ޚިޔާލު

މޫސަގެ ކޮލަމް: ޖީއެމްއާރުގެ ވާހަކަ ނިމިއްޖެ، 4 ބިލިއަން ރުފިޔާއާ އެކު!

އެއާޕޯޓުގެ ދެވަނަ ރަންވޭ އަޅަން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. ޖީއެމްއާރުގެ ޕްލޭންގައި އާ ރަންވޭއެއް ނެތް --ފޮޓޯ: މުހައްމަދު ޝަރުހާން

16 ނޮވެމްބަރ 2016 - 05:58

55 comments

އެންމެ ފުރަތަމަ ބުނެލަން އޮތީ ޖީއެމްއާރުގެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ އިސް ވެރިންނަށް ދެއްކެވޭނެ ގައުމަށް ފައިދާ ހުރި ވާހަކައެއް ނެތް ކަމެވެ. ދެ ވަނަ އަށް ބުނެލަން ބޭނުންވަނީ އެމްޑީޕީން ދިން ގޮތަށް ބޭރުގެ އެއްވެސް ކުންފުންޏަކަށް ރާއްޖޭގެ މައި އެއާޕޯޓް ދޫކޮށްލަން އަބަދުވެސް ދެކޮޅުހަދާ ދިވެހިންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ ވާހަކަ އެވެ.

ފެށުން ވެސް ގޯސް

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް އަދި ދައުލަތުގެ އެންމެ އަގުހުރި އެއް މުދާ، އިންޑިއާގެ ޖީއެމްއާރަށް ފުރަތަމަ ވެސް ދިނީ ޝައްކުތަކުން ފުރިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ބުނެވެން އެބަ އޮތެވެ. މާކްސް ދޭން ކަނޑައެޅި ދާއިރާތަކުގެ ތެރެއިން ޓެކްނިކަލް ބައިން އެ ކުންފުނި ފޭލްވި އެވެ. އެކަމަކު ކުއްލިއަކަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ގޮތް ނޭނގޭ ގޮތަކަށް އެ ބައިން ވެސް "ފާސްކޮށްދިނީ" އެވެ. އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިން ވެސް އޮތީ ފާހަގަވެފަ އެވެ.

އައިއެންއައިއޭ ތަރައްގީކުރާށާއި 25 އަހަރަށް ހިންގުމުގެ ފުރުސަތު ޖީއެމްއާރަށް ދިން ގޮތް އެއްފަރާތުގައި ބޭއްވުމަށް ފަހު، ދެން ހިނގަމުން އައި ބައެއް ކަންކަމާ މެދު ވިސްނާލިޔަސް، އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ)ގެ ސިޔާސަތުގެ ދަށުން އެމްޑީޕީ ސަރުކާރަށް އެޅުނު އެންމެ ގޯސް އަދި ގައުމީވަންތަކަން އެންމެ ކުޑަ ފިޔަވަޅުކަން އެނގޭނެ އެވެ. ގައުމީވަންތަކަމޭ މި ދަންނަވަނީ، އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ އިތުރުން ޖީއެމްއާރު ބޭނުންވާ ކޮންމެ ކަހަލަ ވިޔަފާރިއެއް ވެސް ކުރުމުގެ ފުރުސަތު، އެގްރީމެންޓްގެ "ފޮރުވިފައިވާ ސިޔާސަތު"ގެ ތެރޭގައި، ދީފައި އޮތުމާއި، ރާއްޖެ ކަހަލަ ޑޮލަރުގެ މުހިންމުކަން ބޮޑު ގައުމެއްގައި ސަރުކާރަށް އެންމެ ގިނަ އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭ ދޮރުގެ ހުރިހާ ބާރެއް ބޭރު ބަޔަކަށް ދޫކޮށްލުމުންނެވެ.

ޖީއެމްއާރުގެ އަސްލު ޕްލޭން ދިވެހި ގިނަ ވިޔަފާރިތަކަށް ވީހީ ބިރަކަށެވެ. މިސާލަކަށް މިހާރުގެ ޓާމިނަލް ހުންނަ ހުޅުލޭގެ މުޅި ހުޅަނގު ފަރާތް ތަރައްގީކުރަން ރާވާފައި އޮތީ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގަ އެވެ. ބޮޑެތި ފިހާރަތައް ހުޅުވައި، ޕާކްތަކާއި މުނިފޫހިފިލުވުމުގެ ގިނަ އިންތިޒާމްތައް ހަމަޖައްސައިދީ، މާލޭގެ ރައްޔިތުން ކޮންމެ ދުވަހަކު ޒިޔާރަތްކޮށް ހަދާ ތަނަކަށް ހުޅުލެ ބަދަލުކޮށްލީހެވެ. "އެއީ ކިހާ ރަނގަޅު ތަރައްގީއެއްހޭ" ބައެއް މީހުން ބުނެފާނެ އެވެ. އެކަމަކު އެދުވަސް އައި ނަމަ، މާލޭގެ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވުން ކައިރި އެވެ. ފަސް ބިލިއަން ޑޮލަރުގެ އަގުހުރި ބޮޑު ކުންފުންޏަކާ، މާލޭގެ މަޖީދީ މަގުގެ ވިޔަފާރިވެރިންނަށް ވާދަކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު އާންމު ދިވެހިން ކޮށްކޮށް ތިއްބާ، ޖީއެމްއާރުން ޑޮލަރު ބޭރުކުރާނީ ހަމައެކަނި އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީއަކުންނެއް ނޫނެވެ. ދިވެހިން ގަންނަ އަންނައުނަށް ދާންދެން އެމީހުންގެ ވިޔަފާރީގެ ތެރޭގައި ހިމަނާލީހެވެ.

ޖީއެމްއާރުގެ ނުފޫޒު

ޖީއެމްއާރާ އެކު ހެދި އެގްރިމެންޓްގެ ނުރައްކާ ކިހާ ބޮޑުކަން ހަމައެކަނި މަތިމަތިން ބަލައިގެންނެއް ނުފެންނާނެ އެވެ. މަތީގައި އޮތީ ސިޔާސީ ހަންގަނޑެކެވެ. އެމްޑީޕީގެ އެންމެ އިހުލާސްތެރި ސަޕޯޓަރުން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ އެއްބަސްވުން ދިފާއުކުރާނެ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އޭގައި ހުރި ނުބައިތައް، އިތުރުކޮށްގެން ނަމަވެސް ދައްކާނެ އެވެ. އެހެންކަމުން ޖީއެމްއާރުން އެއާޕޯޓް ހިންގައިގެން ލިބޭނެ ކަމަށް ބެލެވޭ ފައިދާ އާއި އެމްއޭސީއެލުން ހިންގައިގެން ލިބޭނެ ފައިދާއާ ބެހޭ ގޮތުން ދެ ފަރާތުން ދައްކާ ވާހަކަ އަށް އެހާ ބޮޑު ސަމާލުކަމެއް ދެވޭކަށް ނެތެވެ. ދެކޮޅުން ވެސް އެ މައުލޫއުގައި އުޅެނީ ރައްޔިތުންގެ ބޮލަށް ވެރިވެގަންނާށެވެ.

އެހެންކަމުން ބިލިއަން ރުފިޔާގެ ހިސާބު އަދަދުތައް އިހަށް ބަހައްޓާށެވެ. ޖީއެމްއާރުގެ ނުފޫޒާ މެދު ވިސްނާލާށެވެ. އެ ނުފޫޒު ސަރުކާރުގެ ތެރެއަށް ފޯރުވިވަރު އެނގޭނެ އެއް ކަމަކީ ތެލުގެ ވިޔަފާރިން އެމްއޭސީއެލް އަށް ދޭން އަސްލު އެގްރިމެންޓްގައި ކަނޑައަޅާފައި އޮތް ގޮތަށް ގެނައި ބަދަލެވެ. ހަމައެކަނި ޖީއެމްއާރުން ވިސްނާ ގޮތަށް މުޅި ފޯމިއުލާ ބަދަލުކޮށްލުމުން އެމްއޭސީއެލް އަށް ބޮޑު ގެއްލުމެއް ލިބުނަސް ސަރުކާރުން އެކަމަށް އެއްބަސްވި އެވެ. ޖީއެމްއާރުން ނަގާ ލޯނަށް ސަރުކާރުން ގެރެންޓީ ދޭން އަސްލު އެގްރިމެންޓްގައި ނެތް ނަމަވެސް، އެމްޑީޕީ ސަރުކާރުން ފަހުން ވަނީ އެހެން އެއްބަސްވުމެއްގެ ތެރެއިން އެ ފުރުސަތު ވެސް ދީފަ އެވެ. އެގްރިމެންޓް ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުން އެމްއޭސީއެލް އިން ޖީއެމްއާރަށް މިހާރު ދައްކާފައިވާ 271 މިލިއަން ޑޮލަރުގެ ތެރޭގައި، އެއާޕޯޓް ތަރައްގީކުރަން ޖީއެމްއާރުން ނެގި 150 މިލިއަން ޑޮލަރުގެ ލޯނު ހިމެނެ އެވެ.

ރައީސް ނަޝީދު ދާދި ފަހުން "މިހާރު"ގައި ލިއުއްވި ޚިޔާލުފުޅުގައި ދައްކަވާފައިވާ ބައެއް ޕޮއިންޓްތަކާ މެދު ސުވާލު އުފެދެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މުވައްޒަފުންނަށް އޮތް ވަޒީފާގެ ފުރުސަތެވެ. އެއާޕޯޓާ ހަވާލުވާ ދުވަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ދެ އަހަރުގެ އެގްރިމެންޓެއް ދޭން ޖީއެމްއާރަށް މަޖުބޫރުވެފައި އޮތުމަކީ ދެ އަހަރަށް ފަހު ވަޒީފާ ކަށަވަރުވުމެއް ނޫނެވެ. ގިނަ އަދަދެއްގެ އިންޑިއާ މުވައްޒަފުން ގެނެސް އެއާޕޯޓް ފުރާނުލެވުނީ އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުންނެވެ. އެހެންކަމުން އެއާޕޯޓްގެ ވަޒީފާގެ 90 ޕަސެންޓަކީ ދިވެހިން ކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް، ޖީއެމްއާރުން ކުރި އެއްވެސް ކަމެއް އޭރުގެ ސަރުކާރަށް ނުހުއްޓުވުމުން އެނގެނީ، ވަޒީފާގެ މަންޒަރު ވެސް ބަދަލުވީސް ކަމެވެ.

އާ ޓާމިނަލާ އެއްވަރަށް އެއާޕޯޓަށް ބޭނުންވެފައި އޮތް އަނެއް ތަރައްގީއަކީ، މުސްކުޅި ރަންވޭގެ ބަދަލުގައި އާ ރަންވޭއެއް ހެދުމެވެ. އެކަމަކު ޖީއެމްއާރުގެ ޕްލޭންގައި އަދި ސަރުކާރުގެ އެއްވެސް ޑިމާންޑެއްގައި ވެސް، އާ ރަންވޭއެއްގެ ވާހަކައެއް ނެތެވެ. ޖީއެމްއާރުން އެއާޕޯޓް ހިންގުމާ ހަވާލުވިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އޭރުގެ ސީއީއޯ އެންޑްރޫ ހެރިސަން "ހަވީރު" އަށް ދެއްވި އިންޓަވިއުގައި އެ ސުވާލުކުރުމުން ވިދާޅުވީ މިހާރު އޮތް ރަންވޭ ކުދިކުދި މަރާމާތާ އެކު 35 އަހަރަށް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. ނަމަވެސް ރަންވޭގައި ހުރި މައްސަލަތައް ގިނަކަމުން، ކޮންމެ ވަގުތަކު ވެސް ރާއްޖޭގެ މައި އެއާޕޯޓް ބަންދުކުރަން ޖެހުމުގެ ބިރު އޭރު ވެސް އޮތެވެ.

އާ ރަންވޭއެއް އަޅާނެކަން ޖީއެމްއާރުން އިއުލާންކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލާނެކަން އެ ކުންފުންޏަށް ޔަގީންވީ ހިސާބުންނެވެ. އެހެންކަމުން ޖީއެމްއާރުން ހުރިހާ ވެސް ފޯކަސްއެއް އޮތީ ވީހާ ވެސް ކުޑަ އިންވެސްޓެއްކޮށް، ވީހާ ވެސް ބޮޑު މަންފާއެއް ހޯދަންކަން އެނގެ އެވެ. އަދި އެއިން އެއްވެސް ކަމެއް ހުއްޓުވުމުގެ ބާރެއް އެމްޑީޕީ ސަރުކާރަކަށް ނެތެވެ.

ޖީއެމްއާރުން އެއާޕޯޓުގައި އަޅަން އުޅުނު އާ ޓާމިނަލްގެ ބުޑުތައް ކުނޑި ގަލަށް ހަދާފައި: އެމްއޭސީއެލް އިން މިހާރު ވަނީ ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދީފައި

އައިއެންއައިއޭގެ ހުރިހާ ވިޔަފާރިއެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުން ގައުމަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކަށް ވާނީ ބޭރު ފައިސާގެ މާކެޓަށް އަންނާނެ ނާޒުކު ބަދަލުތަކެވެ. އެއާޕޯޓަކީ ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެވެ. އެމްއޭސީއެލް އިން އެއާޕޯޓް ހިންގި އިރު އޭގެ ތެރެއިން ބޮޑު ބައެއް ހިފެހެއްޓީ ރާއްޖޭގަ އެވެ. އެކަމަކު ޖީއެމްއާރުން އެ ހުރިހާ ޑޮލަރެއް ސީދާ ބޭރުކުރީ އެވެ. ކުންފުނީގެ ބޮޑު ހުރިހާ އެކައުންޓެއް ސްޓޭޓް ބޭންކް އޮފް އިންޑިއާގަ އެވެ. ޑޮލަރުތައް ބޭރުކުރާ ވާހަކަ ސިޔާސީ ވުމުން މުވައްޒަފުންގެ މުސާރައިގެ ދެ ބައި ކުޅަ އެއް ބައި ޑޮލަރުން ދޭ ގޮތަށް ހަމަޖެއްސި އެވެ.

ޖީއެމްއާރުގެ ނުފޫޒާއި ބާރުގައި އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިން ތާށިވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ޖީއެމްއާރުން ބޭނުންވާ ގޮތަކަށް ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ކަންކަން ނިމިގެން އައީ، އެ ކުންފުނީގެ ވަކީލުން ތައްޔާރުކޮށް ފޮނުވި ލިއުންތަކަށް ސަރުކާރުން އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ. އޭރު އަޅުގަނޑަށް ދޭހަވީ އެމްޑީޕީ ސަރުކާރަކަށް ޖީއެމްއާރުގެ އަތްދަށުން ސަލާމަތްނުވެވޭނެ ކަމެވެ. އޭގެ ނުބައި ނަތީޖާ، ލަހުން ނަމަވެސް ފެންނާނެ ކަމެވެ.

ދައުލަތުގެ މުއްސަނދިކަން

ޕީޕީޕީ އަކީ އެމްޑީޕީ ސަރުކާރުން ރަނގަޅު މަގުސަދެއްގައި ފެށި މުހިންމު ސިޔާސަތެކެވެ. އެ ސިޔާސަތުގެ ސަބަބުން ބައެއް ދާއިރާތަކުން ސަރުކާރަށް ކާމިޔާބު ލިބުން ވެސް ކައިރި އެވެ. އެކަމަކު އައިއެންއައިއޭ އަކީ، ރަށެއްގައި ނަރުދަމާ އެޅުންހާ ކުޑަ އެއްޗެއް ނޫނެވެ. އެއީ ދިވެހިންގެ އެތައް ހާސް ވަޒީފާއަކާއި މުޅި ރާއްޖެ އެއަށް ބަރޯސާވެފައިވާ، އެންމެ އަގުބޮޑު މުދަލެވެ. އެތަނުގެ ބޭނުންކޮށްގެން ވިޔަފާރީގެ ދާއިރާ އިންނާއި އެހެން ކަންކަމުން ދިވެހިން "އަޅުވެތިވާނެ" ފުރުސަތު ކުޑަކޮށް ވެސް އޮވެގެން ނުވާނެ އެވެ. އެކަމަކު މައްސަލަ އަކީ އެ މަގަށް ވެއްޓޭނެ ގޮތަށް ޖީއެމްއާރުގެ އަމަލްތައް ފެނުމެވެ. އެންމެ ފަހުން ޖީއެމްއާރުގެ ވާހަކަ ނިމުނު އިރު ދިވެހިންގެ މުއްސަނދިކަމުން ހަތަރު ބިލިއަން ރުފިޔާ އެވަނީ އުނިވެފަ އެވެ.

ދުރުވިސްނޭ އަދި މޮޅު ސިޔާސީ ލީޑަރުންނަކީ ދައުލަތުގެ މުއްސަނދިކަން ގައުމު ތެރޭގައި ހިފަހައްޓައިދޭނެ ގޮތަށް ކަންކަން ރާވާ މީހުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއާޕޯޓް ހިންގީ ވިޔަފާރީގެ އުސޫލުން ނޫންކަން އެނގެ އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ ބޭރު ކުންފުންޏެއްގެ ނުފޫޒުގެ ދަށުނުވެ، އެއާޕޯޓްގެ މަލަމަތި ބަދަލުކޮށްލުމުގެ ފުރުސަތެވެ. ހަމައެކަނި އެމްއޭސީއެލްގެ ފައިސާ އިން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ގަނޑުކޮށް ދެއްކުމުން އެނގެނީ ސަރުކާރުން އެއާޕޯޓް ހިންގައިގެން ވެސް ދައުލަތަށް ހިނިތުންވެވިދާނެ އާމްދަނީއެއް ލިބިދާނެ ކަމެވެ. ހިތާމައަކީ އެ ފުރުސަތު ދޫކޮށްލުމެވެ. އަދި އަލުން އެ ފުރުސަތު ހޯދަން އެޅި ފިޔަވަޅެއްގެ ސަބަބުން 4 ބިލިއަން ރުފިޔާ ބޭކާރުވުމެވެ.

55 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 13%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއަލިފު

27 May 2023

#އިންޑިއައުޓު ދެން ނިމޭނީ މިކަން އިންޝާﷲ

The name is already taken The name is available. Register?

ސާފުބަހުން

23 November 2016

މިދުވަސްކޮޅު މި ރިފޯޓް ގެެނެސްދެއްވީތީ ވަރަށް ބޮޑަށް އުފާވެއްޖެ. މިހާރުގެ ސަރުކާރުން ކުރަމުންދާ ބޮޑެތި ޚިޔާނަތާ ނާއިންސާފުގެ ގިނަ ކަންކަމާއި ގުޅުވއިގެން އެމްޑީޕީން އަނެއްކާވެސް އެމީހުންގެ ވެރިކަމުގައި ހަދާފައި ހުރި ބޮޑެތި ގޯސްތައް ރަނގަޅުކަމަށް ހަދައި އޮޅުވާލަން އުޅޭތީވެ ވަރަށް ކަންބޮޑުވޭ. އަޅުގަނޑުވެސް ގަބޫލުކުރަނީ 2008 ގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ފަސާދައާ ޚިޔާނާތް ބޮޑުކަމަށް. އެކަމަކު އެއްބައެއްގެ ނުބައިން އަނެއްބަޔަކު ނާޖާއިޒު ނަގާކަށް ރައްޔިތުން ޖާގަ ދީގެނެން ނުވާނެ. މިހާރު ރާއްޖޭގައި ނުރަސްމީ ދުސްތޫރަކަށް ވެއްޖެ ކޮންމެ 5 އަހަރަކުން ލާ ވޯޓަކީ ރައްޔިތުންނަށް ދޯކާދީފައި ގާނޫނުތައް ފައިދަށުލައި ރައްޔިތުންގެ ހައްގުތައް ޖަހައިގަތުމަށް ސިޔާސީ ގޭންގުތަކުން ބާއްވާ ބެޓްކުރުމަކަށް. ކޮންމެ ގޮތަކަށް ވެރިކަން ކުރަމުންވެސް މި ދައުވާކުރަނީ 5 އަހަރު ހަމަވަންދެން ވެރިކަން ކުރުމުގެ ހައްގު ލިބިގެންވާ ވާހަކަ.

The name is already taken The name is available. Register?

އިބްރާހިމް

23 November 2016

މިކަހަލަ ލިއުމެއް މި ނޫހުގަ ދުވަހަކުވެސް ޖަހާނެކަމަކަށް ހިއެއްވެސް ނުކުރަން... ވަރަށްރަގަޅު ލިއުމެއް

The name is already taken The name is available. Register?

ޒައި

16 November 2016

ހަސީ.. ދަންނަވަންތޯ ވާހަކައެއް. އެމްއޭސީއެލް އިން ދައްކާ ފައިސާއިންވެސް 'ދައުލަތުގެ ރިޒާވް' އެވަނީ ދަށް. އެކައުންޓިންއާ އިކޮނޮމިކްސްއަކީ ދޭއްޗެއް. އެކައުންޓިންގަ އެއްޗެއް ރެކޯޑުކުރާ ގޮތާ އިކޮނޮމިކް އިންޓަރެސްޓް (މަޞްލަހަތު) އެއީ ތަފާތު އެއްޗަކަށްވީމާ. ހިސާބަށްވުރެ މޮޅުވެގެން ނޫޅޭ.

The name is already taken The name is available. Register?

ގުއިދުއް

16 November 2016

ބޭބެ ބުނަންތަ މޮޔަމީހާއަށް ވޯޓުލިބުނުގޮތް. އެ ލިބުނު ވޯޓުތަކަކީ ނުކުޅެދޭ މީހުން ނުވަތަ މޮޔައިންގެ ވޯޓު. ދިވެހިންގެ ތެރޭގަ މޮޔައިން ވަރަށްގިނަ.

The name is already taken The name is available. Register?

އިއްސެ

16 November 2016

ނަޝީދުގެ ވިސްނުން ހުރީ ސަރުކާރު ކުންފުންޏަކަށް ޑޮލަރު ވައްދާކަށެއް ނޫން. ނަޝީދުގެ ވިސްނުން ހުރީ ދަތުރުފަތުރުގެ ނިޒާމާ ގުޅުން ހުރި ހުރިހާ ދާއިރާއެއް ތަރައްގީކޮށް ހެސްކިޔާފަ ޓޫރިސްޓުން މިގައުމަށް ވައްދާ ޓޫރިސްޓުން ރާއްޖޭގެ އެކި ހިސާބުތަކަށް ފަސޭހަކަމާއެކު ދެވޭނެގޮތް ހަދާދީ ގެސްޓްހައުސް ތަކުން ސީދާ ދިވެހި ރައްޔިތުންގެ އަތަށް ޑޮލަރު ވައްދާދޭން. މިހެން މިކަން އޮތަސް ޖީއެމްއާރުގެ އެއްބަސްވުމަކަށް މަށެއް ތާއީދެއް ނުކުރަން.

The name is already taken The name is available. Register?

ސަލީމު

17 November 2016

ނަސީދުގެ ވިސްނުން ހުރީ މި ގައުމު އިންޑިއާއަށް ދީދަ ފިލައި ރައްކާވާން. އެމެރިކާ އާ އިންޑިއާ އަޑީގަ އޮވެގެން ލޯންގްޓަރމް ސްޓްރެޓެޖިކް ޕްލޭން އެއްގެ ގޮތުގަ ވައިގެ ބަދަރު ހިމެނީ. ޖީއެމްއާރު އެރިތާ 1 އަހަރު ވިތަނާ ދިވެހިރާއްޖެ ރޫޅެން ފެށިކަން އެގޭނެ. މަޖިލސްތެރެއަށް ވަދެފިކަން އެގޭނެ. ރައީސްއޮފީސްތެރެއަށް އޮތީ ވަދެ ނިމިފައި

The name is already taken The name is available. Register?

ހުސޭނުބެ

16 November 2016

ނަޝީދުގެ ސަރުކާރު ވެއްޓެން ދިމާވި އެންމެ ބޮޑު އެއްސަބަބު ހުޅުލެ އެއަރޕޯޓް ޖީއެމްއާރަށް ހިތުހުރިގޮތަކަށް ދިނުން!! ދެން މިކަހަލަ ދެފުށް ނުފެންނަ ކަނޑުކޮސް އެތައްކަމެއް އެސަރުކާރުންކޮށްފައިވަނީ!! އަލުން މިކަންކަން އިއާދަކުރަން ކުރާ މަސައްކަތުން އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގެ މުއްސަނދިކަމުން ގެއްލިގެން މިދިޔައީ!! އާޚިރު ނަތީޖާ ރަގަނޅުވާނެކަމަށް އުންމީދުކުރެވޭ!!

The name is already taken The name is available. Register?

ޙެހެހެ

16 November 2016

ތިޔަ އަދި ނިމުނީކީ އެއް ނޫން! އުފެދުމުގައި ވެސް ބާތިލް ކޮންޓްރެކްޓެކޭ ބުނެ އެކެންސަލް ކޮށްލި މީހުންނަށް އަދި ދައުވާ ކުރުން އޮތީ! ޢެކަން އިރާދަ ކުރެއްވިއްޔާ ދެން އަންނަ ވެރިކަމެއްގައި ކުރާނެ! ޢަދި އޮތީ ކުރިޔަށް.

The name is already taken The name is available. Register?

ކެކެކެކެ

16 November 2016

ހުވަފެން ދެކިދެކި ތިބޭ.ނަޝީދަށް އަދި އެމްޑީޕީއަށްވެސް ދެންވެރިކަމެއް ނުލިބޭނެ.

The name is already taken The name is available. Register?

ާއަހުމަދު

16 November 2016

އެމް.ޑީ.ޕީ ސަރުކާރުން ޖީ.އެމް.އާރަށް އެއަރޕޯޓް ދޫކޮށްލައިގެން އެމީހުން ބޭނުންހައި ކަމެއް އެމީހުން ބޭނުންވާހައި ގޮތަކަށް ބަދަލުކޮށްދީގެން އެމީހުންނަށް މަންފާ ލިބޭގޮތަށް ކަންތައްތައް ކޮށްދިނީ އެމް.ޑީ.ޕީއަށާއި ޕާޓިގެ ބޮޑުންނަށާއި އޭރު ސަރުކާރުގެ އިސް މަގާުމުތަކުގައިތިބި ބައެއް މީހުން ޖީ.އެމް.އާރ މެދުވެރިކޮށް އަމިއްލަ މަންފާތަކެއް ހޯދުމަށް. އެކަން އެފަރާތްތަކުން ހާސިލުކުރިވެސްމެ.

The name is already taken The name is available. Register?

ޕޮކަންޑި މޭން

16 November 2016

ދެއުޅިއެއްނުވާ މީހަކަށް ޤައުމުގެ ރައީސްކަން ބަދަލަކަށޭ ކިޔާފައި ތަބަކަކަށް ލާފައި 2008 ގައި ދިނުމުން ދިވެހިން ކަރުބުޑުގައި ލީ ހިތި ރަހަ އަދިވެސް މިއުޅެނީ ނުކެނޑިގެން. ނަޝީދު ކެނޑި ކަނޑުލުގެ ހިތި ފިލުވަމުން އެއާ އެކުއެކީ ދިވެހިރާއްޖެއަށް އެހެން ވެރިއަކަށް 1000 އަހަރުން ގެނެސްނުދެވޭނެ ތަރައްޤީ މި ފާއިތުވި 03 އަހަރުތެރޭ ގެނެސްދެއްވައިފި. #ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454