21 ޖެނުއަރީ 2022 - 06:44
އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ޓެނިސް ތަރިންގެ ތެރޭގައި ހިމެނޭ ސާނިއާ މިރުޒާ މި އަހަރަށް ފަހު އެ ކުޅިވަރުން ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ 35 އަހަރުގެ ކުޅުންތެރިޔާ ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ބުނެފައި މި ވަނީ މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕެންގެ ވިމެންސްގެ ޑަބަލްސްގެ ފުރަތަމަ ބުރުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.
"އަހަރެން ނިންމައިފިން މި އަހަރެންގެ ފަހު ސީޒަން ކަމަށް. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި ކެރިއަރަށް ދެން އަންނަ ބަދަލުތައް ވެސް ފެންނާނެ،" ސާނިއާ ބުންޏެވެ.
އޭނާ އަކީ ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ގެ ސިންގަލްސް އެންމެ ފުރަތަމަ ކާމިޔާބުކުރި އަންހެން ޓެނިސް ކުޅުންތެރިޔާ އެވެ. މިހާތަނަށް ކެރިއަރުގައި އެތައް މުބާރާތެއްގައި ވާދަކޮށް ޓެނިހުން ސާނިއާ އަކީ އިންޑިއާ އަށް އެތައް ޝަރަފެއް ހޯދައި ދީފައިވާ މީހެކެވެ. ސާނިއާ އަކީ އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސް އާއި އެފްރޯ-އޭޝިއަން ގޭމްސްގައި އިންޑިއާ ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ.
އިންޑިއާގެ ހައިދަރުއާބާދަށް އުފަން ސާނިއާ ޓެނިހުން ރިޓަޔާކުރަން ނިންމި އިރު، އޭނާ އަކީ މިހާރު ތިން އަހަރުގެ ފިރިހެން ކުއްޖެއްގެ މައެކެވެ. ސާނިއާގެ ފިރިމީހާ އަކީ ޕާކިސްތާންގެ ކްރިކެޓް ތަރި ޝުއައިބް މާލިކެވެ. އެ ދެ މީހުން ކައިވެނިކުރީ 2010 ގަ އެވެ.
އިންޑިއާގެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ ސާނިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހެދުމުގެ ވާހަކަ އަކީ ބޮލީވުޑްގައި ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
21 January 2022
ކުރިމަގު މިހާރަށްވުރެ އުޖާލާވުމަށް އެދެން.