ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި--ފޮޓޯ:މިހާރު
14 ޖޫން 2022 - 12:37
މިދިޔަ އަހަރު ސަރުކާރުގެ އެސްއޯއީތަކުން ސާފު ފައިދާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާގެ ފައިދާ ހޯދައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދީ އެންމެ ފަހު ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހަތަރު ވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ އެޗްޑީސީ އާއި އެމްއޭސީއެލް، ބީއެމްއެލް، އެމްޓީޑީސީ އާއި އެސްޓީއޯ އާއި ދިރާގުގެ ފައިދާ މައްޗަށް ދިއުމާ ގުޅިގެންނެވެ. އެ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ހަމައެކަނި ހަތަރު ވަނަ ކުއާޓާގައި ލިބުނެވެ.
ހަތަރު ވަނަ ކުއާޓަރުގައި އެޗްޑީސީ އަށް އެހާ ބޮޑު ފައިދާއެއް ލިބުނީ އެ ކުންފުނިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހުޅުމާލެއިން ބިން ވިއްކައިގެންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނީ، ބީއެމްއެލް، އެމްއޭސީއެލް، ދިރާގު، އެޗްޑީސީ އަދި އެސްޓީއޯ އެވެ. އެ ފަސް ކުންފުނީގެ ފައިދާ 4.8 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ، ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 85 ޕަސެންޓް ފައިދާ ލިބެނީ މި ހަތަރު ކުންފުނިންނެވެ.
- ބީއެމްއެލް: 1.7 ބިލިއަން ރުފިޔާ
- އެމްއޭސީއެލް: 1.1 ބިލިއަން ރުފިޔާ
- ދިރާގު: 813 މިލިއަން ރުފިޔާ
- އެޗްޑީސީ: 746 މިލިއަން ރުފިޔާ
- އެސްޓީއޯ: 478 މިލިއަން ރުފިޔާ
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނީގެ އެންމެ ބޮޑު ރިސްކުއޮތް އޮތީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓު ކުންފުންޏާއި ރޯޑް ޑިވެލޮޕްމެންްޓް ކޯޕަރޭޝަންގަ އެވެ. އެ ކުންފުނިތަކުގެ މާލިއްޔަތާ އަޅާ ބަލާއިރު ދަރަނި އިންތިހާ އަށް ބޮޑުވަނީ މި ކުންފުނިތަކަށް އެންމެ އެކަށީގެންވާ ވަރުގެ ފައިދާއެއް ނުލިބުމާއި، ގެއްލުމުގައި ހިންގަން ޖެހުމާއި އަދި މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނަގާތީ އެވެ.
މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް 65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ. މިއާ އެކު ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ލޯނު ނަގަން ޖެހުނެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުންފުނިތަކުގެ ތެރޭގައި ވެމްކޯ އާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ހިމެނެ އެވެ. ވެމްކޯ އަށް މިދިޔަ އަހަރު 67 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް 59 މިލިއަން ރުފިޔާގެ ގެއްލުންވީ އިރު ރީޖަނަލް އެއާޕޯޓްސް އަށް 42 މިލިއަން ރުފިޔާގެ ގެއްލުންވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
15 June 2022
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނީގެ އެންމެ ބޮޑު ރިސްކުއޮތް އޮތީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓު ކުންފުންޏާއި ރޯޑް ޑިވެލޮޕްމެންްޓް ކޯޕަރޭޝަން އަދި އައިލެންޑް އޭވިއޭޝަންގަ، މިކުންފުނިތަކުގެ ދަރަނި ތިޔަ ލިބުނު ފައިދާއަ ވުރެން ގެއްލުން ބޮޑު…
ބޮޑުމީހާ
14 June 2022
އެސްޓިއޯއަށް ފައިދާވަނީ ކިހިނެއް! ތެލަށް ސަރުކާރުން އެތައް ސަބްސިޑީއެއް ދޭ! ވެމްކޯ ރޯޑް ޑިވެލޮޕްމަންޓް ތަންތަނަށް ދުވަހަކު ފައިދާ ނުވިޔަސް ވަރުވަރުން މެނޭޖަރުންނާއި ކާތިބުން ތިބޭ. ދެން ބީއެމްއެލް ދިރާގު ފައިދާ ހޯދާގޮތް މިތާގަ ރަގަޅުވާނީ ނުދެއްކިއްޔާ