އިންޑިއާގެ މަޝްހޫރު ޓެނިސް ތަރި ސާނިއާ މިރްޒާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރަކީ ރޯނީ ސްކްރޫވާލާ އެވެ. އަދި ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނި ނަމަވެސް، ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ފިލްމު ކްރިޓިކް ގިރިޝް ޖޯހަރު ކުރި ޓްވީޓެއްގައި ބުނީ ސާނިއާގެ ފިލްމުގެ ސްކްރިޕްޓާއި ކާސްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސާނިއާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން މީގެ ކުރިން ޑައިރެކްޓަރު ފަރާ ހާން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ސާނިއާ ބުނެފައިވާ ގޮތުގައި އޭނާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭ ނަމަ، އެ ރޯލް ކުޅެން އެންމެ ފިޓްވާނެ ކަމަށް ގަބޫލުކުރެވޭ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.

ސާނިއާ އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

ޕާކިސްތާންގެ ކްރިކެޓް ކުޅުންތެެރިޔާ ޝުއައިބް މާލިކްއާ 2010 ގައި ކައިވެނި ކުރި ސާނިއާ، 32، އަށް ދާދި ފަހުން ވަނީ ދަރިއަކު ވެސް ލިބިފަ އެވެ. އެއީ އަދި އުމުރުން އެންމެ ދެ މަހުގެ އިޒްހާން މިރްޒާ މާލިކެވެ.

ބޮލީވުޑްގައި ފަހަކަށް އައިސް ކުޅިވަރު ޝަހުސިއްޔަތުންގެ ވާހަކަތައް ކިޔައިދޭ ފިލްމުތައް ހަދަމުން އަންނަ އިރު، މިހާރު ވެސް މަޝްހޫރު އަންހެން ބެޑްމިންޓަން ތަރިއަކަށް ބިނާކޮށް އަންނަނީ ފިލްމެއް ހަދަމުންނެވެ. އެއީ ޝްރަދާ ކަޕޫރް، ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ރޯލް ކުޅޭ "ސައިނާ" އެވެ.

ޕްރިޔަންކާ ޗޯޕްޅާ އިންޑިއާގެ އަންހެން ބޮކްސިން ތެޅުންތެރިޔާ މޭރީ ކޮމްގެ ރޯލް މޭރީ ކޮމް (2015) ގައި ކުޅެފައިވާ އިރު، ކްރިކެޓް ތަރި ސުޝާންތު ސިންގް ރާޖްޕޫތާ އެކު އެމްއެސް ދޯނީގެ ވާހަކަ ކިޔައި ދިން އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ (2016) އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.