ކުށް ބަޔާންކުރާ ހުރިހާ ގާނޫނުތައް ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް އެއްފަސްކުރުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެ ބޮޑު ގާނޫނެވެ. މި ގާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތުން ފެށިގެން، އަމަލްކުރަން ފެށުމާ ހަމައަށް، ދިހަ ވަރަކަށް އަހަރު ހޭދަވި އެވެ.


ޤާނޫނުލްޢުޤޫބާތު ޑްރާފްޓު ކުރަން ފެށުމުގެ ކުރިން، 2004 ގައި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ދިރާސާއެއް ކުރި އެވެ. އެ ދިރާސާއިން ދެއްކި ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ، ކުށް ބަޔާންކުރާ މާއްދާތައް، ތަފާތު އެކި ގާނޫނުތަކުގައި ހުރުމުން، އެކަމުގެ ދައްޗާއި ތުރާ، ރައްޔިތުންނަށް ކުރިމަތިވާ ކަމެވެ. މީހަކު، އެމީހާ ކުރާ އަމަލެއް ކުށަކަށް ވަނީ ކޮން ގާނޫނެއްގެ ދަށުންކަން ދެނެގަތުމަށްޓަކައި ތަފާތު ސަތޭކައެއްހާ ގާނޫނު ބަލަން ޖެހޭ ކަމަށް އެ ދިރާސާއިން ދެއްކި އެވެ. އެހެންކަމުން، ޤާނޫނުލްޢުޤޫބާތު އެކުލަވާލުމުގެ މައިގަނޑި އެއް އަސާސަކަށް ވީ، މިދެންނެވި މައްސަލަ ހައްލުކުރުމުވެ. ކުށް ބަޔާންކުރާ ހުރިހާ ގާނޫނެއް އެއް ފޮތަކުން، އެއް ގާނޫނަކުން ފެންނަން އޮންނަ ގޮތް ހެދުމެވެ.

މި މަގުސަދު ހާސިލްކުރުމަށްޓަކައި، ޤާނޫނުލްޢުޤޫބާތުގެ ޑްރާފްޓުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ފޮނުވުމުގެ ކުރިން، ރާއްޖޭގައި އެވަގުތު ބޭނުންކުރަމުން އައި ހުރިހާ ގާނޫނެއް ބަލައި ދިރާސާކޮށް، އެއިން ގާނޫނެއްގައި ކުށް ބަޔާންކުރާ މާއްދާއެއް އޮތް ނަމަ، އެ މާއްދާއެއް ޤާނޫނުލްޢުޤޫބާތަށް ގެނެވިފައިވޭތޯ ބަލައި ކަށަވަރު ކުރި އެވެ. އެ މަސައްކަތް ކުރެއްވީ، އޭރުގެ އެޓާނީ ޖެނެރަލް ޑރ. ޙަސަން ސަޢީދުގެ ބެއްލެވުމުގެ ދަށުންނެވެ. އެ މަސައްކަތުގެ ތެރޭގައި، ކުށް ބަޔާންކުރާ ގާނޫނުގެ މާއްދާ އާއި ޤާނޫނުލްޢުޤޫބާތުގެ، އެކުށާ ގުޅޭ މާއްދާ އެނގޭނެ ތަފްސީލު ތާވަލެއް، ޤާނޫނުލްޢުޤޫބާތުގެ ބިލާ އެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައުލޫމާތަށް ފޮނުވި އެވެ.

ޤާނޫނުލްޢުޤޫބާތުގެ ޑްރާފްޓު އެކުލަވާލައި، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، އެބިލު ފާސްވުމާ ދެމެދު އަހަރުތަކެއް ވޭތުވި އެވެ. އެދުވަސްތަކުގައި، ރާއްޖޭގެ ސިޔާސީ މާހައުލަށާއި އިޖުތިމާޢީ ހާލަތަށް އައި ތަފާތު ބަދަލުތަކާ އެކު، ކުށް ބަޔާންކުރާ އިތުރު ޤާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ. ތަފާތު އެކިއެކި ސަބަބުތަކަށްޓަކަ އެވެ. އެކި ސިޔާސީ އަދި އިޖުތިމާޢީ މަގުސަދު ހާސިލްކުރުމަށެވެ. އޭގެ ތެރޭގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު ހިމެނެ އެވެ.

ޤާނޫނުލްޢުޤޫބާތު ފާސްކުރެއްވީ އޭޕްރީލް 1، 2014 ގަ އެވެ. އެބިލް އޭރުުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ އޭޕްރީލް 13، 2014 ގަ އެވެ. އެކަމަކު ގާނޫނަށް އަމަލްކުރަން އޮތީ ތަސްދީގުކުރާތާ އެއް އަހަރު ދުވަސް ފަހުންނެވެ.

ގާނޫނުލްއުގޫބާތަށް އަމަލްކުރަން ފެށުމުގެ ހަ މަސް ކުރިން ކުރަން ކަނޑައަޅާފައި އޮތް އެއް ކަމަކީ ޤާނޫނުލްޢުޤޫބާތާ ތައާރުޒުވާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ބައިތައް އެނގޭނޭ ލިސްޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމެވެ. އޭގެ ބޭނުމަކީ ރާއްޖޭގައި އެވަގުތު ކުށުގެ އަމަލުކަމަށް ބަޔާންކުރާ ހުރިހާ ޢަމަލުތަކެއް، ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް ވަދެފައިވާކަން ކަށަވަރުކުރުމެވެ. އޭގެ ތެރޭގައި، ޤާނޫނުލްޢުޤޫބާތުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ބިލު ފާސްކުރުމާ ދެމެދު ހަދާފައިވާ ގާނޫނުތަކުގައި ހުރި ކުށްތައް ވެސް، ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް ގެނައުން ހިމެނެ އެވެ.

ނަމަވެސް 2015 ގައި ގާނޫނުލްޢުޤޫބާތަށް އަމަލުކުރަން ފަށަން ތައްޔާރުވެފައި ވަނިކޮށް، އޭރު އޮތް ސަރުކާރުން ނިންމީ، ޤާނޫނުލްޢުޤޫބާތަށް އަމަލުކުރުން އަދި އިތުރަށް ލަސްކުރާށެވެ. އައު ތާރީހެއްގެ ގޮތުގައި ކަނޑައެޅީ ޖުލައި 16، 2015 އެވެ. އޭރުގެ ރައްޔިތުންގެ މަޖިލިހުން ހަމައެކަނި ނިންމީ ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުން ފަސްކުރުން އެކަންޏެއް ނޫނެވެ. ސަރުކާރުން އެކުލަވާލަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައި އޮތް ލިސްޓު ހަދައި ފޮނުވުމުގެ ބަދަލުގައި، ކުށް ބަޔާންކޮށްފައި ހުރި ހާއްސަ ޤާނޫނުތައް، ޤާނޫނުލްޢުޤޫބާތުން އިސްތިސްނާ ކުރަން ވެސް ނިންމި އެވެ. އެގޮތުން ހަތް ގާނޫނެއް

ކުށް ބަޔާންކުރާ ކުދި ޚާއްސާ ޤާނޫނުތަކުގައި ކުށާއި އަދަބު ބަޔާންކޮށްފައި އޮތުމުން މައިގަނޑު ދެ މައްސަލައެއް ދިމާވެ އެވެ. އެއް މައްސަލައަކީ، އެ ކުށަކަށް ލިބޭ ދިފާއުތަކާއި އެ ދިފާއުތައް ލިބޭނެ ހާލަތުތަކާއި ނުލިބޭނެ ހާލަތުތައް ސާފުކޮށް ނޭނގުމެވެ. އަދަބު ދެވޭނެ އުސޫލުތަކާއި، އަދަބު ހަރުކަށިވެ، ނުވަތަ ލުއިވާ ގޮތްތައް ވެސް ބަޔާންވެފައި ނެތުމެވެ. ދެވަނަ މައްސަލައަކީ، ހަމަ އެ އަމަލު ކުށްވެރިކުރާ މާއްދާއެއް ޤާނޫނުލްޢުޤޫބާތުގައި އޮތުމެވެ. ނަތީޖާއަކީ، އެއް އަމަލެއް ކުށެއްކަމަށް ބުނާ ދެ ގާނޫނެއް އޮތުމެވެ. އެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ވިސްނުން ގެންގުނީ، އެ ޤާނޫނަކަށް އިސްކަންދޭން ޖެހޭ ކަމަށް އެ ޤާނޫނުގައި ލިޔުމެވެ. މިގޮތަށް ލިޔަމުން ގޮސް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގައި ވެސް، އެ ގާނޫނަށް އިސްކަންދޭން ޖެހޭނެ ކަމަށް ބަޔާންކުރި އެވެ. އޭގެ ނަތީޖާއަކީ، ހަގީގަތުގައި އިސްކަންދޭންވީ ކޮން ގާނޫނަކަށް ކަން ނޭނގުމެވެ. މިސާލަކަށް، މި ދެންނެވި ދެ ޤާނޫނާއި ޤާނޫނުލްޢުޤޫބާތުގައި ވެސް ހަމަ އެއް ޢަމަލެއް ކުށްވެރިކޮށްފައިވެ އެވެ. އެ ޙާލަތުގައި އިސްކަންދޭނީ ކޮން ގާނޫނަކަށްކަމެއް އެނގޭކަށް ނެތެވެ. ކޮންމެ ޤާނޫނެއްގައި ވެސް، އިސްކަންދޭންވާނީ އެ ޤާނޫނަށް ކަމަށް އޮވެ އެވެ.

މީގެ އިތުރުން ޤާނޫނުލްޢުޤޫބާތު އެކުލަވާލުމުގައި ބޭނުންކުރި އެއް އަސާސް (ހުރިހާ ކުށެއް އެއް ޤާނޫނަކުން ފެންނަން އޮތުން) މުގުރާލުމަށް ފަހު، ސަރުކާރުގެ ވިސްނުން ހުރީ، އަދި އިތުރު ޤާނޫނުތައް ވެސް ޤާނޫނުލްޢުޤޫބާތުން އިސްތިސްނާ ކުރާށެވެ. އެގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތިން ވަނަ މާއްދާގައި، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، މި ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ މައްޗަށް ކުށާއި އަދަބު ކަނޑައެޅުމުގައި މި ޤާނޫނަށް އިސްކަން ދޭންވާނެ" ކަމަށް ބަޔާންކޮށްފައިވެ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި، ކުށާއި އަދަބުގެ އިތުރުން، ޓެރަރިޒަމްގެ މައްސަލަތަކުގައި ޢަމަލުކުރާނެ އިތުރު އިޖުރާއާތުތައް ވެސް ކަނޑައަޅައިފައިވެ އެވެ. އޭގެ ތެރޭގައި، އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކަށް ޤާނޫނީ ވަކީލަކު ދިނުމުގައި ޢަމަލުކުރާނެ ތަފާތު އުޞޫލުތަކެއް ވެސް ހިމެނެ އެވެ. ނަމަވެސް، އެއީ، އެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މައްސަލަތަކުގައި އެކަންޏެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-A/41 ނަންބަރު ޤަޟިއްޔާގައި، އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ފިސްތޯލައެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އެއީ، އެ ޤާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައި ކުށެއް ކަމަށް ބަޔާންކޮށްފައި އޮތް ޢަމަލެކެވެ. އެކުށުގެ ދައުވާ ކުރުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައިން ނިމުމުގެ ކުރިން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އުވާލައި، އައު ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އެ ޤާނޫނުގައި، ފިސްތޯލަ ގެންގުޅުމުގެ ކުށް، ކުރީގެ ޤާނޫނުގައި އޮތް ގޮތަކަށް ނެތެވެ. އޭގެ ސަބަބުން، ފިސްތޯލަ ގެންގުޅުމަކީ، އޭގެ ޒާތުގައި ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. ޤާނޫނުލްޢުޤޫބާތުގެ 710 ވަނަ މާއްދާގައި، ބަޑި ގެންގުޅުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، ފިސްތޯލަ ގެންގުޅުމަކީ، ޓެރަރިޒަމްގެ ޢަމަލަށް ނުވިޔަސް، އެއީ އަދިވެސް ކުށެކެވެ. ނަމަވެސް ޓެރަރިޒަމްގެ ޢަމަލުގެ ބޭރުން، ފިސްތޯލަ ގެންގުޅުން ކުށަކަށް ވުމުގެ ނަތީޖާތަކެއް އޮވެ އެވެ. އެއީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅައިފައިވާ އެހެން އުޞޫލުތައް، އެމައްސަލައިގައި ނުހިނގުމެވެ. އެ އުސޫލުތއް (ތަޙްޤީޤު މަރްޙަލާގައި ޤާނޫނީ ވަކީލަކު ހަމަޖެއްސުމުގައި ހުންނަ އުޞޫލުތަކާއި، ހަނުހުރުމުގެ ޙައްޤު ހަނިކުރުމުގެ އުޞޫލު ފަދަ އުޞޫލުތައް) މި މައްސަލައިގައި ހިންގައިފައިވާ ނަމަ، އެކަމުގެ ނަތީޖާއަކަށް ވާނީ، އެ އިޖުރާއާތު އެއްކޮށް ގޯސްވެ، މުޅި މައްސަލަ ބާތިލްވެގެން ދިއުމެވެ. މީގެ އިތުރުން ވެސް، ގާނޫނީ ބައިވަރު ނަތީޖާތަކެއް ނުކުންނާނެ އެވެ. އެ ހުރިހާ ވާހަކައެއްގެ ތަފްސީލަކީ، މިލިޔުމުގައި އަލި އަޅުވާލަން ބޭނުންވާ މައްސަލައަށް ނުވާތީ، އެބައި މިލިޔުމުގައި ހިމަނާކަށްނެތީމެވެ.

މިފަދަ މައްސަލަތައް ޙައްލުކުރަން، ޤާނޫނުލްޢުޤޫބާތުގެ ބޭރުގައި ހުރި ކުށާއި އަދަބު ބަޔާންކުރާ މާއްދާތައް ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް ގެންނަން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެ އެވެ. އެއީ އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ސަރުކާރުން، އެޓާނީ ޖެނެރަލް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމަކީ، ކުށުގެ ތަޢުރީފަކާއި، އެކުށް ދަރަޖަކުރާ މިންވަރެއް ކަނޑައެޅުމެވެ. މިއީ، ކުށް ކަނޑައެޅުމުގެ ސިޔާސަތާ ގުޅިފައިވާ ކަމެކެވެ. އެ މަސައްކަތް ސަރުކާރުން ކުރުމުން، ޤާނޫނު ޑްރާފްޓްކުރާ މީހާ ކުރަން ޖެހޭނެ ކަމަކީ، އެ ކުށެއް ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް ވަދެގެން ދާނެ ގޮތަކަށް ފަރުމާކޮށް، ޤާނޫނުލްޢުޤޫބާތަށް އިޞްލާހެއް ޑްރާފްޓުކުރުމެވެ. މި އިސްލާހުގެ ތެރޭގައި، އެކުށަކަށް ޚާއްޞަ ސިފައެއް ނުވަތަ އިޖުރާއާތެއް އޮތް ނަމަ، އެވާހަކަ ވެސް ޤާނޫނުލްޢުޤޫބާތުގެ ތެރޭގައި ހިމަނާނީ އެވެ. މިގޮތަށް ހެދުމުން، ޤާނޫނުލްޢުޤޫބާތު އެކުލަވާލުމުގެ އެއް މަޤްޞަދު (ހުރިހާ ކުށް ބަޔާންކުރާ މާއްދާތަކެއް އެއްފަސްކުރުން) ޙާޞިލުވެގެންދާނެ އެވެ.

މީގެ ކުރިން ކުށްވެރިކޮށްފައި ނެތް ޢަމަލެއް، އަލަށް ހަދާ ޤާނޫނެއްގައި ކުށެއްގެ ގޮތުގައި ހިމަނާ ނަމަ، އެ މާއްދާ ވަންނަންވާނީ ޤާނޫނުލްޢުޤޫބާތުގެ ތެރެއަށެވެ. މާނައަކީ، އައު ޤާނޫނުތައް އަންނައިރު، އެ ޤާނޫނާ ގުޅިގެން ކުށެއް އިތުރުވާ ނަމަ، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް ވެސް، އެ ޤާނޫނަކާ އެކު އަންނަންވާނެ އެވެ. އެ އިޞްލާޙުގައި އޮންނާނީ ހަމައެކަނި ކުށުގެ ތަޢުރީފާއި، އެކުށާ ގުޅޭ ޚާއްސަ އުސޫލެއް އޮތް ނަމަ، އެ އުސޫލަކާއި ކުށުގެ ދަރަޖަ އެވެ. އެހެން ހުރިހާ ވާހަކަތަކެއް، މިހާރު އޮތް ޤާނޫނުލްޢުޤޫބާތުގައި ހިމަނާފައި އެބަ ހުއްޓެވެ.

މިހާރު ޢަމަލުކުރާ ޤާނޫނުލްޢުޤޫބާތުގައި، ކުށް ކުށަކަށްވާ ގޮތާއި، ކުށުގެ ދިފާޢުތަކާއި، އަދަބު ކަނޑައެޅުމުގެ އުޞޫލުތައް އެހުރީ ކަނޑައަޅައި ނިމިފަ އެވެ. އެ ގާނޫނު ޑްރާފްޓުކޮށްފައި އެ އޮތީ ވެސް، އިތުރު ކުށެއް ހިމަނަން ބޭނުން ނަމަ ހިމެނޭ ގޮތަށް، ތަފާތު ގޮތަކަށް ނަންބަރު ޖަހައިގެންނެވެ. އެހެން ޤާނޫނުތަކާ ޚިލާފަށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް، ބައެއް ނުވަތަ ޗެޕްޓަރެއް އިތުރު ކުރުމަކުން އެ ޤާނޫނުގެ އެހެން ބައިތަކަށް ބުރުލެއް ނާރާނެ އެވެ. ޤާނޫނުލްޢުޤޫބާތު އެކުލަވާލި މަގުސަދު ހާސިލުވާނީ، ޤާނޫނުލްޢުޤޫބާތުން ބޭރުގައި ހުރި ކުށާއި އަދަބު ބަޔާންކުރާ މާއްދާތައް ޤާނޫނުލްޢުޤޫބާތުގެ ތެރެއަށް ވައްދާ، އެއްފަސްކޮށްގެނެވެ.

އެޑިޓަރުގެ ނޯޓު

ޝަމީމަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލެވެ. އަދި އާ ގާނޫނުލްއުގޫބާތް ޑްރާފްޓް ކުރަން ފެށި ހިސާބުން ވެސް އެ މަސައްކަތުގެ ތެރޭގައި އަމަލީ ގޮތުން އުޅުއްވި އެވެ. އެހެންކަމުން ގާނޫނުލްއުގޫބާތުގެ ހުރިހާ ސިފަތަކެއް އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ