އެޓާނީ ޖެނެރަލް އިބާރިމް ރިފްއަތު: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ބުނޭ --- ފޮޓޯ/މިހާރު
11 މެއި 2023 - 22:24
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލާގައި، ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އަމަލުކުރި ކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންނެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް ރިފްއަތު މަސައްކަތް ކުރެއްވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް މައްސަލަ ނިމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ފުރިހަމަ އިތުބާރު ރިފްއަތަށް އެބައޮތް ކަމަށާއި އަދި އޭނާ މަގާމުން ދުރުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކާމިޔާބު ވިޔަ ނުދޭނެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ތިއްބެވީ ރިފްއަތާ އެއްކޮށެވެ. އަދި ޕާޓީގެ ގަވާއިދުތަކާ ހިލާފަށް އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ފެއިލްވުމުން ސިޔާސީ ބައިބައިވުން އުފެއްދުމަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
ރިފްއަތުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލިނބު
12 May 2023
އިދިކޮޅު ފޯކަސް ގެއްލިއްޖެ. އަނެއްކާ ވެސް ކޮތަޅު މުޒާހަރާއެއް ޖައްސާފަ ނިންމާލާ!
ސިލްމާ
12 May 2023
ޗާގޯސް ރައީސް މުނައްވަރު ބުނަނީ ދުވަހަކު ވެސް ނެތޯ ދިވެހިރާއްޖެއިން އެތާނގެ މިލްކުވެރިކަމަށް ދަޢުވާކޮށްފައެއް. ފުށުއަރާ ބައި ދެން ތިމަންނަމެނަށް ދޭށޭ ބުނާ އިރަކަށް ނުދޭނެ. އެބައި ބަހާނީ 2 ބަޔަށް އެއްވަރަށް. ރާއްޖެއަށް ބޮޑުކޮށް ލިބުނުކަމަށް ދައްކަނީ މޮރިޝަސްއިން އިންޖަހަށް ބޭނުންވި ހިސާބު އުސޫލާ ޚިލާފުވުމުން.
އަންޑޭ
12 May 2023
“މަންޑޭލާއަށް ހަަޖަމުނުވި ޑިމޮކްރަސީ“ގެ ނަމުގަ ފޮތެއް ލިޔެލާނެ ބޭފުޅަކު ނެތްތޯ؟
އަންދަލޫސިޔާ
12 May 2023
މީތި ގޮވާނީ އިދިކޮޅުގެ އަތަށް. ކިތަންމެ ވަރަކަށް ރިވަރސް ސައިކޮލޮޖީ ކުޅުނަސް ޖޭޕީން ކެބިނެޓްގައި ހުރި އެއްވެސް ބޭފުޅަކު ވަކިކުރަން އެމްޑީޕީ އަކުން ހުށައެއްނާޅާނެ. ތިކަމުގަ ޖޭޕީ ބައިވެރިވަންޏާ އަނެއްކާ އެ މިނިސްޓަރުންކޮޅު އެމްޑީޕީއާ ގުޅޭނީ. އަލީ ޙުސައިން އެ ދޮންކުރަނީ ނައިބުކަމަށް. އެހެންނޫންނަމަ އޭނާ ހުންނާނީ ޕީޕީއެމްގަ!
މުހައްމަދު..
12 May 2023
މަޖުލިސް މެމްބަރުންނަށް ފައިސާ ހޯދުމުގެ ތަނުގެ ފުރުސަތެއް މިއޮތީ މަތިވެފައި. ބުނިވަރެއް ލިބިފަ ބުނިކަމެއް ކޮށްދޭނެ ކަމަށް ލަފާކުރެވޭ.
ލާމަސީލު
12 May 2023
އެމްޑީޕީގެ ވަޒީރެއްގެ އިތުނާރުނެތްކަމުގެ ވޯޓެއްނެގުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ހުރިހާ ވަޒީރުންތައް މިހާރުން މިހާރަށް ވަކިކުރަންޖެހޭ. ނޫނީ އެމީހުންގެ އުނދަގުލާ ދުއްތުރާ ސަރުކާރަށް ޖެހޭނެ. ވަގުތު ފާއިތުވުމުގެ ކުރިން ހަރުކަށި ހަރުދަނާ ފިޔަވަޅު އަޅުއްވަވާ. ސަރުކާރު ވަޒީފާގަތިބެމެ ޖުމްހޫރީޕާޓީމީހުން އެފަތުރާ ބަލިޖެހުމުގެ ކުރިން ސަރުކާރުންވެސް ކޮލިޓީ ވެކްސިންއެއް ޖަހަންޖެހޭ.
ވައުދާ
12 May 2023
އިންޝާ ﷲ މިފަހަރު ވެއްޓޭނެ
އަންނިބޭ
12 May 2023
މައުމޫނަށް ވަމުންދާގޮތް ބަލަމުން ދިޔާމަ އަންނި އަށް ވެސް އެގޮތްވަމުންދާތަން ފެނަނާނެ
ޅިޔަނުބޭ
11 May 2023
މި އޮތީ ރިއެކްޓް ކުރައްވާފަ!. އަވަހޭދޯ .
ފޮނިފޮނިޓައްޕު ކުމާރު
11 May 2023
ވަކިނުކޮށްފިއްޔާ ޖަވާބުދޭނީ ވޯޓުން. ރައްޔިތުންގެ ލޮލުގާ އަނދުންއަޅުވާންނޫޅޭ. ރައްޔިތުންނަކީ ގަމާރުންކަމަށް ދެކެމުންއައި ދުވަސްތަކަކީ މިހާރު މާޒީ.