ދިވެހި ދަރިވަރުންތަކެއް އިމްތިހާނަށް ވަނުމުގެ ކުރިން: ދުނިޔޭގައި ކިޔުމުގެ ފުރުސަތު ކުދިންނަށް ލިބޭ މިންވަރު އިތުރުކުރަން ގައުމުތަކުން މަސައްކަތްކުރަން ޖެހޭ --ފޮޓޯ: ހުސައިން ވަހީދު/މިހާރު
08 ޑިސެމްބަރ 2019 - 10:23
ގިނަ ކުޑަކުދިންނަށް، އުމުރުން 10 އަހަރު ފުރުމަކީ ބޮޑު އުފަލެކެވެ. އެއީ، ދުނިޔޭގެ ކަންކަން ހިނގާނުހިނގާ ގޮތް ދެނެގަނެ، ވިސްނުން ފުޅާކުރަމުން އަންނަ އުމުރެވެ. ނަމަވެސް މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ދިރިއުޅޭ 10 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ ކުދިންނަށް އާދައިގެ ވާހަކައެއް ކިޔާލާށާއި އޭގައި ބުނާ އެއްޗެއް ދެނެގަންނާކަށް ނޭނގެ އެވެ. އަޅުގަނޑުމެން މިއަދު މިތިބީ، އެތައް މިލިއަން ކުދިންނަކަށް ލިބެން ޖެހޭ ފުރުސަތުތަކާއި އެ ކުދިންގެ އުންމީދުތަކަށް ހުރަސްއެޅިފައިވާ އުނގެނުމުގެ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިދިޔަ އޮކްޓޯބަރު މަހު އަޅުގަނޑުމެން ވާނީ، އުނގެނުމުގެ އާ އަމާޒަކަށް ބާރުދޭ މައުލޫމާތު އާންމުކޮށްފަ އެވެ؛ އެއީ، ލާނިން ޕަވަޓީގެ ނިސްބަތް 2030ގެ ކުރިން އެންމެ މަދުވެގެން ވެސް ދެބައިކުޅަ އެއްބައި މަދުކުރުމުގެ އަމާޒެވެ.
ކިޔަން ދަސްކުރުމަކީ ވަކިން ހާއްސަކޮށް ވަރަށް މުހިންމު ހުނަރެކެވެ. އޭގެ ސަބަބުން ވަރަށް ބައިވަރު ފުރުސަތުތަކެއް ހުޅުވިގެން ދިއުމުގެ އިތުރަށް، އެއީ ސައިންސާއި ހިސާބުގެ އިލްމު ފަދަ އުނގެނުމުގެ އެހެނިހެން ދާއިރާތައް ބިނާވެފައިވާ އަސާސެވެ. ލާނިން ޕަވަޓީ (އުމުރުން 10 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން އާދައިގެ ވާހަކައެއް ކިޔާލާށާއި އެ ފަހުމްވުމަށް ނުކުޅެދިފައިވާ ކުދިންގެ ނިސްބަތް) ނައްތާލުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން، އަވަހަށް ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ، ފަގީރުކަން ނައްތާލުމަށާއި ތަރައްގީގެ ފައިދާ އެންމެންނަށް ލިބިގެންދިއުމަށް ކޮންމެހެން މުހިންމު ކަމެކެވެ. އެއީ، ކުދިންނަށް އެ ކުދިންގެ ގާބިލްކަން ހަގީގީ މާނައިގައި ބޭނުންކުރެވޭނޭ ގޮތް ފަހިކުރުމަށް ވެސް މުހިންމު ކަމެކެވެ.
ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި، ލާނިން ޕަވަޓީގެ ނިސްބަތް މަދުކުރުމުގެ މަސައްކަތުގައި ކުރިއެރުން ހޯދޭ މިންވަރު އޮތީ މަޑުޖެހިފަ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު، ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ރަނގަޅުކުރުމުގައި 2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ހޯދިފައި ވަނީ އެންމެ 10 ޕަސެންޓްގެ ކުރިއެރުމެކެވެ. މި ލަސް މިނުމުގައި މި މަސައްކަތް ކުރިއަށްދާ ނަމަ، 2030 ވަނަ އަހަރު ބައްދަލުކުރާއިރު، އުމުރުން 10 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން 43 ޕަސެންޓް ކުދިން ވާނީ ކިޔަން ނޭނގޭ ބަޔަކަށެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ބައެއް ގައުމުތަކުން ކުރިއެރުން ހޯދާފައިވީ ނަމަވެސް، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކާއި މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އަދި އެއް ގައުމެއްގެ ތަފާސްހިސާބުތަކުގައި ވެސް މިފަދަ ބޮޑެތި ފަރަގުތައް އެބަހުއްޓެވެ. ދިވެހިރާއްޖޭގައި ވެސް، އާދައިގެ ލިޔުމެއް ކިޔާލަން އަދި އޭގައި ބުނާ އެއްޗެއް ފަހުމްވާން ނޭނގޭ ކުޑަކުދިން ފުދޭ ވަރަކަށް އެބަ ތިއްބެވެ.
އުފާވެރި ޚަބަރަކީ، 2030 ވަނަ އަހަރު އުމުރުން 10 އަހަރު ފުރޭ ކުދިން އުފަންވާނީ އަންނަ އަހަރު ކަމެވެ. އެހެންކަމުން، އަވަސް ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ، މިކަން ރަނގަޅު މަގަކަށް އެޅުވުމުގެ ފުރުސަތު އެބަ އޮތެވެ.
އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒަކީ ވަރަށް ބޮޑު، އެހެނަސް ހާސިލްކުރެވޭނެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ކުރެވޭ މަސައްކަތްތައް ވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ހަތަރު ވަނަ ލަނޑުދަނޑި ކަމަށްވާ އެންމެންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމު ފޯރުވައިދިނުމުގެ ލަނޑުދަނޑި ހާސިލްކުރަން ކުރެވޭ މަސައްކަތްތަކާ ގުޅިފަ އެވެ. މިކަން ހާސިލްކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި ކުރިއެރުން ހޯދޭ މިންވަރު ގާތްގަނޑަކަށް ތިންގުނަ އިތުރުކުރަން ޖެހޭނެ އެވެ. މިއީ، 2000 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އެންމެ ބޮޑެތި ކުރިއެރުންތައް ހޯދި ގައުމްތަކުން ކުރިއެރުން ހޯދި މިންވަރާ އެއްވަރަށް ކޮންމެ ގައުމަކުން ވެސް ކުރިއެރުން ހޯދައިފި ނަމަ ކުރެވޭނެ ކަމެކެވެ.
ވަރަށް ގިނަ ގައުމުތަކަކުން އަންނަނީ މިއީ ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދެމުންނެވެ. ކެންޔާގައި، ކިޔަން ދަސްކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ ޕްރޮގްރާމްގެ ސަބަބުން، އެދެވޭ ވަރަކަށް ކިޔަން އެނގޭ ގްރޭޑް ދޭއްގެ ދަރިވަރުންގެ އަދަދު ވަނީ ތިން ގުނަ އަށް ވުރެ ބޮޑު މިންވަރަކަށް އިތުރު ކުރެވިފަ އެވެ. މިކަން ހާސިލްކޮށްފައި ވަނީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މުދައްރިސުން ތަމްރީންކޮށް، މުދައްރިސުންނަށް ބޭނުންވާ ގައިޑްތައް ފޯރުކޮށްދީ، އަދި ކޮންމެ ކުއްޖަކަށް ފޮތެއް ދީގެންނެވެ.
ވިއެޓްނާމްގައި ބޭނުންކުރާ ނަތީޖާ ރަނގަޅު މުގައްރަރުގައި ވަނީ، އަސާސީ ކަންކަން ހިމެނުމުގެ އިތުރަށް، އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި ހުރިހާ ކުދިންނަށް ކިޔާނެ ތަކެތި ފޯރުކޮށްދެވޭކަން ކަށަވަރު ކޮށްދީފަ އެވެ. އެ ގައުމުގައި، އެންމެ މަދުން އާމްދަނީ ލިބޭ 40 ޕަސެންޓް ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް، މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ދަރިވަރެއްގެ ނަތީޖާއާ އާންމު ގޮތެއްގައި އެއްވަރު ނުވަތަ އެ އަށް ވުރެ ވެސް ރަނގަޅެވެ.
ލާނިން ޕަވަޓީ ކުޑަކުރަަން ދިމާވާ ގޮންޖެހުންތައް އެކި ގައުމުތަކާއި ސަރަހައްދުތަކުގައި ތަފާތު ވާނެ އެވެ. ބައެއް ގައުމުތަކުގައި، ސްކޫލަށް ނުވެއްދުން ނުވަތަ ނުދެވުމަކީ އަދިވެސް ވަރަށް ބޮޑު މައްސަލައެކެވެ؛ ސްކޫލަށް ނުދާ ނުވަތަ ނުދެވޭ 258 މިލިއަން ކުދިން 2018 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވެ. އަނެއް ބައި ގައުމުތަކުގައި، ކުދިން ސްކޫލަށް ދިޔައަސް އުނގެނޭ މިންވަރު ދަށެވެ. ދުނިޔޭގެ ފެންވަރުގެ އަމާޒެއް ކަނޑައަޅައިގެން، އުނގެނުމުގެ އަމާޒުތަކެއް ގައުމީ ފެންވަރުގައި ހިފިއްޖެ ނަމަ ވާލްޑް ބޭންކަށް އެ ގައުމުތަކާ އެކު މަސައްކަތް ކުރެވޭނެ އެވެ. ލާނިން ޕަވަޓީގެ ނިސްބަތް 2030ގެ ކުރިން ދެބައިކުޅަ އެއްބަޔަށް ތިރިކުރުމުގެ އަމާޒަކީ މެދު ރާސްތާގެ އަމާޒެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ، ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާ އެކު މަސައްކަތްކޮށްގެން އެ ނިސްބަތް ސުމަކަށް ތިރިކުރުމެވެ.
އެންމެ މަދުން އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ތައުލީމަށް އެންމެ ބޮޑަށް އެހީވެދޭ ފަރާތުގެ ހައިސިއްޔަތުން، ވާލްޑް ބޭންކުން، ގައުމުތަކާ ގުޅިގެން، މަސައްކަތް ކުރާނީ ޕްރައިމަރީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކިޔުމުގެ ހުނަރު އަށަގެންނެވުމަށެވެ. މިކަމާ ގުޅުން ހުރި ސިޔާސަތުތަކުގެ ތެރޭގައި، މުދައްރިސުންނަށް ތަފްސީލީ ގޮތެއްގައި އަދި އަމަލީ ގޮތުން ތަމްރީނު ދިނުން، އެ އުމުރުފުރުއަކާ ގުޅޭ ފެންވަރު ރަނގަޅު ފޮތް ލިބިދެވޭކަން ކަށަވަރުކުރުން އަދި ގޭގައި ބޭނުންކުރާ ބަހުން ކިޔަވައިދިނުން ހިމެނެ އެވެ.
ލިޔަންކިޔަން ދަންނަ ނިސްބަތް ދެމެހެއްޓުމަށާއި ފުޅާ ދާއިރާއެއްގައި ކުރިއެރުންތައް ހޯދުމަށްޓަކައި މުޅި ތައުލީމީ ނިޒާމް ކުރިއެރުވުމަށް، ވާލްޑް ބޭންކުން އަންނަނީ ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާ އެކު މަސައްކަތް ކުރަމުންނެވެ. އޭގެ މާނަ އަކީ، ކުދިން ސްކޫލަށް ދަނީ ތައްޔާރުވެގެން އަދި ކިޔެވުމަށް ޝައުގުވެރިކަން ހުރެގެންކަން ކަށަވަރު ކުރުމާއި، މުދައްރިސުންނަކީ ގާބިލް އަދި އަގުވަޒަންކުރެވޭ ބައެއްކަން ކަށަވަރުކުރުމާ އެކު ޓެކްނޮލޮޖީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ރަނގަޅު ވަސީލަތްތަކެއް ހިމެނޭ އެކަށީގެންވާ ކްލާސްރޫމްތަކެއް ގާއިމްކުރުމާއި، ސްކޫލްތަކަކީ ރައްކާތެރި އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ދަރިވަރުންނަށް ވެސް އުނގެނެވޭ ފަދަ ތަންތަނަށް ހެދުމާއި ތައުލީމީ ނިޒާމް ރަނގަޅަށް ބެލެހެއްޓުމެވެ.
މި ކަންކަން ހާސިލްކުރެވޭ މިންވަރު ބަލަން ވަރަށް ތަނަވަސް ވަޒަންކުރުމާއި ދިރާސާކުރުމުގެ އެޖެންޑާއެއް ގެންގުޅޭނެ އެވެ. އެގޮތުން، އުނގެނުމުގެ ނަތީޖާތަކާއި އެ ނަތީޖާތަކަށް ވާސިލްވެވުނު ގޮތްތައް ވަޒަންކުރުމާއި، އަސާސީ ހުނަރުތައް ތަރައްގީކުރަން ޓެކްނޮލޮޖީގެ އާ ވަސީލަތްތައް ވިސްނުންތެރިކަމާ އެކު ބޭނުންކޮށްގެން ދިރާސާކުރުން އަދި އުފެއްދުންތެރި ވިސްނުންތައް ނެރުން ހިމެނެ އެވެ.
އުނގެނުމުގެ ކާރިސާގެ ސަބަބުން ގެއްލިގެން ދަނީ ކުދިންގެ ގާބިލްކަން އެކަންޏެއް ނޫނެވެ؛ މިއީ، އިގްތިސާދަށް ވެސް އަސަރުކުރާ ކަމެކެވެ. މިކަމުގެ ސަބަބުން، މަސައްކަތުގެ މާހައުލަށް ނުކުންނަ ފަރާތްތަކަށް ނޭދެވޭ އަސަރުކޮށް، ވާދަވެރި އިގްތިސާދެއް ބިނާކުރުމަށް ހުރަސް އެޅެ އެވެ. ވާލްޑް ބޭންކުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް އިންޑެކްސް އިން ދައްކާ ގޮތުން، މިއަދު އުފަންވާ ކުއްޖެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނީ، ގައުމުތަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ސިއްހަތަށް ހޭދަކޮށްފި ނަމަ ހުންނާނެ މިންވަރުގެ 56 ޕަސެންޓްގަ އެވެ.
ލާނިން ޕަވަޓީ ނައްތާލުމަކީ، ފަގީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުމާ އެއްވަރަށް އަހައްމިއްޔަތުކަން ދޭ ކަމަކަށް ހަދަން ޖެހެ އެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް މި މަސައްކަތަށް ފުރަގަސްދީގެން ނުވާނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުދިންގެ ހައްގުގައި، އަޅުގަނޑުމެންގެ ނަޒަރު ދުރަށް ހިންގަން ޖެހެ އެވެ. އެ ކުދިންނަށް ދުރަށް ނަޒަރު ހިންގޭނީ އޭރުންނެވެ.
ޑޭވިޑް މަލްޕަސް އަކީ ވާލްޑް ބޭންކްގެ ރައީސް އެވެ. މިއީ އޭނާ އިނގިރޭސި ބަހުން ލިއުއްވި މަޒުމޫނެއްގެ ދިވެހި ތަރުޖަމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަބުނެލީ
08 December 2019
ޕޫއަރ ރީޑިންގް ސްކިލްސް= ކިޔުމުގެ ފަޤީރުކަމެއްނޫން..ރަނގަޅުގޮތަކީ ކިޔުމުގެ ނުފަރިތަކަން