އޮޅުންބޮޅުން: މާލޭގެ ތޮއްޖެހުން ކުޑަކުރަން ރާއްޖޭގެ އެންމެން މާލެއަށް

ތޮއްޖެހުން މާނަކުރެވޭ ގޮތާ މެދު މިހާރު ވަރަށް ބޮޑަށް އޮޅުންއަރައިފި އެވެ. ސަރުކާރުން ގެދޮރުއެޅުމުގެ ބިޔަ މަޝްރޫޢުތައް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދަނީ، މާލޭގެ ރައްޔިތުންގެ ގެދޮރު ނެތިގެން ދިރިއުޅެމުންދާ ދަތި، ތޮއްޖެހިފައިވާ މާޙައުލުން ދުރަށް ގެންދިއުމަށް ކަމަށްވެ އެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެ ބޭފުޅުން ދައްކަވާ ވާހަކަ އެވެ.


މި މަޝްރޫޢު ފެށުނު ގޮތް ހޯދަން ބޭނުންވާ މީހަކަށް ވަރަށް ފަސޭހައިން، ކުރީ ޒަމާނުގެ ކެބިނެޓް ކަރުދާހުންނާއި، ޓެކްނިކަލް ކޮމިޓީތަކުގެ ރިޕޯޓުތަކުންނާއި، ޕުލޭނިންގެ މިނިސްޓްރީގެ ދިރާސާ ކަރުދާސްތަކުންނާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާއިންނާއި، ސަހަރު ފަދަ ތަންތަން އާރާސްތުކޮށް، ފަރުމާ ކުރުމާ ބެހޭ ގޮތުން އެ ޒަމާނުގައި އުފައްދާފައި އޮތް ޚާއްޞަ އޮފީހުގެ ހުށަހެޅުންތަކުންނާއި ދިރާސާތަކުންނާއި، ކުރެހުންތަކުން ހޯދިދާނެ އެވެ. މާލޭގެ ރައްޔިތުން ތަޙައްމަލުކުރަމުން އަންނަ ތޮއްޖެހިފައިވާ މާހައުލު އެންމެ ކުޑަކުރެވޭނީ މާލޭގައި ގިނަ ފަންގިފިލާގެ އިމާރާތްތައް އިތުރު ކުރެވުނު ވަރަކުން ބާވަ އެވެ؟ ދިހަ ފަންގިިފިލާ އިން، ބާރައިން، ސާދައިން، ވިހިން، ފަންސަވީސް ފަންގިފިލާ އަށެވެ.

މާލެ އަކީ ކުޑަކުޑަ ރަށެކެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އާއި، ކޮންމެ ދުވަހަކު މާލެ އަށް އަރާފައިބާ މީހުންގެ އާބާދީއާ އެކު މާލެ އިން ކޮންމެ ދުވަހަކު ލޮލަށް ފެންނަ، ނުވަތަ ތަޙައްމަލު ކުރަން ޖެހޭ އާބާދީ ދާއިމީ އާބާދީ އަށް ވުރެ އެތައް ގުނައެއް އިތުރު ވެ އެވެ. މަގުމައްޗަށް ދުއްވާ އެއްޗެއްގައި ނުކުންނަ މީހުންނަށާއި، މާލޭގެ މަގުމަތީގައި ހިނގާބިނގާ އުޅޭ މީހުންނަށާއި، ބާޒާރު ކުރުމަށް ފިހާރަތަކަށް ވަންނަ މީހުންނަށް މި އާބާދީ ރަނގަޅަށް ތަހައްމަލުވާނެ އެވެ.

ވިލިމާލެ ވުޖޫދަށް ގެނެވުނީ ވެސް މާލޭގެ ރައްޔިތުންގެ ގެދޮރުގެ ހޯދުމުގެ އުނދަގުލަށް ލުޔެއް ގެނައުމަށެވެ. އެ ވަރަކުން ނުފުދުނެވެ. ދެން އުފަން ކުރެވުނީ ހުޅުމާލެ އެވެ. ވަރަށް ބޮޑަށް ރޭވިގެންނެވެ. ރަނގަޅު ރޭވުމެއް ނެތި މާލެ ތަރައްޤީ ވަމުން ދިއުމުން ނުކުތް މައްސަލަތަކަށް ބެލެވި މި ޒަމާނުގެ ފަސޭހަތަކާއި، އެ ރަށުގައި ދިރިއުޅޭ ބަޔަކަށް ރައްޓެހި ތިމާވެއްޓެއް އޮންނާނެ ގޮތަކަށް ވިސްނައިގެންނެވެ. ވޯޓު ހޯދޭނެ މަގެއް ކަމަށް ބެލެވިގެނެއް ނޫނެވެ. މެޑެލި ޖެހިދާނެ ގޮތެއް ކަމަށް ވެސް ބެލެވިގެންނެއް ނޫނެވެ. ދެވަނަ ސަހަރެއްގެ ގޮތުގައި ހުޅުމާލޭ ތަރައްޤީ ކުރަން ނިންމީ، މާލެ އަކީ އެންމެންގެ ރަށަކަށް ވާތީވެ، މާލެ އިތުރަށް ތަރައްޤީކޮށް، ހިތްފަސޭހަކަން ގެންނާކަށެއް ނޫނެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަކަމެއް ހޯދައިދިނުމަށެވެ. މާލެ އަކީ ވެރިކަން ކުރާ ރަށަށް ވުމާ އެކު، މާލެ އަކީ އެންމެންގެ ރަށެކެވެ. އެކަމަށް މީހަކު ދަޢުވަތު ދިނަސް ނުވަތަ ނުދިނަސް އެ ޙަޤީޤަތް އޮންނާނީ އެ ގޮތަށެވެ. ހުރިހާ ތަނެއްގައި ވެސް އޮންނަނީ އެ ގޮތަށެވެ.

ހުޅުމާލެ އިން ފުރަަތަމަ ގޯތި ލިބުނު މީހުން ވަރަށް އުފައުވި އެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ދެވޭ ގޮތް ވުމުންނެވެ. އެޕާޓްމެންޓްތައް ލިބުނު މީހުން ވެސް އެހާ އުފާވި އެވެ. ހިމޭން، ބައި މަދު، ގުދުރަތާ ރައްޓެހި މާހައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމުންނެވެ. ޚާއްޞަކޮށް ޖަޒީރާއެއްގައި ދިރިއުޅެމުން، ޖަޒީރާއެއްގައި ދިރިއުޅޭ މީހުންނަށް ލިބިފައި އޮންނަ ތިމާވެއްޓާއި އުފައުވެރިކަން ލިބޭ ގޮތް ވުމުންނެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ޗައިނާ ސަރުކާރުގެ ލޯނުގެ އެހީގައި ހަދާފައިވާ ފްލެޓްތަކެއް.

ހުޅުމާލޭގެ މުސްތަޤްބަލް އޮތީ ކިހިނެއް ބާވަ އެވެ؟ ޔަޤީނުން ވެސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. މިހާރުގެ ސަރުކާރުން ޢާޢްމު ކޮށްފައިވާ ހުޅުމާލޭ އާބާދު ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ އަކީ ތޮއްޖެހިފައިވާ ރަށަކަށް ވާނެ ކަމެވެ. ޕީޕީއެމްގެ ވެރިކަން ހޯދުމުގެ ވަޢުދުނާމާ އިން ބޭރުން އެ ޕާޓީގެ ވެރިން އަމަލީ ގޮތުން ގެންގުޅޭ ތިމާވެއްޓާ ބެހޭ ސިޔާސަތަކީ ހަމައެކަނި ކުރު ރާސްތާ ފެންނަ ސިޔާސަތެކެވެ. ދުރެއް ނުފެނެ އެވެ. އަމާޒު ގެއްލެ އެވެ. މުޅި ގައުމުގައި ހިންގާ ކަންތައްތަކަށް ބަލާއިރު ދެކޮޅު ނުޖެހޭ ސިޔާސަތެކެވެ.

ކަނޑު ދަތުރަކަށް، ތިރީސް މިނިޓަށް ވުރެ ގިނައިރު ނަގާ ކޮންމެ ސަރަހައްދެއްގައި، އެއާޕޯޓެއް ހަދާ ގޮތަށް ހަމަޖައްސަނީ ކޮން ބަޔަކު ދަތުރު ކުރަން ބާވަ އެވެ؟ ކޮންމެ ރަށެއްގައި ފެންވަރު ރަނގަޅު ބަނދަރެއް ހަދަނީ ކޮން ބައެއްގެ މަސްދޯނިފަހަރު ބަނދަރު ކުރަން ބާވަ އެވެ؟ މަސްދޯނިފަހަރު ބަނދަރު ކުރިއަސް، އެ ދޯނިފަހަރު ދުއްވާނީ ކޮން ބައެއް ބާވަ އެވެ؟ ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާކޮށް ފެތުރެމުންދާއިރު ފަތުރުވެރިކަމުގެ ރަށްތަކުގައި މަސައްކަތް ކުރަން ދިވެހިން ހޯދާނީ ކޮން ތާކުން ބާވަ އެވެ؟ މާލޭގައި ޢާއިލާ ތިބެފައި ތިލަދުންމައްޗަށް މަސައްކަތް ކުރަން ދާންވީ ބާވަ އެވެ؟ މިއީ ޢާއިލީ ގުޅުން ބަދަހިކުރުމަށް އެޅޭ ފިޔަވަޅެއް ބާވަ އެވެ؟

މާލޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ވަނަ ބުރީގައި ހުންނައިރު، މާލެ ފެންނަނީ ކޮންކްރީޓް "ޖަންގަލި" އެއްގެ ގޮތަށް---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުން މާލޭގައި ދިރިއުޅުމަށް އައުމުންނެވެ. މާލެ އަށް ހިޖުރަކުރާ މީހުން ވަޒީފާ ހޯދަނީ ކިހިނެއްތޯ އެވެ؟ އެއާޕޯޓު ފަދަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވަޒީފާ ލިބޭނީ ކިތަކަށް މީހުންނަށްތޯ އެވެ؟ ހުޅުމާލޭގެ އާބާދީ ބޮޑުވަމުން ދާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ ބިމުން ކިތައް އަކަފޫޓް ލިބޭނެ ބާވަ އެވެ؟ އިތުރުކުރެވޭ އާބާދީ އަށް ބޭނުންވާނެ ސްކޫލް އާއި، ޕްރީސްކޫލް އާއި ކުޅިވަރު ކުޅޭނެ ތަންތަނާއި، މުނިފޫހިފިލުވާނެ ތަންތަން އާބާދީއަށް ފުދޭވަރަށް ހުންނާނެ ބާވަ އެވެ؟ ހުޅުމާލެ އަށް އުފަންވުމުގެ ސަބަބުން ކޮންމެ އަހަރަކު އިތުރުވާ އާބާދީގެ މުސްތަޤްބަލަށް ރިޢާޔަތް ކުރެވިފައިވޭ ބާވަ އެވެ؟ ވަޒަންވެރިވާ އާބާދީގެ އިތުރުންނެވެ.

ހުޅުމާލެ އަކީ މީގެ ކުރިން ވަރަށް ބޮޑަށް ރޭވިގެން މި ހުރިހާ ކަމަކަށް ބެލެވިގެން ތަރައްޤީ ކުރަމުން އައި ރަށެކެވެ. އަދި ތަރައްޤީގެ އެކި ފިޔަވަހީގެ މަޢުލޫމާތު ޢާއްމު ކުރަމުން، އޮޅުން ފިލުވައިދެމުން ގެންދިޔަ އެވެ. މިހާރު ކަންތައް ހިނގާ ގޮތަށް ބަލައިލާއިރު ތަރައްޤީގެ މަޝްރޫޢު ރޭވެނީ ބޯމަތިވާ އިންތިޚާބަކަށް ބަލާފަ އެވެ. އިޢްލާން ކުރެވެނީ ބޮޑު ޢަދަދެކެވެ. އެއާ ގުޅިގެން ވާނެ ކަންތައްތަކެއް ނޭނގެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ދިރިއުޅޭނީ ކިތައް މީހުންތޯ އެވެ؟ ރާއްޖޭގެ އެވްރެޖް ޢާއިލާއެއްގެ ބޮޑުމިނަކީ ކޮބައިތޯ އެވެ؟ ޢާއިލާގައި ތިބި އުމުރުން ދުވަސްވީ މައިންބަފައިންނަށް ވާނީ ކިހިނެއްތޯ އެވެ؟ މި ޒަމާނުގައި ޢާއްމުންނަށް އިމާރާތެއް ދޫކުރެވޭ އިރު އެޔާ އެކު ލިބެން ހުންނަ ޢާއްމު ޚިދުމަތްތައް ވެސް އެނގެން ބޭނުންވާނެ އެވެ. އިމާރާތް އަންނަން ވާނީ އެ ހުރިހާ ޚިދުމަތްތަކާ އެކުގަ އެވެ. މާލެ ތޮއްޖެހުން ކުޑަކުރުމަށް އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ އެންމެން މާލޭ ސަރަހައްދަށް ގެނައުން ބާވަ އެވެ؟ އަރަތެކެވެ!