ޕީޖީ ޝަމީމް: ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ ދަށު ކޯޓުން އިއްޔެ ވަނީ ނިންމާލާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
20 ޖެނުއަރީ 2022 - 10:40
ބްލޮގަރު ޔާމީން ރަޝީދު މަރައިލުމުގައި އިސް ދައުރެއް އަދާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި އޭނާ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރި އެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ރޭ ހުކުމްކުރީ ހައިޝަމާއި ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމުގައި ވެ އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެންމެ އިސްދައުރެއް އަދާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ނަމަވެސް ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ މައްސަލައިގެ ބަޔާންތަކާއެކު މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ދިރާސާކުރުމަށް ފަހު، އެ ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، އެ ހާދިސާ ހިނގި ރޭ ހައިޝަމާއި ޒިހާން އެ ސަރަހައްދުގައި އުޅުނު ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ.
މީހެއްގެ ހަޅޭކުގެ އަޑު އިވުނު ފަހުން، އެ ދެ މީހުން ޔާމީން ދިރިއުޅުނު ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް ހެކިން ބުނެފައިވާ ކަމަށާއި އެހެންވެ، އެ ދެ މީހުން އެ ގެއަށް ވަން ކަމުގެ ހެކި އެބަހުރި ކަމަށް ގާޒީ ވިދާޅުވި އެވެ. ދިފްރާނާއި ޝިފާޒާއި އިސްމާއިލް ރަޝީދުގެ އިތުރުން ޒިޔާދު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެކަމަކު، ޕީޖީން ބުނީ މައްސަލައިގެ ހެއްކާއި ގަރީނާ އިން، އެ ހަތަރު މީހުންނަކީ ވެސް ޔާމީން މަރައިލަން ރާވައި އެކަން ތަންފީޒު ކުރުމުގައި އެކި ވަރަށް ބައިވެރިވެފައިވާ ބައެއްކަން އެނގޭ ކަމަށެވެ.
"އާއްމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މި ބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މި އޮފީހުން ދެކެމެވެ. އަދި މި ފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނަމެވެ،" ބަޔާނުގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައުފީގު
23 January 2022
ހަވާ އަރުވަންވީނުން.ވަރަށް ވަރުގަދަ ކާމީޔާބީއެއް.ސަރުކާރު ހަފުތާއަކަށް ބަންދުކޮށް ހަވާ އަރުވަން ފެނޭ.މަސްތުވާ ތަކެތި 100 ކިލޯއިން ފެނުނީމަވެސް އެންމެން ކޯޓުން ދޫކޮށްލުމަކީވެސް ވަރަށްބޮޑު ކާމިޔާބީއެއްތާ..
ޖާބެ
20 January 2022
ކޮބާހޭ ފަންޑް ކުރި މީހުން
ބރ
20 January 2022
ބުރޯ ކާމިޔާމީ އަކީ ހަމަ އެކަނި ގަސް އުފުރާލުމެއް ނޫން. އަޑިއަށް ފައިބާފަ ހުރި ކައްޓަލަ ތަކުގައި އަތް ނުލެވެންޏާ އެއިން އަދިވެސް ނިރު ފަޅާނެ. މުށުން ދޫވި ގުމްރީ ތަށް ގިނަވީމާ ދަތްދިލުވަން އަދި މާ އަވަސް.
ދޮންއާދަނި
20 January 2022
އަދި ނުނިމޭ އިތުރު މަރުހަލާތަކުން އެމީހުން ސަލާމަތްކޮށްދޭނެ....މިއީއަނެއްދިވެހިރާއްޖެ، ކުއްވެރިން ކުއްވެރިނުވާނެ ތިން މަރުހަލާ ނިމިގެންދާއިރު ސްލާމަތްވާނެ
ކަތްދައްތަ
20 January 2022
މީނާ މިހެން މިކަން ސެލެބަރޭޓުކޮށް ޕާޓީއެއްކޮށް ނައްޓުވަން ހުއްޓައި އެންމެ މަތީ ކޯޓުން މީތި އަނބުރައިލާނެ. ހެދޮފަ ހުރި ގޯސްތައް ވަރަށް ބޮޑުވީމަތާ ގިނަ މީހުން އެބެޗީ. މީހަކު މެރުމުގައި އެންމެ އެކައްޗެއްކިޔައިގެން ކަންނިންމާލީމާ ހަމައެކަނި ކުށްވާނީ 2 މީހުން އެކަންޏެއްނޫން. އެދެމީހުން ކުށްވެގެން އެހެން މީހުން ދޫވީވެގެން ދިޔައިމު ޝައްކުވޭ.
ހަސަނު
20 January 2022
މިހާރު ކަންކަން މިދާ ރޭޓުން ރަނގަޅު އެވަރު ވިކަންވެސް.. އެކަމަކު މިހާރު އެވީގޮތުން މީހުން މރާ ބަޔަކު މުޖުތަމައަށް ދޫވެއްޖެ...
ދިއްދޫމީހާ
20 January 2022
ސަޅި ބައިސާ ނުކަނޑަނާ، ކޮބާތޯ އައްޑޫގެ މަރުގެ މައްސަލަތައް؟؟ މަރުގެ 2މައްސަލަ ނިމުނީ ސާބިތު ނުވާކަމަށް، މިކޭސްގަވެސް އުންސަރު ފުރިހަމަ ކުރާ މީހާގެ މޮޅުކަން ދައްކަން މިއުޅެނީ…
އެމްސް
20 January 2022
ބޮސް ނުހޯދޭތީ ދެރަވޭ!
ކޮމެންޓަރީ
20 January 2022
އެހެންކަމުން ދެން ޖެހޭނީ ޔރ ގެ އާއިލާ އައް ދެންއޮތްބައި؟
ތަމެންދޯ
20 January 2022
ހުކުމް ކުރި އިރު ކުށް ސާބިތު ނުވާ މީހުންގެ މުޅި ދިރިއުޅުން އެދިޔައީއޭ މިއިން އެގިގެންދާ އެއްޗަކީ އެއީ ފުލުހުންގެ އިދާރާ އިން ކުށް ކޮށްގެން ކަމަށް ތުހުމަތު ކޮށް ހައްޔަރު ކުރަނީ އެއީ ކަމާއި ނުވެސް ގުޅޭ މީހުންނޭ މިކަން ނޫންތޭ ފުރަތަމަ ވެސް އިސްލާހު ކުރަންވީ...