ 2004 އިން ފެށިގެން ރާއްޖެ ދެކެމުން މި އަންނަ ސިޔާސީ ބަދަލުތަކުގެ އެއްވެސް މައުލޫމާތެއް ނެތް މީހަކަށެވެ.


އަހުމަދު ޝަފީގު (ކުޑަސައްޕެ)، އޮކްޓޯބަރު 2003 ގައި ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭގެ މަހެއްހާ ދުވަސް ކުރިން މާފުށީ ޖަލުގައި ސިފައިން ތަޅާމަރާލި އީވާން ނަސީމްގެ މަރަށް ފަހު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އުފެދުނު ދެކޮޅުވެރިކަމުގަ އެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުންނެވި ނަމަ އޭނާއަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

އިނގިރޭސި ވިލާތުން ޕީއެޗު.ޑީއަށް ކިޔަވާ ވިދާޅުވެފައިވާ ސައްޕޭ ދެން ފެއްޓެވީ، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރާ ދެކޮޅު ވާހަކަތައް ގެނެސްދެއްވުމުގެ މަސައްކަތެވެ. ދިވެހި އޮބްޒޯވާ (ޑީއޯ) އަކީ ސިޔާސީ މައުލޫއުތައް ދެނެގަތުމަށް 2004 އިން 2008 އާ ދެމެދު އެންމެ ގިނަ ދިވެހިން ވަދެ އުޅުނު ވެބްސައިޓަށް ވުން ގާތެވެ.

އޭގައި ވަރަށް ބޮޑެތި ދޮގުތައް ވެސް ހުއްޓެވެ. ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ވަރަށް ދުރު ލިއުންތައް ވެސް ޖެހި އެވެ. މައުމޫން ސަރުކާރުގެ ސިޔާސީ ބޮޑުންނާއި، އެމްޑީޕީގެ ފިކުރާ ދެކޮޅު އެތައް ބައެއްގެ އަބުރަށް ވެސް، ނޫސްވެރިކަމުގެ މިންގަނޑުން ގަސްދުގައި ބޭރުވެ، އަރައިގަތެވެ. އެއް ބަޔަކު އޭރު ސިފަކުރި ގޮތުގައި ގޮށްމުށުގެ ބާރުން ވެރިކަން ކުރި އަދި އެބަޔަކާ ދެކޮޅަށް ދިވެހިންނަށް ރާއްޖޭގައި އެއްޗެއް ވެސް ބުނަން ނުކެރޭ އެތައް ބައެއްގެ "އޮފް ކަނޑުވާލީ" ދިވެހި އޮބްޒާވާ އިންނެވެ.

ކުރީގެ ރައީސް މައުމޫނާއެކު ކުޑަ ސައްޕެ: މައުމޫންގެ ދައުރުގެ ފަހު ދުވަސްތަކުގައި ސަރުކާރަށް އެންމެ ބޮޑަށް ޕްރެޝަރަކަށް ވެފައި އޮތީ ސައްޕެ ހިންގި ދިވެހި އޮބްޒާވާ.

އެދުވަސްވަރު އެމްޑީޕީގެ ހަރަކާތްތަކާ އެކު ސިޔާސީ ގޮތުން ރާއްޖެ ވަރަށް ބޮޑަށް ބަދަލުވަމުން އަ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގައި ނުޖެހޭ އެތައް ސިއްރެއް ދިވެހި އޮބްޒާވަރުން އާންމުންނާ ހަމައަށް ގެނެސްދިނެވެ. އެހެންކަމުން ގިނަ ބަޔަކު އޭރު ގަބޫލުކުރީ، ސަރުކާރާ ދެކޮޅު ތެދު މައުލޫމާތު ހުންނާނީ އެ ވެބްސައިޓްގައި ކަމެވެ. ކިތައްމެ ބޮޑު ދޮގެއް އޭގައި އޮތަސް އެއީ ތެދެއްކަމަށް ގަބޫލުކުރުން އޮތީ އާންމުވެފަ އެވެ. މައުމޫން ސަރުކާރަށް ތާއީދުކޮށް، އަދި ދިވެހި އޮބްޒާވާއާ ޖައްސާލި ބައެއް ވެބްސައިޓްތައް ވެސް، ކޮން ބައެއްކަން ނޭނގޭ ގޮތަށް، ހިންގި އެވެ. އެކަމަކު އާންމުންގެ ތަރުހީބަށް ބަލާއިރު ޑީއޯއާ ގާތްކުރެވޭ ވަރު ވެސް ނުވި އެވެ.

ސައްޕޭ ނުކުންނެވީ ކެރިގެންނެވެ. އޭރުގެ ހާލަތަށް ބަލަންޏާ އޭނާގެ ވެބްސައިޓަކީ މައުމޫން ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ރަސްމީކޮށް ހިންގާ މީޑިއާތަކަށް އޮތް މިނިވަންކަމަށް ހުރަސްއަޅައި އަދި ނޫސްވެރިކަން ކުރަން ބިރުގަންނަ ހިސާބަށް ސަރުކާރުގެ ސިޔާސަތު ދިއުމުން ދެން ވާނެ ގޮތުގެ ނަމޫނާއަކީ ޑީއޯ އެވެ. އަދި މިހާރު ސަރުކާރުގެ ބައެއް ސިޔާސަތުތަކުން މި ފެންނަނީ ސައްޕޭ ފަދައިން، ދިވެހިންގެ ބަޔަކު އަނެއްކާވެސް ރާއްޖެއިން ބޭރުގައި ޑީއޯ ކަހަލަ ސައިޓްތައް ހެދުމުގެ ދުވަސް އަތުވެއްޖެ ކަމުގެ މަންޒަރުތަކެވެ.

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި ނޫސްވެރިން މިދިޔަ އަހަރު މަޖިލިސް ދޮށަށް ދިއުމުން ފުލުހުން އެކަމަށް ހުރަސްއަޅައި ފަހަތަށް ޖައްސަނީ. --މިހާރު ފައިލް ފޮޓޯ

ރަސްމީ މީޑިއާއަށް އޮތް މިނިވަންކަން ގެއްލޭ ހިސާބަށް ސަރުކާރުގެ ސިޔާސަތު މިހާރު ވަނީ ބަދަލުވެފަ އެވެ. މޯލްޑިވްސް މީޑިއާ ކޮމިޝަން އުފައްދަން އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ނުވަތަ މީޑިއާ ހިމާޔަތްކުރާކަށެއް ނޫނެވެ. ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދުވަސް ދުއްވާލާ، މިހާރުގެ ގޮނޑިކޮއްކޮ ބްރޯޑްކާސްޓިން ކޮމިޝަން ފަދަ ތަނެއް އުފެއްދުމެވެ.

ސަރުކާރަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ، އިސް ބައެއް ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އޮންލައިން ވެބްސައިޓްތަކެވެ. "އެއލތނ މައިތިރިކުރުމަކީ" ސަރުކާރުގެ ބައެއް ބޭފުޅުންގެ ބަސްމަގެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހުގެ ސީދާ ބައިވެރިވުމެއް ނެތި އިންތިހާބުކުރާ މީޑިއާ ކައުންސިލް މިހާރު އޮތް ގޮތުން އޮންލައިން މީޑިއާތައް ކޮންޓްރޯލްކުރަން ސަރުކާރަށް ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން މިއަދު ހުށަހަޅާ ބިލުން އެ ފުރުސަތު އެ ހޯދަނީ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަބުރުގެ ގާނޫނުގެ ވެސް މައިގަނޑު ވިސްނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުންކަން އޭރު ވެސް އެނގެ އެވެ. ރާއްޖެ ޓީވީއާ ދެކޮޅަށް ބްރޯޑްކޮމް އިން ނިންމި އެއްވެސް ނިންމުމެއްގައި، މީހެއްގެ އަބުރަށް އަރައިގަތުން ނުވަތަ ރާއްޖޭގެ ސަލާމަތަށް އޮތް ބިރެއް ސާބިތެއް ނުކޮށްދެވެ އެވެ. ތާކުންތާކު ނުޖެހޭ ކަންކަމުގައި ބޮޑެތި ޖޫރިމަނާކޮށް، ފިޔަވަޅު އަޅާ ނަމަ އޭގެ މާނައަކީ ކޮމިޝަން އޮތީ ސަރުކާރުގެ ކޮންޓްރޯލްގައި ކަމެވެ. ޖޫރިމަނާކުރެވިދާނެ މައްސަލަތައް ވެސް މީޑިއާތަކުން ފެނިދާނެ އެވެ. އެކަމާ ނޫސްވެރިން ދެކޮޅެއް ނުހަދަ އެވެ. އެކަމަކު ކޮންމެ މައްސަލައެއްގައި ވެސް ރަނގަޅު ތަހުގީގެއް ކޮށް، އިންސާފުވެރިކޮށް ނިންމޭނެ ބަޔަކު ކޮމިޝަންގައި ތިބެން ޖެހޭނެ އެވެ.

ސަރުކާރުން އެ ފުރުސަތެއް ނުދެ އެވެ. އަދި ދޭނެ ކަމަކަށެއް ވެސް ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން ވަކި ހިސާބަކުން ދެން ފެންނާނީ ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭ އަދި ނޫސްވެރިކަމުގެ އަހުލާގީ އެއްވެސް މިންގަނޑަކަށް ފަރުވާލެއް ނުބަހައްޓާ ވެބްސައިޓްތައް ރާއްޖެއިން ބޭރުގައި ދިވެހިން ހަދާ ތަނެވެ.

ސަރުކާރާ ގުޅުން ހުރި ހިޔާނާތާއި އަދި ވެރިންގެ އަހުލާގާ ގުޅޭ ބޮޑެތި އެތައް ކަމެއްގެ ވާހަކަ ދެކެވެ އެވެ. އެ ވާހަކަތަކުގައި ހަގީގަތްތައް ވެސް ހުރެ އެވެ. ބައެއް މީހުން ބައެއް ނޫސްވެރިންނާ ދިމާއަށް ބުނެފާނެ އެވެ. "ކަލޭމެން ނުޖަހާ، ނުލިޔާ މައްސަލައެއް ނެތެއް ނޫން ހެއްޔެވެ؟" ޖަވާބަކީ ބައިވަރެވެ. ސަރުކާރުން އުފައްދާފައިވާ ބިރުގެ ތެރޭގައި ނޫސްވެރިން ތިބީ، ގިނަ މައްސަލަތަކުގައި، "ސެންސަރުވެގެން" ނެވެ.

ޑީއޯ ކަހަލަ ސައިޓްތަކުގެ ބާރު

ޑީއޯ އަކީ ނުރައްކާތެރި ވެބްސައިޓެކެވެ. ތެދަށް ވުރެ ދޮގު ގިނަވި އެވެ. އެކަމަކު ނަތީޖާ ފެނުނީ ސައްޕޭ އާއި އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށެވެ. ވެރިންގެ "އޮފް ކަނޑާލެވުނެ"ވެ. ރާއްޖޭގެ މީޑިއާތަކުން ނުފެންނަ އެކަމަކު އާންމުންނަށް ގަބޫލުކުރެވޭނެ ކިތައްމެ އެއްޗެއް ތަޅާބޭލި އެވެ.

އެކަހަލަ ވެބްސައިޓްތަކުން މިހާރުގެ ވެރިންނަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އަންނާނެ އެވެ. ނޫސްވެރިކަމުގެ މިންގަނޑާ ހިލާފުނުވެ ނޫސްވެރިކަން ކުރާ މީހުންގެ ބަހަށް ވުރެ އަޑިން ހިންގާ ސައިޓްތައް އާންމުންގެ ކުރިމަތީގައި ވަރުގަދަވާނެ އެވެ. އަދި ސަރުކާރަށާއި މީޑިއާ ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލިހުގެ އަތް ފޯރާ ވަރަށް ވުރެ އެ ސައިޓްތަކުގެ ނުފޫޒު އޮންނާނީ ފެތުރިފަ އެވެ.

މިއީ 2004 އަދި 2008 ނޫނެވެ. ފޭސްބުކާއި ޓްވިޓާގެ ޒަމާނެވެ. އޭރު ސުމާޓް ފޯނުތައް ގެންގުޅުނީ ވަރަށް މަދު ބައެކެވެ. މިއަދު ގިނައީ ސުމާޓްފޯންތަކެވެ. އިންޓަނެޓް ފުޅާވެއްޖެ އެވެ. ދިވެހިންނަކީ، ސަރަހައްދީ ގޮތުން ބެލި ނަމަވެސް، އެންމެ ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރާ އެއް ބައެވެ. އެހެންކަމުން 2004 އިން 2008 އަށް ކޮންޓްރޯން ނުކުރެވުނު ކަމެއް މިއަދަކު ރައްޔިތުންގެ މަޖިލިހަކަށް ވެސް، ސަރުކާރަކަށް ވެސް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ. މިހާރު ހަދާ ގާނޫނުތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނުކުންނާނީ ތިޔަ ހީކުރާ ވަރަށް ވުރެ، މާ ނުބައި ނަތީޖާއެކެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކުޑަ ސައްޕެ ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު މާލެ އައުމުން މަރުހަބާ ދަންނަވަނީ.---ފައިލް ފޮޓޯ

އަޅުގަނޑު ކަހަލަ ނޫސްވެރިން ގާނޫނީ އަދި ސަރުކާރުން އުފައްދާފައިވާ ބިރުގައި ތާށިވެގެން ތިބެދާނެ އެވެ. އެކަމަކު 2003 ގައި އުފެދުނު "ޑީއޯ ސައްޕޭ" ކަހަލަ ކިތައްމެ ސައްޕޭއެއް ކުރިއަށް އޮތް ތަނުގައި ފެނުން ކައިރި އެވެ. އޭރުން ރައްޔިތުންނާ ހަމައަށް އަންނަ މައުލޫމާތުތައް ދޮގުކުރަން، ކަރަށް ނާރު އަރުވައިގެން ހަޅޭއްލެވުމުގެ ބޭނުމެއް ނޯންނާނެ އެވެ.

ރަސްމީ މީޑިއާ ތަޅުއެޅުވުމުން ދިވެހިން ދެން ހިޖުރަކުރާނީ ނުރަސްމީ މީޑިއާތަކަށެވެ. އަދި މި ޒަމާނުގައި އެއީ އެހާމެ ފަސޭހަ ކަމެކެވެ.