އޮޅުންބޮޅުން: ރައީސް ކަމުގެ މުއްދަތު ދިގުކުރުން

ރައީސް މައުމޫނުގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި ވެސް ސިޔާސީ ވިސްނުންތެރިންނާއި ސިޔާސީ ކަންކަމަށް ޝަޢުޤުވެރިވި މީހުންގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި އޮތީ ރިޔާސީ ދައުރުގެ މައްސަލަ އެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް، އެ މަޤާމުގައި ހުރެވޭނީ ކިތައް ދައުރަށްތޯ އެވެ. ދައުރެއްގައި ހިމެނެން ވާނީ ކިތައް އަހަރުތޯ އެވެ. ގިނަ މަޝްވަރާތަކަކަށް ފަހު، ގިނަ ފަރާތްތަކަށް ފެނުނީ ވިދިވިދިގެން ފަސް އަހަރު ދުވަހުގެ ދެ ދައުރު އޮތުމަށެވެ. ނޫ ޤާނޫނުއަސާސީ (މިހާރު އަމަލު ކުރަމުންދާ ޤާނޫނުއަސާސީގެ ކުރީގެ ޤާނޫނުއަސާސީ) ވުޖޫދަށް ގެނެވުނުއިރު ވެސް މި މައްސަލަ ނުކުތެވެ. އެހެން ނަމަވެސް އެ އިރު ގިނަ ދިވެހިންގެ ސިޔާސީ ތަޞައްރަފް ދުނިޔޭގެ ޑެމޮކްރަސީތަކުގެ އެ އިރުގެ ޒަމާނީ ދުވެއްޔާ އެއް ހަމައަކަށް ގޮސްފައި ނުވުމާ އެކު ޒަމާނަށް އަންނަ ބަދަލާ އެކު ވިސްނުމަށް އަތުވެދާނެ ބަދަލަކާ މެދު މާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެ އެވެ.


ރައީސް މައުމޫނުގެ ވެރިކަމާ ހިތްހަމަނުޖެހޭ މީހުން ބުނަމުން ދަނީ އެއީ ވެރިކަމުގެ ޚުދުމުޚްތާރު އަހަރުތަކެއް ކަމުގަ އެވެ. އެ އިރު ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމާއި ސަރުކާރުގެ ވަޒީފާތައް ދިނުން ވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެކަމަކު، އެއީ އެ އިރު އަމަލުކުރި ޤާނޫނުއަސާސީންނާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި އޮތް ބާރެކެވެ. އެއީ ޚުދުމުޚުތާރު ބާރެއްގެ ގޮތުގައި ބެލެވުނަސް އަދި އެ ބާރުގެ ބޭނުން ކުރެވިފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ބެލެވުނަސް، އެ ބާރު އޮތީ ޤާނޫނުން އެ ޒަމާނުގައި ރައީސުލްޖުމްހޫރިއްޔާ އަށް ދީފަ އެވެ. މި ފަދަ އިމެއް ނެތް ގޮތަށް ދީފައި އޮންނަ ބާރެއް ދިގު މުއްދަތަކަށް ދެމިއޮންނަ ގޮތަށް އޮތުމުން، އެ ކަމުގެ ނާޖާއިޒް ފައިދާ ނެގޭ ހިސާބުގައި ތިބި، އެ ފައިދާ ނަގަން ބޭނުންވާ ބަޔަކަށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުޞަތު ވެސް އޮވެދާނެ އެވެ. މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ފާއިތުވި ޒަމާނުގެ ތަޖުރިބާގެ އަލީގައި ޤާނޫނުއަސާސީ އިޞްލާޙް ކުރި މަޖިލީހުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންނަ މީހަކަށް ފަސް އަހަރު ދުވަހުގެ ދެ ދައުރުގެ މުއްދަތެއް ކަނޑައެޅުމަށެވެ.

އެމެރިކާގައި އޮންނަނީ ހަތަރު އަހަރު ދުވަހުގެ ދެ ދައުރެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙް ކުރިއިރު، އެ މަޖިލީހުން ނިންމާފައި އޮތީ ރައީސަކަށް ހުންނަ މީހަކު ވެރިކަމުގައި ވިދިވިދިގެން ފަސް އަހަރު ދުވަހުގެ ދެ ދައުރު، އެހެން ގޮތަކަށް ދަންނަވާ ނަމަ 10 އަހަރު ހޭދަކުރާއިރު އެ މީހަކު ވެރިކަމަށް އައުމަށް ކޮށްފައި އޮންނަ ވަޢުދުނާމާ އޮންނާނީ ފުއްދައިފަ އެވެ. ބައެއް ވަޢުދުތަކަކީ، އެ ވަޢުދެއް ފުއްދަން ފެށުމުން ވެސް އެ ކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން ފެންނާނެ ކަންތަކެވެ. މިސާލަކަށް ދަންނަވާ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑަކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަކީ ދިވެހިން ކަމުގައި ހެދުމެވެ. މި ފަދަ މަޝްރޫޢުތައް ކާމިޔާބު ކުރުމަށް ގިނަ އަހަރުތަކެއް ނަގާފާނެ އެވެ. އެހެން ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަރުދަނާ ބިންގަލެއް އެޅިފައި އޮވެއްޖެ ނަމަ ވެރިކަން ބަދަލު ވިޔަސް، އެ ކަމުގައި ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ނަމަ އެ ފަދަ މަސައްކަތްތައް މަޑުޖެހުމަށް ހުރަހެއް ނުއޮންނާނެ އެވެ. މިހެން ވުމާ އެކު، ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވިފައިވާ މީހަކު ދެ ދައުރުގައި އެ މަޤާމު އަދާކުރުމަށް ފަހު، އޭނާ ފަށާފައި އޮތް މަސައްކަތްތައް ނިންމުމަށް ކަމަށް ބުނެ އިތުރު ދައުރަކަށް ފުރުޞަތު ދިނުމުގެ ބޭނުމެއް ނެތެވެ. ސިޔާސަތު ރާވާނީ ވެސް ފަންނީ މީހުންނެވެ. ހިންގާނީ ވެސް އެ މީހުންނެވެ. މިހެން ވުމާ އެކު އެންމެ އިސްކޮށް ހުންނަނީ ކިތަންމެ ކުޅަދާނަ މީހަކަށް ވިޔަސް އޭނާ މަޤާމުން ދުރުވުމުން، އޭނާ ހިންގަމުން ދިޔަ މަސައްކަތަށް ލޮޅުމެއް ނުއަރާނެ ކަން ދުނިޔޭގެ ބައެއް ކުންފުނިތަކުގެ އެންމެ އިސް މީހުން ބަދަލުވުމުން އަޅުގަނޑުމެންނަށް ފެނިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްގެ ދައުރު ފަސް އަހަރު ދުވަހުގެ ދެ ދައުރަށް ވުރެ ދިގު ކުރުމަށް ވާހަކަ ދައްކާ މީހުންނަކީ ރައްޔިތުންނަށް އިޚްލާޞްތެރި މީހުންނެއް ނޫނެވެ. ޑެމޮކްރަސީ އަށް ތާއީދު ކުރާ މީހުންނެއް ވެސް ނޫނެވެ. އެ ފަދަ މީހުންނަކީ އެ ފަދަ ނިންމުމަކުން ތިމާ އަށް ލިބިދާނެ ފައިދާއަކާ މެދު ވިސްނާ މީހުންނެވެ. އަދި ޒުވާނުން ކުރިއަށް ގެންދަން ބޭނުންވާ މީހުންނެއް ނޫނެވެ. ޒުވާނުންނަށް ޤައުމުގައި އޮންނަ ފުރުޞަތު ހަނިކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. ތިމާގެ އަމިއްލަ އެދުމަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ކުޅަދާނަ ބައިވަރު މީހުން އެބަތިއްބެވެ. ކިޔަވައިގެން ވެސް އެބަ ތިއްބެވެ. ނުކިޔަވައި ވެސް އެބަ ތިއްބެވެ. "ވަކަރަށް ޖަހާ ނުލާ ހުރި ބައިވަރު މޮޅު ލަކުޑި" ރާއްޖޭ ގައި އެބަހުއްޓެވެ. އެ މީހުންގެ ކުޅަދާނަކަން ދައްކައި ލެވޭނެ ފުރުޞަތު ރާއްޖެ އިން ނުލިބުމުން އެހެން ދިމަދިމާ އަށް ހިޖުރަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެ ތަންތަނުގައި ވެސް އެ މީހުންގެ މަސައްކަތުގައި ކާމިޔާބު ވަމުން އަންނަ ކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބެ އެވެ.

ޒުވާނުންނަށް ފުރުޞަތު ދިނުމަށް މިި ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދެ އެވެ. ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، ޤާނޫނުއަސާސީގައި ވަކި މަޤާމެއް ދިނުމަށް ބުނާ އުމުރު ހަމަނުވާ މީހަކު އެ މަޤާމަށް ގެނައުމަށް ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނަ އެވެ. އެއްލަކިން ލައިސަންސް ދީގެން ރަނގަޅު ފެންވަރަށް އިންޖީނުލީ އެއްޗެތި ދުއްވަން ނުދަންނަ ބަޔަކު މަގުމައްޗަށް ނެރުނެވެ. މިހާރު ވާހަކަ ދައްކަނީ ގަވައިދާ ޚިލާފަށް ޕާކް ކޮށްގެން ޓިކެޓް ލިބިފައި ތިބި މީހުންގެ ޖޫރިމާނާ މަޢާފްކުރާ ވާހަކަ އެވެ. ކުށަށް މަޢާފް ކުރުމަކީ ސަރުކާރުން ކޮށްދޭ ކަމެކެވެ. މި ފަދަ މަޢާފުގެ ނިޔަތާ މެދު މައްސަލަ ނުކުންނަނީ މުހިއްމު އިންތިޚާބެއް ބޯމަތި ވެފައި އޮއްވައި މިފަދަ ކަންތައް ކުރުމުންނެވެ.

މި ހުރިހާ ކަމެއް ސަރުކާރުން ޒުވާނުންނަށް ކޮށްދޭ އިރު، ވެރިކަން ކުރާ ޕާޓީގެ ތާޅަފިލިތަކުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދެ ދައުރަށް ވުރެ އިތުރު ކުރަން މި ގޮވަނީ ކީއްވެގެން ބާވަ އެވެ؟ އަދި ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަށް ބަދަލު ކުރުމަށް ވާހަކަ ދައްކަނީ ކީއްވެ ބާވަ އެވެ؟ ވެރިކަން ކުރާ ޕާޓީ އަށް ފަހުން ލިބުނު މެގަފޯނަކުން ގޮވާލަނީ ވަކި ބޭފުޅަކު ރައީސް ކަމުގައި ބަހައްޓާ ނަމަ، އެ މަޤާމުގެ މުއްދަތު، 20 އަހަރުން 30 އަހަރަށް ވެސް ދައްމާލާށެވެ. (މަށަށް ލިބޭ ފައިދާ އާއި ޢިނާޔަތްތައް ހުއްޓެންދެން) ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނުވަތަ ދިގު ކުރުމަށް އެންމެ ދުރަށް އަޑު ފޮނުވައިދޭ ދެ މެގަފޯނަކީ ޒުވާނުންނަށް ފުރުޞަތު ދިނުމަށް ގޮވާލައި ކުރީގެ ނައިބް ރައީސް އަދީބް އެންމެ ގިނައިން ބޭނުން ކުރެއްވި އެންމެ އަޑު ބާރު ދެ މެގަފޯނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ފަސް އަހަރު ދުވަހުގެ ދެ ދައުރު ވެރިކަން ކުރުމުން ފުދެ އެވެ. މާ ބޮޑަށް ވެސް ފުދެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ރައީސް ކަން ބޭނުން ވެގެން ރަނގަޅަށް ހަމަ ނިދި ނުނިދިގެން އުޅޭ، ބައިވަރު، ޤާބިލް، ޢިލްމީ ޒުވާނުން އެބަ ތިއްބެވެ. އެ މީހުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ހުރަހަކަށް ތާޅަފިލިތަކާއި މެގަފޯނުތައް ވިޔަ ދީގެން ނުވާނެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަކީ އަޅުގަނޑުމެންގެ ނިންމުންތަކުގެ އަހަރެވެ. ނިންމަން ވާނީ ރަނގަޅަށް ވިސްނާފަ އެވެ. ރައްޔިތުންނަށް އިޚްލާޞްތެރިންނަކީ ކޮބައިތޯ ބަލައިފަ އެވެ.

ނިންމާލަމުން، ދާދި ފަހުން ސަރުކާރުގެ އިސް ވެރިއަކު އިންތިޚާބީ ތަޤްރީރެއްގައި ވިދާޅުވި ބަސްފުޅެއް ދަންނަވާލާނަމެވެ. "މި ސަރުކާރުން ޚިލާފްވީ ޑެމޮކްރަސީގެ ކޮން އުޞޫލަކާތޯ އެވެ؟" ސުބްޙާނަﷲ!