ޓޫރިޒަ މިނިސްޓަރު މޫސާ ޒަމީރު (ވ) އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން (މ) ހަފުލާއެއްގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ޖެނުއަރީ 2017 - 14:35
ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވާތީ ހައިރާންވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. އެކަމަކު، އެ ކުންފުނީގެ ނަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބައެއް ބޭފުޅުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިދިޔަ ހޯމަ ދުވަހު ބުނީ ރާއްޖޭގެ ވެރިރަށް މާާލެ އާއި މައި އެއާޕޯޓާ އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް އަސަރުކޮށްފާނެ ކަމަށެވެ.
ފޭދޫފިނޮޅު ދެނީ ޓޫރިޒަމްގެ މަސައްކަތަށެވެ. އެހެންވެ، އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތަށް އެ ކަމުން ބުރޫއަރަން ޖެހެނީ ކީއްވެގެން ކަމެއް، އޮފިޝަލުން ވިދާޅުވެފައެއް ނުވެ އެވެ. އިންޑިއާގެ ބައެއް ކުންފުނިތަކުން ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށާއި އެހެން ކަންކަމަށް ގެންދަނީ އިންވެސްޓްކުރަމުންނެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ފޭދޫފިނޮޅު އެ ގައުމުގެ ކުންފުންޏަކަށް ވިއްކާލިކަން އެ ތަނަށް ރަސްމީކޮށް އަންގައިފައެއް ނުވެ އެވެ. އެ ރަށް ނެގީ ކޮން ކުންފުންޏަކުން ކަމެއް ވެސް ނޭނގޭ ކަމަށާއި އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އެކަން އާއްމުކޮށް އިއުލާން ކުރައްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުންފުނީގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުުރުން ކަމަށް ގަބޫލުކުރެވެނީ. އޭގެ އިތުރުން ވެސް ޗައިނާގެ ތިން ކުންފުންޏަކުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވަމުން އެބަ އާދޭ،" ވަން ފޫކާން ވިދާޅުވި އެވެ.
ފޭދޫފިނޮޅުގެ ގޮނޑުދޮށުގައި ކުދިންތަކެއް ކުޅެނީ: އެ ރަށް ރިސޯޓަކަށް ހެދުމާ އެކި ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުން.
ސަފީރު ވަނީ އިންޑިއާގެ މީޑިއާތަކުން ފޭދޫފިނޮޅުގެ މައްސަލަ ނެގުމުން އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަދަ ޓޫރިޒަމަށް މަޝްހޫރު ގައުމެއްގައި ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރާނެ ކަމަށާއި އެ ފަދަ ކަމަކާ މެދު އިންޑިއާގެ މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ކޮންމެ ގައުމެއްގެ ބަޔަކަށް ވެސް އެބަ އޮތް،" ސަފީރު ވިދާޅުވި އެވެ.
ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.
ފޭދޫފިނޮޅު ވިއްކާލީ ނުއަގުގައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން، ބޮޑަށް ހުޅުވާލި ނަމަ، އެ ރަށް އެންމެ ކުޑަކޮށް ވެސް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އަށް ވިއްކާލެވޭނެ ކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.
މާލެ އަދި އެއާޕޯޓާ ވެސް އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ބަޔަކަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވެފައިވާ އިރު، ވާދަވެރި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަމުން ދާ މައްސަލަ އިންޑިއާގެ އެކި ފަރާތްތަކުން ވަނީ ކުރިން ވެސް ޖައްސައިފަ އެވެ. ހާއްސަކޮށް، ޗައިނާ އިން ލޯނު ނަގައިގެން ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނާތީ އެވެ.
އެކަމަކު އިންޑިއާގެ އަނެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެ ކަހަލަ ގައުމުތަކަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ވެސް ނޯވެވޭނެ އެވެ. އަދި އިންޑިއާ އިން އެހީ ދޭނެ އިރަކަށް ކުރާ އިންތިޒާރު ދިގުނުކުރެވޭނެ ކަމަށް ވެސް، ބައިނަލްއަގުވާމީ ދާއިރާާގެ މައްސަލަތަކާ ބެހޭ ބައެއް ތަޖުރިބާކާރުުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ އަބުދުﷲ
05 January 2017
ދެން ތިޔައީ ދެބައިމީހުން ޒުވާބުކުރަންވީކަމެއްނޫން އިންޑިއާ ސިފައިން މިހާރުވެސް އެތިބީ ރާއްޖޭގައި އަބަދުވެސް ކޮންމެވެސް ޓްރޭނިންގް އެއް ހެދުމުގެ ނަމުގައި ޗައިނާއިން މިކަމަކާ ކަންބޮޑެއް ނުވޭ ހާދަބިރެކޭ ތިޔަގަންނަނީ ...
ގޯދީރާޖާ
05 January 2017
މޯދީމެން ރާއްޖެކުޑަވީމާ ލިބޭނެ އެއްޗެއް ނެތޭހިތާ ނައިސްހުއްޓާ މިލިބުނީ ލަނޑެއް؟ އަދިވެސް އެމީހުން ބަލަނީ ރާއްޖެއަށް ޖެއްސުމެއް ކުރެވޭތޯވިއްޔަ؟ އައިޖީއެމްއެޗްވެސް ފިނިހަކު ދުވެލީގަ މަސައްކަތްކޮށްކޮށް ތިއްބާ އެހެރަ ނަގާ އުޑުގަ ޖައްސަނީ. މިހާރު ތިންއަހަރުވީ ތަޅުމުގެ މުށިބަދަލުކުރާތާ އަދިވެސް ނުނިމޭ. ކީއްކުރާނީ. އެމީހުންކުރާ މަރާމާތު ނިމޭއިރު އަނެއްކޮޅުން އެހެރަ ފެންނަނީ އަނެއްކާ ކުރަންޖެހިފަ؟
މާލިމީ
05 January 2017
މޯދީ ރާއްޖެ ނާންނާތީ ދިވެހިން ތިބީ ކަންބޮޑުވެފައެވެ. އިންޑިއާއިން މިކަމާ ދޭތެރޭ ބުނަނީ ކީކޭބާ؟ ޓާޓާ މީހުން ފްލެޓް އަޅާ އިރު އެއީ ފޭދޫ ފިނޮޅަށްވުރެން ސަރުކާރާ މާބޮޑަށް ކައިރި ޢިމާރާތްތަކަށްވާތީ ސްޓެރެޓެޖިކް ނުވެއެވެ. މޯދީ ވަޑައިގަންނަވާ! އަވަސް!
ވިގަނި
04 January 2017
މިގައުމުގަ ނުވިއްކާ އެއްވެސް ތަނެއް އޮންނާނެބާ މިހާރު ؟؟؟؟
އަލްޖިބްރާ
04 January 2017
އެއްއުރައެއްގައި ދެކަނޑިއަށް ނޯވެވޭނެކަން ސަފީރަށް އެގުނީމާ ހައިރާންކަން ފިލާފާނެ !
ނަޖީލު
04 January 2017
މަމެން އަދިވެސް ކަންބޮޑުވަނީ އިންޑިއާއަށް މި ރާއްޖޭގަ ރަށްތައް ދިފާނެތީ. ޗައިނާ ހަމަ އޯކޭ ހުރިހާ ރަށްތައް ދޭންވެސް. އިންޑިއާ އާ ހުޅަގާ އެމެރިކާ ބޭނުންވާނީ "ކަރުހިފާ ޑިމޮކްރަސީ" މި ގައުމުގައި ފަތުރައިގެން ދުރު މުސްތަގްބަލްގައި މި ގައުމު އަޅުވެތިކޮށް އިސްލާމް ދީން ނައްތާލުން. ޗައިނާ ހަރަކާތްތެރިވަނީ ހަމައެކަނި އިންވެސްޓަރެއްގެ ގޮތުގައި. އރއީ މި ގައުމުގެ އިގްތިސާދަށް ހެޔޮ ފާލެއް. ދުރު މުސްތަގްބަލްގައި އިންޑިއާއަށް ތުރެޓަކަށް ވިއަސް މަމެންނަށް ކީއް؟! ރަގަޅީވެސް އެ ގޮތް. އޭރުން މި ސަރަހައްދު ގައި ބެލެންސް އޮފް ޕަވަރ އޮތުން.
ޙަސީނު
04 January 2017
ތިކަން ކޮންމެ ގޮތަކަށް ހިގާފައި އޮތަސް ތިކަމާމެދު ބަސްކިޔުމުގެ ހައްގު އިންޑިޔާއަކަށް ނޯންނާނެ. މިއީކީ އިންޑިޔާގެ ސްޓޭޓެއް ނުވަތަ ޓެރިޓަރީއެއްވެސް ނޫން. މިމުއާމަލާތުގައި ކޮރޮޕްޝަން ހިމެނޭނަމަ އެއީ ދެރަކަމެއް. ރާއްޖޭގެ ކަންތަކަށް ބަސްކިޔާނީ ރާއްޖޭގެ މީހުން.
ރާނީ
04 January 2017
ބޮޑުދެގެރިތަޅުވަން މެދައް މިވަނީ ރާއްޖެ "ބޮޑުދެގެރި ތަޅަންޏާ ކައްގަލައް ބާރުކުރާނެ" ވަރައް ސަލާން
އުމަރު
04 January 2017
މައްސައަކީ ވަކި ވަކި ޤައުމުތަކަށް ބަރޯސާވުން، ކޮންމެ ރައީސަކަށްވެސް ފެންނަނީ ދެތިން ޤައުމެއް، ޔޫރަޕްގެ ޤައުމުތަށްވެސް އެބައޮތް، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔެއަށް މަޝްހޫރުކޮށްލީ ޔޫރަޕްގެ ޓްރަވަލް އެޖެންޓުން، އެކަމަކު ރާއްޖޭގެ އެއްވެސް ރައީސަކު ނުފެނޭ ރާއްޖެއަށް ޒަމާނުއްސުރެން ޓޫރިސްޓުން އަންނަ ޤައުމުތަކާއި ގުޅުން ބަދަހިކުރަން، ޗައިނާގެ 1 މިލިއަން ޓޫރިސްޓުނާއި ޔޫރަޕްގެ އެއްލައްކަ ޓޫރިސްޓުންނާ އެއްވަރު، ޗައިނާގެ ޓޫރިސްޓުން އަންނަނީ އެންމެ ގިނަވެގެން 4 ދުވަހަށް، އަދި އައިސް ހޭދައެއް ނުކުރާނެ، އޭގެ ބަދަލުގައި ދެންތިބި ޓޫރިސްޓުންނަށް އުޅެން އުނދަގޫވާނެ އެމީހުންގެ ކަންތަކާހެދި، ޖަޕާނުގެ ޓޫރިސްޓުން މަދުވީވެސް ހަމަ އެހެންމެ އެމީހުންނަށް އަމާޒްކޮށް ޓޫރިޒަމްގެ ޕްރޮޑަކްޓްތަށް ނެތީމަ އަދި މާކެޓް ނުކުރެވުނީމަ، ދެން ސަރުކާރުގެ މައްސަލަތަށްވެސް މީގައިއޮވޭ އެއީ ޗައިނާގެ ސަރުކާރާ ގުޅިފައިވާ ކުންފުނިތަކުގެ އަތުގައި ހިފައިގެން އައިސް ބީލަމަކާއި ނުލައި ފަޅުރަށްތަކާއި ޕްރޮޖެކްޓްދޭތީ، ހަމަ އެހެންމެ ސަރުކާރުތަކުން އިންޑިއާގެ ސަރުކާރާ ގުޅިފައިވާ ބައެއް ކުންފުނިތަކުގެ އަތުގައި ހިފައިގެން އައިސް ޕްރޮޖެކްޓްދޭ، ހަގީގަަތަކީ ދިވެހި ސަރުކާރަކަށް ނެއެނގޭ އިންޓަނޭޝަނަލް ބިޒްނަސް އަދި ފޮރިން އިންވެސްޓްމަންޓް އެއީ ކޯޗެއްކަމަށް، އެނގޭނަމަ ތިޔަކަހަލަ މައްސަލަ ނުޖެހޭނެ ޤައުމުތަކުގެ މެދުަގައި ރާއްޖޭގެ ބޭރުގެ ސިޔާސަތުގެ ސަބަބުން
ޑާޑާޑާޑާ
04 January 2017
ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ، ކޮބާ އިންޑިއާ, ކޮބާ އިންޑިއާ، ކޮބާ، ކޮބާ، ކޮބާ، ކޮބާ، ކޮބާ، ކޮބާ.. މިހާރު އަޑު އިވިއްޖެތޭ މަމެންގެ ޗައިނާ ބުނާ އެއްޗެއް. އަޑު އިވިއްޖެދޯ. އައި ކާންޓް ޓޭކް ދިސް ސްޓަފް އެނީމޯރ. ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ..