ރާއްޖޭގެ ހަތް އަތޮޅެއްގައި އިންޑިއާ ސަރުކާރުން ހިންގާ އާ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފައިލް ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ޖޫން 2022 - 13:15
އިންޑިއާ އިން ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަކަށް އެޑްވާންސްކޮށް ހަތަރު މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ހިންގަން ނިންމާފައިވާ ހައި އިމެޕްކެޓް މަޝްރޫއުގެ މޯބިލައިޒޭޝަން ނުވަތަ އެ މަޝްރޫއުތައް ހިންގުމަަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމުގެ މަސައްކަތް ފެށުމަށް އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުތަކަކީ މިދިޔަ މާޗު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރް ރާއްޖެ އަށް ކުރެއްވި ދަތުރުގައި އިއުލާންކުރެއްވި މަޝްރޫއުތަކެކެވެ. އަދި މިދިޔަ އެޕްރީލް މަހު އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.
ސިއްހީ ދާއިރާއަށާއި ޒުވާނުންގެ ތަރައްގީ އަދި ކުޅިވަރާއި ސަގާފަތަށް އަމާޒުކޮށް ހިންގާ އެ މަޝްރޫއުތަކަށް ފަންޑުކުރަނީ ރާއްޖޭގައި ހައި އިމްޕެކްޓް މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށް، އިންޑިއާ އިން ދީފައިވާ 155 މިލިއަން ރިފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
- އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.
- ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުން.
- ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.
- ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
- ނ. ލަންދޫގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.
- ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.
އެއްބަސްވުމުގައި ސޮއިކުރި ދުވަހު ފޮރިން މިނިސްޓްރީ ބުނެފައި ވަނީ އިންޑިއާ ސަރުކާރުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ދިގުރަށާއި ގެމަނަފުށީގައި ހަދާ ޔޫތު ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމާއި އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިން ރޫމް ހުންނާނެ ކަމަށެވެ. އަދި މަނަދޫގައި ހަދާ ބައިނަގަލްއަގުވާމީ މިންގަނޑަށް ފެތޭނެ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމަށް އަށް މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހަދާ ސްޕީޗް ތެރަޕީ ޔުނިޓުގައި ސައުންޑް ޕްރޫފް ސްޓޭޝަނަކާ އެކު އޯޑިއޯމެޓްރީ ސެޓަޕެއް ބަހައްޓާއި އެތަނަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތައް ބަހައްޓައި އަދި ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރާނެ ކަމަށާއި އެ ޕްރޮޖެކްޓް ހިންގާނީ ނުވަ ލައްކަ ރުފިޔާގެ ހީލޭ އެހީގެ ދަށުން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ހަދަނީ 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ. އެތަނަށް ބޭނުންވާ މެޝިނަރީޒް އާއި މެޓީރިއަލް ހޯދައި އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީން ކުރާނެ އެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހަދާ މެންޓަލް ހެލްތު ސެންޓަރަށް 665،000ރ. ގެ ހިލޭ އެހީ އިންޑިއާ އިން ދޭނެ ކަމަށް ވެސް ބުންޏެވެ.
ލަންދޫގެ އާސާރީ ތަނެއް ކަމަށްވާ މާބަދުގެ އާއި ދިޔަމިގިލި ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް ރައްކާތެރިކުރުމަށް 5.2 މިިލިއަން ރުފިޔާ އެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވެ އެވެ. އަދި ސައިޓް މިއުޒިއަމް ހަދައި، އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި ގެލެރީތައް ހެދުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ޒަމާނުގެ މިއުޒިމްތަކުގައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ވެސް ހަދައި، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން މިހާރު ވެސް އެކި ރަށްރަށުގައި އިންޑިއާ އިން އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ. އެ ސްކީމްގެ ދަށުން ރާއްޖޭގައި ޖުމްލަ 27 މަޝްރޫއެއް އިންޑިއާ ސަރުކާރުން ހިންގާނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
30 June 2022
ހުރިހާ ކަމެއް ކުރަނީ އިންޑިޔާ ސަރުކާރުގެ ހިލޭއެހީގަ. އެކަމު ލާރި ދޭންޖެހެނީ ދިވެހި ސަރުކާރުން؟ ކިހިނެއް ވާކަމެއް ކަމެއް ސާފެއް ނުވި.
ރާއްޖެ
30 June 2022
ދުވާލަކު ހާހެއް ދޭ ނަމަ ކޮންމެ ދުވަހަކު ޚަބަރުތަކުގެ ސުރުހީއަށް އަރާނެ.
މުރާސިލް
30 June 2022
އެންމެ 4 މިލިއަން ރުފިޔާ ދީގެން އެވާހަކަ މާބޮޑުކޮށްގެން ތިޔަ ދައްކަނީ އެއީ ނިކަން ބައިވަރު ފައިސާތަކަކަށްވެގެން އިންޑިޔާގެ ހެޔޮކަން ދައްކަން ހެއްޔެވެ؟ 4 މިލިަން ރުފިޔާއަކީ މާލޭ ބާޒާރުމަތީގެ ހޯލްސޭލް ފިހާރަޔަކަށް އެންމެ ދުވަހަކަށް ލިބޭވަރުގެ ކުޑަ އަދަދެކެވެ. ބަޔަކުމީހުން އިންޑިޔާގެ ދަށުވެ ގޮތޔްހުސްވީމާ ދެން ވަޒީފާއަކަށް ވާނީ އިންޑިޔާ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުމެވެ. ތިޔަ ކުރަނީ އެކަމެވެ.
ފޭރާން
30 June 2022
އިންޑިޔާ މީހުންލައްވާ ކަމެއް ކުރުން އެތައް އަހރެއް ނަގާނެ އިތުރަށް ކަރަޕްޝަން އިންތިހާގަ