ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޯފްއަށް މިދިޔަ އާދިއްތަ ދުވަހު ދިން ބަޑީގެ ހަމަލާއަށް ފަހު، ބޮލީވުޑްގެ ތަރިންނަށް ނުވަދިހައިގެ އަހަރުތަކުގައި ކުރިމަތިލާންޖެހުނު "އަންޑަވޯލްޑް"ގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެ އެވެ.
އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު މުމްބާއީގެ އާންމުން ގިނައިން އުޅޭ ޖޫހޫ ސަރަހައްދުން ޓައިގާގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. އެ ހަމަލާގައި ޓައިގާއަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް، އޭނާގެ ޑްރައިވަރާއި މަގުމަތިން ދިޔަ އާންމުންގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ ހަމަލާގެ ޒިންމާ ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުންހުރި އެމެރިކާގައި ހުންނަ އަނިލް ޕަންޑިތު ނަމަކަށް ކިޔާ މީހަކު ވަނީ ނަގައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ބޮލީވުޑްގެ ނުފޫޒުގަދަ ތަރިއަކު ހިންދުސްތާން ޓައިމްސްއަށް ބުނެފައި ވަނީ "ޓައިގާއަކީ މުޅި އިންޑަސްޓްރީގައި ވެސް ހުރި އެންމެ މަޑުމައިތިރި، އެއްވެސް މައްސަލައެއްގައި ނޫޅޭ މީހާ. އޭނާއަށް އަންޑަވޯލްޑުން ހަމަލާދީފި ނަމަ، އަހަރެމެން ކުރެ އެކަކަށް ވެސް ސަލާމަތެއް ނެތް،" ކަމަށެވެ.
މީގެ އިތުރުން "އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން" އިން ވަނީ ސެލެބްރިޓީންނަށް އެކަށީގެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ބިޝްނޯއީ ގޭންގުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ސަލްމާން ޚާން، ސައިފް އަލީ ޚާން، ރޯހިތު ޝެޓީ، އާމިރު ޚާން އަދި ރަންވީރު ސިންގް ކަހަލަ މަޝްހޫރު ތަރިންނަށް ވެސް އެކި ކަހަލަ ތުހުމަތުތައްކޮށް، އިންޒާރު ދީފަ އެވެ. ސަލްމާން އާއި ރޯހިތުގެ ގެއަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ވެސް ދީފައިވެ އެވެ. އަދި ޕާންޖާބުގެ ރެޕް ލަވަކިޔުންތެރިޔާ ސިއްދޫ މޫސް ވާލާ 2022 ވަނަ އަހަރު މަރާލީ ވެސް އެ ގޭންގުންނެވެ.
އެއާ އެކު، އޭ-ލިސްޓު ތަރިން އަންނަނީ އެމީހުންގެ އަމިއްލަ ސެކިއުރިޓީ ވަރުގަދަކޮށް ބޮޑީގާޑުންގެ އަދަދު ވެސް އިތުރުކުރަމުންނެވެ.
ޓައިގާއަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު، މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވަނީ ކުށްވެރިންނާ ދެކޮޅަށް "ބުލެޓް ފޯ ބުލެޓް" ރައްދުދޭނެ ކަމަށާއި ނުވަދިހައިގެ އަހަރުތަކުގެ "ގޭންގު ވޯ" އަލުން މުމްބާއީގައި އުފެދެން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޓައިގާއަށް ހަމަލާދިން ތިން މީހުން ފިލައިގެން އުޅެނިކޮށް ރާޖަސްތާންގެ ކޯޓާ ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ މުމްބާއީ ޕޮލިސް ކްރައިމް ބްރާންޗާއި ރާޖަސްތާން ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފޫލް ސިންގް، ރީހާން އަދި ރިތިކް ކުމާރު (ރޯޝަން) ކިޔާ ބައެކެވެ. އެ މީހުންނަކީ ބިޝްނޯއީ ގޭންގާ ގުޅުންހުރި ބައެއް ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.
އަންޑަވޯލްޑަކީ ކޮބާ؟
ނުވަދިހައިގެ އަހަރުތަކަކީ ބޮލީވުޑްގެ ތާރީހުގައި "އަންޑަވޯލްޑް" ނުވަތަ ގޭންގުތަކުގެ ބިރުވެރިކަން އެންމެ ބޮޑަށް އޮތް އަދި އެންމެ ނުރައްކާތެރި ދުވަސްވަރެވެ. އޭރު މުމްބާއީގެ ފިލްމީ އިންޑަސްޓްރީ އޮތީ ދާވޫދު އިބްރާހީމްގެ "ޑީ-ކޮމްޕެނީ" އާއި އަބޫ ސާލިމް އަދި ޗޯޓާ ރާޖަން ފަދަ ނުފޫޒުގަދަ ގޭންގްސްޓަރުންގެ ބާރުގެ ދަށުގަ އެވެ.
އޭރު ބޮލީވުޑްގެ ފިލްމު އުފެއްދުންތެރިންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުންނަށް އަންޑަވޯލްޑުން ގުޅައި، ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް މަޖުބޫރު ކުރެ އެވެ. ފައިސާ ނުދީފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުމަކީ އާންމު ކަމެކެވެ. މީގެ އިތުރުން، ފިލްމުތަކުގެ ބޭރު ގައުމުތަކުގެ ރައިޓްސް މަޖުބޫރުން ކުޑަ އަގެއްގައި އަތުލައިގެން ބޮޑެތި އަދަދުތަކުން ފައިދާ ހޯދުމަކީ ވެސް އެ ގޭންގުތަކުން ކުރި ކަމެކެވެ.
އަންޑަވޯލްޑްގެ އަމުރުތަކަށް ނުކިޔަމަންތެރިވި ގިނަ ފަންނާނުންނަށް އޭރު ނުރައްކާތެރި ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. ޓީ-ސީރީޒްގެ ބާނީ ގުލްޝަން ކުމާރު ވަނީ މަގުމަތީ ހުއްޓާ މަރާލައިފަ އެވެ. އެއީ، އަބޫ ސާލިމްއަށް ފައިސާ ދޭން އިންކާރުކުރުމުން ދިން ހަމަލާއެކެވެ.
މަޝްހޫރު ޑައިރެކްޓަރު އަދި ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން އޭނާގެ އޮފީސް ބޭރުގައި ހުއްޓާ ބަޑިޖަހާ ޒަހަމްކޮށްލި އެވެ. "ގުޕްތު" އަދި "މޮހްރާ" ކަހަލަ މަގުބޫލު ފިލްމުތައް ހެދި ޑައިރެކްޓަރު ރާޖީވް ރާއީއަށް ދިން ހަމަލާއިން ސަލާމަތްވުމަށް ފަހު، އޭނާ ވަނީ އިންޑިއާ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
އޭރުގެ ގޭންގްސްޓަރުން ވަނީ ބޮލީވުޑްގެ ފިލްމުތަކަށް ސިއްރިއްޔާތުގައި ފައިސާ ހަރަދުކޮށް ފިލްމީ ދާއިރާގެ ތެރެއަށް ވަދެގަނެފަ އެވެ. އަދި އެމީހުން ބޭނުންވާ ވަކި ބަޔަކަށް ފިލްމުތަކުން ރޯލުތައް ހޯދައިދިނުމަށް ޑައިރެކްޓަރުންނަށް މަޖުބޫރުކުރުވި އެވެ. މީގެ އިތުރުން، ދުބާއީ އަދި ޝާރްޖާގައި ބާއްވާ ހަފްލާތަކާއި މެޗުތަކަށް ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ގެންގޮސް އެމީހުންނާ އެކު ވަގުތު ހޭދަކުރުވުމަކީ އޭރު ގޭންގްސްޓަރުންގެ އާދައެކެވެ.
އަންޑަވޯލްޑްގެ ބާރު ކެނޑެން ފެށީ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު މުމްބާއީ ފުލުހުން "އެންކައުންޓާ ސްޕެޝަލިސްޓުން" ނެރެ، ގޭންގްސްޓަރުން މަރައި ހައްޔަރުކުރަން ފެށުމުންނެވެ. އަދި 1999 ގައި ގޭންގު ކުށްތަކާ ދެކޮޅަށް ހާއްސަ ގާނޫނެއް އުފައްދައި، 2000 ވަނަ އަހަރު އިންޑިއާ ސަރުކާރުން ބޮލީވުޑަށް ރަސްމީކޮށް "އިންޑަސްޓްރީގެ ދަރަޖަ" ދިނުމުން، ބޭންކުތަކުން ފިލްމުތަކަށް ލޯނު ލިބެން ފަށައި، އަންޑަވޯލްޑްގެ ކަޅު ފައިސާއަށް އޮތް ބޭނުން ކެނޑިގެން ދިޔަ އެވެ.