އިންޑިއާގެ މުމްބާއީގައި މިދިޔަ ހަފުތާގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމުން އަޅާ ފިޔަވަޅެއްގެ ގޮތުން، މި މަހު 28 ގެ ކުރިން އެ ގައުމު ދޫކޮށް ދިއުމަށް މުމްބާއީގެ ފުލުހުން ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާނަށް އަންގައިފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ޚާންއަށް ބޮޑުބޭބެ ކިޔާ އިމްރާން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، ގައުމު ދޫކޮށް ދާން އަންގައި ނޯޓިސްއެއް ދީފައި ވަނީ މުމްބާއީގެ އޮގަސްޓް ކްރާންތި މައިދާނުގައި ބޭއްވި އިހުތިޖާޖަށް ފަހު އެވެ.

އިމްރާނަކީ އެމެރިކާގެ ރައްޔިތުކަން އޮންނަ މީހަކަށް ވެފައި، ބޭރު ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ހުރެ އިންޑިއާގެ ސިޔާސީ އަދި އިޖުތިމާއީ އިހުތިޖާޖުތަކުގައި ބައިވެރިވުމަކީ އިންޑިއާގެ އިމިގްރޭޝަން ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ އިމްރާންގެ މައްސަލަ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. އަދި އޭނާއަށް ދީފައިވާ ވިސާގެ އުސޫލުތަކާ ހިލާފުވެފައި ވާތީ، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން އިންޑިއާ ދޫކޮށް ފުރައިގެން ދިއުމަށް ވަނީ އަންގައިފަ އެވެ. 

"ޖާނޭ ތޫ... ޔާ ޖާނޭ ނާ" ކަހަލަ މަގުބޫލު ފިލްމުތައް ކުޅެފައިވާ އިމްރާނަކީ އެމެރިކާގެ ޕާސްޕޯޓު އޮންނަ، ނަމަވެސް އިންޑިއާގެ އޯވަސީސް ސިޓިޒެން އޮފް އިންޑިއާ (އޯސީއައި) ކާޑު އޮންނަ މީހެކެވެ.

މި މައްސަލައާ ގުޅިގެން އިމްރާންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިމްރާން ބައިވެރިވީ އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގަނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި އަދި އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓު އިސްލާހުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން މުމްބާއީގައި މިދިޔަ ހަފުތާގައި ބޭއްވި މުޒާހަރާގަ އެވެ.

އިމްރާން ބުނެފައި ވަނީ އޭނާ އިހުތިޖާޖުގައި ބައިވެރިވީ ސިޔާސީ ޕާޓީއަކުން ނުވަތަ ވަކި ޖަމިއްޔާއަކުން އަންގައިގެން ނޫން ކަމަށާއި އެ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ. އޭނާ ބުނި ގޮތުގައި، އޭނާ އެތަނަށް ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ ހައްގުތަކަށް ސަރުކާރުން ހުރަސްއަޅަމުންދާތީ އެވެ. 

މުމްބާއީގެ ފުލުހުން ބުނެފައިވާ ގޮތުގައި، އެއްވެ އުޅުމުގެ ހުއްދަ ހޯދާފައި ނުވާތީ، އިމްރާން އާއި އޭނާގެ ބައިވެރިން ހިމެނޭހެން 400 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.