08 އޮކްޓޯބަރ 2022 - 13:37
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ދުބާއީގައި އުޅެނިކޮށް، ސްރީ ލަންކާ އަށް ފޮނުވާލައިފި އެވެ.
ޑްރަގް މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގަ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އަރުޝަދު ދުބާއީ ގޮސް އުޅެނިކޮށް، އޭނާ ވަނީ ސްރީލަންކާ އަށް ގެންގޮސްފަ އެވެ.
ނަމަވެސް އަރުޝަދުގެ ޕާސްޕޯޓު އޮތީ ނުހިފަހައްޓަ އެވެ.
އަރުޝަދު ލަންކާއަށް ފޮނުވާލީ ދިވެހި ފުލުހުންނާ ގުޅިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
އަރުޝަދުގެ ގާނޫނީ ވަކީލު އަހުމަދު ނާޝިދު ވިދާޅުވީ، އަރުޝަދު ދުބާއީ އަށް ދިޔަ ތަނުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ލަންކާ އަށް ފޮނުވައިލީ ދިވެހި ފުލުހުންގެ އަމުރަކަށް ބަލައިގެން ކަމަށެވެ. އެކަމަކު، އެ އަމުރުގެ އެއްވެސް ތަފުސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަރުޝަދު ދިރިއުޅެނީ ލަންކާގައި ކަން ހައި ކޯޓަށް ވެސް ކްރިމިނަލް ކޯޓަށް ވެސް އެނގޭނެ. އޭނާ ނޫޅޭ ފިލައިގެނެއް. އޭނާ އަށް ކުރާ ބޭސްފަރުވާ އާއި އޭގެ ތަފުސީލުތައް އޮންނާނީ ކޯޓަށް ދީފައި. އަނެއްކާ އަރުޝަދަށް އަމުރެއް ރައްދު ނުވެގެން ވަކީލުންނަށް އަންގައިފައެއް ނެތް،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އަރުޝަދު ލަންކާ އިން މާލެ ނުގެނެވި ލަސްވަނީ ޑޮކިއުމަންޓެއް މަދުވެގެން ކަމަށް ވަނީ އެނގިފަ އެވެ.
"އަރުޝަދު ހުރީ ލަންކާގައި ބަންދެއްގައެއް ވެސް ނޫން. އަޅުގަނޑުމެންނަށް ގުޅަން ވެސް ގުޅޭ. ދުބާއީ އިން އަނބުރާ ފޮނުވާލީމާ ދެން ދާން ޖެހޭނީ އެ މީހަކު އުޅޭ ގައުމަށް. އެ ގޮތުން އޭނާ ލަންކާ އަށް ފޮނުވާލީ،" ގާނޫނީ ވަކީލު ވިދާލުވި އެވެ.
އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އެކަމަކު އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވާތީ އޭނާ ހައްޔަރެއް ނުކުރެވެ އެވެ.
ވަކީލު ނާޝިދު ވިދާޅުވީ، އެ މައްސަލައިގައި ވެސް އަރުޝަދު ހޯދަން ފުލުހުން މަސައްކަތް ކުރާ ކަމަށް އެނގިފައި ނުވާ ކަމަށެވެ.
"ފިލައިގެން އުޅޭ މީހުން ހޯދަން ފުލުހުން އަމަލުކުރާ ގޮތަކަށް އެއްވެސް ކަމެއް ނުކުރޭ އަރުޝަދު ހޯދާކަށް،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
09 October 2022
އިންސާފަކީ ލިބޭ އެއްޗެއްނޫން ހޯދަންޖެހޭ އެއްޗެއް ފައިސާޔާ ބާރުން ދުނިޔެހިގަނީ މަކަރާ ހީލަތުން މިކަންގަބޫލްނުކުރާމީހުންނަކީ މޮޔައިން އިންސާފުބޭނުމިއްޔާ ފައިސާޔާ ބާރުހޯދާ އެއިރުން ކޮންމެގޮތަކައްވެސް އުޅެވިދާނެ
ކަރަދުއިބްރާހީމް
09 October 2022
ގޯހީ ވަކީލުތަ ނޫނީ ޤައުމުގަ ކަން މިހިނގާގޮތްތަ ކުށްވެރިންގެ މުށުތެރޭގައި ފައިސާގެ ދަހިވެތިކަމުގައި ވަޒީފާގެ ޒިންމާޔާ ކޮށްފަވާ ހުވާތަށް އަމިއްލަ އެދުމުން ފޯކޮށް ( ފާރޮށި ފޯކުރާހެން ) ގެން ކަންކަންކުރާހާ ހިނދަކު އެއްވެސް ކަމެއް އިސްލާހެއްނުވާނެ މިޤައުމުގައި އަދުލުއިންސާފާ އިޖުތިމާޢީއަދާލަތު އަމާނާތްތެރިކަމާ ތެދުވެރިކަމާ ﷲއަށް ބިރުވެތިވުން މޫސުމީ ކަމަކަށްވީމަ ވާނީމިހެން ރައްޔިތުން މިކަމަށް ފޫގަޅައިގެން އިސްލާހުކުރަން ނިކުންނަންވީ އޭރުން ހައްލުވީ
ހިބަރު
08 October 2022
ވަކީލޫ އާހިރަތް ދުވަސްވެސް އަންނާނެ...
ސަބީ
08 October 2022
"އަނިޔާވެރިކަން" ކިޔައިގެން ވޯޓު ހޯދާފަ ދެން ކިހިނެއްތަ ގައުމު މައިތިރި ކުރަން ހަރުކަށި އެއްވެސް ކުރެވޭނީ. އަބަދު ސިމްޕަތައިޒް ވާންވެގެން ގޮސް ޖެހޭނީ ނަފްސާނީ ބައްޔެއް
ފައުޒު
08 October 2022
މީ އަޅެ ސެލެބްރިޓީއެއްތަ؟ މި ނޫހުން މީނަ ޗުއްޓީއަށް ޑުބައި އަށް ދިޔަ ވާހަކަވެސް ޖަހާފަ އޮއްވާ ފެނުނު. ހިތާވެގެން އުޅޭ ހެން ހީވަނީ. ?
ސަލާމަތީ
08 October 2022
ރާއްޖެ ގެނައުމާއި އެކު ދޫކޮށްލާނެ.
ވާނުވާން
08 October 2022
މި ކުއްޖާޔާ ފުލިހުންނާ ޒާތީ ކަމެއް އެބަވޭ.. މިވަރު ނުކުރޭ ފީއެންސީ ކާފަޔަށް ވެސް
ބޯސަަކަރާތް
10 October 2022
ހަމަ ސީދާ ޒާތީ ވެފަ.
އެމްސް
08 October 2022
ތިޔަފަދަ އޮޕަރޭޝަންތައް މިޤައުމުގެ މުޅި ރީޓެއިލްޓްރޭޑް ޙިސޯރުކޮށްގެން އުޅޭ ގިނަގުނަ ބިދޭސީން މައްޗަށްވެސް ފުލުހުން ހިންގާނެނަމަ ހާދަ ރަގަނޅުވީހޭ! އެންމެ ދިވެއްސެއްވެސް ނެތި ހިންގާ ފިހާރަ/ކެފޭތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިންތިހާއަށް އިތުރުވަމުން! ކަންނެލި އޮޑިފަހަރަށްވެސް ބޮންދުން އަރައިފި، ބަލާނެ އެއްވެސް ބަޔަކު ނެތް! ބިދޭސީން މިއަދު މަސައްކަތްކުރަނީ ދިވެހިންނަށްވުރެ މާބޮޑު ޢުޖޫރައެއްގަ! ދުވަހު މުސާރައަށްދާ މަޖޫރީވެސް -/500 ރ އެބަ ނަގާ!
ތޫތޯ
08 October 2022
ދެކޮޅު ހަދަަނިއްޔޭ. ޑިމޮންކުރޭޒީ ގަ ވާގޮތް ތަ ތީ؟
މިސްޓަރ ޓިނޭ
08 October 2022
މީދެން ކިހާ ބޮޑު ވެއްޖެ ކަމެއް، ރައްޔިތުމީހާ އަށް ވަރަށް ރަނގަޅަށް ތި ވާނުވާ އެނގޭ ، ދެން ކޮންމެ ދުވަހަކު ތި ގޭމް ކުޅޭނެކަމެއް ނެތް، ަެަެަެަެަެަެަެަެަެަެަެަެަެަެ އެންމެން ބައިވެރިވެގެން ނޫނީ ނުވާނެ ، ވ. ވެދުން