ކްރިމިނަލް ކޯޓު: ކެންދޫގައި ދޯނިތަކެއްގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
01 ޖޫން 2022 - 12:04
ބ. ކެންދޫ ބަނދަރުގައި އަޅާފައި ހުރި ދޯނިތަކެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާ ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން، އޭޕްރީލް، 2015 ގައި، ކެންދޫ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯކޮށްލުމުން އަލިފާންގަނޑު ފެތުރި އަދި އިތުރު ދެ ދޯންޏަކާއި ލޯންޗެއްގައި ރޯވެފައިވާތީ ދައުލަތުން ދައުވާކުރީ ބ. ކެންދޫ މޯނިންހައުސް އަބްދުއްސަލާމް ޔޫސުފްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ އަބްދުއްސަލާމް ދައުވާއަށް އިންކާރު ކުރިޔަސް، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ އޭރު ގާނޫނު އޮތްގޮތުން ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެކަމަކު ފަހުން އަންނަ ގާނޫނުގެ ލުއި އަދަބު ދޭންޖެހޭތީ ކޯޓުން ނިންމީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބު ދިނުމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ނަމަވެސް އެ ކުށުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާތީ އާއި މުދަލަށް ލިބިފައިވާ ގެއްލުން ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެތީ ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓުން ނިންމީ އަދަބުގެ މިންވަރު އިތުރު ތިން ދަރަޖަ މަތި ކުރުމަށެވެ. އެގޮތަށް މަތި ކުރުމުން އަބްދުއްސަލާމްގެ މައްޗަށް އަންނަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމުގެ އަދަބެކެވެ.
ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އަބްދުއްސަލާމްގެ ފަރާތުން އެދުނަސް، ކޯޓުން ނިންމީ ޖޫރިމަނާއަށް ބަދަލު ނުކުރުމަށެވެ. އެކަމަކު ބަންދުގައި ހޭދަކުރި 38 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި އަށް މަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހައިދަރު
01 June 2022
ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި އަދި އިސްލާމް ދީނުގައިވެސް ނުބައިވެގެންވާ އަމަލެއް ހިންގުމުން އޭނާއަށް ތިޔަދެނީ އަދަބެއްތޯ ނުވަތަ ޗުއްޓީ އެއްތޯ ކޮންމެވެސް ބަޔަކު އެބަބަލަންޖެހޭ. މީ ހިތާމަ ހުރިކަމެއް. ގާޒީންނަށް ވެފަ މި ތިބެނީ ކިހިނެތްބާ، 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް މީނާއަށް ނައީ ކީއްވެތޯ ބަލަންޖެހޭ.
ވާނެއެއްޗެއްވާނޭ
01 June 2022
ތިހިރަ އަދަބުތައް ތިހުންނަނީ ކެއްސާ ކިނބިހި އަޅާހާ ލުއިކޮށް ދެއްތޯ. މިދައްކަނީ އެތައް މިލިނުގެ މުދަލުގެ ވާހަކަ އޭ އިނގޭތޯ. ދެން ހަމަ 2 އަހަރު އެތާ އުޅެލާފަ އަންނަންވީ؟
ޟފހ5
01 June 2022
ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދޭ ހުކުމް މުއްދަތު... ރޯވުމުން ލިބުނު ގެއްލުމުގެ ޖުމުލަ އެބަ އަރާ 5 ލައްކައަށް ވުރެ އިތުރަށް. އަދި ކޮބާ އުޅަނދުތައް ހެދެންދެން ވީ މުއްދަތުގައި ލިބުނު ގެއްލުން؟ އުފުލަން ޖެހުނު ތަކުލީފު؟ އެ ދޯނިތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ލިބުނު ގެއްލުންތައް؟ މުޖުތަމަޢުގައި އުފެއްދި ބޮޑު ބިރުވެރިކަން؟ ބަނދަރާއި މޫދަށް ލިބުނު ތިމާވެށީގެ ގެއްލުންތައް؟
ހިތަދޫ 2
01 June 2022
އެހެންވީމާ ގެއްލުންވި ފަރާތް ތަކަށް މިހާރު އޭނާ މައްޗަށް ގެއްލުމުގެ ބަދަލް ހޯދަން ދައުވާކުރެވޭނެ ދެއްތ؟!
ފިޔާޒާ
01 June 2022
މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމަކީ ވަކި ދެ ކުށެއް. އެހެންވީމާ، ތި ރޯކޮށްލުމަކީ ޓެރަރިޒަމްގެ އަމަލަކަށް ފެތޭ ކަމެއް ނަމަ، ގާނޫނުގައެއް ނެތް ޓެރަރިޒަމަކަށް ލުއި އަދަބެއް އައިސްފައެއް. މީހެއްގެ މުދަލެއް ހަލާކުކޮށްލުމާއި، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މަޤްޞަދަކުން ކަމެއްގައި، މީހެއްގެ ދޯނިތަކެއްގައި ހުޅުޖެހި ނަމަ އެއީ ވަކި ކުށެއް. ގާޒީ ކިޔަވަބަލަ ރަނގަޅަށް!
ގުއިއްޒު
01 June 2022
ތި ހުކުމަކީ 10 ރުފިޔާ ވަގަށްނެގީމަ އަންނަ ކަހަލަ ހުކުމެއް.
ހަސަނު
01 June 2022
ގާނޫނުގާ ވަރަށް ބޮޑު މައްސަލަ ހުރި ކަމަށް އެބަ ފެނޭ.. ބޮޑެތި ކުށް ކުރާ މީހުނަށް ކުދި ކުދި އަދަބު ދެވިފާ ވަރަށް ކުދި ކުދި ކުށް ކުރާ މީހުނަށް ވަރަށް ބޮޑު އަދަބު އެބަ ދެވޭ..
1828
01 June 2022
500000ރ އާއްމު މީހަކު ހޯދުމަށްޓަކައި 4 އަހަރު އެންމެ މަދުވެގެން މަސައްކަތް ކުރަން ޖެހޭނެ. އެކަމަކު ދެ އަހަރާއި ނުވަ މަހަށް ޖަލަށް މިލީ. މިއީ އުމުރު ދުވަހުގެ ޖަކުހުމް ޖަހަން ޖެހޭ ކަހަލަ މައްސަލަ.