އަންހެނަކު ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަންނަނީ.
18 އޯގަސްޓް 2022 - 21:23
މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ދަމައިގަނެ، ފޭރިގަތް މީހާ ހައްޔަރުކޮށްފި އެވެ.
މީގެ ތިން ދުވަސްކުރިން، އެ އަންހެން މީހާގެ ފަށް ފޭރިގަތީ ދިލްބަހާރު މަގުން އޭނާ ހިނގާފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ ފިރިހެނުންނެވެ. އެ ސައިކަލު ދުއްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.
ފަށް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، އެވެ. އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ދީފަ އެވެ.
ކުށުގެ ރިކޯޑް ގިނަ މުހައްމަދު ޝަމްލީން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި ސީސީޓީވީ ފުޓޭޖުތައް ވެސް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކުރިން ހައްޔަރުކުރީ މުހައްމަދު އަލްތާފް، 31، އެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ދީފައިވެ އެވެ.
އޭނާ ކޯޓުގައި ބުނެފައި ވަނީ ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށާއި ވަގަށް ނެގި ފަށް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ފަށް ހޯދީ ރަން ހަދާ ތަނަކަށް ވިއްކާލާފައި އޮއްވައި ކަމަށް ވާއިރު އަލްތާފް ބުނެފައި ވަނީ ފަށް ވިއްކާލި ތަން ދެއްކީ ވެސް އޭނާ ކަމަށެވެ.
އަލްތާފް ބުނި ގޮތުގައި އޭނާ ބަންދުގައި ބަހައްޓައިފި ނަމަ ވަޒީފާ ގެއްލޭނެ އެވެ. އަދި މަންމައަކީ ބަލި މީހެއް ކަމަށް ބުންޏެވެ.
ފޭރުނީ އަލްތާފްގެ ބައިވެރިވުމެއް ނެތި ކަަމަށް އޭނާ ބުންޏަސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ޝަރީއަތަށް ބެލޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އޭނާ އަކީ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އަމުރުގައިވެ އެވެ.
އާންމުވި ވީޑިއޯ އިން ފެންނަނީ އަންހެން މީހާއާ ސައިކަލް ކައިރިކޮށް، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަތުމުން ސައިކަލް ދުއްވާލާ ތަނެވެ. އޭރު އަންހެންމީހާ ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުންއަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 August 2022
އުމްރާ ޔައްދާން ދޫކޮއްލާ
1206
20 August 2022
މިއަށް ވުރެ މާ ސާފު ވީޑިއޯތަކުގެ ފޮރެންސިކް ހަދަން ފުލުހުން ފަސް ހަ މަސް ހޭދަކޮށްގެން އެ ކަމެއް ކުރި މީހުން ހައްޔަރު ނުރި އިރު، މި ވީޑިއޯގެ ފޮރެންސިކް ނިންމިލެއް އަވަސް ކަމާ މެދު އަހަރެން ހަމަ ހައިރާންވެ އަންތަރީސް ހީވޭ. ނޫސްވެރިންނަށް ވެސް ފުލުހުން މި ދެފުށުއެޅޭ އުސޫލު ފެންނަހެން ހިޔެއްނުވޭ. ނޫސްވެރިކަމުގެ މިނިވަންކަމަށް މިހާރު ވެފައި މި އޮތް ގޮތް ސިފަވަނީ، އޮންނަ ވެރިކަމުގެ ނިޒާމާ އުސޫލުތަކަށް ސަނާ ބަރުތީލާކުރާ ރަނޑާލި ބައިގަނޑެއްް ގޮތުގައި.
ޏަވިޔަނި
19 August 2022
އާރުޓީތައް ރައިސްވީމަ ވާ ގޮތްމީ!
ރަދީފު ބިން ރަފައިދާ
19 August 2022
އިބޫސަރުކާރުން ހިންގި ވަރަށް ބޮޑު ޕުރޮޖެކްޓެއް މީ. ވަރަށްބޮޑަށް އުފާކުރަން މިފަދަ ބޮޑެތި ބޮޑެތި ޕުރޮޖެކްޓުތައް މިސަރުކާރުން ހިންގާތީ.
ޙޙ2022
19 August 2022
ތީ ހުވަދޫ މީހުން އުޅޭގޮތް.... ފޭރިކާ.... ބޮއިހަލަކި
ހުވަދޫ މުސްލިމް
19 August 2022
ޖެނެރަލައިޒް ނުކުރޭ. ރޭސިޒަމް
ކޮރަލް
19 August 2022
ހައްޔަރު ކޮށްފި އެވެ. ދޫކޮށްލައިފި އެވެ. މިއީ ކުޅޭ ކުޅިވަރެކެވެ. ދެން ބުނާ ނީ ތަކުރާރުކޮށް ކުށް ކުރާ މީހެކޭ އެވެ. އެނިމުނީ އެވެ.
ފައިސަމް
19 August 2022
އޭނަ އުމުރާ އަށް ދާން ޖެހޭ ތަ. އޭރުން ދޫކޮށްލަން ޖެހޭނީ.
mRNA vaccines
19 August 2022
މުޅިންވެސް ތި އަތޮޅު މީހުން. ތިއީ އެއްކަލަ މީހުން މަރާ ގަޓު މޮޔާގެ ވެސް އަތޮޅު ދޯ؟
އެމްސް
19 August 2022
ދިވެހި ތާރީޚްގަ އެންމެ ބޮޑެތި ވައްކަން/ކަރަޕްޝަން ހިންގީ ކޮން އަތޮޅެއްގެ، ކޮން ރަށެއްގެ ބަޔެއްތޯ؟ އެމްއެމްޕީއާރުސީ އާއި އެފްޕީއައިޑީ ދަވާލީ ކޮންބަޔެއްތޯ؟
އިބޫ3
19 August 2022
ފަށް ދަމައިގަތް މީހާ އެއްނޫން. ފަށް ފޭރިގަތް ފޭރޭ މީހާ
ކުނިބެ
18 August 2022
ޢަންހެންމީހާވެސް ގޯސް ، މާލޭގެ ހުރިހައި ދެތަކަށް މަސައްކަތްކޮށްދޭކަން ދާކަން ނުޖެހޭ މާލެގެނައި މީހާ ބެހެއްޓި ގޭގަ މަސައްކަތް ކުރާނީ!ތި ގޮތަށް ފޭރޭކަން މިއަދަކު ނުޖެހޭ ތިވަރުގެ ޒުވާނުން ، އަމިއްލަ މަސައްކަތްކޮށްގެން ހަލާލު މުސާރަ ހޯދޭތޯ ބަލަންވީ؟
އެމްސް
19 August 2022
ސައިކަލު ދުއްވަން އިން މީހާއީވެސް ޖޮބެއްގަ އުޅޭ މީހެއް! މިނިމަމް ވޭޖުން ނުފުދޭތީ 2 ވަނަ ޖޮބް އަކަށް ދަނީ ނޫން ތޯ!
ސީދިބޭ
19 August 2022
އަންހެން މީހާ ގޭގެއަށް ގޮސް މަސައްކަތް ކުރުމަކީ އޭނާގެ މިނިވަންކަން. ގެނައި ވަޒީފާ އަދާ ނުކުރަންޏާ އަޅަންޖެހޭ ފިޔަވަޅެއް އަޅަންވީ. މިޒަމާނުގައި އަޅުންނެއް ނޫޅޭ. އުޅެނީ އުޖޫރައަށް ޚިދުމަތްދޭ މީހުން.