ބ. އަތޮޅުން ހުޅުވާލެވިފައިވާ ސިޓީއެއް: ޕްލާސްޓިކް ފުޅި އާއި ކޮތަޅު މަނާކުރަންވީ ކީއްވެ؟

ހެނދުނު ހެނދުނާ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ އަތިރި މަތީގައި ހިނގާލަން ދިއުމުން ފެންނާނީ ހަމަ އެއް މަންޒަރެކެވެ. ވަޔާ އެކުވެދާ ރުއްތަކާއި، ހިމުން ހުދު ދޮންވެއްޔާއި، ސާފު މޫދު އަދި ޕްލާސްޓިކް ކުންޏެވެ.


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅިތަކުން ރާއްޖޭގެ ރަށްތައް ފުރި ބަންޑުންވަނީ އެވެ. ފުޅިތަކުން ގޮނޑުދޮށްތަކާއި މަގުތައްމަތީގައި ކުނި ގިނަވެ، ޕްލާސްޓިކް ކޮތަޅުތައް މޫދަށް އަޅައި، އެ ކުނިތައް ފަރުތައް މަތީގައި ޖަމާވަނީ އެވެ. މިފަދަ ކުނިތައް ނައްތާލާނެ ރައްކާތެރި އަދި ފުރިހަމަ ނިޒާމެއް ނެތުމުގެ ސަބަބުން ކޮންމެ ރަށެއްގައި ވެސް މި ކުނި ނައްތާލަނީ ހާމައަށް އަންދައިގެންނެވެ.

މިފަދަ ކުނީގެ ސަބަބުން މިއަދު ދިވެހިރާއްޖޭގެ ރީތީކަން ގެއްލިދާނެކަމުގެ ބިރު މިވަނީ ކުރިމަތިވެފަ އެވެ. އެތަނުގެ ގުދުރަތީ ރީތިކަމަށާއި ހިތްގައިމުކަމަށް ނަން މަޝްހޫރު އިންޑޮނޭޝިއާގެ ބާލީއަށް މިއަދު ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލަ ފަދައިން، ދުނިޔެމަތީގެ މި ސުވަރުގެ ވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ދިވެހިރާއްޖެއަކީ ހަޑި ގައުމެއްގެ ގޮތުގައި މަޝްހޫރުވާކަށް އަޅުގަނޑުމެން ނޭދެމެވެ. އެހެންކަމުން މި ސިޓީގައި ސޮއިކޮށްފައިވާ ރަށު ކައުންސިލްތަކާއި، ރިސޯޓުތަކުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަރިހު މި އެދެނީ މި ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފުޅި އާއި ޕްލާސްޓިކް ކޮތަޅު މަނާކުރުމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން އަންނަނީ މިފަދަ ސިޔާސަތުތައް އެކުލަވާލަމުންނެވެ. ދާދި ފަހުން ކެންޔާ އާއި ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމުގައިވާ ވަނުއާޓޫއިން ވަނީ ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކޮށްފަ އެވެ. ކުރިއަށް އޮތް އަހަރު ފްރާންސުން ޕްލާސްޓިކް ތައްޓާއި، ސަމުސާ ފަދަ ތަކެތި ބޭނުންކުރުން މަނާކުރާނެ އެވެ.

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކާއި ރަށްތަކުން އަންނަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފުޅި ބޭނުންކުރުން މަނާކުރަމުންނެވެ. ވަރަށް ގިނަ ރިސޯޓުތަކުގައި ބޭނުންކުރަނީ ބިއްލޫރި ފުޅީގައި، އެ ރިސޯޓުގައި އުފައްދާ ފެނެވެ. މިކަމާ ގުޅިގެން ގެސްޓުންގެ ޝަކުވާއެއް ވެސް ނުލިބެ އެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ފައިދާ ކުރާތީވެ ފަތުރުވެރިންގެ ފަރާތުން މުޅިން ވެސް ލިބެނީ ތައުރީފެވެ. އަދި ހަމަ މިއާ އެކު ދިވެހިންގެ ތެރޭގައި ވެސް މިހާރު ވިޔަފާރިކުރަން ފޮތިކޮތަޅުތަކާއި ރީޔޫޒް ކުރެވޭ ފަދަ ކޮތަޅު ބޭނުންކުރުން ގިނަވަމުން އަންނަކަން ފާހަގަކުރެވެ އެވެ.

ހިތްގައިމު ދިވެހި ރާއްޖޭގެ ކުޑަ މަންޒަރެއް: މި އަޖައިބެއް ފަދަ ރީތިކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް

ރާއްޖޭގެ ބައެއް ރަށްރަށުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން ދުރުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ. އެގޮތުން، ބ. މާޅޮހުގައި ގާއިމްކޮށްފައިވާ ފެން ކުންފުނީގެ ފަރާތުން އެ ރަށުގެ ފިހާރަތަކަށާއި، ގޭގެއަށް ބިއްލޫރި ފުޅީގައި ފެން ފޯރުކޮށްދެ އެވެ. ރަށުގައި އުފައްދާ ފެނުގެ އަގު ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެނަށް ވުރެ ހެޔޮ އެވެ. މި ފެން ޕްލާންް 2018 ގައި ހުޅުވުމާ ގުޅިގެން މިހާރު މާޅޮހުގެ 80 ޕަސެންޓް ގޭބީސީތަކުން ބޭނުންކުރަނީ މި ފެނެވެ. މި ގޭބީސީތަކުން މިހާރު ސިންގްލް ޔޫސް ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުންކުރުން ހުއްޓާލައިފި އެވެ. މި އަހަރު ބ. އަތޮޅު ދަރަވަންދުއަށް ވެސް މިފެން ޕްލާންޓުން ފެން ފޯރުކޮށްދޭނެ އެވެ. އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލުން ވެސް ވަނީ އެ ރަށުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕޭން ހިންގާން ފަށައިފަ އެވެ.

ރާއްޖޭގެ ކޮންމެ ރަށަކީ ފެން ކުންފުންޏެއް އުފެއްދޭނެ ތަނަވަސްކަން ލިބިފައިވާ ނުވަތަ އުފެއްދުންތެރި ރަށު ކައުންސިލެއް އޮންނަ ރަށެއް ނޫނެވެ. ރާއްޖޭގެ ރަށްތަކުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާނެ އެވެ. އަޅުގަނޑުމެންނަށް ޔަޤީންކުރެވެނީ ވަރަށް ގިނަ ރަށު ކައުންސިލްތަކުން މިފަދަ ކަންކަން ކުރުމަށް ޝައުޤުވެރިކަން ހުންނަކަމެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދު ކުންފުނިތަކުން އުފައްދާ މިފަދަ ފުޅިތަކުން އަޅުގަނޑުމެންގެ ޗާލު އަތިރިމަތިތައް މި އަންނަނީ ތަޣައްޔަރުވަމުންނެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން މި ކުންފުނިތަކުން ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފުޅި ބޭނުންނުކުރެވޭންވީ ސަބަބެއް ނެތެވެ. ރާއްޖޭގައި 1990 ގެ އަހަރުތަކުގައި ކޯކް ފަދަ ބުއިންތައް ވެސް ފޯރުކޮށްދިނީ ބިއްލޫރި ފުޅީގަ އެވެ.

ޕްލާސްޓިކް ފުޅި އާއި ކޮތަޅު ދިވެހިރާއްޖޭގައި ބޭނުންކުރުން އެއްކޮށް މަނާކުރުމަށް އިތުރު ވަގުތު ބޭނުންވާނެ އެވެ. އަދި މިފަދަ ކަމެއް ކުރުމަށް ރަށު ކައުންސިލްތަކަށާއި ކުންފުނިތަކަށް މައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެ އެވެ. ނަމަވެސް މިބަދަލަކީ ގެނެވޭނެ ބަދަލަކެވެ. މިކަން މިއަދު ނުކޮށްފި ނަމަ، ރާއްޖޭގެ ހުރިހާ ރަށްތަކާއި ގޮނޑުދޮށްތައް، އަނބުރާ އިޔާދަނުކުރެވޭނެ ވަރަށް، ޕްލާސްޓިކް ކުނިން ފުރި ތަޣައްޔަރުވެ، ރާއްޖޭގެ ރީތި ތަސައްވުރު ކިލަނބުވާނެ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އިންތިޚާބުވެވަޑައިގަތީ ޕްލާސްޓިކް ކުންޏާ މެދު ހައްލު ހޯދާނެ ކަމުގެ ވައުދާ އެކުގަ އެވެ. އަޅުގަނޑުމެން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ވައުދު ޙާސިލްކޮށްދިނުމަށް އެހީތެރިވުމެވެ. އަޅުގަނޑުމެންގެ އެދުމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރާއްޖޭގެ މި ހުދު ދޮންވެލީގެ ގޮނޑުދޮށާއި، ފަރުތަކުގެ ރީތީ ބަގީޗާތައް ސަލާމަތްކުރުމަށް ރާއްޖޭގައި މަނާކުރުމެވެ.

ސޮއިކުރީ:

ރަށު ކައުންސިލް:

އަބްދުﷲ ސުޖާއު، ބ.މާޅޮސް ކައުންސިލްގެ ރައީސް. އިބްރީހިމް ފަޒީލް، ބ.ކިހާދޫ ކައުންސިލްގެ ރައީސް. އަލީ މާޖިދު، ދަރަވަންދޫ ކައުންސިލްގެ ރައީސް. ހައްވާ ސަމީހާ، ބ. އޭދަފުށި ކައުންސިލްގެ ނައިބު ރައީސް. މުޙައްމަދު އާމިރު، ބ. ގޮއިދޫ ކައުންސިލްގެ ރައީސް. އަޙްމަދު ރަޝީދު، ބ. ތުޅާދޫ ކައުންސިލްގެ ރައީސް. އަބްދުލް އަޒީޒް މުޙައްމަދު، ބ. ހިތާދޫ ކައުންސިލްގެ ރައީސް. އަބްދުލް ހަނާން އައްބާސް، ބ. ކުޑަރިކިލު ކައުންސިލްގެ ރައީސް. އަޙްމަދު ސަލީމް، ބ. ކެންދޫ ކައުންސިލްގެ ރައީސް. އަޙްމަދު ސަމީރު، ބ.ކަމަދޫ ކައުންސިލްގެ ރައީސް. އަޙްމަދު ޢާސިފް، ބ. ފުޅަދޫ ކައުންސިލްގެ ރައީސް. މޫސާ ނަސީމް، ބ.ފެހެންދޫ ކައުންސިލްގެ ރައީސް. އަލީ ރަޝީދު، ބ. ދޮންފަނު ކައުންސިލްގެ ރައީސް.

މަޖިލިސް މެންބަރުން:

ޢަލީ ހުސެއިން، ކެންދޫ ދާއިރާގެ މެންބަރު. ހިސާން ހުސެއިން، ތުޅާދޫ ދާއިރާގެ މެންބަރު. އަޙްމަދު ސަލީމް، އޭދަފުށީ ދާއިރާގެ މެންބަރު.

ރިސޯޓް:

ސޯނޫ ޝިވްދަސާނީ، އޮއުނަރ، ސޮނެވާފުށި. ޝާބީރު އަޙްމަދު، ޗެއާމެން – ކޮކޯ ކަލެކްޝަން، ކޮކޯޕާމް ދުނިކޮޅު. މާރކް ހެހިރް، ސީ.އީ.އޯ – އަމިއްލަފުށި. މާރކް ރީޑަރ، ޖެނެރަލް މެނޭޖަރ، ފިނޮޅު

ގައިލްސް ސެލްވްސް، ކްލަސްޓްރ ޖެނެރަލް މެނޭޖަރ، އަނަންތާރާ ކިހަވައް. އިސްމާއިލް ޝަފީއު، ޗެއާމެން، ދިގުފަރު އައިލެންޑް ރިސޯޓް. އަރްމާންޑޯ ކްރެންޒްލިން، ރީޖަނަލް ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރެލް މެނޭޖަރ، ފޯ ސީސަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރު.