ރިޕޯޓް / އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީއަށް މައްސަލައަކަށް ވަނީ ކިހާވަރެއް ވީމާ؟

އޭސީސީގެ ރައީސް ހަސަން ލުތުފީ (ވ) އަދި ނައިބު ރައީސް މުއައްވިޒް ވާހަކަ ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި ދެ މައްސަލަ އަށް ބަލަމާ ހިނގާށެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުމާލޭގައި ލާލޭ ސްކޫލް ހިންގި ތަނުގައި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަން ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރި މައްސަލަ އެވެ. ގޭޓްވޭ ސްކޫލު ހިންގުމަށްޓަކައި ކޮލިޓޭޓާ ހަވާލުކުރީ، އަލުން ބިޑް ކުރުމަށް އޭސީސީން އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައި ވަނިކޮށެވެ. ނަމަވެސް މައިގަނޑު ނުވަ ކަމެއް ފާހަގަކޮށް، އަދި އަލުން ބިޑް ކުރުމަށް އޭސީސީން ދިން ލަފައާ ހިލާފަށް ކޮލިޓޭޓާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރުމުން، ދެން އެ ކޮމިޝަނުގެ ފަރާތުން ފެނުނީ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހި ތަނެވެ.

އޭސީސީގެ ލަފައާ ހިލާފަށް އެޑިއުކޭޝަން މިނިސްޓްރީން ކޮލިޓޭޓާ އެކު ސޮއިކުރި ސަބަބު އަންގައި ދިނުމަށް އެ ކޮމިޝަނުން އެދުމުން، އެޑިއުކޭޝަނުން ދިން ޖަވާބު ނުވަތަ އެ މިނިސްޓްރީން ބަޔާންކުރި ކަންތައްތަކާ އެކު، މައްސަލަ ނިމުނީ މުޅިން އެހެން ގޮތަކަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޖަވާބާ ގުޅިގެން، އޭސީސީން ނިންމީ، އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރި ގޮތް ރަނގަޅު ކަމަށެވެ. ކުރިން އޭސީސީން ދިން ލަފާގައި ހިމެނޭ ކަންކަން ވެސް ވީ ގޯހެވެ. އަލުން ބިޑަށް ހުޅުވާކަށް ވެސް ނުޖެހެ އެވެ. ކުރުކޮށް ބުނާ ނަމަ، ގޯހީ އޭސީސީ އެވެ. އެއީ ބަލަންވާ ވަރަށް ނުބެލުމުންނެވެ. އޭގެ ބަދަލުގައި އެޑިއުކޭޝަން މިނިސްޓްރީ "ހުދު ކާފޫރަށް" ވެ ނިނުމީ އެވެ. މިއީ މަންޒަރު ބަލަން، ދުރުގައި ތިބި މީހުންނަށް ފެނުނު ގޮތެވެ.

އޭސީސީއާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އެތައް ބަޔަކު ވާހަކަ ދައްކާއިރު، އެ ވާހަކަތަކުގެ ތެރެއަށް ގޭޓްވޭގެ މައްސަލަ ވެސް އިތުރުވީ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުން ނަމަ ގޭޓްވޭގެ މައްސަލަ ކުރިން ބެލިއިރު، "ބައެއް ކަންކަން ހުރީ އަތްދަށުން" ގޮސްފަ އެވެ. ނުވަތަ ހޯދަން ޖެހޭ ވަރަށް ކަންކަން ނުހޯދި އެވެ. އެއްބަސްވުމުގައި ސޮއިކުރި ސަބަބުތައް އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށްދިނުމާ އެކު ހުރިހާ ކަމެއް ކުއްލި ގޮތަކަށް ސާފުވީ އެވެ.

"އަޅުގަނޑުމެންނަށް ފަހުން އެނގުނު ގޮތުގައި ވެސް ޕްރައިވެޓައިޒޭޝަންގެ ދަށުން މިހާތަނަށް ވެސް ސްކޫލުތައް ހިންގަން ހަވާލުކޮށްފައި ވަނީ އެޑިއުކޭޝަނުން މި އަމަލުކުރި އުސޫލުގެ ތެރެއިން. އެކަމަކު މި ފަހަރު ކޮންސެޕްޓަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައި އޮތް. އެކަމަކު މާ ބޮޑު ތަފާތެއް ނެތް،" މުއައްވިޒް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލް، ކޮލިޓޭޓާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެއްބަސްވުން ބަދަލުކުރައްވަނީ.---މިހާރު ފައިލް ފޮޓޯ

"މިގޮތަށް ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް އެކަށައަޅާފައި ނެތްކަން ފާހަގަކުރެވިގެން އެކަންކަން ރަނގަޅު ކުރަން ފަހުން ވެސް އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީ އަށް ރިކޮމެންޑް ކޮށްފައި. ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެބަހުރި."

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ބިޑް ޕްރޮސެސް ގޯސްކަމުގެ އެތައް ވާހަކަތަކެއް އޭސީސީން ވަނީ އޭގެ ކުރިން ފާހަގަކޮށްފަ އެވެ. ގައިމު ވެސް މިފަދަ ބޮޑު މައްސަލައެއް ނިންމައި އަލުން ބިޑިން ޕްރޮސެސް ކުރިއަށް ގެންދަން އަންގަން ވާނީ، މައްސަލައިގެ ނާޒުކް ކަމާއި އިތުބާރު ނުގެއްލޭ ގޮތަށް ބަލައިގެންނެވެ.

އެޑިއުކޭޝަނުން ކޮލިޓޭޓާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އޭސީސީން ބުނެފައިވާ ގޮތުގައި، ބިޑަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރޭން އެންމެ ގާބިލް ފަރާތް ހޮވުމަށް، މާކްސް ދިނުމަށް އާރްއެފްޕީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަަށް މާކްސް ދޭނެ ގޮތުގެ ތަފްސީލު ކަނޑައަޅާފައިވާ ބައިތަކުގެ ބްރޭކްޑައުން ހަދައި، އެ ބައިތަކަށް މާކްސް ދޭނެ މިންވަރު ބިޑު ހުޅުވާލި މަރުހަލާގައި އާއްމުކޮށްފައެއް ނުވެ އެވެ. ބިޑާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 25، 2016 ގައި ބޭއްވި ޕްރީ ސެޝަންގައި ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ބިޑު އިވެލުއޭޝަން މަރުހަލާގައި، މިނިސްޓްރީން މާކްސް ދޭނެ މިންގަނޑުތަކެއް ފަހުން އެކުލަވާލައި ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.

މީގެ އިތުރުން މުޅި އިވެލުއޭޝަންގެ ޖުމްލަ މާކްސް 80 ޕަސެންޓް ދިނުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އިވެލުއޭޝަނަށް ކަމަށް ވެފައި، އެ އިވެލުއޭޝަނަށް މާކްސް ދިނުމުގައި ބަލާފައިވަނީ ހަމައެކަނި ބިޑުގައި ބަޔާންކޮށްފައިވާ ތަސައްވުރުގެ މައްޗަށް ކަމަށްވާއިރު ސްކޫލު ހިންގުމުގެ ފަންނީ ގާބިލްކަން ވަޒަން ކުރާނެ މިންގަނޑުތައް އެކުލަވާލުމެއް ނެތި އެބަޔަށް ސަބްޖެކްޓިވް މިންގަނޑަކުން މާކްސް ދީފާ ނުވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް: މި ސްކޫލް ހިންގުމުގެ ހުއްދަ ދިނުމުގައި މައްސަލައެެއް ނެތް ކަމަށް އޭސީސީން ވަނީ ފަހު ވަގުތު ބުނެފައި.--- ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް

މުއައްވިޒް ވިދާޅުވި ގޮތުގައި ލާލޭ ސްކޫލް ހިންގި އިމާރާތް ގޭޓްވޭ އަށް ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ކުރިން ވެސް ބުނެފައެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ލަފާދީފައި ވާނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭ ބައެއް ނޫން. އެފަދަ ކަމެއް ނުވެސް ކުރާނެ. އެކަމެއް ހިނގާފައިވާ ގޮތެއް ރަނގަޅަށް ބެލުމަށް ފަހު ފިޔަވަޅު އަޅާނީ. މިކަން ވެސް ގޮސްފައި އޮތީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

"މި ކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ހުރީމަ އެކަންކަން ރަނގަޅު ކުރުމަށްޓަކައި ރިކޮމެންޑޭޝަންސްތަކެއް ވެސް ދިނީ. ފަހުން އެބޭފުޅުން [އެޑިއުކޭޝަނުން] ދިން މައުލޫމާތުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ވެސް ފާހަގަނުކުރެވުނު ކަންތައްތަކެއް ހުރި. އާރްއެފްޕީގެ ބައެއް ކަންކަން ވެސް އަޅުގަނޑުމެންނަށް ރަނގަޅަށް ބެލިފައި އޭރު ނެތް."

މުއައްވިޒް ވިދާޅުވީ ކޮލިޓޭޓާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރުމަށް ފަހު، ފާހަގަކުރި ކަންކަމަށް ބަލާއިރު، ކޮރަޕްޝަންގެ ދައުވާ ކުރުމަށް ވުރެ ރަނގަޅީ އެ މައްސަލަ އެ ހިސާބުން ނިންމާލުން ކަމަށް ކޮމިޝަނަށް ފެނުނީ ކަމަށެވެ. އަދި އެ ހުރިހާ މައުލޫމާތުތަކަށް ބަލާއިރު، ކޮރަޕްޝަންގެ ދައުވާ ކުރުމުގެ ޖާގަ ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮދަގާތު ފައުންޑޭޝަން މެދުވެރިކޮށް ކަދުރު ބެހުން ވެސް އޯކޭ؟

މިދިޔަ ރޯދަމަހު ބެހުމަށް ސައޫދީއަރަބިއްޔާ އިން ރާއްޖެ އަށް ދިން 50 ޓަނުގެ ކަދުރު ސޮދަގާތު ފައުންޑޭޝަން މެދުވެރިކޮށް ބެހި މައްސަލަ ނިންމި ގޮތަށް ވެސް އަމާޒުވާ ފާޑުކިޔުމެއް މަދެއް ނޫނެވެ.

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ މަސްލަހަތު އޮންނަ ސޮދަގާތު ފައުންޑޭޝަން މެދުވެރިކޮށް ކަދުރު ބެހި މައްސަލަ ބަލައިދިނުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ނަމަވެސް، ކަން ނިމުނުއިރު އެ މައްސަލަ އަށް ސަމާލުކަން ދެވުނު ތަނެއް އެ ކޮމިޝަންގެ ނިންމުމަކުންނެއް ނުފެނުނެވެ.

ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، އޭސީސީ އަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ އޭސީސީން ނިންމިއިރު، ސޮދަގާތު ފައުންޑޭޝަންގެ ވާހަކަ ވެސް ފާހަަގައެއް ނުކުރެއެވެ. މުޅި މައްސަލަ ގޮސް ނިމުނީ މުލީއާގެއާ ހިސާބުންނެވެ. އެތައް ބައެއްގެ ފާޑުކިޔުން މި މައްސަލަ އަށް އަމާޒުވާ މައިގަނޑު ސަބަބަކީ ވެސް މި އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ފަގީރުންނާއި ނިކަމެތިންނަށް ކަދުރު ބެހުމަށްޓަކައި ކަދުރުތައް މުލީއާގެއާ ހަވާލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި ސީދާ އެދުނީ މުލީއާގެ އިންނެވެ. އަދި އެ އެދުމާ އެއްގޮތަށް، މުލީއާގެ މެދުވެރިކޮށް 500 ފޮށި ކަދުރު ބަހަން ފިނޭންސުން މުލީއާގެއާ ހަވާލުކުރި ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ސޮދަގާތް ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ރޯދަ ވީއްލުމުގައި ބެހި ކަދުރު

މައްސަލައަކަށް ވަނީ ނުފޫޒު ގަދަ ބޭފުޅުންތަކެއް ހިންގާ ސޮދަގާތު ފައުންޑޭޝަންގެ ހެޔޮ އެދުންތަކާ އެކު ބެހި ކަދުރުކަން އެނގޭ ގޮތަށް އެކަން ކުރުމެވެ. އެއީ އެތައް ބަޔަކަށް ފެނުނު މަންޒަރެވެ. ފޮޓޯތައް ވެސް އެބަ ހުއްޓެވެ. އެކަމަކު އެކަން މައްސަލައަކަށް ނުވުމުން ސުވާލު އުފެދެ އެވެ.

މުއައްވިޒް ވިދާޅުވީ ވަކި ޖަމާއަތެއް މެދުވެރިވެ، ކަދުރު ބެހުމުގައި ނާޖާއިޒް ފައިދާއެއް ނަގާފައިވާކަން ތަހުގީގަށް ފާހަގަނުވާ ކަމަށެވެ.

"އެހެންވެ އެގޮތަށް އަޅުގަނޑުމެން މައްސަލަ ނިންމީ. ނާޖާއިޒް ފައިދާއެއް ނެގޭ ގޮތަށް އެކަން ގެންދިޔަ ކަމެއް ބެލެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ކަދުރު ބެހި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ހަގީގީ މައްސަލަ އަށް ފޯކަސް ކޮށްފައި ނެތް ނަމަވެސް، އާންމު އުސޫލުގެ މަތިން ރިކޮމެންޑޭޝަންތަކެއް އޭސީސީން ވަނީ ހުށަހަޅަައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކަށް ނުވަތަ ޖަމިއްޔާތަކާ ހަވާލުކުރާ ނަމަ، ހަރުދަނާ އުސޫލެއް ކަނޑައަޅައި އެގޮތަށް އަމަލުކުރަން އޭސީސީން ވަނީ ފިނޭންސް މިނިސްޓްރީ އަށް އަންގައިފަ އެވެ. އެގޮތަށް އެންގީ ވެސް ޝަކުވާ އަންނާތީ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް

ސޮދަގާތު ފައުންޑޭޝަން މެދުވެރިކޮށް، ކަދުރު ބެހި މައްސަލަ އޭސީސީގެ ސަމާލުކަމަށް ގެނައި އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ "ސޮދަގާތު ފައުންޑޭޝަންގެ ހެޔޮއެދުމާ އެކު" ކަމަށް ބުނެ ކަދުރުތައް ބެހުމަކީ އޭގެ ނާޖާއިޒް ފައިދާ ސީދާ ގޮތެއްގައި އެ ފައުންޑޭޝަނަށް ނެގޭނެ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒު (ވ) މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

"އެއީ ސީދާ ކޮރަޕްޝަން. ސޮދަގާތު ފައުންޑޭޝަންގެ ތެރެއިން އެކަން ކުރުމުން އެއިން އެނގެނީ ނާޖާއިޒް ބޮޑު މަންފާއެއް ހޯދަން އުޅުނުކަން. ސިޔާސީ ބޭނުމެއްގައި އެކަން ކުރިކަން. ގައުމުގެ ރައީސަކަށް ހުންނެވި ބޭފުޅާގެ އަނބިކަނބަލުންގެ ނަމުގައި ހިންގާ ޖަމިއްޔާއެއްގެ ނަމުގައި ކަދުރު ބެހުމަކީ ޕޮލިޓިކަލް އެޑްވާންޓޭޖަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ. މި ފަރަގު އޮޅުން ނުފިލާވަރުގެ އޭސީސީއެއް އޮތުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާޅުގައި ފެންނަން ހުންނަ ކަންކަމުގައި އޭސީސީން ދިމާ އިދިކޮޅަށް މައްސަލަ ނިންމާކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި ކަދުރުގެ މައްސަލަ އަކީ އޭގެ ހެއްކެތް ކަމަށެވެ.

"ދެން ކިހާވަރަކުންތޯ އެބޭފުޅުންނަށް [އޭސީސީ] ކޮރަޕްޝަނަކަށް ވަނީ؟ ކިހާ ވަރަކަށް ދިޔައިމަތޯ ނާޖާއިޒް ފައިދާ ނެގި ކަމަށް ވަނީ؟ ފެންނަން ހުންނަ ކަންކަމުގައި މި ވިދާޅުވަނީ ނާޖާއިޒް ފައިދާއެއް ނެގި ކަމަކަށް ފާހަގައެއް ނުވެއޭ،" އިންތި ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އާހިދު ރަޝީދު ވިދާޅުވީ ކަދުރު ބެހި މައްސަލަ އާއި ގޭޓްވޭގެ މައްސަލާގައި ވެސް ނުކުންނަނީ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ކަމަށާއި އެކަން އެހެން ދިމާވަނީ އަމަލު ކުރާނެ ހާއްސަ ގައިޑްލައިނެއް ނެތުމުން ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަސްލަހަތު ފުށުއަރާ ކަންކަން ޑިމޮކްރެޓިކް ގައުމުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތަސް ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމަކީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ އަށް މަގު ހުޅުވޭ މައިގަނޑު އެއް ސަބަބެވެ.

"ދައުލަތް ނޫނީ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސްލަހަތު ކަމެއްގައި އުޅޭ ނަމަ، އެބޭފުޅުން ފަހަތަށް ޖެހުމަކީ ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމެއް. އިތުބާރު ބޮޑުވާނެ ކަމެއް. މި އިތުބާރު ގެއްލުމުން ޑިމޮކްރެޓިކް ނިޒާމު ވެސް ހީނަރުވާނެ. އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް. އެއްވެސް ބަޔަކަށް އިތުބާރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭސީސީން ނިންމާ މައްސަލަތައް މިހާރު މި ފެންނަނީ އެހެން ގޮތަކަށެވެ. ބައެއް ފަހަރަށް، ނިންމަން ނުނިންމަން އުޅޭ ކަހަލަ ސިފަތަކެއް ވެސް، ނެރޭ ބަޔާންތަކުން އެނގެ އެވެ. މިފެންވަރުގައި އޭސީސީ މަސައްކަތްކުރާ ނަމަ ކޮރަޕްޝަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

43 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 6%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެހަފޮޅުއެތެރެ

15 January 2017

މުއައްސަސާތައް ފުރިތަން ނައަތުވެ ފެޔަށޭ ދަނީ ހަމަ ހައްތާ

The name is already taken The name is available. Register?

ނިކަމެތި މީހާ

15 January 2017

ނިކަމެތި މީހާގެ ވިސްނުމުގައި މިނިވަން އެއްވެސް މުއައްދަސާއެއް ނެތް. ސަބަބަކީ ރައީސުލް ޖުމްހޫރިއްޔާ އަކީ ހުރިހާ ކަމެއް ކުރުމާއި ނުކުރުމުގެ ބާރު އޮތް ފަރާތަށް ވެފައި އޭނާ އައްޔަން ކުރާ މީހަކުގެ ނަން އޭނާގެ ޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ފާސްކުރީމަ އެ އަންނަނީ މިނިވަން ބައެއްތޯ އަޅެ ހިތާ ހިތާ ސުވާލު ކޮށްލައްވާ. ނިކަމެތި މީހާ އަށް ފެންނަނީ އެދާއިރާ އަކުން އެންމެ ތީ ފާސް އޮތް މީހުންގެ ތަރުތީބުން ގުރުއަތުން ވިއަސް ސަރުކާރު ދަށުވެ ނުފިތޭ ގޮތަށް ނިޒާމް ރީބްރޭންޑް ކުރުން. ކިހިނެއްތޯ ފެނަނަނީ...... އަދި އެމީންގެ މައްސަލަ ބަލަން ހުރިހާ ތައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން.

The name is already taken The name is available. Register?

ހަދާންވާނީ

15 January 2017

ހަދާންވަނީ އެންމެފަހުން އޮތް ރިޔާސީއިންތިހާބު ތެރޭގައި ރައްޔިތުންގެ ތެރެއިން ބަޔަކު ފައިސާއަށް ވޯޓުއަޅަންވެގެން އުޅުނުވަރު. މީސްމީހުންނަށް ގުޅައި މިގެއިން މިވަރަށް ވޯޓުލިބޭނެކަމަށް ބުނެ މިވަރަށް ފައިސާބޭނުންވާކަމަށް ބުނެ ފައިސާހޯދިމީހުންގެ މަތިން ހަމަ ހަދާން ވަނީއެވެ. އޭސީސީން ދައްކާވާހަކަތަކުގެ ޒިންމާނަގަން ޖެހޭނީ މިދެންނެވި ރުފިޔާ ނެގި މީހުންނެވެ.

The name is already taken The name is available. Register?

ރެޓޭ

15 January 2017

ތި ކޮމިޝަނަށް މިހާރު ކިޔަންވީ " ކޮރަޕްޝަން ދިރުވާ އާލާކުރާ ކޮމިޝަން"

The name is already taken The name is available. Register?

މުނާ

15 January 2017

މިހާރު ތިޔަ ތަނަށް ކިޔަންވީ އިހުގެ މުސްކުޅިން ކީހެން. "އެންޓި ކަރެކްޝަން ކޮމިޝަން " ދޯ؟

The name is already taken The name is available. Register?

އައްޑޫދީދީ

15 January 2017

އިންޓަރގުރިޓީ ހުރި މީހުން ވަރަށް މަދު. މިގައުމުގެ މުވައްސަސާތަކުގައި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އަދި ފުއާދު ތައުފީގު ކަހަލަ ބޭފުޅުން ތިބޭނަމަ މުވައްސަސާތަށް މިނިވަންވީސް، ނިޔާޒު އިބުރާހިމް އަކީ ވަރަށް އާދައިގެ އާއިލާއެއްގެ މީހެއް، ބޮޑުމަގާމާއި މުސާރައާއި އެކުުއުޅެވެން ބޭނުން ނަމަ އުޅުވުނީސް. އެބޭފުޅާ އިސްކުރީ ގައުމު، މިގައުމުގެ ރައްޔިތުންގެ ރަށްތަކާއި މުދާތަށް ގެއްލި ނުއަގުގައި ވިއްކަމުންދާއިރު ހައްގުބަސްނުބުނެ ހުންނަން ބޭނުނުންނުވި. ރެހެއްދި ފުލެޓެއް ބޭނުންނުވި. މިއަދު ސަރުކާރުގެ ކޮންމެ އޮފީހެއްގައި އަދި މުވައްސަސާއެއްގައި ގާސިމު(ބެންކު އޮފޮމޯލްޑިވިސް) ފަދަ މީހުން ތިބެން އެބަޖެހޭ. އެތަންތާގައި ހިގާ ކަރަޕުޝަން ފަޅާއަރުވަންޖެހޭ، ގައުމުގެ ކަންތައްތަށް އިސްލާހުކުރަން އެމީހަކަށް ކުރެވުނު ކަމެއް ކުރަން ޖެހޭ.

The name is already taken The name is available. Register?

އޮއިވަރު

15 January 2017

މިހާރު ފެނިގެންދަނީ ގައުމަށް ވުރެ ސިޔާސަތު އިސްކުރެވޭތަން މި ބައި މީހުންނަށްވެސް ވެފާ މިވަނީ ހަމަ އެކަހަލަ ގޮތެއް

The name is already taken The name is available. Register?

އެނގިލައްވާތޯ!

15 January 2017

އެނގިލައްވާތޯ!. ޢޭސީސީގެ އިސް ވެރިންނަށް ލެޓަރ އޮފް ކްރެޑިޓް އަކީ ކޯއްޗެއްކަން ނޭގިގެންކަން އެމްޕީއެލްގެ ބާޖް ބަނުގެ މަސައްކަތް ހުއްޓުވަން އެންގީ... މިކަމުގެ ސަބަބުން އެމްޕީއެލް އިން 160 މިލިއަން ދައްކަންޖެހިފައި އެއޮތީ.. ނާޤާބިލް ކަމުގެ ނަމޫނާ ތަނެއް..

The name is already taken The name is available. Register?

ވޯލް

15 January 2017

ގޭޓްވޭފަދަ ބޮޑު މައްސަލައެއްގައި އޭސިސީގެ އަތުން ކަންތަކެއް ދޫވެގެން ގޮސް ނުބައިކޮށް ކަންކަން ފުރަތަމަ ވަޒަން ކުރެވިފައި ފަހުން އެކަންތައް އޯކޭވީމަ އެހިސާބުނ އެތިބީ އޭސީސީގެ ބޯޑުގައި ތިބުގެ ޤަބުލްކަން ނެތްކަން ސާބިތިވެފަ. މިބޯޑުގަ ތިބު ގިނަ މީހުންނަކީ އެމަޤާމުގައި ކުރިންވިސް ތިބި މީހުން. އިސްތިއުފާދީފަ ވަޑައިގަތުން އެންމެ ރަގަޅުވާނީ. އެންމެނަށްވެސް އިންގޭ ރާއްޖޭގައި މިހާރު މިނިވަން ކޮމިޝަންތައް މިނިވަން ކަންމަތީ ނުހިންގާކަން، އެކަމަކު އެބޯޑުތަކުގައި ތިބި މެމްބަރުންނަށް އެހެން ކިޔާ ފަރުޖެއްސޭކަންނެތް. މަޤަމުގަ ވާޖިބު ހުވާއާ އެއްގޮތައް ނުވަންޏާ އިސްތިއުފާދޭނީ. މިއީ މައިން ބަފައިްނގެ ތަރިކަ މުދަލެއްނޫން. ގޮސް އެހެން ވަޒީފާއެއް ހޯދާ

The name is already taken The name is available. Register?

ދޮންކަނބުލޮ

15 January 2017

ތި ސްކޫލް އެހެން ބަޔަކާއި ހަވާލުކުރުމުގައި މައްސަލަތަކެއް ހުރިކަމަކަށް ފާހައެއް ނުކުރެވޭ. މައްސަލައަކަށް ވެގެން އުޅުނީ މިހާރު ތިތަން ހިންގާމީހުންނާމެދު އޭރު ތި ސްކޫލް ހިންގި ހިތުގައި އޮތް ހަސަދައެއްގެ ބޮޑުކަމުން! ބަލަ ބިޑް ކުރުމެއްނެތި ދެތިން ފަހަރު ކުރިން ހިންގި މީހުންނަށް މުއްދަތު އިތުރުކޮށްދިން އިރު އޭރު ކޮރަޕްޝަންނަކަށްނުވޭ. އަދި މުއްދަތު އިތުރުނުކޮށް އެމީހުން ހިންގި އެއްމަސްދުވަހު ވި ފައިދާ ކޮރަޕްޝަނަކަށް ނުވޭ. މިހާރު މިގައުމުގައި ގާނޫނަކީ އަދި ކޮރަޕްޝަނަކީ ކޯޗެއްކަން އަދުލު އިންސާފަކީ ކޯޗެއްކަން ނެއެނގޭ އެއްވެސްބަޔަކު ތިބެގެން ނުވާނެއެވެ. ކޮރަޕްޝަނަކީ އެމީހާ ކަނޑައަޅާ އެއްޗެއް. އަދުލު އިންސާފަކީ އެމީހާގެ ބަސް. ގާނޫނަކީ އެމީހާ އެދޭހާގޮތް. އެހެންކަމުން ކޮންމެ މީހަކު އެހެންބަޔެކޭ އެއްޗެކޭ ބުނާއިރު ދެކޮޅު ބަލާފައި ވާހަކަ ދެއްކުން ބުއްދިވެރި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454