ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން އިންޑިއާ ދޫކޮށްދިޔުމަށް އަންގައި އިންޑިއާގެ ފޮރިނާސް ރީޖަނަލް ރަޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން ނެރުނު ނޯޓިސްއާ ދެކޮޅަށް އޭނާ ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.
އިމްރާނަށް އެ ނޯޓިސް ދިނީ މުމްބާއީގައި ބޭއްވި ސިޔާސީ އިހުތިޖާޖެއްގައި އޭނާ ބައިވެރިވުމާ ގުޅިގެންނެވެ.
"ޖާނޭ ތޫ... ޔާ ޖާނޭ ނާ" ކަހަލަ މަގުބޫލު ފިލްމުތައް ކުޅެފައިވާ އިމްރާނަކީ އެމެރިކާގެ ޕާސްޕޯޓު އޮންނަ، ނަމަވެސް އިންޑިއާގެ އޯވަސީސް ސިޓިޒެން އޮފް އިންޑިއާ (އޯސީއައި) ކާޑު އޮންނަ މީހެކެވެ.
އިމްރާގްގެ ވަކީލުން ބުނި ގޮތުގައި، އެފްއާރުއާރުއޯ އިން ނެރެފައިވާ އެ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ނެރެފައިވާ ނޯޓިސްއެކެވެ. އަދި މި މަހު 28 ގެ ކުރިން އިންޑިއާ ދޫކޮށްދިޔުމަށް އަންގާފައިވާ އެންގުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމަށް ތާވަލުކޮށްފައިވާ ވަކީލުން ބުންޏެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް މުމްބާއީގައި ބޭއްވި މުޒާހަރާއެއްގައި އިމްރާން ބައިވެރިވުމާ ގުޅިގެން ފުލުހުން އޭނާ ކުޑަ ވަގުތުކޮޅަކަށް ހައްޔަރުކޮށް ދޫކޮށްލުމަށް ފަހުގަ އެވެ. ބޭރު ގައުމުތަކުގެ ރައްޔިތުން އިންޑިއާގައި އުޅުމާބެހޭ ގާނޫނުތަކުގެ ދަށުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެއް ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާއަށް ފިޔަވަޅު އަޅައިފަ އެވެ.
ނަމަވެސް އިމްރާން ބުނެފައި ވަނީ އޭނާ އެ މުޒާހަރާއަށް ދިޔައީ އާދައިގެ ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށާއި، އޯސީއައި ކާޑު ލިބިފައިވާ މީހަކަށް މިފަދަ ބައިވެރިވުންތަކުގައި ބައިވެރިވުން މަނާ ނުކުރެވޭނެ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅާއިރު، މިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ވެސް ބޮޑު ސަމާލުކަމެއް މިހާރު ވަނީ ލިބިފަ އެވެ.