ކޮވިޑް 19 އަކީ މަރުގެ ރަނގަބީލެއް ނޫންކަން އެބަ އެނގޭ

ކޮވިޑް-19 އަކީ އިންސާނީ ދަރިފަސްކޮޅަށް ފޮނުއްވި "މަރުގެ ރަނގަބީލެއް" ނޫންކަން ﷲ އިރާދަފުޅާ އެކު ފެނި، ހާމަވަމުން އެބަ ދެ އެވެ. ކޮވިޑް-19ގެ ހަނގުރާމައާ ކުރިމަތިލައި އޭގެ ބިރުވެރިކަމުގެ މައްޗަށް ކުރި ހޯދި ގައުމުތަކުގެ ތަޖުރިބާއިން އިބްރަތް ހޯދައި، ސިއްޙީ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުމުން، ބަލި ޖެހުން މަދުކުރެވޭ ކަމާއި، ބަލިޖެހޭ މީހުން ރަނގަޅު ވެސް ކުރެވޭ ކަން މިވަނީ ޔަގީން ކުރެވިފަ އެވެ. އަޅުގަނޑުމެންގެ އަމިއްލަ ވެށީގައި ވެސް މެއެވެ.


ޗައިނާގެ ފެކްޓަރީތައް މަޑުމަޑުން ހަރަކާތް ކުރަން ފެށިތާ މަސްދުވަހަށް ވުރެ ގިނަ ދުވަސް ވަނީ އެވެ. ކޮވިޑް-19ގެ ހަނގުރާމައަށް ޗައިނާއިން އަލަށް ބިނާކުރި ހޮސްޕިޓަލްތަކުގައި ބަންދު ބޯޑު ޖެހުމަށް ފަހު، ކަމަށް ރުކުރުވާލި ޑަކްޓަރުންގެ ލަޝްކަރު، މިއަދު އިޓަލީ ވިލާތުގައި ހަރަކާތް ކުރަން ފަށައިފި އެވެ. ޗައިނާގެ ބިލިއަނަރު ޖެކް މާ 3 މިލިއަނަށް ވުރެ ގިނަ ފޭސް މާސްކާއި މިލިއަނާ ގާތްކުރާ އަދަދަށް ޓެސްޓް ކިޓްތައް އެެމެރިކާ، އެފްރިކާ އަދި އިރުމަތީ އޭޝިޔާ ވެސް ހިމެނޭ ގޮތަށް އެތައް ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އެވެ. އަޅުގަނޑުމެންނަށް ވެސް މި ހަދިޔާގެ ބައިކުޅަބައެއް ލިބޭނޭ ކަމުގެ އުފާވެރި ހަބަރު ވަނީ ލިބިފަ އެވެ. މިއީ ޗައިނާގެ ފެކްޓަރީތަކަށް މީހުން ނުކުމެ، ޕްރޮޑަކްޝަން ލައިންތައް ހިނގަން ފަށައި، ކޮންޓޭނަރު ބޯޓްތައް މުދާ ހިފައިގެން ދަތުރުކުރަން ފަށައިފި ކަމުގެ އެންމެ އަލިގަދަ އެއް ހެއްކެވެ.

މިވަގުތަށް ހަރަދުތައް ކުޑަކުރަން ހަރުއަޑުން ގޮވި އެތައް ކަތުންގެ ތެރޭގައި އަޅު ހިމެނުނީމެވެ. އަދިވެސް އެބަ ހުރީމެވެ. އަދިވެސް ރިޒޯޓްތައް ދަނީ ބަންދުކުރަމުން، މުވައްޒަފުން ގެއަށް ފޮނުވަމުންނެވެ. މަހުގެ އެކްސްޕޯޓެއް އަދި ނުފެށެ އެވެ. ދަތި ދުވަސްތައް އަދިވެސް އޮތީ ކުރިއަށެވެ.

ނަމަވެސް ކޮވިޑް-19 އަކީ އިންސާނިއްޔަތަށް އަދި ގައުމުތަކުގެ އިގްތިސާދަށް ވެސް އިއްވި މަރުގެ ރަނގަބީލެއް ނޫންކަން މިދަނީ ފާޅުގައި ޔަގީންވަމުންނެވެ. މިއަދަށް، އަދިވެސް ހަރަދު ކުޑަކުރާށެވެ. ތިމާއަށް ވީވަރަކުން އަނެކާއަށް އިހުސާންތެރިވުމުގައި، އެހެނަސް އުންމީދާ އެކުގައި މާދަމައަށް އިންތިޒާރު ކުރާށެވެ. އަޅުގަނޑުމެންގެ އަސާސީ ސިނާއަތްތަކަށް ބަދަލެއް ނާދެ އެވެ. ގޮނޑުދޮށްތައް އިހުނަށް ވުރެ ހުދެވެ. މޫދާއި ފަރާއި ފަޅުތަކުގެ ދިރުންތައް އިހުނަށް ވުރެ މުއްސަންޖެވެ.

ރޯގާގެ ބިރުވެރިކަން ކުޑަވާ މިންވަރަކުން، ފަތުރުވެރިންގެ ފޮށިތައް ބަނދެ، މި ބިރުވެރި ދުވަސްވަރުގެ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ރާއްޖެއާ ދިމާއަށް މިސްރާބު ޖަހޭނެތެވެ. ބުކިންތައް ހަދަން ފެށުމުން، ވަޒިފާތަކަށް މީހުން ނުކުމެ، ޓުއަ އޮޕަރޭޓަރުންނާއި، ޓްރެވެލް އެޖެންޓުންނަށް، ޑައިވް ދޯނިތަކުގެ ފަޅުވެރިންނަށާއި އެކްސްކާޝަންތަކުގެ ތަޖުރިބާކާރުންގެ މޫނުމަތިން މަޑުމަޑުން ނަމަވެސް ހިނިތުންވުމުގެ އަސަރު ފެންނާން ފަށާނެ އެވެ. ކުދި ގެސްޓް ހައުސްތަކަށް މީހުން އައިސް، ރަށު ކެފޭތަކަށް ދިރުން އައިސް، ލޯންޗް ފަހަރުގެ ދަތުރުތައް ކުރަން ފަށައި، ބާބެކިއު ޖަހަައި ޕިކްނިކް ދަތުރުތަކަށް ފުރާނެ އެވެ. މާދަމައަކު ނޫނެވެ. ނަމަވެސް ﷲ އިރާދަފުޅުން އެދުވަސް އޮތީ މާ ދުރުގައެއް ނޫނެވެ.

ކަނޑުގެ ރޯދީގެ ދިރުމަކަށް އުނިކަމެއް ނުލިބެ އެވެ. މާދަމާ ނޫނަސް ދާދި އަވަހަށް ބޭރުގެ ރެސްޓޯރަންޓްތައް ހުޅުވި މީހުން ވަދެ، ކެއުމަށްޓަކައި އެތަންތަނުގައި ދިވެހިން ބާނާފައިވާ ކަންނެލި މަސް ކޮޅަކަށް އެދި ހަރުއަޑުން އޯޑަރު ކުރާނެ އެވެ. އެއަޑު އިވި، ރަޖާ ފަތް ޖަހާލާ، ގޮނު ތައްޔާރުކޮށް، އަލުން އާ ހިތްވަރަކާ އެކު ފަޅުވެރިން ގޮވަައިގެން ދިވެހި ކަނޑުތަކަށް ކައްޕި ނުކުމެ، އިރާދަފުޅާ އެކު ކަނޑުގެ ރޯދި އެއްގަން ކޮށް ފެކްޓަރީތަކަށް ކިރުވައި، އާއިލާތަކަށް ހިތްހަމަޖެހުން ގެނުވާނެތެވެ.

މާދަމައަކު ނޫނެވެ. ނަމަވެސް ދިވެހި ސިނާއަތްތަކަށް ދިރުން އައިސް، ވަޒީފާތަކަށް ދިވެހިން ނުކުމެ، ދިވެހި އިގްތިސާދީ ދުވެއްޔަށް މަޑުމަޑުން ހަލުއިކަން އަންނާން ފަށާނެ ކަމީ ޝައްކުކުރުމުގެ ޖާގަ ވެސް އޮތް ކަމެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށެވެ.

ކޮވިޑް-19 އަކީ ދިވެހި އިގްތިސާދަށް ވެސް މަރުގެ ރަނގަބީލެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ، މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ ދާދި ފަހުން އިނގިރޭސި ބަހުން ނެރެން ފެށި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރަައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.