ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީއާ މެދު އެމްޑީޕީން އެޅީ އިހުލާސްތެރި ފިޔަވަޅެއް ނޫން ކަމަށް އެއް ބަޔަކު އޭރު ވެސް ބުންޏެވެ. އެއީ ހަގީގަތެއްކަން އެންމެ ފަހުން ޔަގީންވީ އެވެ.
މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތެއް ފެންމަތިވިތާ އެތައް ދުވަހެއް ފަހުން އަދި އޭނާ އަށް ޕާޓީގެ ޓިކެޓު ދީ ނިންމާފައި، އިންތިހާބުން ވަކިވާން އޭނާ އަށް އެންގުމަކާ ވެސް ނުލައި، ހަމައެކަނި ތާއީދު އަނބުރާ ގެންދިޔައީއޭ ބުނެލީމާ އެތައް ބައެއްގެ ފާޑުކިޔުން އެމްޑީޕީ އަށް އަމާޒުވި އެވެ. އެކަމަކު ވެސް، އެއްވެސް ކަމެއް ނުކުރުމަށް ވުރެ ކުޑަ ވަރެއް ކުރުން ވެސް ރަނގަޅޭ ހިތަށް އަރުވައިގެން އާއްމުން ތިބީ އެވެ. އޭގެ ހަފްތާއެއް ފަހުން ރޭ އެ ފެނުނީ ކުރީގެ ރައީސް/ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތިނަދު އަށް ވަޑައިގެން މުޣުނީގެ ކޮނޑުގައި "އެޖެންޑާ 19"ގެ ސޭޝް އަޅުއްވައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ބައިވެރިކުރެއްވި މަންޒަރެވެ.
އެމްޑީޕީން މުޣުނީއާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކުއެކީގައި، "ގެވެށި އަނިޔާ އަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި އަޅުގަނޑު ބައިވެރިއެއް ނުވާނަން" ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައިވާ ނަޝީދު ކަންތައް އެ ކުރެއްވީ އޭގެ ދިމާ އިދިކޮޅަށެވެ.
ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ ކެންޑިޑޭޓަކަށް ކެމްޕެއިން ނުކޮށްދޭނަމޭ، ތާއީދެއް ނުކުރާނަމޭ ބުނީ އެމްޑީޕީންނެވެ. މުޣުނީއާ މެދު ކުރެވޭ ތުހުމަތަކީ ސީރިއަސް މައްސަލައެއް ކަމަށް ސިފަކުރީ ވެސް އެމްޑީޕީންނެވެ. މުޣުނީއާ ގުޅުން ކަނޑާލަން ނިންމީ ބަލަން ޖެހޭ ކަންކަން ކަށަވަރުކޮށްފައި ކަމަށް ބުނީ ވެސް އެމްޑީޕީންނެވެ. އޭގެ ނުވަ ދުވަސް ފަހުން ކުއްލިއަކަށް ނިންމުން ބަދަލުކުރީމާ ހައިރާންވާ ސަބަބުތަކަކީ މި އެވެ. އެހާ އިތުބާރާ އެކު އެޅި ފިޔަވަޅެއް އަނބުރާ ގެންދަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟
އެ ސުވާލަށް އެމްޑީޕީން ޖަވާބުދޭން ޖެހިފައިވާ އިރު، އެ ޕާޓީން މުޣުނީ އެކަހެރިކޮށްލުމާއި އެ ނިންމުން އަނބުރާ ގެންދިޔުމާ ދެމެދު ހިނގި ބޮޑު އެއް ކަމަކީ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ މައްސަލައެއް ޕޮލިހުގައި ނެތް ކަމަށް ބުނެ ފުލުހުން އޭނާގެ ސިޓީއަކަށް ޖަވާބުދިނުމެވެ. އަނެއް ކަމަކީ ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ އެ ޕާޓީގެ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިންގެ މައްޗަށް ވެސް ސީރިއަސް ތުހުމަތުތަކެއް ބަޔަކު ކުރުމެވެ.
ހިސާން ސަލާމަތްކުރަން ޖެހުނީ ބާ؟
މީގެ އަހަރުތަކެއް ކުރިން ހިސާންގެ ގޭގައި ކިޔަވަން ތިބި ކުދިންތަކަކާ މެދު އަނިޔާވެރި އަމަލުތަކެއް އޭނާ ހިންގި ކަމަށް ބުނެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މީހަކު ސިޓީއެއް ފޮނުވުމުން ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަގުތުން ހިސާންގެ ދިފާއުގައި ނުކުންނެވި އެވެ. ހިސާން އަށް އެމްޑީޕީން ކުރާ ތާއީދު އަނބުރާ ގެންދަން ސިޓީގައި އެދިފައިވީ ނަމަވެސް އެ ގޮތަށް އަމަލު ނުކުރުމުން ބައެއް މީހުން އެކަން ނެގީ ދެ ކެންޑިޑޭޓުން ތަފާތުކުރުން ކަމަށެވެ.
މުޣުނީ އާއި ހިސާންގެ މައްޗަށް ކުރެވެނީ އެއްކަހަލަ ތުހުމަތެއް ނޫނެވެ. އެކަމަކު ދެ ކަމަކީ ވެސް ސީރިއަސް ދެ މައްސަލަ އެވެ. ހިސާންގެ މައްސަލައިގެ ތަފާތަކީ ތުހުމަތު ފެންމަތިކުރީ އޭނާގެ ވާދަވެރި ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ވުމެވެ. އެހެންކަމުން ތުހުމަތު ދޮގުކުރައްވަމުން ހިސާން ވިދާޅުވެފައި ވަނީ އެއީ އޭނާއާ ދެކޮޅަށް ރޭވި އެންޓި ކެމްޕެއިނެއް ކަމަށެވެ.
އެހެން ވިޔަސް، އެ މައްސަލަ ބެލިތޯ ނުވަތަ ނޫންތޯ ވެސް އާއްމުންނަށް ނޭނގި، ނަޝީދު ފަދަ ބޭފުޅުން ވިދާޅުވީ ހިސާން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އޭނާ އަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އެހާ އަވަހަށް އެ ގޮތަށް ވާހަކަދެއްކީމާ އެއް ބައެއްގެ ސުވާލަކަށް ވީ ނަޝީދާއި ޕާޓީގެ އިސް ފަރާތްތައް ތަމްސީލްކުރައްވާ އަދި އެ ބޭފުޅުންގެ އަރިސް ވަކީލް ވީމާ ފިޔަވަޅެއް ނޭޅީތޯ އެވެ.
މުޣުނީ އަށް ހެދި ގޮތަށް ހިސާން އަށް ނުހެދީމާ ހިތްހަމަނުޖެހުނު މީހުންގެ ތެރޭގައި މުޣުނީގެ ގާތް މީހުންނާއި ސަޕޯޓަރުން ހިމެނެ އެވެ. އެމްޑީޕީގެ ނިންމުމާ ދެކޮޅަށް އެ މީހުން މުޒާހަރާ ވެސް ކޮށްފައިވާ އިރު، މިހާރު އެ ދާއިރާގައި އެމްޑީޕީ އަށް އޮތް ވަރުގަދަ ތާއީދު ގެއްލިދާނެ ކަމުގެ ބިރު ހީވެ، ޕްރެޝަރަށް ބޯލަނބަން އެމްޑީޕީ އަށް މަޖުބޫރުވީ ހެއްޔެވެ؟ އަދި އެއީ ހިސާން ދޫކޮށްނުލައި "އިންސާފުވެރިވާން" ނިންމި ނިންމުމެއް ހެއްޔެވެ؟
މުޣުނީގެ މައްސަލަ ބެލީ ކިހިނެއް؟
މުޣުނީއާ މެދު ފިޔަވަޅު އެޅުމާއި އަނބުރާ ގެންދިޔުމުގައި ވެސް ހަރުދަނާ އުސޫލެއް އަދި ހާމަކަމެއް ވެސް ނެތެވެ.
މީގެ 11 އަހަރު ކުރިން ގެވެށި އަނިޔާކުރި ކަމަށް ކުރީގެ އަންހެނުން ކުރާ ތުހުމަތަށް އިންކާރުކުރައްވަމުން މުޣުނީ ވިދާޅުވެފައި ވަނީ ރަނގަޅު ވާހަކައެކެވެ. މައްސަލަތައް ބެލޭނެ ގޮތް އެމްޑީޕީ ތެރޭގައި ހަމަޖެހިފައި ހުއްޓާ އެ ގޮތަށް އަމަލު ނުކޮށް އޭނާއާ ސުވާލެއް ވެސް ނުކޮށްލައި ޕާޓީން އޭނާއާ ގުޅުން ކަނޑާލުމަކީ އެކަން ކުރަން ޖެހޭ ގޮތެއް ނޫނެވެ.
ތުހުމަތު ފެންމަތިވި ހިސާބުން ޕާޓީގެ ކަމާ ބެހޭ ގުނަވަނުން ތަހުގީގެއް ކޮށް އަންހެންމީހާ އާއި މުޣުނީއާ ސުވާލުކޮށް އިތުރު މައުލޫމާތު ވެސް ހޯދައި ދެ ފުށް ފެންނަ ހަރުދަނާ އުސޫލަކުން ކަންކަން ކުރެވުނީހެވެ. އޭރުން އެ ނިންމުމުގެ ބުރަދަން ބޮޑުވީހެވެ. އެކަމަކު އޭގެ ބަދަލުގައި ޕާޓީގެ ލީޑަޝިޕުން މުޣުނީއާ މެދު ގޮތެއް ނިންމައި އެކަން ކުއްލިއަކަށް އިއުލާންކޮށްލީ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ސީރިއަސް މައްސަލަތައް، ފިޔަވަޅު އަޅާ ކޮމިޓީ އަށް ނުފޮނުވައި ޕާޓީގެ އިސް ފަރާތްތަކަށް ފެންނަ ގޮތަކަށް ނިންމަން ޕާޓީގެ އަސާސީ ގަވާއިދު ތަންދޭތީ މުޣުނީ އަށް ތާއީދުކުރުން ހުއްޓާލުމަށާއި އޭނާގެ ކެމްޕެއިންގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވަން ނިންމީ ލީޑަޝިޕުންނެވެ. އެމްޑީޕީގެ ލީޑަޝިޕަކީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި ޗެއާޕާސަން ހަސަން ލަތީފެވެ. އެހާ މަތިން އައި ނިންމުމެއް، އަނެއްކާވެސް ކުއްލި ގޮތަކަށް، ބަދަލުކުރިކަން އާއްމުންނަށް އެނގުނީ ނަޝީދު ތިނަދު އަށް ވަޑައިގެންނެވުމުން ޓީވީ އާއި ސޯޝަލް މީޑިއާ އަށް އައި މަންޒަރުތަކަކުންނެވެ.
މިކަން ވަރަށް ރަނގަޅަށް ކުރެވުނީސް
ރާއްޖޭގެ ސިޔާސީ ޕާޓީތައް ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހެ އެވެ. ހާއްސަކޮށް އިންތިހާބުތަކަށް ނެރޭ ކެންޑިޑޭޓުންނަކީ އެ ކުރިމަތިލާ މަގާމަށް އެކަށޭނަ ބައެއްތޯ ކަށަވަރުކުރުމުގެ ނިޒާމްތަކެއް ޕާޓީތަކަށް ގެންނަން އެބަ ޖެހެ އެވެ. ނުވަތަ އެ އޮންނަ ނިޒާމެއްގެ ތެރެއިން އެ ކަން ހަރުދަނާ ގޮތަކަށް ކުރަން ޖެހެ އެވެ.
މުޣުނީގެ މައްސަލައިގައި އަމަލުކުރި އިރު ހަރުދަނާ އުސޫލެއް ނުވަތަ ހާމަކަމެއް ނެތުމުގެ ދޯހަޅިކަމުން އެމްޑީޕީ އަށް ސަލާމަތްވެވުނީހެވެ. ޕްރައިމަރީ ބޭއްވުމުގެ ކުރިން، ކެންޑިޑޭޓުންނާ މެދު ޝަކުވާ ހުށަހަޅަން އާއްމުންނަށް ފުރުސަތު ހުޅުވާލެވުނީހެވެ. އެފަދަ ޝަކުވާތައް ދެ ފުށް ފެންނަ ގޮތަކަށް ބަލައި ތުހުމަތުތައް އެޅުނު މީހުންނާ މެދު ދުރާލާ ގޮތްތަކެއް ނިންމުނީހެވެ. އަދި ޓިކެޓް ދޭ ފަހުން ކަމެއް ފެންމަތިވެއްޖެ ނަމަ ދެން ހަދާނެ ގޮތުގެ އުސޫލެއް ވެސް ކުރިން ހަމަޖައްސައި އިއުލާންކޮށްފައި ބޭއްވުނީހެވެ.
މި ބުނި ކަހަލަ ނިޒާމެއްގެ ތެރެއިން މުޣުނީގެ މައްސަލަ ވެސް އަދި ހިސާންގެ މައްސަލަ ވެސް ބަލައި ހަރުދަނާކަން ދެއްކި ނަމަ އެމްޑީޕީ އަށް ފާޑުކިޔާނެ ތަނެއް ނޯންނާނެ އެވެ.
ތުހުމަތުތަކަކީ ސީރިއަސް ކަންކަން
ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކީ ވަރަށް ބޮޑެތި ކަންކަމެވެ. އެފަދަ ކަންކަން އާއްމުވެފައިވާލެއް ބޮޑުކަމާއި އެތަކެއް ހުރަސްތަކަކާ ހެދި، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދަން އުނދަގޫކަމުން ތުހުމަތުތައް ނަގަން ޖެހެނީ ސީރިއަސްކޮށެވެ.
ކުރިއަރާފައިވާ އަދި ޑިމޮކްރެޓިކް ގައުމުތަކުން އެ ހަމަ ބަލައިގެންފައި ވާތީ، އެފަދަ ތުހުމަތުތައް ކުރެވޭ މީހުންނަށް ސިޔާސީ މަގާމްތަކާއި އާއްމު ހައިސިއްޔަތުތަކެއް ނުދެ އެވެ. ތުހުމަތެއް ކުރެވިއްޖެ ނަމަ އަމިއްލަ އަށް އިސްތިއުފާދިނުމާއި މަގާމުން ވަކިކޮށް ޕަބްލިކް ލައިފުން އޭނާ ދުރުކުރުމަކީ އާއްމު އުސޫލެވެ. އެއީ ކޮންމެހެން ޕޮލިސް ރެކޯޑެއް އޮތް ނުވަތަ ޝަރީއަތަކުން ސާބިތުވެފައި އޮންނަ މައްސަލައަކަށް ވާކަށް ނުޖެހެ އެވެ.
ރާއްޖެ އަދިވެސް އޮތީ ވަރަށް ފަހަތުގައިކަން އެނގެނީ އެމްޑީޕީގެ މި އުނބަށް ޖެހުން ފަދަ ކަންކަމުންނެވެ.