ރިޕޯޓް

ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!

ސުޕްރީމް ކޯޓު: ފަރިއްކޮޅަކާ ގުޅުވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށުމުން ޖޭއެސްސީއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި --- ފޮޓޯ/މިހާރު

އަބަދުވެސް އޮންނަނީ ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. އެއީ ފަންނީ ބޭފުޅުންނަށް ވުރެ ގިނައިން ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނެއް ޝަރުއީ ދާއިރާގެ ބެލެނިވެރި މުއައްސާއެއްގެ ގޮތުގައި އޮތުމުންނެވެ.

ނަމަވެސް ޝަރުއީ ދާއިރާއާ މެދު ގެއްލިފައި އޮތް އާންމުންގެ އިތުބާރު އަނބުރާ ގެނެސްދިނީ ސުޕްރީމް ކޯޓުންނެވެ. ސަރުކާރެއް އަދި އިދިކޮޅެއް ނުބަލަ އެވެ. ދައުލަތުގެ ބާރުގަދަ މުއައްސަސާއެއް އަދި ނިކަމެތި ރައްޔިތު މީހާއެއް ތަފާތެއް ނުކުރާކަން އާންމުން ވެސް ބަލައިގަނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ހިސާބުން އަނެއްކާވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެ ތުހުމަތެވެ. މައްސަލައަކަށްވީ މައްސަލަ ބެލުމެއް ނޫނެވެ. ޖޭއެސްސީން ބަލަން ނިންމި މައްސަލަ ގިނަ ބަޔަކަށްވީ ޖޯކަކަށެވެ.

މައްސަލައެއް ކަމަށް ގަބޫލު ނުކުރާނެ ފަދަ މައްސަލައެއް ދެއްތޯ މިއީ.

ފަރިއްކޮޅު މައްސަަލައަކަށްވީ އެއް އަހަރު ފަހުން: ހަމަ އިއްތިފާގެއް؟

ފަނޑިޔާރު މަހާޒަށް ތުހުމަތުކޮށް ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި ހުކުމްކުރި ދުވަހު، ހުކުމަށްފަހު ޔާމީނާ ގުޅުން އޮތް ބޭފުޅަކު ފޮނުވި ފަރިއްކޮޅަކާ ހަވާލުވި ކަމަށް ބުނެ އެވެ. އަދި އުފާ ފާޅުކުރުމުގެ ގޮތުން ކޯޓުގައި އެ ފަރިއްކޮޅުގައި ބޭއްވި ކަމަށް ބުނެ އެވެ.

ރެސްޓޯރެންޓަކަށް އޯޑަރުކޮށްގެން ގެނައި އެ ފަރިއްކޮޅުގެ މައްސަލަ ބަލަން ފެށީ އޭގެ އެއް އަހަރު ފަހުންނެވެ.

އެއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ގިނަ މީހުންނަށް އުނދަގުލެވެ. ޔާމީންގެ މައްސަލަ ދެވަނަ ދަށު ކޯޓުގައި ހުކުމާ ހިސާބުގައި އޮއްވައި މި މައްސަލަ ފެންމަތި ކުރުމުން ޔާމީންގެ މައްސަލައާ ގުޅުވައި، އަނެއްކާވެސް ޖޭއެސްސީއަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަން ފުރުސަތު ލިބުނީ އެވެ. ކުރިން ފާޑުކިޔުން އަމާޒުވީ ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ބެލި އިސްގާޒީ ހުކުމްކުރަން އޮތް ދުވަހު ސަސްޕެންޑް ކުރުމުންނެވެ.

"މައްސަލައެއް ކަމަށް ގަބޫލު ނުކުރާނެ ފަދަ މައްސަލައެއް ދެއްތޯ މިއީ. ހަމަގައިމު ވެސް ޕަބްލިކް ގަބޫލުކުރާ ޒާތުގެ މައްސަލައެއް ނޫން މިއީ." ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގެ ނިންމުންތައް ނިންމުމުގެ ކުރިން ވަގުތާއި ހާލަތަށް ވިސްނަންޖެހެ އެވެ. ސިޔާސީ ބޭފުޅެއްގެ މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި އެއާ ގުޅޭ އެހެން މައްސަލައެއްގައި ސުލޫކީ މައްސަލަ ބަލަން ފެށުމުން އިތުރު ސުވާލުތަކެއް އުފެދެ އެވެ.

"ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލައެއް ބަލާފައި އޮތުމަކީ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދުވަހަކު ވެސް ނުބަލާ ތިބެވޭނެ ސަބަބެއް ނޫން."

"މިގޮތަށް މިހެން ދިމާވުމަކީ ޖޭއެސްސީގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު އައިސްގެންތޯ ހަމަ ސުވާލު އުފެދޭ. ހުރިހާ ދައުރެއްގައި ވެސް މިހެން މި ދިމާވަނީ." އޭނާ ވިދާޅުވި އެވެ.

ތިން ބާރުގެ ވެރިންނާއި ޖޭއެސްސީގެ ރައީސް -- ފޮޓޯ/މިހާރު

އެކަމަކު ޖޭއެސްސީގެ މެމްބަރަކު ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލަ ބަލަން ޖެހޭ ވަކި ވަގުތެއް އެ ކޮމިޝަނަކަށް ނޯންނާނެ އެވެ. އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައެއް އެ ފަނޑިޔާރަކު ބައްލަވާފައި އޮތްތޯ ނުވަތަ ނެތްތޯ އެ ކޮމިޝަނުން ބަލަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލައެއް ބަލާފައި އޮތުމަކީ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދުވަހަކު ވެސް ނުބަލާ ތިބެވޭނެ ސަބަބެއް ނޫން. އަދި ކޮންމެ ދުވަސްވަރެއްގައި މައްސަލަ ބެލިޔަސް، ވަކި މައްސަލައަކާ ކަމަކާ ގުޅުވަން ބޭނުންވާ ބަޔަކު އެކަން ގުޅުވަން އުޅޭނެ." އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި މައްސަލައެއް ހުށަހެޅިއްޖެނަމަ ބެލުމަކީ ޖޭއެސްސީގެ ޒިންމާއަކަށް ވިޔަސް، އެ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ސިޔާސީ ނޫން ގޮތަކަށް ރައްޔިތުންނަށް ނުދެކޭނެ އެވެ.

"ޖޭއެސްސީގެ ކޮންމެ ނިންމުމެއް މިހާރު ސިޔާސީ ގޮތުން މިނެކިރާނީ. އެކަން ބަދަލެއް ނުވާނެ ކިތަންމެ ރަނގަޅަށް ޖޭއެސްސީން ކަމެއް ކުރިޔަސް." އުޝާމް ވިދާޅުވި އެވެ.

އަބަދުވެސް ސުލޫކުވެދާނެ ކަމުގެ ބިރު!

ދެން އަންނަ ޝަކުވާ އަބަދުވެސް ސުލޫކު ވެދާނެކަމުގެ ބިރުވެރިކަމެއްގައި ފަނޑިޔާރުން ތިބެން ޖެހުމެވެ. އަދި ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ބައެއް ފަނޑިޔާރުން ރިޓަޔާވާން ފުރުސަތު ދީފައި ދެން ތިބި ބޭފުޅުންނަށް އެ މަގު ބަންދު ކުރުމެވެ.

"އެކަން އެބަ އިނގޭ މަތީ ކޯޓުތަކަށް ކުރިމަތިލާ ބޭފުޅުންގެ އަދަދުން"

ގާނޫނުގައި ބުނާ 30 ދުވަސް ތެރޭގައި ހުކުމް ނުކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ދާދިފަހުން ބަލަން ފެށިއިރު، 30 ދުވަސް ތެރޭގައި ހުކުމް ނުކޮށް ތިބި ދެން ތިބި ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީއަކުން ނުބަލަ އެވެ.

"ޖޭއެސްސީއަށް އިނގޭނެ 30 ދުވަސް ތެރޭގައި ހުކުމް ނުކުރެވި ހުރިއްޔާ. އެގޮތަށް ހުރިއްޔާ ޖޭއެސްސީން އިސް ނަގައިގެން ވެސް ބަލަން ޖެހޭނެ. އެގޮތަކަށް ނުބަލާ. ސެލެކްޓިވް ގޮތަކަށް މި ދަނީ." ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ރައީސާއި މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ޖޭއެސްސީގެ ރައީސް --- ފޮޓޯ/މިހާރު

އެކަމަކު ޖޭއެސްސީގެ މެމްބަރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ ގުޅޭގޮތުން އަންނަ ގިނަ މައްސަލަތަކުގައި އެކަށީގެންވާ ކަމެއް ފެންނަން ނެތުމުން އެ ކޮމިޝަނުން ނިންމަނީ ނުބަލާށެވެ. އަދި މައްސަލައެއް ބަލަން ނިންމުމަކީ ވެސް ފަނޑިޔާރު ކުށްވެރިވީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭއެސްސީއަށް މިއަހަރު ވެސް ހުށަހެޅިއްޖެ 500 އަށް ވުރެ ގިނަ މައްސަލަ. ބަލަން ނިންމީ ވިއްސަކަށް މައްސަލަ. އަދި މައްސަލަ ބަލާފައި ވެސް އެއީ ސުލޫކީ މައްސަލައަކަށް ވާވަރުގެ ކަމެއް ނެތިއްޔާ ނެތް ކަމަށް ނިންމާނެ. އެއީ އެކަން ހިނގާނެ ގޮތަކީ. އެ ހިސާބުން އެ ނިމުނީ." އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން މައްސަލައަށް ނުވާ ފަދަ އާދައިގެ ކަންކަމުގައި ސުލޫކީ މައްސަލަ ބަލަން ފެށުމަށްފަހު އެކަން އިއުލާން ކުރުމުން ފަނޑިޔާރުންގެ އަގު ވެއްޓި، ނުސީދާ ގޮތުން އެތައް ފާޑުކިޔުމެއް އަމާޒުވާކަމުގެ ޝަކުވާ ވެސް ފަނޑިޔާރުންގެ އެހާ ބޮޑެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލަ ބަލާކަން އިއުލާން ކުރުމުން ފަނޑިޔާރުންނަށް ފާޑުކިޔުން ވިޔަސް، އެކަން އެގޮތަށް ކުރަނީ ޖޭއެސްސީން ކުރާ މަސައްކަތްތައް އާންމުންނަށް އެނގެން ޖެހޭތީ އެވެ.

"ފަނޑިޔާރެއްގެ ވިސްނުމުން ބަލާއިރު އެގޮތަށް ދެކެފާނެ. އެކަމަކު ޕަބްލިކަށް އެބަ އިނގެން ޖެހޭތާ ތިމަންނަމެން ހުށަހަޅާ މައްސަލަތައް ޖޭއެސްސީން ބަލާކަން ނުވަތަ ނޫންކަން." އެ މެމްބަރު ވިދާޅުވި އެވެ.

ރަނގަޅު ފަނޑިޔާރުން ޝަރުއީ ދާއިރާއާ ދުރަށް!

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ޖޭއެސްސީން ގިނަ ހެޔޮ ބަދަލުތަކެއް ޝަރުއީ ދާއިރާއަށް ގެނަ އެވެ. އެކަމަކު ޖޭއެސްސީން އަމަލުކުރާ ގޮތުގެ ސަބަބުން ގިނަ ބޭފުޅުން މި ދާއިރާއާ ދުރަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ދެއްކެވީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ އަދަދު މަދުވުމެވެ.

"އެކަން އެބަ އިނގޭ މަތީ ކޯޓުތަކަށް ކުރިމަތިލާ ބޭފުޅުންގެ އަދަދުން ވެސް. ހައި ކޯޓަށް އެންމެ ފަހުން ކުރިމަތިލި ބޭފުޅުންގެ އަދަދު ހާދަ މަދޭ އިނގޭތޯ." އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ވެސް ގާބިލް އެތައް ފަނޑިޔާރުންތަކެއް އަމިއްލައަށް އިސްތިއުފާ ދެއްވައި ނުވަތަ ރިޓަޔާވެ ވަޑައިގެންފި އެވެ.

އުޝާމް ވެސް ފާހަގަ ކުރެއްވީ އެކަމެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދު އޮތްގޮތަށް ބާއްވާފައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފެށިޔަސް، އޭގެ ނަތީޖާއެއް ނުފެންނާނެ އެވެ.

"މިހާރު ހަތަރު އަހަރު މިވީ. މި ހުރިހާ ކަމެއް ނިންމާފައި ދެން ޖޭއެސްސީ ބަދަލު ކުރަން އުޅުނަސް އެ ވާހަކަ ގަބޫލެއް ނުކުރާނެ އާންމުންނެއް." އުޝާމް ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ގުޅޭ މައްސަލައެއް ބެލުމަކީ ގޯހެއް ނެތެވެ. އެހެން ނަމަވެސް ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނުން ސިޔާސީ ބޭފުޅެއްގެ މައްސަލައާ ގުޅުވައިގެން ފަނޑިޔާރެއްގެ މައްސަލަ ވަކި ދުވަސްވަރެއްގައި ބަލަން ފެށުމުން އެ ދެވެނީ ނުބައި މެސެޖެކެވެ. ހައްތަހާ ވެސް އިތުރު ތުހުމަތުތަކަށް ދެވެނީ ޖާގަ އެވެ.

25 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރި

07 December 2022

ޖުޑިޝަލް ކޮމިޝަނަކީ ޝަރުއީދާއިރާ ރަގަޅު ކުރުމަށްޓަކައި އުފެއްދި ކޮމިޝަން މިހާރު މިކޮމިޝަން ބަދަލުވީ ފަޑިޔާރުން ހޭއަރުވާލާ ކޮމިޝަނަކާށެވެ. މިހާރު ތިބުނާ ތޅދ ދާއިރާގެ މެމްބަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް އަތްބަނައިގެން އެތާގެ މަގާމުތަކަށް އެނަގަނީ ކުރީން އެ ކަމަނާގެ ކެމްޕޭންޓީމެވެ. ބަލަށް ބޭނުން މީހަކު ގޮއްސަ ބަލާލަ ބަލާށެވެ. އަދި މަގާމު މިދެނީ ވެސް އޭގެތެރެއިން އޭނާގެ އަންހެން އައުވާނުންނަށެވެ.

The name is already taken The name is available. Register?

އަސްލު...

07 December 2022

އަޅުގަނޑަށް ވިސްނޭގޮތުން ޔާމީން އަށް ރަގަޅަށް ކަމެއް ޚާސަކޮށް ތިޔަފާޑުގެ ކަމެއް ކޮށްދެއްވައިފި މީހަކު ސަލާމަތެއް ނުވާނެ، ހެއް ހެއް.

The name is already taken The name is available. Register?

ދޮންބެއަލީ

07 December 2022

ޖުޑިޝަރީ މިނިވަންކޮށް އަދުލްއިންސާފު ހޯދައިދޭން ކަރުން ލޭއަންނަންދެއް ގޮވައިގެން ރައްޔިތުން އެއަށް އިތުބާރުކޮށްގެން އައި މީހުން މިއުޅެނީ ބަތްބާރުސަލަކާއި ކޮފީތައްޓެއްގެ ވާހަކަ ދައްކައިގެން އިލްމީ ޤާބިލް ފަޑިޔާރުން އަގުވަށްޓާލަން .. ބުއްދިސަލާމަތުން ހުރި މީހަކަށް އެގޭނެ ބަތްޕާރުސަލަކުން މިކަން ނުވާނެކަން ތަންކޮޅެއް އުރައްޕަތެއް ހުރި ވާހަކައެއްނަމަވެސް ރަގަޅު.. ތަންދޮރު ނުދައްނަ އެކްޓިވިސްޓުން ޖުޑިސަރީއަށް ލީމަވާގޮތް .

The name is already taken The name is available. Register?

އަބްދުﷲ ލޯޔަރު

07 December 2022

މައްސަލައަކަށް ވެގެން އުޅެނީ ޖޭއެސްސީގެ ކޮމްޕޮޒޮޝަން، އެއީ ހުރިހާ ކަމެއްގެ ހައްލުކަމަށްދެކުން. ދެރަކަމެއްއީ. ކޮމްޕޮޒިޝަންވެސް އިތުބާރު ލިބޭ ގޮތަކަށް ބަދަލުކުރުން ރަނގަޅު. ނަމަވެސް އެތާތިބޭ ދައުލަތުގެ ބަންޑާރަނާއިބާއި، ސިވިލް ސާރވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށުކޯޓުގެ ފަނޑިޔާރަށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު މަސައްކަތް ނުކުރެވުން މީނޫންތޯ އަސްލު މައްސަލަ. ޕާޓީ މަސްލަހަތު މާބޮޑަށް އިސްކުރެވެނީ.

The name is already taken The name is available. Register?

ހާއިބްރީ

07 December 2022

ގައިމު ތިޔަ ކޮމިޝަނެއްގަ އެއިންނަވަނީ ރާއްޖޭގެ އާމާލް ކުލޫނީއޭ ކިޔާ! ހިސާނަށް ގާނޫނު އެނގިހުރެމެ ތިއުފައްދާ މައްސަލަތަކަށް ޖަވާބުދާރީވާންޖެހޭނެ. ހީފުޅު ނުކުރަށްވާތި އަބަދު ތި އާރާބާރުގަ ތިއްބެވޭނޭ. ދަށްކަވަންހުރި ތަނެއް ދަށްކަވާފަ ގެންދަވާނީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

07 December 2022

ދެން ތިޔަފަރިއްކޮޅަކާހެދި މިގައުމެއް ނުހިނގާނެ. ފަރިއްކޮޅާއެކު ހުރިހާކަމެއް މިބުރަކިޖެހުނީ.

The name is already taken The name is available. Register?

ސަސ

07 December 2022

ތިބުނާ ކޮރަޕްޓު ފަޑިޔާރެއް ގޮވައިގެން 1 އަހަރު ވަންދެން ކަލޭމެން ތިޔަ އޮޑި ދުއްވި ގޮތެއް ބަލަންވީ. ސިޔާސީ މީހުން ކުރާނީ ސިޔާސީ މަސައްކަތް

The name is already taken The name is available. Register?

ދޮން ރަ ހާ

07 December 2022

ގޭގައި އެދުވަހު ނުކައްކާތީވެ، ބަނޑުހައި ފުޅު ވެގެން ގަތް ބަތް ކޮޅަކަށް 1 އަހަރު ފުޅު ފަހުން ، ޕަބުލިކަށް ބޮޑު ސަމާލު ކަމެއް!

The name is already taken The name is available. Register?

ދުމްމ

07 December 2022

ރީތިކޮށް ޖޭއެސްސީން ބުނަން ތިއުޅެނީ ސުޕްރިމް ކޯޓުން ޔާމީނު ސަލާމަތްވީ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ޔާމީނު ކެއުމެއް ދިނީމައޭ.. މިއީ ސުލޫކީ މައްސަލައެއް ކަމަށް ވަންޏާ މިއަދަކު ނޫން މައްސަލަ ބަލަންޖެހޭނީ. ޖޭއެސްސީގެ ބައެއް އަމަލުތަކުގެ ސަބަބުން ޝަރުއީ ދާއިރާ އިސްލާހުވުމުގެ ބަދަލުގައި ޖޭޢެސްސީ ވެސް ހިމެނޭގޮތަށް މުޅި ޝަރުއީ ދާއިރާގެ އިތުބާރު އިތުރަށް ގެއްލުން ނޫންކަމެއް ނުވޭ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

07 December 2022

ތިޔަ ރިޔާސީ ކަމިޝަންއަކީ ސިޔާސީ އައްޑާއެކެވެ. ހިސާނު ފަދަ ބޭފުޅުން އެކްޓިވިސްޓުންނަށް އުޅެފައި ގާނޫނީ ރޮނގުން ކިޔަވައި ވިދާޅުވެގެން ހުރީތީވެ ފަނޑިޔާރުންގެ މައްސަލަ ބައްލަވަން އިންނަވާ ވަރަށް ނަޒާހަތްތެރިވެދާނެ ކަމަށް ޤަބޫލުކުރުމަކީ ކުށް ހީއެކެވެ. އަދި އަމިއްލައަށް ތިމާ އުގެނިފައި ހުރި އިލްމަށް ބަލާއި ނަޒާހާތްތެރި ނަމަ މިފަދަ ކަންކަން ނިންމުގައި ބައިވެރިވެސް ނުވާނެއެވެ. އިލްމު ހުއްޓަސް ހިލްމްވެރި އަބުރުވެރިންނަކީ މަދު ބައެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454