ކުޅިވަރު / ދިވެހި ކުޅިވަރު

2016: އިންތިހާބީ މައްސަލަތަކާއި ކާމިޔާބީގެ އަހަރެއް

ބައްސާމް (ވ) އާއި ތޯރިގް އިންތިހާބުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިމިގެންމިދާ 2016 ވަނަ އަހަރަކީ ދިވެހި ކުޅިވަރުގައި މަސްހުނި ކަންތައްތަކެއް ހިނގި އަހަރެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ކާމިޔާބީތައް ހޯދިއިރު އާ ތަރިންތަކެއް ވެސް ވިދާލި އެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއަށް ބަލާއިރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ވަރަށް ގިނަ މައްސަލަތަކެއް ނުކުތެވެ.

މިދިޔަ 2015 ވަނަ އަހަރު ނިމިގެން ދިޔައީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން އިންޑިއާ އަތުން 3-2 އިން ރާއްޖެ ބަލިވުމުގެ ހިތްދަތިކަމާ އެކު އެވެ. އެކަމަކު އަހަރު ފެށިގެން ދިޔައީ ސަރަހައްދީ ފެންވަރުގައި ހޯދި ކާމިޔާބީތަކާ އެކު ދިވެހިން ހިނިތުން ކުރުވަމުންނެވެ. އެގޮތުން ދިގު އިންތިޒާރަކަށް ފަހު އިންޑިއާގައި ފެބްރުއަރީ މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސް ވެގެން ދިޔައީ ރާއްޖޭގެ އެތުލީޓުން ހޯދަމުން އަންނަ ކާމިޔާބީ އަށް ބޮޅެއް އިތުރުވި މުބާރާތަކަށެވެ. ސްރީ ލަންކާގައި 1991 ވަނަ އަހަރު ބޭއްވި ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމުން ރިހި މެޑަލް ހޯދި ފަހުން މި ގޭމްސްގައި ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކުރީ ދުވުންތެރިޔާ ހަސަން ސާއިދެވެ. އޭނާ ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފި އެވެ. ޖުމްލަކޮށް ގިނަ އެތުލީޓުން ކުރިއެރުން ހޯދައި ރެކޯޑްތައް މުގުރާލި އެވެ.

މީގެ އިތުރުން ސާއިދު ވަނީ މި އަހަރުގެ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިފަ އެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ތެރެއިން ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. ސާއިދަކީ މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓެވެ. އަދި ސާއިދު ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދިވެހި ދެ ވަނަ އެތުލީޓަށެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ވ) އޮލިމްޕިކްސްގެ 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ދުވަނީ. --ފޮޓޯ: އޭއެފްޕީ

މި އަހަރު ކުޅިވަރުގައި އެންމެ ގަދަވެގެން ދިޔައީ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގެ އަޑެވެ. މިދިޔަ އަހަރު ނިމިގެން ދިޔައީ ހޯމް މިނިސްޓްރީ އާއި އެފްއޭއެމްއާ ދެމެދު އުފެދުނު ހިޔާލުތަފާވުންތަކަށް ފަހު، އިންތިހާބު ނުބޭއްވި އެވެ. އެކަމަކު އަހަރުގެ ކުރީކޮޅު ހުރިހާ ކަމެއް އަނެއްކާ ވެސް ބަދަލުވި އެވެ. އެފްއޭއެމް އޭރު ހިންގަމުން އައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް އަދި އިންތިހާބުގައި ވާދަކުރަން ކުރަން ނުކުންނެވި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އެއްގަލަކަށް އެރި އެވެ. އަސާސީ ގަވާއިދު ފާސްނުވެ، އިންތިހާބު ނުބޭއްވި ދިގުލައި ފީފާގެ ސަސްޕެންޝަކާ ދިމާލަށް ރާއްޖެ ދަނިކޮށް ސަލާމަތްވީ މި ފިޔަވަޅަކާ އެކު އެވެ. ދެ ޓީމް ގުޅިގެން، މޭ މަހު ބޭއްވި އިންތިހާބު ކާމިޔާބުކުރި އެވެ. އަހަރުތަކަކަށް ފަހު އެފްއޭއެމަށް ހަމަޖެހުމެއް އައީ ކަމަށް ގަބޫލުކުރެވުނެވެ.

ކަންވީ ތަފާތުކޮށެވެ. ދެ ފަރާތުގެ މެދުގައި އުފެދުނު މައްސަލަތަކެއްގައި ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރި އެވެ. އަދި ބައްސާމަށް ތާއީދުކުރައްވާ އެކްސްކޯ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމާ އެކު އެފްއޭއެމްގެ އެކްސްކޯ އުވި އަނެއްކާ ވެސް އިންތިހާބެއް ބާއްވަން ޖެހުނީ އެވެ. އޭރު އެއީ ސެޕްޓެމްބަރު މަހެވެ. އަލުން އިންތިހާބު ބާއްވަން ފީފާ އިން އެންގުމާ އެކު ޓޮމް އާއި ބައްސާމް ކުރިމަތިލެއްވި އެވެ. ރާއްޖޭގެ ބޮޑެތި ކްލަބްތަކުން ތޯރިގާ އެއްބައިވި އެވެ. ބައްސާމް ފަޅިއަށް ކުޅިވަރު އެހެން ބައެއް އެސޯސިއޭޝަންތައް އެރިއިރު، އެކްސްކޯގެ މަގާމްތަކަށް ނޮމިނޭޓްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަމެވެ. އެއާ އެކު ބައްސާމަށް ޕްރެޝަރު ބޮޑުވެ، ޓޮމް އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ނޮވެމްބަރު މަހު ބޭއްވި އިންތިހާބު ބައްސާމް ކާމިޔާބުކުރެއްވި އެވެ. އަހަރު ނިމިގެން ދާއިރު، އެފްއޭއެމްގެ ހިންގުން ދަނީ ވަރަށް އަމާން އޮމާންކޮށެވެ.

ޖުމްލަކޮށް ބަލާއިރު މި އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި މައްސަލަ ބޮޑުވި އަހަރެކެވެ. ވޮލީބޯޅަ އެސޯސިއޭޝަނުގެ ތިން ވަނަ ދައުރު މުހައްމަދު ރިޔާޒް ކާމިޔާބުކުރައްވާފައިވަނިކޮށް ސްޕޯޓްސް ކައުންސިލުން އޮގަސްޓް މަހު އިންތިހާބު ބާތިލްކުރީ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަލުން ބޭއްވި އިންތިހާބުގައި ރިޔާޒް ވާދަކުރައްވާފައިނުވާއިރު، ކާމިޔާބުކުރެއްވީ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ލަތީފެވެ. މީގެ އިތުރުން ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބު ވެސް ތަފާތު ސަބަބުތަކާ ހެދި ފަސްކުރި އެވެ. މީގެ ތެރެއިން ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި މަޖިލިސް މެމްބަރު އަބްދުﷲ ސިނާން ވަނީ ހޮވިވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ. އަލުން ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ އެ ފަހަރު ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ދަގަނޑޭ (ކ) ވެލެންސިއާގެ ޝާފީ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ކުޅުންތެރިޔަކު ބޭރު ގައުމެއްގައި ކުޅޭތަން ދެކެން ދިވެހިން އެންމެ ބޭނުންވި އަލީ އަޝްފާގް (ދަގަނޑޭ) 2014 ވަނަ އަހަރު އެ އުއްމީދު ހާސިލްކޮށްދިނެވެ. މެލޭޝިއާގެ ޕީޑީއާރްްއަމް އަށް ބަދަލުވެ އެ ކްލަބަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ، މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ. ދަގަނޑޭގެ އެ ދުވަސްތަކަށް ކުއްލި ނިމުމެއް އައީ އަހަރުގެ މެދުތެރޭގައި އޭނާ ޕީޑީއާރްއެމްގެ ކޮންޓްރެކްޓް އުވާލި ހިސާބުންނެވެ. އެއަށް ފަހު އެނބުރި ރާއްޖެ އައިސް ރެކޯޑް އަގެއްގައި މާޒިޔާ އަށް ސޮއިކުރި އެވެ. އަދި އެ ކްލަބަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރި އެވެ.

މި އަހަރަކީ ގައުމީ ޓީމުން މުހިއްމު ކުޅުންތެރިޔަކު ވަކިވި އަހަރެކެވެ. ގައުމީ ޓީމުގެ ގޯލް 1999 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އައި އިމްރާން މުހައްމަދު، ގައުމީ ޓީމުން ރިޓަޔާކުރީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ގެންގޮސްދިނުމަށް ފަހު އެވެ. އިމްރާން ގައުމީ ޓީމާ ވަކިވުމުން ވަރަށް ގިނަ ބަޔަކު ހިތާމަފާޅުކުރި އެވެ. ގައުމީ ޓީމުން ވަކިވިޔަސް އޭނާ ވަނީ ކްލަބް ފުޓްބޯޅައިގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.

ކުޅިވަރުގައި އެންމެ ހިތާމަވެރި އެއް ހަބަރަކީ ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމުމުން ކޮމަންވެލްތު ގޭމްސް އާއި ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަދި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ރާއްޖެ އަށް ގެއްލުމުގެ ހަބަރެވެ. ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ އެހީތެރިކަން ނުލިބުމަކީ ދިވެހި ކުޅިވަރަށް ލިބުނު ބޮޑު އުނިކަމެކެވެ. މި މައްސަލައިގައި ކުޅިވަރުގެ އިސް ބައެއް ފަރާތްތަކާއި ކުޅިވަރު ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު ސަރުކާރުން ވަނީ ގެއްލިގެންދާ ފުރުސަތުތައް އެހެން ގޮތްގޮތުން ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މުއީނާގެ މައްޗަށް ކުރި ހޯދުމަށް ފަހު ރަފާ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު ޓޭބަލް ޓެނިހުން މުޅިން އާ ތަރިއެއް ވަނީ މި އަހަރު ވިދަން ފަށައިފަ އެވެ. މިދިޔަ 13 އަހަރު ގައުމީ ޓީޓީ ޗެމްޕިއަންކަން ހޯދި މުއީނާ މުހައްމަދު ބަލިކޮށް އުމުރުން 13 އަހަރުގެ އައިޝަތު ރަފާ ނާޒިމް ގައުމީ އަންހެން ސިންގަލްސް ތަށި ހޯދުން ވެގެން ދިޔައީ އަހަރުގެ އެންމެ ބޮޑު ހައިރާންކަމަށެވެ. ރަފާގެ ހުނަރާއި ހިތްވަރަށް މުއީނާގެ އިތުރުން މުޅި ކުޅިވަރު އާއިލާ ތައުރީފްކުރި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އަޑިއަޅާލާފައި އޮތުމަށް ފަހު މި އަހަރު ތަށްޓެއް ހޯދުން ވެގެން ދިޔައީ ކުޅިވަރުގެ ބޮޑު ސުރުހީއަކަށެވެ. އެ ޓީމުން 2008 ގެ ފަހުން ފުރަތަމަ ފަހަރަށް އަތްލީ ތަށްޓަކީ އެފްއޭ ކަޕެވެ. ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ހޯދި ކާމިޔާބީއާ އެކު ވެލެންސިއާ ވަނީ ޒަމާންތަކަށް ފަހު އޭއެފްސީ ކަޕުން ވެސް ފުރުސަތު ހޯދައިފަ އެވެ. ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ވެލެންސިއާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވެ އެވެ.

ކްލަބް ވެލެންސިއާގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން 1989 ވަނަ އަހަރު އުފެދި ދިވެހި ފުޓްބޯޅައަށް ގިނަ ކުޅުންތެރިންތަކެއް ނެރެދީފައިވާ ކްލަބް އީގަލްސް އިން ވެސް ވަނީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ތަށްޓެއް މި އަހަރު ހޯދައިފަ އެވެ. ޓީސީ ބަލިކޮށް އެ ޓީމު ޕްރެޒިޑެންޓްސް ކަޕް ހޯދިއިރު ބޮޑު ޝުކުރެއް ހައްގުވަނީ ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން އެ ޓީމު ބިނާކުރި ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އަށެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގު އުފުލާލީ ވަރުގަދަ ސްކޮޑަކާ އެކު ނުކުތް މާޒިޔާ އެވެ. އެކަމަކު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުހޯދުމުން ކޯޗު އަލީ ސުޒޭން ވަނީ އިސްތިއުފާ ދީފަ އެވެ. އެހެންވެ އެ ޓީމުން ވަނީ އާ ސީޒަނަށް ބިދޭސީ ކޯޗެއް ގެނެސްފަ އެވެ.

އަހަރު ނިމިގެން ދިޔައީ ވިމެންސް ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ޓީމު ފުރަތަމަ ފަހަރަށް ޖާގަ ހޯދި ހަބަރާ އެކު އެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

31 December 2016

ފުޓްބޯޅަ އެސޯސިއޭޝަން ސިޔާސީ ޖަގަހައަކަށް ހަދާފައި ކާމިޔާބޭ ބުނީމައި އެވަނީ މަލާމަތްކުރުން ނޫންކަމަކަށްނޫން ،،،، ކޮންމެއަކަސް ވަރަށް ހިތާމަހުރިކަމެށް ،،، އެސޯސިއޭޝަންތަށް އެއްވެސް ހާލެއްގައި ސިޔާސީކޮށް ސިޔާސި ބޭފުޅުން އެތަންތަނުގެ ހިންގާކޮމިޓީތަކުގައި ތިބެގެން ނުވާނެ ޙާއްސަކޮށް މަޖިލިސްގެ މެންބަރުން އެކަމުގައި ތިބެގެންނުވާނެ ،، ވަރަށްވެދުން ،

The name is already taken The name is available. Register?

ފަރީ

31 December 2016

ތި ލިބުނު ހުރިހާ ކާމިޔާބީއެއްވެސް ލިބިފަިއތިވަނީ ރައީސް ޔާމީނުގެ ޒަޢާމަތުގައެއްނު.

The name is already taken The name is available. Register?

ރާޒީ

31 December 2016

ޢަދި ފާހަގަކޮށްލުން ރަނގަޅެވެ. 2016 ވަނަ އަހަރަކީ ކުޅިވަރުގެ ދާއިރާއިން އެންމެ ގިނަ ކުޅުންތެރިންނަށް ޤައުމީ އިނާމު ލިބުނު އަހަރެވެ.

The name is already taken The name is available. Register?

ނުވޭދޯ

31 December 2016

ކުޅިވަރަށް ސަރުކާރުން ޓެކްސް ޕޭޔަރ މަނީން ކުރާ ޚަރަދާއި އަޅާ ބަލާއިރު އެއްވެސް ކާމިޔާބެއް ނޫން 2016 ވަނަ އަހަރު. ފުރަތަަމަ މަމެން ދިރާސާ ކޮށްލީ ރާއްޖޭގެ ފުޓް ބޯޅަ ކުޅުން ތެރިންގެ އެޓިޓިއުޑް އެން ބިހޭވިއަރ އަށެވެ. އެމެން ނަކީ އެއީ އެނަރޖީ ޑްރިންކްސް އަޅާ ވެންޑިންގް މެޝިންގްސް ތަކޭ ބުންނަސް މީ ދެބަސް ވެވޭނޭ ކަމެއް ނޫނޭ ގިނަމީހުން ބުނާނެއެވެ. ދެން ރޮއްޓާއި ރިހަ ކާއުސޫލުން ސުޕާރީ ކައިނަގާ އަނގަ ފުރާ ފޯއް އަޅައިގެން ދުފާނެ އަބަދު. ދެން އަނެއް ކޮޅުން ވުމެނައިޒިންގް ކަންކަން އެކްސްޓްރީމް ލީ ހައި ކޮށް އޮންނަނީ ކުނި އުކަން ގޮނޑެއް ގޮނޑެއް ނޯންނަ އުސޫލުން. ދެން ފިޒިކަލީ އެމެން ފިޓް ވާނީ ކިހިނެއްތޭ. އަދި މިހާރު ގައިގެ ހަންގަނޑު ގައި ޓަޓޫ ވެސް ހުންނަނީ އޭ ކުރަހާ ފައި. ނުވާނެ މިކަމެއް މިގޮތަށް. މިރާއްޖޭގެ ފުޓް ބޯޅަ އަށް އަހަރު ދުވަހު ސަރުކާރުން ކުރާ ޚަރަދުން މާލެ އަމީނީ މަގުގައި ހުރި ދެ ސްޓޭޑިއަމްގައި 25 ބުރީގެ ކޮމާރޝަލް ބިލްޑިންގްސް ތައް ސަޅި ކޮށް ހަދާ އަދި އެތަނުގެ މަތީ ޓެރަސް ގައި ފުޓް ބޯޅަ ދަނޑު ހެދޭނެއެވެ. ދެން ކޮބާ 2016 ވަނަ އަހަރަކީ ކާމިޔާބު އަހަރަށް ވެފައި.

The name is already taken The name is available. Register?

މަމިޔޮކާކަ

31 December 2016

ވޭތުވެދިޔަ އަހަރު ކުޅިވަވަރުގެދާއިރާގެ ތެރެއިން އެއްމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ފުޓްބޯޅައިގެ މައި އިދާރާ ހިސޯރު ކުރުން ހިމެނޭ . މީގެ ތެރޭގައި ވަކިޓީމެއް ފުޑާލަން ކުރިމަސައްކަތަކީވެސް ކާމިޔާބުނުވި ފާހަގަކޮއްލެވޭ މަސައްކަތެއް. އުއްމީދު ކުރަނީ މިފެށޭ އަހަރަކީ އެއމެން ގުޅިގެން އެކުގައި މަސައްކަތްކޮށް ދިވެހި ފުޓުބޯޅައައް އާދިރުމެއް ގެނެސްދެވޭނެ އަހަރެއްކަމުގައި ވެގެންދިއުން ފުޓުބޯޅައިގެ ކަންކަމުގައި އިސްކޮށް ތިއްބެވި ވެރިންނަށް ހެޔޮވިސްނުންދެއްވައި ހެޔޮމަގަށް ކަންކަންކުރުމުގެ ތައުފީޤު ދެއްވާށި، އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454