އިންޑިއާ އައުޓް ހަރަކާތެއް: އެ ހަރަކާތް ހުއްޓުވަން ރައީސް ނެރުއްވި ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
29 އޯގަސްޓް 2023 - 14:59
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށާއި ނަމަވެސް އާންމު ގާނޫނުތަކެއްގެ މާއްދާއެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ހަރަކާތެއް ފަށާފައި ވަނިކޮށް ގައުމުތަކާ ދެކޮޅަށް އެފަދަ ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން ނެގި އެވެ.
އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފް ގަރާރެއް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅި އެވެ. އެ ގަރާރުގެ އިތުރުން 1968 ވަނަ އަހަރު ހަދާފައިވާ އާންމު ގާނޫނުތަކުގެ ދަށުން އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަތައް ދެއްކުން މަނާކޮށްފައި އޮންނަ މާއްދާ ބާތިލްކުރަން އެ މައްސަލާގައި އެދުނެވެ.
ރައީސްގެ ގަރާރާ ބެހޭގޮތުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އޮތްގޮތުން ދުސްތޫރީ މައްސަލައަކަށް ވާނީ ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. ނަމަވެސް ރައީސްގެ ގަރާރަކީ ގާނޫނުއަސާސީގެ ދަށުން ނެރުއްވި ގަރާރެއް ކަމަށް ވިޔަސް، އެއީ ގާނޫނެއް ނުވަތަ ގާނޫނީ ބާރު ލިބޭ ގަވާއިދެއްގެ ދަރަޖަ އޮތް އެއްޗެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ރައީސްގެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އާންމު ގާނޫނުތަކުގެ އެ މާއްދާ ބާތިލްކުރުމާ ބެހޭގޮތުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ މާއްދާ ގޯސް ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާތީ އެ މާއްދާ ބާތިލްކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާ އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ހުކުމުގައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 15 އަހަރު ވެފައިވާތީ އެ ގާނޫނު އިސްލާހުކުރަން އިތުރު ފުރުސަތެއް ދައުލަތަކަށް ދޭން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އާންމު ގާނޫނުތަކުގެ މާއްދާ ބާތިލްކުރުމާ މެދު ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ އެ މާއްދާ ބާތިލްކުރަން ނުޖެހޭނެ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަ ދެއްކުން ގާނޫނަކުން މަނާ ކޮށްފައި އޮތްއޮތުމަކީ އޭގެ ޒާތުގައި އެއީ ގޯހެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ވެސް މަނާ ކޮށްފައި އޮންނަ ކަމެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަމާންކަމަށް ގެއްލުން ލިބޭ ވާހަކަތަކަކީ ކޮބައިކަން ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިހަނު
29 August 2023
މިފަހަރު މިސަރުކާރު ބޭރު ނުކޮށްފިއްޔާ ދެން ދިވެހިންގެ ޤައުމު އަތުނުޖެހޭ ހިސާބަށް ހިނގައިދާނެ. ކިތައްމެ ބިމެއް ލިބުނަސް، ކިތައްމެ މުސާރައެެއް ބޮޑުކުރިޔަސް، ދިވެހީން އަމިއްލަ ހެޔޮ ބުއްދި ނުވިއްކާނެ ކަމަށް އުއްމީދުކުރަން..
ސަލީމް 2
29 August 2023
އަމާން ކަމަށް ގެއްލުން ލިބޭ ޒާތު ވާހަކަ ދެއްކުން ހުއްދަވީ؟؟ މިއޮތީވާ ގައުމެއް ސަހާދެއް..
ނޫނޭނޫނޭ
29 August 2023
ތިހެނެއް ނޫން. އެކަހަލަ ވާހަކަ މަނާކުރާ ޤާނޫނު އެބަހުރި. ޤާނޫނުލްއުޤޫބާތުގަވެސް އެފަދަ ވާހަކަތަކުގެ ބައެއް ބާވަތް ހަނިކުރޭ. މީގަ މައްސަލައަކީ “އަމަން ޢާންމަށް ގެއްލުމެއް ލިބިދާނެ” ވާހަކަ ދެއްކުން މަނާކޮށްފަ އޮތްއިރު އޭގެ ތެރެއަށް ފެތޭނީ ކޯޗެއްކަން އެނގެން ނެތީ. އޮތް ގޮތުން ހިސާބަށްވުރެ ފުޅަލީ. އޭރެއްގަ ވެރިކަން ކުރާ ބައަކަށް ހިތުހުރިހައި ގޮތަކަށް އެބޭނުންކުރުމުގެ ފުރުޞަތު އޮތުން އެއީ ޤާނޫނުއަސާސީއާ ޚިލާފުވި ސަބަބު.
1828
29 August 2023
އިންޑިއާ އައުޓް ގޮވުމަކީ އަމާންކަމަށް ގެއްލުން ލިބޭ ޒާތުގެ ވާހަކައެއް ނޫން.
އެހެންވީމަ
29 August 2023
އެހެންވީމަ، ހައިކޯޓުން އެނިންމީ އެއީ ޤާނޫނެއް ނުވަތަ ގަވާއިދެއްވެސް ނޫނޭ. އެއީ އެދަރަޖައިގެ އެއްޗެއްވެސް ނޫނޭ. އެއީ ރައީސްގެ ޚިތާބެއްކަމަށްވާނީ. ވަރަށް ބަރާބަރު.
ބޮސް ގެ ބޮސް
29 August 2023
އެހެންވީމާ ތި ގަރާރަކީ އެއްވެސް ގާނޫނީ ބުރަދަނެތްނެތް، ބޭ ގަރާރަކަށްތާ މިވީ...އެހެންވީމާ ޕޕ ކުދިން އެ މޮޅުވީ..
މުޑަހަނދި
29 August 2023
ތިޔައީކީ މާ ބޮޑު މައްސަލައެއް ކަމަކަށް ނުފެނޭ މިހާރު... ދިވެހިން ކައްކުވަން ވެގެން އެންމެ ބާރަށް ތިޔަ ވާހަކަތައް ގޮވި މީހުން މިހާރު އޭގެ މަތިން ހަނދާންވެސް ނެތޭ ބުންޏަސް ނުވާނެ ދޮގަކަށް. އެބައިމީހުންގެ ކެމްޕޭނުގައި ވެސް ތިޔަހެން ބުނާ އަޑެއް މިހާރު ނީވޭ! ހައްތަހާވެސް ފަޅު ހިއްކާ ވާހަކަ ފްލެޓްޢާއި އެއަރޕޯރޓް އަޅަން ވައުދުވާ ވާހަކަ އިވެނީ.. އެއީކީ އަލަކަށް އިވޭ އަޑެއް ނޫން.
ކުރަފި
29 August 2023
އާން.. މަވެސް މިހާރު ތިޔަހެން އެބަ ހިތަށް އަރާ! މިހާރު އިންޑިޔާ އައުޓްގެ ޚަބަރެއްވެސް ނުވޭ،،
1828
29 August 2023
ބޭރުގެ ސިފައިން މިޤައުމުގައި ޤާއިމްވެގެން ނުތިބެވޭނެކަމަށް ބުނާ އަޑު ތިބޭފުޅާއަށް އަޑު ނީވުމަކީ ޑޮކްޓަރަށް ދައްކަން ޖެހޭ ކަމެއް ކަމުގައި ދެކެން.