ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކާ ފަރަގު ކުޑަކޮށްފި، ލިވަޕޫލް މޮޅުކޮށްދިނީ ނޫނޭޒް

މެންޗެސްޓާ (އޮކްޓޫބަރު 20) - މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް، 2-0 އިން މެޗު ކާމިޔާބުކޮށް، ޕްރިމިއާ ލީގުގެ ގަދަ ހަތަރަކާ ދެމެދު އޮތް ޕޮއިންޓުގެ ފަރަހު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފި އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ.

ޗެލްސީ ރަށުން ބޭރުގައި ރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

މި މެޗުން ބަލިވުމުން ލީގުގެ ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ މެންޗެސްޓާ ސިޓީ އަށް ވުރެ ކުރިއަށް، ލީގުގެ ދެ ވަނައަށް އެރުމުގެ ފުރުސަތު ނަގާލައިފަ އެވެ. ޓޮޓެންހަމާއި ސިޓީ އަށް ވެސް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޓޮޓެންހަމް ވަނީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް؛ 11 މެޗު ކުޅެފަ އެވެ. ސިޓީ އިން މި ހަފްތާ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެކޮލާސް ކުޅެން އޮތް މެޗު ވަނީ ފަސް ކުރެވިފަ އެވެ.

ޔުނައިޓެޑުން މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު އިރު، ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވަން ޓޮޓެންހަމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މޮޅަށް ކުޅެފަ އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާއެއް، ޓޮޓެންހަމްގެ ބެން ޑޭވީސް ގައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ގޯލަށް ވަން ބޯޅައިން ޔުނައިޓެޑަށް ލީޑު ލިބުނެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ، ބްރޫނޯ ފެނާންޑޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ފްރެޑް ފޮނުވާލި ހަމަލާ ޓޮޓެންހަމްގެ އެރިކް ޑަޔާ ބްލޮކް ކުރުމުން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން މާކަސް ރަޝްފޯޑް ފޮނުވާޅި ނުރައްކާތެރި ހަމަލާއެއް ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކޯޗު އެރިކް ޓެން ހަގް އޭނާއަށް ފުރުސަތު ނުދިނުމުން، ރޮނާލްޑޯ ވަނީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބެންޗު ދޫކޮށް ޗޭންޖިން ރޫމާ ދިމާއަށް މިސްރާބު ޖަހައިފަ އެވެ.

މިއާ ގުޅިގެން މެޗަށް ފަހު ޓެން ހަގް އާ ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެން ހަގް ބުނީ، މިއަދު ޓީމުން ޓޮޓެންހަމާ ވާދަކޯށް ހޯދި ކާމިޔާބީ ފާހަގަ ކުރަން ޖެހޭ ކަމަށާއި، މާދަމާ އެކަމާ ގުޅޭގޮތުން ރޮނާލްޑޯއާ ވާހަކަ ދައްކާނެ ކަމަށެވެ.

"އަހަރެން ރޮނާލްޑޯއާ ވާހަކަ ދައްކާނަން މާދަމާ، މިއަދަކު ނޫން. މިވަގުތު އަހަރެމެން މި ފާހަގަ ކުރަނީ ވަރަށް މުހިއްމު މޮޅެއް،" ޓެން ހަގް ބުންޏެވެ.

"އަހަރެން އޭނާ (ރޮނާލްޑޯ ދުށިން)، އެކަމަކު އަދި އޭނާއާ ވާހަކައެއް ނުދައްކަން."

ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ ނޫނޭޒް

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ވަނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ މެޗުން މޮޅުވީ 1-0 އިންނެވެ.

މެޗުގެ 22 ވަނަ މިނިޓުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ކޮސްޓާސް ސިމިކާސް ނަގައިދިން ހުރަހަކުން ޖަހައިދިނީ ޑާވިން ނޫނޭޒް އެވެ. މިއީ މި ސީޒަނުގައި ގެނައި އުރުގުއޭގެ ޒުވާން ފޯވާޑް، ލިވަޕޫލްގެ ދަނޑުގައި އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ނޫނޭޒް، ލިވަޕޫލަށް މެޗުގައި ލީޑު ނަގައިދިނުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނޫނޭޒް އަށް މެޗުގައި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ ފެނުނީ ހުށިޔާރު ކޮށެވެ. އަދި އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ވީއޭއާރުގެ އެހީގައި ވެސްޓް ހޭމް އިން ނަތީޖާ އެއްވަރު ކުރަން ޕެނަލްޓީ އެއް ވެސް ހޯދި އެވެ. ނަމަވެސް ޖަރޯޑް ބޯވެން ފޮނުވާލި ޕެނަލްޓީ، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ދިފާއު ކޮށްފަ އެވެ.

މި މޮޅާ އެކު ލިވަޕޫލް ވަނީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށް، ހަތްވަނައަށް ޖެހިލައިފަ އެވެ. ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 18 ޕޮއިންޓް ހަމަކޮށްގެން ހަވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.

ނިއުކާސަލް ވަނީ އަމިއްލަ ދަނޑުގައި ރޭ 1-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ބްރޫނޯ ގިމަރޭސްގެ އެހީތެރިކަމާ އެކު މިގޭލް އަލްމިރޯން އެވެ.

ސައުތެމްޓަން އިން ވެސް ވަނީ 1-0 އިން ރޭ ރަށުން ބޭރުގައި ބޯންމަތު ބަލިކޮށް، 11 ޕޮއިންޓާ އެކު ލީގުގެ 14 ވަނައަށް ޖެހިލައިފަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެމީ ކަރޭގަރ

20 October 2022

ކޮބާ ޕޯޗުގަލްގެ މިސްޓަރ ރިޖެކްޓޭ ކިތައް ގޯލް ސޮރާ ކިތައް ޓެޕިން ހެދިތަ ރޭގަ؟

The name is already taken The name is available. Register?

އެރިކް ޓެން ހާގް

20 October 2022

އެބޭޅާ ނާރުވާ ކުޅެން. އެހެންވެ ކޯފާ އިސްކުރައްވާ ފުޅިތަކާ ކޫލް ބޮކްސްގަ ފައިން ޖައްސުވާ މެޗު ނިމުމެގެ ކުރިން ވަޑައިެގެންފި އެތެރެގެއަށް ފާގަދިޔަ ތައްޓެއް ހިއްޕަވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454