ފަލަކީ ހިސާބުން ދައްކަނީ އީދު ވާނީ އާދީއްތައަށް ކަމަށް

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހު، އިސްލާމީ އާދަކާދައިގެ މަތިން، މި އަހަރުގެ ޝައްވާލް މަހަށް ހަނދު ބެލުން ދުނިޔޭގެ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް އޮންނާނެ އެވެ. މި އާދަކާދައިގެ މަތިން ރާއްޖޭގައި ވެސް އެކަން އޮންނާނެ ކަމަށް ބެލެވެ އެވެ.


ހަނދު ބަލަން ނުކުތުމުގެ އާދަ ފެށުނީ ރަމަޟާން މަހުގެ ރޯދަ ހިފަން ފަށަން، ޝަޢުބާން މަސް ނިމި ރަމަޟާން މަސް ފެށިއްޖެ ކަން ކަށަވަރު ކުރުމުގެ ގޮތުންނާއި، ރޯދަ ހިފުން ހުއްޓައިލުމަށްޓަކައި، ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށިއްޖެކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. ސަބަބަކީ ރަމަޟާން މަހުގެ ރޯދަ ހިފަން އެ މައްސަރު ފެށިއްޖެކަން ކަށަވަރު ކުރުމަށާއި، ރޯދަ ހިފުން ހުއްޓައިލަން ޝައްވާލް މަސް ފެށިއްޖެކަން ކަށަވަރު ކުރުމަށް، ކީރިތި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާތީ އެވެ.

ނަބަވީ ޒަމާނުގަޔާއި އޭގެ ފަހުން ޞަޙާބީންގެ ޒަމާނާއި ތާބިޢީންގެ ޒަމާނުގައި ވެސް، މައްސަރެއް ފެށިއްޖެ ކަން ކަށަވަރުކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެނުމެވެ. ވިލާ ބޯވެގެން ނުވަތަ ޖައްވު ނުސާފުވުމުގެ ސަބަބުން ވެސް، 29 ވަނަ ދުވަހުގެ ރޭ ހަނދު ނުފެނިއްޖެ ނަމަ، ދެން އެކަން ކަށަވަރުކުރަން ފުރިހަމަކުރަން ޖެހޭ އިޖުރާއާތަކީ، ޖެހިގެން އޮތް ދުވަހަކީ، އެ މަހުގެ 30 ދުވަސް ކަމަށް ކަނޑައެޅުމެވެ.

ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންނަށް ދެއްވާފައިވާ ޢިލްމުގެ ޒަރީޢާއިން، މައްސަރުގެ ފެށުމާއި ނިމުން އަދި ދުވަސްތަކުގެ އަދަދުތައް ދުރާލައި ކަށަވަރު ކުރެވޭނެ ގޮތް ވަނީ މެދުވެރިކުރައްވައިފަ އެވެ. އަހަރުތަކުގެ އަދަދާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށް، ކައުނުގެ ތެރޭގައިވާ ބުރުޖުތަކެއްގައި އިރާއި ހަނދު ދައުރުކުރާނޭ ގޮތުގައި ލައްވައި، އިރާއި ހަނދު ހިނގުމަށް ވަކި މަންޒިލްތަކެއް މިންވަރުކުރައްވާފައިވާ ކަމަށް، ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެ އެވެ.

ނަމާދު ވަގުތުތަކާއި، އިރު އަރައި އޮއްސޭ ވަގުތާއި އިރުކޭތަ އާއި ހަނދު ކޭތަ ހިފާ ވަގުތުތައް ދުރާލައި ހޯދެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ މި ދެންނެވި އިލްމުގެ ޒަރީޢާއިންނެވެ. އެ އިލްމުގެ ޒަރީއާއިން ކަށަވަރުވާ ގޮތުގައި، ހިނގަމުން މިދާ ރަމަޟާން މަހުގެ ހަނދު އުފަންވެފައިވަނީ، ހުސްވި އޭޕްރީލް 23 ވަނަ ދުވަހު، ޖީއެމްޓީ ގަޑިން 02:26 (ރާއްޖޭ ގަޑިން 07:26)ގަ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސޭއިރު ޝަޢުބާން މަހުގެ ހަނދުގެ އުމުރުން ހޭދަވެފައިވާނީ، 29 ދުވަހާއި 10 ގަޑިއިރާއި 46 މިނެޓެވެ.

މިއިން އެނގެނީ، މަހެއް ފުރިހަމަވެއްޖެ ކަން ދެނެގަތުމަށް، ނަބަވީ އިރުޝާދުގައި ބަޔާންކުރައްވާފައިވާ ދެ ގޮތުން ކުރެ އެއް ގޮތް، ހާސިލްވެއްޖެ ކަމެވެ. އެއީ ރަމަޟާން މަހުން 29 ދުވަސް ފުރިހަމަ ވުމެވެ. ނަމަވެސް ކީރިތި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތުގައި، ހިޖްރީ ކަލަންޑަރުގައި 29 ދުވަހުގެ މައްސަރުތަކާއި 30 ދުވަހުގެ މައްސަރުތަކެއް ވެސް ހިމެނެ އެވެ.

ފަލަކީ އިލްމުން ކަށަވަރުވަނީ ހަނދު ނުފެންނާނެ ކަން

މިއަދަކީ ރަމަޟާން މަހުން 29 ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝައްވާލް މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ހިސާބުން ކަށަވަރުވާތީ، މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މައްސަރެއްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ޝައްވާލް މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ އެވެ.

ފަލަކީ ހިސާބުން ޔަގީންވާ ގޮތުގައި ރާއްޖޭގެ އެންމެ އުތުރަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް ހަނދު އޮއްސޭނީ މިއަދުގެ އިރު އޮއްސުމުގެ 10 މިނެޓް ކުރިންނެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ އިރުމަތީގައިވާ ބުރޫނާއީއަށް، މިއަދުގެ އިރު އޮއްސުމުގެ 17 މިނެޓް ކުރިން އަދި އެންމެ ހުޅަނގުގައިވާ ދެ ގައުމުގެ ތެރެއިން މޮރޮކޯއަށް، އިރު އޮއްސުމުގެ ހަތް މިނެޓް ކުރިން އަދި ސެނެގޯލްގެ ޑަކާރްއަށް، އިރު އޮއްސުމުގެ އެއް މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އެންމެ އުތުރުން ތުރުކީ ވިލާތުގެ އިސްތަންބޯލް އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 15 މިނެޓް ކުރިން ކަމަށް ވާ އިރު، އެންމެ ދެކުނުގައިވާ މޮޒަމްބީކްގެ މަޕޫޓޯ އަށް، އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން، އަދި މިޞްރުގެ ޤާހިރާއަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މިއިން އެނގެނީ މިއަދުގެ އިރު އޮއްސުމުގެ 1-17 މިނެޓު ކުރިން، އިސްލާމީ ހުރިހާ ގައުމަކަށް ހަނދު އޮއްސޭނެ ކަމެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ބަލަން ނުކުތް ކަމަށް ވިޔަސް، އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ނުހުންނާނެތީ، މިރޭ ހަނދެއް ނުފެންނާނެ އެވެ.

މިއަދަކީ ރަމަޟާން މަހުން 29 ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝައްވާލް މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ހިސާބުން ކަށަވަރުވާތީ، މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މައްސަރެއްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ޝައްވާލް މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ އެވެ.

ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ހުސްވި އޭޕްރީލް 23 ވަނަ ދުވަހު، ރާއްޖޭ ގަޑިން 07:26 އިން ފެށިގެން މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަވާނީ، މެއި 22 ވަނަ ދުވަހުގެ ރޭ 10:39 ގަ އެވެ. އެހެންކަމުން މިއަދު މާލެއަށް އިރު އޮއްސޭއިރު، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ބާކީ އޮންނާނީ ހަތަރު ގަޑިއިރާއި 27 މިނެޓެވެ.

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސުމާ އެކު ރަމަޟާން މަސް ނިމޭނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ޝައްވާލް މަހުގެ ހަނދު އުފަން ވެއްޖެ ނަމަ އެވެ. މަތީގައި މި ދެންނެވި ވަގުތުތަކުން އެނގެނީ، ރަމަޟާން މަސް ނިމި ޝައްވާލް މަހުގެ ހަނދު އުފަންވަނީ، މިރޭ ރާއްޖޭ ގަޑިން 10:39ގައި ކަމެވެ.

އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކުގެ ނިސްބަތުން ބަލާއިރު ވެސް، އެ ވަގުތަކީ، އެ ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ފަހުގެ ވަގުތެވެ. އެންމެ އިރުމަތިން ބުރޫނާއީ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ހަތް ގަޑިއިރާއި 12 މިނެޓް ފަހެވެ. އެންމެ ހުޅަނގުން ސެނެގޯލްގެ ޑަކާރް އަށް އެއީ، އިރު އޮއްސުމުގެ އެއް ގަޑިއިރާއި 53 މިނެޓް ފަހެވެ. އެހެންކަމުން ޝައްވާލް މަހުގެ ހަނދު އުފަންވަނީ، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ މާ ފަހުން ކަން، ކަށަވަރުކަމާ އެކު އެނގެ އެވެ.

މިދެންނެވި އިލްމީ ޙަޤީޤަތްތަކުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެނީ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމެވެ. އަދި މި އަހަރުގެ ފިޠުރު އީދު ދުވަހަށް ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ.

ނަބަވީ ސުންނަތުގައި އިރުޝާދު ދެއްވާފައިވަނީ، މަހެއްގައި 29 ދުވަސް ހަމަވާއިރު، އެ މަސް އެކުގައި ނުނިމޭ ނަމަ، (29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ނުފެނިއްޖެ ނަމަ)، އެ މަހުން 30 ދުވަސް ފުރިހަމަ ކުރުމަށެވެ. މި އުޞޫލުން ބަލާއިރު، މާދަމާ ވާނީ މި ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އިލްމުގެ ޒަރީއާއިން މައްސަރުތަކުގެ ފެށުމާއި ނިމުން ދެނެގަނެވެން ނެތް، އަދި ހަމަ ލޮލަށް ފެނުމުން ނޫނީ މަސް ފެށިއްޖެކަން ސާބިތުކުރުމުގެ ޤާބިލްކަން ނެތް ޒަމާނުގައި، މުސްލިމުން ޢަމަލުކުރުމަށް، ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި އޮތީ ވެސް، އަދި އަމަލު ކުރަމުން އައީ ވެސް އެ ގޮތަށެވެ.

މިހާރު މި ބިމާއި އިރާއި ހަނދު ފަޒާގެ ތެރޭގައި ބުރު ޖަހަމުންދާ ފަލަކަށް ބަލައިއިރު، މާލެއަށް މިއަދު އިރު އެރުމުގެ 24 މިނެޓް ކުރިން ހަނދު އަރާނެ އެވެ. މިއަދު އިރު މެދު ޖެހޭ ވަގުތު ވެސް ހަނދު ހުންނާނީ އިރަށް ވުރެ ހުޅަނގުގަ އެވެ. ނަމަވެސް، ރަމަޟާން މަހުގެ ހަނދު އުފަންވި ވަގުތުން ފެށިގެން، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަކުރަން، ހަނދު ދާނީ އިރާ ކައިރިއަށް ޖެހެމުންނެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެ ބުރު ފުރިހަމަ ނުވާތީ، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ.

މިދެންނެވި އިލްމީ ޙަޤީޤަތްތަކުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެނީ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމެވެ. އަދި މި އަހަރުގެ ފިޠުރު އީދު ދުވަހަށް ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު އަބްދުﷲ ސައީދަކީ ކުރިން "ހަވީރު" އަދި އޭގެ ފަހުން "މިހާރު"ގެ އިސް މަގާމުތަކެއް ފުރުއްވި ނޫސްވެރިއެކެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަހުމަދު އަބްދުﷲ ސައީދު ގެންދަވަނީ ރަމަޟާން މަހުގެ ހަނދާއި އީދަށް ހަނދު ބެލުމާ ބެހޭ ގޮތުން އިލްމީ ލިއުންތައް ލިއުއްވަމުންނެވެ.