އިންޑިއާގެ ނެށުންތެރިޔާ އަދި ރިއަލިޓީ ޓީވީ ތަރި ރާކީ ސަވަންތު ހައްޔަރުކުރުމަށް ނެރުނު އަމުރު އިއްޔެ ބާތިލުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރާކީގެ މައްޗަށް ނެރެފައިވާ ކަފާލާތު ދަށުން ދޫކޮށް ނުލެވޭ އަމުރު (ނަން-ބެއިލަބަލް ވޮރަންޓް) އިންޑިއާގެ ޖާންސީގެ ކޯޓުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.
މި މައްސަލައަކީ މީގެ 16 އަހަރު ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެއީ، 2010 ވަނަ އަހަރު ރާކީ ހުށަހަޅައިދިން މަޝްހޫރު ރިއަލިޓީ ޝޯ "ރާކީ ކާ އިންސާފް"ގައި ބައިވެރިވި ޒުވާނަކު، ޝޯގެ ތެރޭގައި ދެއްކި ވާހަކަތަކަކާއި ލިބުނު ފާޑުކިޔުންތަކާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކޮށް އަމިއްލައަށް މަރުވި ކަމަށް ބުނެ އެ ޒުވާނާގެ އާއިލާއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ކޯޓުގެ އެންގުތަކަށް ހާޒިރުނުވުމާ ގުޅިގެން ޖާންސީގެ ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ވަނީ ރާކީ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ.
ނަމަވެސް، ރާކީގެ ވަކީލު ކޯޓަށް ހުށަހެޅި ލިޔުންތަކުގައި، ހައި ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރެއްގައި މި މައްސަލައިގައި އިތުރު ހަރުކަށި ފިޔަވަޅެއް ނޭޅުމަށް އަންގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ހައިކޯޓުގެ އެ އަމުރު ކޯޓަށް ހުށަހެޅުމާ ގުޅިގެން، ޖާންސީގެ ކޯޓުން ވަނީ ރާކީގެ މައްޗަށް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރު ވަގުތުން ބާތިލުކޮށްފަ އެވެ.
ނަމަވެސް، އެ އަމުރު ބާތިލުކުރުމަކީ މުޅި މައްސަލަ ނިމުން ކަމަށް ނުވާތީ، މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުތައް ބުޏެވެ.