މަންޑޭ: އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރު ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައި
02 އޯގަސްޓް 2023 - 12:31
ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.
ނަމަވެސް މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރު ނެރުނީ އޭނާގެ އާއިލީ ޒިންމާއަކާ ގުޅިގެން ކަމަށް ވީ ނަމަވެސް އެ ނޫން ގޮތަކަށް އެކަން ކުރެވޭނެތޯ ކޯޓުން ބަލާފައިނުވާ ކަމަށެވެ. އަދި މަންޑޭ ފިލައިގެން ގޮސްފައިވާނެ ކަމަށް ބެލެވޭ ހެކި ހުރިއިރު، އެގޮތަށް ޕާސްޕޯޓް ދޫކޮށްލަން ޖެހޭނީ އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ދީފައި ނުވަނީ ވެސް ގާނޫނާ ހިލާފަށެވެ. އަދި މިފަދަ ކޯޓު އަމުރުތަކާ ގުޅޭ ކަންކަމުގައި އެ ފުރުސަތު ޕީޖީއަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި އަމުރު ބާތިލް ކުރުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
އެ މައްސަލާގައި މަންޑޭ ކުރިން ހައްޔަރު ވެސް ކުރި އެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
02 August 2023
ކޮބާ ރާކަނި މަސް ކެވޭތަ މަންޑޭ؟؟
ވިއްކާނުވިއްކާ
02 August 2023
ވޯރާ ވިޔަފާރިވެރިން ތިބި ދުވަސްވަރު ދިވެހިންގެ ތެރޭގައި މަޝްހޫރު ވާހަކައަކީ، ވޯރާ ވިޔަފާރިވެރިން ގަވާއިދާ ޚިލާފުވެގެން ގެންދިޔައިމާ ބުނާނެއޭ، ކިހިނެތްހޭ އެނގޭނީ، އެއްދުވަހު ކިޔާނީ ވިއްކާއޭ، އަނެއް ދުވަހު ކިޔާނީ ނުވިއްކާއޭ ބުނީމާ ވިއްކަންވީ ކަމެއް ނުވިއްކަންވީ ކަމެއް ނޭނގެއޭ. މިހާރު މިރާއްޖޭގެ ޤާނޫނަކީވެސް އެޒާތުގެ އެއްޗެއް. އެއް ކޯޓުން ކިޔާނީ މަނަލެއް ނޫނޭ، އަނެއް ކިޔާނީ މަނަލޭ. އެހެންވެ ހުއްދަކަމެއް މަނާކަމެއް މިހާރު ވަކިކުރާކަށް ނޭނގޭ.
ސަޓަޑޭ
02 August 2023
ސަންޑޭގަ ޕާސްޕޯޓު ލިބޭނެ. ކުރީގެ ޕޕ ހިފައިން އަންނާތި
ޕުރައިޑޭ
02 August 2023
އެކަމު މަ ފުރަމޭ މަންޑޭގައި.
ނާމްދި ކާނޫ
02 August 2023
މީދެން ބޮޑު ޖޯކަކައް ވެއްޖެ ކަމެއް!
ޖޯކަރު
02 August 2023
މީ ޖޯކެއްވެސް ނޫން. މީ ދުއްޕާނެއް. ޑިމޮކްރަސީގެ ހަގީގީ ދިވެހި ނަމަކީ މަހުޖަނުން މޮޑޭ ފުށްގަނޑު. މާނައަކީ މަހުޖަހުން އެދޭ ގޮތަކަށް ކަންކަން ތަރުތީބުވެފައި މަހުޖަނުންގެ ބޭނުންތައް ފުދިފައި އޮތުމާއި، މަހުޖަނުން އެދޭ ގޮތަކަށް ހުކުމްތައް ކުރުން.
ފަރްއިޑޭ
02 August 2023
ރިޕީޓާޑްލީ ސޭމް މިސްޓޭކް ކްރިމިނަލް ކޯޓުން މިހަދަނީ. މިވަރު ވީމަ މިއީ ޤަސްދުގައި އަދި ފަަހަތުގައި ނާޖާއިޒު ފައިދާ އެއް އޮވެ ކުރާ ކަމެއް ކަމަަށް ޝައްކު ކުރުމުގެ ޖާގަ އެބަ އޮތް.
ޚަދީޖާ އަޙްމަދު
02 August 2023
ސްޕްރިމް ކޯޓާ ހައި ކޯޓު އިން ޢަދުލް އިންސާފު ޤާއިމު ކުރާތަން ފެނޭ. އެހެންނަމަވެސް ކްރިމިނަލް ކޯޓު އޮތީ ވަރަަށް ޙާލުގައި.
ޝީޒާނާ
02 August 2023
ދެން އިހުސާނަށް ފިޔަވަޅެއް އަޅާނެތަ. ޖޭއެސްސީއަށް ލާނެތަ. ނުލާނެ.
ސަސި
02 August 2023
ގާނޫނާ ހިލާފުވި މީހަކަށް ފިޔަވަޅު ނާޅާނަމަ ތިޔައީ ހުސް ބޭކާރު ވާހަކަ