އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖާންސީ ކޯޓުން ބޮލީވުޑްގެ އެކްޓްރެސް އަދި ރިއަލިޓީ ޓީވީ ތަރި ރާކީ ސާވަންތު ހައްޔަރުކުރުމަށް ކަފާލާތް ނުލިބޭ ގޮތަށް (ނޮން-ބެއިލަބަލް) އަމުރެއް ނެރެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ އަމުރު ނެރެފައި ވަނީ 2010 ވަނަ އަހަރު އޭނާގެ ޓީވީ ޝޯއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން މީހަކު އަމިއްލައަށް މަރުވި މައްސަލައިގެ ކޯޓު އަޑުއެހުންތަކަށް ތަކުރާރުކޮށް ހާޒިރުނުވުމުންނެވެ.

އެއީ، 2010 ވަނަ އަހަރު ރާކީ ހޯސްޓްކުރި "ރާކީ ކާ އިންސާފް" ނަމަކަށް ކިޔާ ޓީވީ ޝޯގައި ބައިވެރިވި ލަކްޝްމަން އަހިރްވާރު ނަމަކަށް ކިޔާ މީހަކަށް ރާކީ ފުރައްސާރަކޮށް އަބުރުކަތިލުމުގެ ސަބަބުން އޭނާ އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައެކެވެ.

އެ ޝޯގެ ތެރޭގައި ދެމަފިރިއެއްގެ މައްސަލަ ހައްލުކުރަން އުޅުމުގެ ތެރޭގައި ރާކީ ވަނީ ލަކްޝްމަނަށް ނިސްބަތްކޮށް ހުތުރު އަދި އަބުރަށް ހުތުރުވާ ފަދަ ބަސްތަކެއް ބޭނުންކޮށްފަ އެވެ.

ލަކްޝްމަންގެ މަންމަ ސާވިތުރީ، އިންޑިއާގެ ޕްރޭމް ނަގަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޓީވީން އެ ޝޯ ދެއްކުމާ އެކު އާންމުންގެ ފަރާތުން އަމާޒުވި ފުރައްސާރަ އާއި ލިބުނު ނަފްސާނީ އަނިޔާގެ ސަބަބުން އޭނާގެ ދަރިފުޅު ޑިޕްރެޝަނަށް ގޮސް، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަމިއްލައަށް މަރުވީ ކަމަށެވެ. އެއާ އެކު ރާކީގެ މައްޗަށް ވަނީ އަމިއްލައަށް މަރުވާން ހިތްވަރުދިނުމުގެ ދައުވާ އުފުލައިފަ އެވެ.

ޖާންސީގެ ކޯޓުން ރާކީ ހައްޔަރުކުރުމުގެ އަމުރު ނެރުނީ ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރަކު އަންގާފައިވަނިކޮށް ވެސް އޭނާ ހާޒިރުވެފައި ނުވާތީ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެންމެ އަވަހަށް ބާއްވާނީ އަންނަ ޑިސެމްބަރު މަހު އެކެއްގަ އެވެ. 

ރާކީ ހައްޔަރުކުރުމުގެ އަމުރެއް ނެރުނުއިރު އޭނާ ވަނީ މިފަހުން އިންޑިއާގެ ޒުވާނުން ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ވަރަށް އެކްޓީވްކޮށް އުޅެފަ އެވެ.