ފަރުވާ- ތަޝައްފީގެ ޒީޝާ...

"... އައިމިނަތު އީޝާ ... ލައްބަ މިސް. ފާތިމަތު ލުބުނާ .... ލައްބަ މިސް. މަރިޔަމް ޒީޝާ .... މަރިޔަމް ޒީޝާ..."


ކަހާ ތަން ހިރުވައި ވެސް ނުލަ އެވެ. ދުވަހަކު އަޑުއިވޭ ކަމަކަށް ނުހަދަ އެވެ. ދޭ ފިލާވަޅެއް ގަޑި އަށް ނިންމޭ ކަމަކަށް ނުވެ އެވެ. ފާސް ވަނީ ކިރިޔަކިރިޔާ އެވެ. މުޅި ކިލާހުން ވެސް ކިޔެވުމަށް އެންމެ ދަށް ކުއްޖަކީ ޒީޝާ އެވެ.

ހާޟިރީ ނަގަމުން ދިޔަ ވަގުތު ޒީޝާގެ ޚަބަރެއް ނުވުމުން ސަމާލުކަން ލިބޭތޯ އަރުޝިދާ މުދައްރިސް ލަވައެއް ކިޔައިލި އެވެ. "ކޮބާހޭ ކޮބާހޭ މިސްގެ ލޯބި ޒީޝާ. ލޯބި ޒީޝާ. މާ ދުރުގައިވާ ޚިޔާލަކަށް ގެއްލިފާ. ވިސްނަވިސްނާ ފިކުރު ކުރަނީ. ވިސްނަވިސްނާ ފިކުރު ކުރަނީ......"

ޕަކަޕަކަލާފައި ހުރިހާ ކުދިން ހޭން ފެށި އެވެ. ޒީޝާ އަށް ރޭކާލީ އެ ހިސާބުންނެވެ. ތެޅިގަނެފައި ޒީޝާ އަށް ބުނެވުނެވެ. " ލަ. ލައްބަ މިސް، އަޅުގަނޑު ޕްރެޒެންޓް"

"ކޮން ދުނިޔެއެއްގައި ތަ؟ ކޮން ކަމަކާ ތި ވިސްނަނީ؟" އަރުޝިދާ މުދައްރިސް ހުރީ ހިތްހަމަ ނުޖެހިފަ އެވެ. ދޭނެ ޖަވާބެއް ޒީޝާ އަކަށް ނޭނގުނެވެ.

ހަގީގަތުގައި ޒީޝާ ސްކޫލަށް ދަނީ ދާންޖެހޭތީ މަޖުބޫރު ވެގެންނެވެ. ދިހަ ބާރަ ފަހަރަށް ގޮވައިގެން މެނުވީ ނުހޭލާނެ އެވެ. މަންމަ ތަޝައްފީ ނުގޮވައިފި ނަމަ އިރު މެދުޖެހުނަސް އޮތްތަނުން ހިރި ވެސް ނުލާނެ އެވެ. ހިޔަންޏެއް ހެން ކައިރީގައި ހުރެގެން މެނުވީ އެއްވެސް ކަމެއް ނުކުރާނެ އެވެ.

ސްކޫލުން ގެ އަށް އާދެވުމާ އެކު، އެއް އިސްޓާކީން ގޭގެ ހިނޮޅި މައްޗަށް އަދި އަނެއް އިސްޓާކީން ސޯފާ މައްޗަށް އެއްލައިލުމަކީ ޒީޝާގެ އާދަ އެވެ. އެއްވެސް ތަރުތީބެއް ނުހުންނާނެ އެވެ. ޖެހުނު އެއްޗެއް ޖެހުނުތާކަށެވެ. ފޮތް ފަންސޫރު ލެވޭތަނެއް ނޭނގޭނެ އެވެ. ފަތިގަނޑާއި ފުހޭ ރަބަރު ލެވުނުތަނެއް ހަނދާނެއް ވެސް ނުހުންނާނެ އެވެ. ބޭނުން ޖެހުނީމާ އަތްފުނާ އަޅައިގެން އެއެއްޗެއް އޮތްތާކުން ހޯދުމަކީ މަންމަ ތަޝައްފީގެ ކަމެކެވެ.

ފިލާވަޅެއް ގޭގައި ހަދަން ދިނަސް އެ ފިލާވަޅެއް ޒީޝާ ލައްވައި ހަދުވަން ޖެހޭނީ އޮބިއަޅައިގެންނެވެ. ފަސްމިނެޓަށް ދުރަށް ޖެހިލިޔަސް ޖެހުނުތާ ލަކުނު ވެސް ނުހުންނާނެ އެވެ. ދެން އިވޭނީ އެވެނި މީހެއްގެ މިވެނި ކުއްޖަކަށް ކޮންމެވެސް ގޯނާއެއް ކުރި ވާހަކަ އެވެ. އެ ހިސާބުން ކަންތަކާ ޖެހުނީ އެވެ.

"ތަޝައްފީ މި ތަނަށް މި ގެނެވުނީ މި ރަށު ނަންރީތިގޭ، އައިރާގެ ގައިގައި ޒީޝާ ޖަހައިގެން ރިޕޯޓް ކުރުމުން" ފެމިލީ އެންޑް ޗައިންޑް ޕްރޮޓެކްޝަން ސެންޓަރުގައި މަސައްކަތް ކުރައްވާ ސޯޝަލް ސާސްވިސް ވޯކަރު އިއްތިޝާމް ވިދާޅުވި އެވެ.

"ޒީޝާގެ ވަރަށް ގިނަ ވާހަކަތައް މި ރަށު ސްކޫލުން ވެސް ވަނީ އަޅުގަނޑުމެންނާ ހިއްސާ ކޮށްފައި. އަޅުގަނޑުމެން ބެލިބެލުމުން ޒީޝާ އެންމެ ބޮޑަށް ވައްތަރީ އޭޑީ.އެޗް.ޑީ ކުއްޖަކާ."

"އާނ. ކީކޭ؟ އޭޑީ.އެޗް.ޑީ ކުއްޖެކޭ؟ އެއީ ކޯޗެއްތަ؟" ތަޝައްފީ އަށް ބުނެވުނެވެ.

އޭ.ޑީ.އެޗް.ޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވް ޑިސްއޯޑާ އަކީ އިންސާނާގެ ސިކުނޑި ހެދި ބޮޑުވެ، ފުރިހަމަވުމުގެ ނިޒާމަށް ބުރޫ އަރައި ތޮބީއީ މިޒާޖަށް ނޭދެވޭ އަސަރު ކުރުވާ ނަފްސާނީ ބައްޔަކަށް ކިޔާ ނަމެކެވެ. މި ބަލީގެ ވައްތަރުތަކުގެ ތެރޭގައި އިންއެޓެންޝަން ނުވަތަ ސަމާލުކަން ނުދިނުމާއި ހައިޕާ އެކްޓިވިޓީ ނުވަތަ ހިމޭނުން ނުހުރެވުމާއި އަދި އިމްޕަލްސިވްނެސް ނުވަތަ ވިސްނާލުމެއް ނެތި ނުރައްކާތެރި ކަންކަމަށް ހުށަހެޅިދާ ކަންތައްތައް ކުރުން ހިމެނެ އެވެ.

އޭ.ޑީ.އެޗް.ޑީ ޖެހެނީ ކިހިނެއް؟

މި ބަލިޖެހެން މެދުވެރިވާ ސީދާ ސަބަބު މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިރާސީ ގޮތުންނާއި ،މާބަނޑު ދުވަސްވަރު ރާ ބުއިމާއި ސިނގިރޭޓް ބުއިމާއި އަދި ދުވަސް ނުފުރާ ވިހެއުމަކީ އޭ.ޑީ.އެޗް.ޑީ ޖެހެން މެދުވެރިވެދާނެ ބައެއް ސަބަބުތަކެވެ. އަދި ހަމަ އެހެންމެ ތިމަރަ ފަދަ ވިހައެއްގެ ސަބަބުން ނުވަތަ ޖަރާސީމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓަކުން ނަމަވެސް ސިކުނޑި އަށް ގެއްލުން ލިބިއްޖެ ނަމަ އޭ.ޑީ.އެޗް.ޑީ ޖެހުމަކީ ވެދާނެ ކަމެކެވެ.

އޭ.ޑީ.އެޗް.ޑީ ބަލީގެ އަލާމާތްތަކަކީކޮބާ؟

އާއްމު ގޮތެއްގައި މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ފުރާވަރަށް އެރުމުގެ ކުރީންނެވެ. ވާހަކަ ދައްކާއިރު އަޑުނޭހުމާއި ސަމާލުކަން ނުދިނުމާއި ފަރުވާތެރި ނުވުމާއި އަދި ދެވޭ އިރުޝާދުތަކާ އެއްގޮތައް އަމަލުކުރަން ނޭނގުމަކީ މި ބަލީގެ ވައްތަރުތަކުގެ ތެރެއިން އިންއެޓެންޝަން އޭ.ޑީ.އެޗް.ޑީގެ ބައެއް އަލާމާތްތަކެވެ. ކުޅެން ގެންގުޅޭ ތަކެއްޗާއި އެހެނިހެން ތަކެތި ލެވޭ ނުލެވޭތަނެއް ނޭނގި ގެއްލުމާއި ހަނދާން ބަލިވުމާއި އަދި ވިސްނުންތެރިކަމާ އެކު ނުވަތަ ރޭވުންތެރިކަމާ އެކު ކަންތައްތައް ކުރަން ނޭނގުން ނުވަތަ އެ ފަދަ ކަންތައްތައް ކުރަން ޝައުގުވެރި ނުވުމަކީ ވެސް އިންއެޓެންޝަން އޭ.ޑީ.އެޗް.ޑީގެ ބައެއް އަލާމާތްތަކެވެ.

ހައިޕާ އެކްޓިވިޓީ ނުވަތަ ހިމޭނުން ނުހުރެވޭ ވައްތަރުގެ އޭ.ޑީ.އެޗް.ޑީ ކުދިންގެ ފަރާތުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި މަޑުމަޑުން ނުހުރެވުމާއި ހިފި ނުހުރެވުމާއި އަތް މުނިމުނި ކެވުމާއި އަދި ބޮލިރަވައެއް ހެން ވާހަކަ ގިނަވުން ހިމެނެ އެވެ. ވައިސޫރިއެއް ހެން ދުވުމާއި ފުންމުމަކީ މި ބާވަތުގެ އޭ.ޑީ.އެޗް.ޑީ ކުދިންގެ ފަރާތުން ފެންނަ އެންމެ އާއްމު އަލާމާތްތަކެވެ. ގަނޑުފިއްލާ، ފީކޮއެ ފަދަ ހިމޭންކަން ހިމެނޭ ކުޅިވަރުތައް ކުޅެން މި ބާވަތުގެ އޭ.ޑީ.އެޗް.ޑީ ކުދިން ޝައުގުވެރިއެއް ނުވާނެ އެވެ.

އިމްޕަލްސިވްނެސް ނުވަތަ ވިސްނާލުމެއް ނެތި ނުރައްކާތެރި ކަންކަމަށް ހުށަހެޅިދާ ކަންތައްތައް ކުރާ އޭ.ޑީ.އެޗް.ޑީ ކުދިންގެ ފަރާތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ސުވާލުކޮށް ނުނިމެނީސް ވިސްނާލުމެއް ނެތި ނުވަތަ ފަހުން ވެދާނެ ކަމަކަށް ނުވިސްނައި ޖަވާބު ދިނުން ފާހަގަ ކޮށްލެވެ އެވެ. ތިމާއާ ނުބެހޭ ކަންކަމާ ބެހި ބަސްބުނުމާއި އަދި ޚިދުމަތް ހޯދުމަށް ހެދިފައި ހުންނަ ކިއު ފަދަ ތަންތާގައްޔާއި ކުޅިވަރު މުބާރާތްތަކުގައި ވެސް ތިމާއާ ޖެހެންދެން ނުވަތަ ތިމާ އަށް ފުރުޞަތު ލިބެންދެން ކެއްތެރިކަމާ އެކު، މަޑުން ނުހުރެވުމަކީ ވެސް އިންޕަލްސިވް އޭ.ޑީ.އެޗް.ޑީގެ ބައެއް އަލާމާތްތަކެވެ.

އޭ.ޑީ.އެޗް.ޑީ ހުރިކަން އެނގޭނީ ކިހިނެއް؟

މި ބަލި ހުރިތޯ ޔަގީންކަމާ އެކު، ދެނެގަނެވޭނެ ތަހުލީލީ ނުވަތަ ލެބޯރަޓަރީ ޓެސްޓެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މި ބަލި ހުރިތޯ ނިންމަނީ ކުއްޖާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބިނާކޮށެވެ. މި ގޮތުން ސްކޫލާއި ގޭތެރެގަ އާއި އަދި އެހެނިހެން މާހައުލުތަކުގައި ކުއްޖާ އުޅޭ ނޫޅޭ ގޮތް ބަލައި ސުވާލުކޮށް ވަޒަން ކުރެވޭނެ އެވެ. އަދި ހަމަ އެހެންމެ ކުއްޖާގެ ޖިސްމާނީ އަދި ނަފްޞާނީ ދުޅަހެޔޮ ކަމަށް ވެސް ރިޔާއަތް ކުރެވޭނެ އެވެ. މި ބަލީގެ އަލާމާތްތައް މަދުވެގެން ހަ މަސް ދުވަސް ވަންދެން ކުއްޖާގެ ފަރާތުން ފެންނަން ވާނެ އެވެ. އަދި އެ އަލާމާތްތަކަކީ ކުއްޖާގެ އުމުރުން 12 އަހަރު ވުމުގެ ކުރިން ފެންނަން ފަށާފައިވާ އަލާމާތްތަކަކަށް ވެސް ވާންވާނެ އެވެ. އަދި ހަމަ އެހެންމެ އެ އަލާމާތްތަކަކީ ކުއްޖާ އުޅޭ މާހައުލުތައް ކަމުގައިވާ ސްކޫލް، ގޭތެރެ ނުވަތަ އެފަދަ އެހެން ވެސް ތަންތަނުގެ ތެރެއިން މަދުވެގެން ދެ މާހައުލެއްގައި ފެންނަ އަލާމާތްތަކަކަށް ވާން ޖެހޭނެ އެވެ. އޭ.ޑީ.އެޗް.ޑީ އަށް ޝައްކު ކުރެވޭ ނަމަ އިޖުތިމާއީ ޚިދުމަތްތެރިއަކަށް (ސޯޝަލް ސާވިސް ވޯކަރު) ނުވަތަ ޞިއްހީ އެހީތެރިއަކަށް ނުވަތަ ނަރުހަކަށް ނުވަތަ ޑޮކްޓަރަކަށް އަވަހަށް ދައްކަން ވާނެ އެވެ.

އޭ.ޑީ.އެޗް.ޑީހުރި ކަން އެނގޭނީ އުމުރުން ކިތައް އަހަރު ވުމުން؟

އޭ.ޑީ.އެޗް.ޑީ ކުދިން ގިނަ ފަހަރަށް އެ ބަލީގެ ކުދިންގެ ގޮތުގައި ދެނެގަނެވެނީ، އެ ކުދިންގެ އުމުރުން ހަތެއް ނުވަތަ އަށް އަހަރު ވުމުންނެވެ. ކުއްޖާގެ އުމުރުން ތިން އަހަރު ނުވަތަ ފަސް އަހަރުގައި ވެސް އޭ.ޑީ.އެޗް.ޑީގެ އަލާމާތްތައް ފެނިދާނެ އެވެ. އަދި ބައެއް ފަހަރު ދަރިފުޅު ބޮޑުވެ ތަސައްރަފު ފުދޭ ހިސާބުން ވެސް އޭ.ޑީ.އެޗް.ޑީ ހުރިކަން އެނގިދާނެ އެވެ.

އޭ.ޑީ.އެޗް.ޑީ ބަލީގެ ފަރުވާއަކީ ކޮބާ؟ މި ބަލިން އެއްކޮށް ރަނގަޅުވާނެ ތަ؟

މި ބަލީގެ މައިގަނޑު ފަރުވާ އަކީ ޑޮކްޓަރީ ބޭހާއި މިޒާޖީ ފަރުވާ ނުވަތަ ބިހޭވިރަލް ތެރަޕީ އެވެ. މި ދެންނެވި ފަރުވާ އަކީ ބަލިން އެއްކޮށް ރަނގަޅުވާ ފަރުވާއެއް ކަމުގައި ނުވިޔަސް މި ފަރުވާ އިން ނުވަތަ ހޭހަންތެރިކަމުން އެޗް.ޑީ.އެޗް.ޑީ ބަލީގެ ސަބަބުން ފެންނަ ނޭދެވޭ ނުވަތަ ނުރަނގަޅު އެތައް ކަމަކުން ކުރިއެރުން ލިބި، ތޮބީއީ މިޒާޖަށާއި ވިސްނުމަށް ހެޔޮ އަސަރު ކުރުވަ އެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ކުދިން ބޮޑުވެ ތަސައްރަފު ފުދި، ބޮޑެތި މީހުންނަށް ވާ ހިސާބުން ބޭހަކާ ނުލައި ހަމަޖެހޭ ޒިންމާދާރު ސާދާ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު މިފަދަ ކުދިންނަށް ލިބުމަކީ ނުހަނު އެކަށީގެންވާ ކަމެއް ވެސް މެ އެވެ.

އޭ.ޑީ.އެޗް.ޑީ ބޭސް ކާން ދަރިފުޅަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟

ބޭސް ނުކާން ވެގެން ދަރިފުޅު ބޮޑާހާކައި ބޭހާ މެދު ސުވާލު އުފެއްދުމަކީ ނުހަނު އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ދަރިފުޅަށް ވިސްނައި ދިނުމުގެ ގޮތުން އެކިއެކި ކަންކަމުން މިސާލު ނަގައިގެން ދަރިފުޅަށް ކިޔައި ދެވިދާނެ އެވެ. މިސާލަކަށް އައިނު އަޅާ ކުއްޖަކު އައިނު އަޅަނީ ކޮންމެހެން އެ ކުއްޖާގެ ލޮލަށް ނުފެންނާތީ ނޫން ކަމަށާއި ނަމަވެސް އައިނު އަޅަނީ ސާފުކޮށް، ރީތިކޮށް ލޮލަށް ފެނުމަށް އެހީއެއްގެ ގޮތުގައި ކަން ބުނެދެވިދާނެ އެވެ. ހަމަ މި މޭރުމުން އޭ.ޑީ.އެޗް.ޑީ ކުއްޖާ ވެސް ބޭސްކަނީ އައިނު އަޅާ ކުއްޖާ ފަދައިން ބޮޑަށް ސަމާލުވެ ކަންކަމަށް ފަރުވާތެރިވުމުގެ ބޭނުމުގައި ކަން ބުނެދެވިދާނެ އެވެ.

މި ބައްޔަށް ދޭ ޑޮކްޓަރީ ބޭހުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

އާނއެކެވެ. މި ބައްޔަށް ދޭ ބައެއް ބޭހުގެ ސަބަބުން ކާ ހިތް ނުވުމާއި ބަނޑުގައި ރިއްސުމާއި ބޭހަށް ދެވި ހިފުމާއި އަދި މާގަދަ އަށް ނިދުން ނުވަތަ ނިދި ނައިސްގެން ލޮލުފިޔަ ނުޖެހި އުނދަގޫ ވެގެން އުޅުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ބައެއް ފަހަރު ބައެއް ބޭހުގެ ސަބަބުން އިހުގެ ހާލަތަށް ވުރެ ހާލަތު ގޯސް ވުމަކީ ވެސް ވެދާނެ ކަމެކެވެ. ބައެއް ބޭހުގެ ސަބަބުން މަދު ފަހަރަކު އަމިއްލަ އަށް މަރުވާން އުޅުމާއި ހިތާއި ފުރަމޭގެ ބަލިތަކުގެ އިތުރުން ޖިންސީ ބަލިކަށި ކަމާއި ސްޓްރޯކް ފަދަ ބަލިތަކަށް ހުށަހެޅިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން ބޭސް ފެށުމުން ދަރިފުޅަށް އިތުރަށް ސަމާލުވެ، އަންނަމުންދާ ބަދަލުތައް ޑޮކްޓަރަށް އަންގައި ބޭހަށް ގެނެވޭ ބަދަލުތަކަށް ފަރުވާތެރިވެ، ދެއްވާ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލު ކުރަންވާނެ އެވެ.

ރޯގާ ޖެހިގެން ފަދަ ކަންކަމުގައި ޑޮކްޓަރަށް ދައްކާއިރު، އޭ.ޑީ.އެޗް.ޑީ އަށް ބޭސް ކާ ނަމަ ބުނަން ޖެހޭނެތޯ؟

އާނ އެކެވެ. ސަބަބަކީ އޭ.ޑީ.އެޗް.ޑީ އަށް ކާ ބައެއް ބޭސްތަކާއި އެހެނިހެން ކަންކަމަށް ކާ ބައެއް ބޭސްތަކުގެ ސަބަބުން އެއް ބޭސް އަނެއް ބޭހަށް ތައާރަޒުވެ އެ އިން ނުރަނގަޅު އަސަރު ކުރުމުގެ ފުރުޞަތު އޮންނާތީ އެވެ. މިސާލަކަށް އޭ.ޑީ.އެޗް.ޑީ އަށް ބޭސްކަމުންދާ ކުއްޖަކު ނޭވާއަށް އުނދަގޫވެގެން ނުވަތަ ނޭވާ ހިއްލާތީވެ، ޑޮކްޓަރަށް ދެއްކުމުން ދެއްވާ ބޭހެއްގެ ސަބަބުން ކުއްޖާ ހިފި ނުހުރެވި ނުވަތަ އެއްތަނެއްގައި މަޑުން ނުހުރެވި އުދަނގޫ ވެގެން އުޅެފާނެ އެވެ. އަދި ދެރަވެ މާޔޫސްވުން ފަދަ އެހެނިހެން ނުރަނގަޅު އަލާމާތްތައް ވެސް އެ ކުއްޖާގެ ފަރާތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އޭ.ޑީ.އެޗް.ޑީ އަށް ބޭސް ކެއުން ހުއްޓާލެވިދާނެތޯ؟

ބަލީގެ ހާލަތު ހުރި ނެތްގޮތައް ބަލައި، ބައެއް ވައްތަރުގެ ބޭސްތައް ބައެއް ފަހަރު މެދުކަނޑާލަން ޑޮކްޓަރުން އިރުޝާދު ދެ އެވެ. އަދި އަނެއްބައި ފަހަރު އެއްވެސް މެދުކެނޑުމެއް ނެތި އެތައް ދުވަސްތަކަކަށް ވެސް މި ބަލީގެ ބޭސްތައް ކާން ޖެހިދާނެ އެވެ. ނަމަވެސް އަންނަ ހެޔޮ ބަދަލުތަކަށް ރިއާޔަތްކޮށް ބޭސް އެއްކޮށް ހުއްޓާ ވެސް ލެވިދާނެ އެވެ. ނޯޓް: މި އާޓިކަލްގައިވާ ކެރެކްޓާސްތަކަކީ ޚިޔާލީ ނަންނަމެވެ.

މައުލޫމާތު: ޑީ.އެސް.އެމް5، އޭ.ޑީ.އެޗް.ޑީ ޕޭރެންޓްސް މެޑިކޭޝަން ގައިޑް ،ޗިލްޑްރެން އެންޑް އެޑަލްޓްސް ވިތު އެޓެންޝަން ޑެފިސިޓް/ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (ޗަޑް) ސީ.ޑީ.ސީ، އޯޕީގައި، ނެލްސަން، ކޭސް ފައިލްސް ސައިކޭޓްރީ.

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.