ކްރިމިނަލް ކޯޓު: މަންމަ އުޅޭ ގެއަށް ގެއްލުންދީ، އުނދަގޫކުރި މީހަކު ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
28 ފެބުރުއަރީ 2022 - 17:56
މަންމައަށް ބިރުދެއްކުން ނުވަތަ މަންމަގެ މުދަލަށް ގެއްލުން ނުދޭން ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް، މަންމަ އުޅުނު ގެއަށް ގެއްލުންދީ އަދި އަޑުގަދަކޮށް، އުނދަގޫކުރި މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެމިލީ ކޯޓުން މީހެއްގެ މައްޗަށް އަމުރު ނެރުނީ އޭނާގެ މަންމަ އަށް ނަފްސާނީ ގޮތުން ބިރު ނުދެއްކުމަށާ އަދި އެއްވެސް ކަމަކަށް މަންމައަށް މަޖުބޫރުކޮށް، ދަތި ނުކުރުމުގެ އިތުރުން މަންމަގެ މުދަލަކަށް ގެއްލުން ނުދިނުމަށެވެ.
ފެމިލީ ކޯޓުގެ އެ އަމުރާ ޚިލާފްވެ، މިދިޔަ މަހު އެ ފިރިހެން މީހާ ވަނީ މަންމަ އުޅޭ ގެ ކައިރިއަށް ދަންވަރު ވަގުތު ގޮސް އަޑުގަދަ ކުރުމުގެ އިތުރުން އެ ގޭގެ ބިއްލޫރިގަނޑުގައި ގަލުން ތަޅައިފަ އެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެއްބަސްވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާތީ އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބު ކަމަށްވާ ހަ މަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ. އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ހަތަރު މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފްވުމުގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދުން ޖޫރިމަނާ ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
01 March 2022
ވެންޓިލޭޓަރު މައްސަލަ ވެސްމިހާ ބާރައްބަލަންފެނޭ މަހުލޫފުގެ މައްސަލަޔާ އަލީއާޒިމުގެ ދަބަހުގަ ގެންދިޔައީ ހަމަގައިމުވެސް ދިޔާއެއްޗެއްނޫން އަދީބަ ކީ އަންނި އެޅުވި ފަންޏެއް އޭއީ އޭނާގެ އިއުތިރާފުން ސާބިތުވާ ކަން ކަން ވީމާ އަވަސްކުރޭ
އިބުރާ
01 March 2022
ރާއްޖޭގެ ކޯޓުތަކުގައި އިންސާފުވެރިކަމާއި އެކުގައި ނުނިމެނީ؛- ޑްރަގް މައްސަލަތަކާއި، "ބޮޑެތި" ފައިސާގެ އަދަދު ހިމެނޭ މައްސަލަތައް. ފެންނަ ފެނުމުގައި ދެންހުރި މައްސަލަތައް ދަނީ ރަގަޅަށް.
ވަހީދު
28 February 2022
މަންމައަށް އުނދަގޫކޮށްގެން ނުވާނެ. އެފަދަ މީހުން ހުއްޓުވަން ވެސް ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
28 February 2022
ސަރުކާރާއި މަޖިލީހުން އަހަރުމެންހިތްނޭދޭ އެތައްތަކެއްކުރަމުންދާއިރު ދައުލަތުގެ ޝަރުއީ ނިޒާމް ނުވަތަ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުލިބުފައިވާ ފަރާތުން އަދުލަށް ކުރަމުންދާ ޙުކުމްތަކުން މެނުވީ މިހާރު ދައުލަތާއިމެދު އަހަރުމެނަށް އުއްމީދެއްނެތް. # އަހަރުމެން އެދެނީ 2023 ގެ އިންތިޙާބުގެކުރިން ރައްޔިތުން އެދޭ ބަދަލަށް ސަރުކާރާއި މަޖިލީހުން އުއްމީދު ގެނެސްނުދޭނަމަ ސްޕްރީމް ކޯޓްގެ އިސްނެގުމާއިއެކުގައި ނަމަވެސް ރައްޔިތުން އެދޭ ބަދަލަށް މަގުކޮށާދިނުން.
ރަދީފްއޮފިޝިއަލް
28 February 2022
ވަރަށް ގޮތްކުޑަ ވީމަ ދޯ ތިމާ ވިހޭ މައިމީހާއަށް ގެއްލުންދޭނީ.މިމީހާ އަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން.
ޢެދެމޭ
28 February 2022
މެންޓަލް ހެލްތް މެޓާރސް!