އިންޑިއާގެ މުމްބާއީގައި ބޭއްވި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން ބޮމްބޭ ހައިކޯޓުން ފާޑުކިއުންތައް އަމާޒުކުރުމާ އެކު، ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން ޝަރުތަކާ ނުލައި ކޯޓުގައި މާފަށް އެދި ރަސްމީކޮށް ލިޔުމެއް އިއްޔެ ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅި އެ ލިޔުމުގައި އިމްރާން ބުނެފައި ވަނީ އޭނާ މުޒާހަރާގެ ބައިވެރިއެއްގެ ގޮތުން އެ ސަރަހައްދަށް ދިޔައީ ކަމަށް ބުނެވޭ ބުނުމަކީ ކުށްހީއެއް ކަމަށާއި އޭނާ އެތަނަށް ދިޔައީ ހަމައެކަނި ބަލައިލަން ކަމަށެވެ.
މުސްގުބަލުގައި މިފަދަ އެއްވެސް މުޒާހަރާއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ބައިވެރިނުވާނެ ކަމަށާއި އެފަދަ ކަންކަމަށް އެހެން މީހުންނަށް ހިތްވަރު ނުދޭނެ ކަމަށް އިމްރާން އެ ލިޔުމުގައި ވައުދުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އިމްރާން ބުނި ގޮތުގައި، ވޭތުވެދިޔަ 42 އަހަރުގެ ތެރެއިން 40 އަހަރު އޭނަ ހޭދަކޮށްފައި ވަނީ އިންޑިއާގަ އެވެ. އަދި އަބަދުވެސް އެ ގައުމުގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، ގާނޫނާ އެއްގޮތަށް އަމަލުކޮށްފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފޮރިނާސް ރީޖަނަލް ރަޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން އޭނާ އިންޑިއާ ދޫކޮށްދިޔުމަށް ނެރުނު ނޯޓިސްގެ މައްސަލަ ހައިކޯޓުން ބަލަމުންދާއިރު، މި މައްސަލައިގައި ދެން އޮންނަ އަޑުއެހުން އަންނަ މަހު ހަތަކަށް ފަސްކޮށް، އޭނާއަށް ދީފައިވާ ވަގުތީ ރައްކާތެރިކަން އެ މުއްދަތަށް ދަމަހައްޓަން ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.
"ޖާނޭ ތޫ... ޔާ ޖާނޭ ނާ" ކަހަލަ މަގުބޫލު ފިލްމުތައް ކުޅެފައިވާ އިމްރާނަކީ އެމެރިކާގެ ޕާސްޕޯޓު އޮންނަ، ނަމަވެސް އިންޑިއާގެ އޯވަސީސް ސިޓިޒެން އޮފް އިންޑިއާ (އޯސީއައި) ކާޑު އޮންނަ މީހެކެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މުމްބާއީގައި ބޭއްވި މުޒާހަރާއެއްގައި އިމްރާން ބައިވެރިވުމާ ގުޅިގެން ފުލުހުން އޭނާ ކުޑަ ވަގުތުކޮޅަކަށް ހައްޔަރުކޮށް ދޫކޮށްލުމަށް ފަހުގަ އެވެ. ބޭރު ގައުމުތަކުގެ ރައްޔިތުން އިންޑިއާގައި އުޅުމާބެހޭ ގާނޫނުތަކުގެ ދަށުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެއް ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާއަށް ފިޔަވަޅު އަޅައިފަ އެވެ.