ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލިހުގެ ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ދިގުލައި، ކޮމިޓީތަކުގެ މަސައްކަތް ހުއްޓިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ 13 މެމްބަރަކު އެމްޑީޕީން ވަކިވިކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާގަ އެވެ.

އެކަން އިއުލާން ކުރެއްވުމަށް ފަހު، ރިޔާސަތުގައި އިންނެވި ނަޝީދު އެ ދުވަހު ވިދާޅުވީ، އެ 13 މެމްބަރުން އެމްޑީޕީން ވަކިވެފައިވާތީ ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ނިސްބަތުން އެ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

އެކަމުގެ މަޝްވަރާތައް ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާ ކުރައްވާނެ ކަމަށާއި ކޮމިޓީތައް އަލުން އެކުލަވާލައި އިއުލާން ކުރެވެންދެން ކޮމިޓީތަކުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން، މިދިޔަ ހަފުތާގެ ހޯމަ ދުވަހަށް ތާވަލްކުރި ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ކެންސަލްކުރި އެވެ.

އެކަމަކު، މަޖިލިހުގެ ރައީސްގެ އެ ނިންމެވުމަށް މިއަދަށް ހަފުތާއެއް ވީއިރު ވެސް މަޖިލިހުގެ މައި ކޮމިޓީތަކަށް މެމްބަރުން ބެހުމުގެ މަސައްކަތް އަދި ނުނިމެ އެވެ. މަޖިލިހުގެ ކަންކަން ތަރުތީބު ކޮށްފައިވާ ގޮތުން ނަމަ މައިގަނޑު މަސައްކަތްތަކާއި މަޝްވަރާތައް ކުރިއަށް ގެންދާނީ ކޮމިޓީތަކުގަ އެވެ. އެހެންވެ، މަޖިލިހުގައި ކަންކަން ނިންމުމުގައި އިސްދައުރެއް އަދާކުރާ ކޮމިޓީތައް ހުއްޓުމުން ގިނަ ކަންކަމަށް ބުރޫއަރާނެ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާ އިން ފެށިގެން ނަޝީދު ގެންދަވަނީ ޕީޖީ ލީޑަރުންނާ އެކު ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް އަދިވެސް ކުރައްވަމުން ކަމަށެވެ.

"އެކަމުގެ އެއްބަސްވުމަކަށް އާދެވުމުން މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާން ކުރައްވާނެ،" ވަކި ތާރީހެއް ނުދެއްވައި ޒިޔާއު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި މަޖިލީހުގެ ދާއިރާގެ ތިން ކޮމިޓީ އާއި ދައުލަތުގެ އިދާރާތަކާގުޅޭ 14 ކޮމިޓީ ހިމެނެ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށެވެ.

މަޖިލީހުގައި މެންބަރުން މިހާރު ބެހިފައި އޮތް ގޮތުން، އެމްޑީޕީން ވަކިވި މެންބަރުންނާއި އެ ޕާޓީއާ އަލަށް ގުޅިވަޑައިގަތް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމަނައިގެން އެ ޕާޓީގައި މިހާރު ތިބީ 56 މެންބަރުންނެވެ. އެކަމަކު، އެ ލިސްޓުން މަޖިލިހުގެ ރިޔާސަތުގައި އިންނަވާ މަޖިލިހުގެ ރައީސް ނަޝީދުގެ ނަން އުނިކުރުމުން އެމްޑީޕީގެ މަޖިލިިސް މެމްބަރުންގެ އަދަދަކީ 55 އެވެ.

ނަޝީދު އެމްޑީޕީގައި ހުންނަވަނަނީ ހަމައެކަނި "ނަމެއްގައި" ކަމަށް ވުމުން އެ މަނިކުފާނުގެ އެއްވެސް އެއްބާރުލެއްވުމެއް އެ ޕާޓީ އަށް ނުލިބޭތާ ކިތަންމެ ދުވަހެކެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދުބެއްޔާ

30 May 2023

ވިޝާމްއެވެ. ބެއްޔާއަށް ކަމެއްކޮށްދެއްވިދާނެތޯއެވެ. އެކަމަކީ ތިރީގައި އެވާ މައުލޫމާތު ބެއްޔާއަށް ހޯދަ ދެއްވާށެވެ. 1- 19 ވަނަ ރައްޔިތުންގެ ޖުމްލަ ޖަލްސާގެ އަދަދު 2- 19 ވަނަ ރައްޔިތުންގެ މަޖްލީހުގައި އެމަޖްލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވި ޖަލްސާގެ އަދަދު

The name is already taken The name is available. Register?

މުނާސިރު

30 May 2023

ތީގައި ޕާލަމެންޓަރީ ލީޑަރުންނާއި ކުރަންޖެހޭ މަޝްވަރާއެއް އޮތްކަމަކަށް ނުފެނޭ. ކޮންމެ ޕާޓީއަކުންވެސް ކޮމިޓީގައި ހިމެނޭނެ މީހުންގެ އަދަދު އެއޮތީ ސާފުކޮށް ފެންނަން. ދެން އެދަދަށް ކޮންމެ ޕާޓީއަކުންވެސް ނަންތައް ފޮނުވީމާ ކޮމިޓީގައި ހިމަނަންވީ. މީގައި ކޮމިޓީއަށް އައްޔަންކުރާ މީހާއަށް މަޖިލީހުގެ ރައީސުގެ ރުހުން ލިބޭކަށް ނުޖެހޭ. ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީމާ އެއޮތީ ނިމިފަ. ތިމާގެ ބާރުގެއްލޭތީ ދުއްތުރާ ކުރުންނޫންކަމެއް ތިއަކުނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454