އިންޑިއާގެ މަޝްހޫރު ޓެނިސް ތަރި ސާނިއާ މިރުޒާގް ބައޮގްރަފިކަލް ޑްރާމާގައި އޭނާގެ ރޯލު ކުޅެން ތާޕްސީ ޕައްނޫ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސާނިއާގެ ބައޮޕިކެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އަދި ކުރިން އޭނާގެ ރޯލު ކުޅޭނެ ކަމަށް ބުނެ އެންމެ ގަދައަށް އަޑު ފެތުރުނު ބަތަލާ އަކީ ޕަރިނީތީ ޗޯޕްޅާ އެވެ. ނަމަވެސް އޭނާ އަށް ފުރުސަތު ނުދޭން މިހާރު ވަނީ ނިންމައިފަ އެވެ. ސަބަބަކީ މިދިޔަ މަހުގެ 26 ގައި ރިލީޒްކުރި "ސައިނާ" އަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހެވާލްގެ ރޯލު ޕަރިނީތީ ކުޅުނު ފިލްމަކަށްވެފައި އޭނާ ލައްވައި ސާނިއާ ރޯލު ކުޅުވައިފި ނަމަ ބެލުންތެރިންނަށް އެކަން ބަލައިގަންނަން މާ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސާނިއާގެ ބައޮޕިކްގެ ރައިޓްސް މީގެ ދެ އަހަރު ކުރިން ހޯދާފައި ވަނީ ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާ އެވެ. އަދި މިހާރު އޭގެ ވާހަކަ ތާޕްސީ އަށް ނެރޭޓްކޮށް ދިނުމުން އޭނާ އަށް ވަރަށް ކަމުދިއުމުން ފިލްމު ކުޅެން އެއްބަސްވެފައިވެ އެވެ. މިދިޔަ ހަފުތާގައި ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސްގައި "ތައްޕަޅު" އިން އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި ތާޕްސީގެ އަތުގައި އެހެން ގިނަ ޕްރޮޖެކްޓްތަކެއް ވެސް ހުރުމާ އެކު އޭނާ އަށް ވަގުތު ދެވޭނެ ގޮތަކާ މެދު މިހާރު އަންނަނީ މަޝްވަރާކުރެވެމުންނެވެ.

މިދިޔަ މަހުގެ މެދު ތެރޭގައި ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ "ދުބާރާ" ގެ ޝޫޓިން ތާޕްސީ ނިންމާލާފައިވާ އިރު އޭނާގެ އަތުގައި މިހާރު ވެސް ޝޫޓިން ފަށާފައި އޮތް ކުޅިވަރު ދެ ފިލްމެއް އެބައޮތެވެ. އެއީ ކްރިކެޓް ތަރި މިތާލީ ރާޖްގެ ބައޮޕިކް "ޝަބާޝް މިތޫ" އާއި ދުވުންތެރިޔާ ރާޝްމީގެ ވާހަކަ ކިޔައިދޭ "ރާޝްމީ ރޮކެޓް" އެވެ. އަދި ޝާހްރުކް ޚާނާ އެކު ރާޖްކުމާރު ހިރާނީ ހަދަން ނިންމާފައިވާ ފިލްމަކީ ވެސް ތާޕްސީ ފެންނާނެ ފިލްމެއް ކަމަށް ބެލެވޭ ފިލްމެކެވެ.

"ރާޝްމީ ރޮކެޓް" ގެ ޕްރޮޑިއުސަރަކީ ވެސް ރޯނީ އެވެ. ސާނިއާގެ ބައޮޕިކް ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ. މީގެ ކުރިން ސާނިއާގެ ބައޮޕިކެއް ހަދަން އެންމެ ބޮޑަށް ޝައުހުވެރިކަން ފާޅުކުރި އެކަކީ ޑައިރެކްޓަރު ފަރާ ޚާނެވެ.

ޓެނިހުން އިންޑިއާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސާނިއާ، 34، އަކީ ޕާކިސްތާނުގެ ކްރިކެޓް ތަރި ޝުއައިބް މާލިކްއާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެންޏަށް ފިރިހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ.