ދޯންޏަކަށް މުދާ އަރުވަނީ. ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ތިން ވަނަ ފަހަރަށް އެއް ވަރެއްގައި ހިފަހައްޓާފައި-- ފޮޓޯ: މިހާރު
09 އޮކްޓޯބަރ 2023 - 14:51
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރުގެ ރޭޓިން ވެސް "ބީ މައިނަސް"ގައި ދަމަހައްޓައިފި އެވެ.
ކޮވިޑްގެ ކުރިން ފިޗުން ވަނީ ރާއްޖެ އަށް "ބީ ޕްލަސް" ރޭޓިންއެއް ވެސް ދީފަ އެވެ. އަދި އެއަށްފަހު ކޮވިޑާ ގުޅިގެން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ބަދަލުކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖޭގެ ރޭޓިން "ބީ މައިނަސް" އަށް ބަދަލު ކުރި އެވެ.
ފިޗުން ބުނީ، މި ރޭޓިންގައި ދެމެހެއްޓީ، ރާއްޖޭގެ އުފެއްދުންތައް ކުރިއަރާ، ޓޫރިޒަމް ދާއިރާ ފުޅާވަމުން އަންނާތީ ކަމަށެވެ. އެ އޭޖެންސީން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދު މި އަހަރު 7.2 ޕަސެންޓުގައި ކުރިއަރާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިގްތިސާދު ކުރި އެރި ނަމަވެސް ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލި، ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން ވެސް ފިޗުން ފާހަގަކުރި އެވެ. އަދި ޓޫރިޒަމް ދާއިރާއަކީ ބޭރުގެ އެކި އިގްތިސާދީ ޝޮކްތަކުގެ އަސަރު ފަސޭހައިން ކުރާ ދާއިރާއަށްވާ އިރު އެ ދާއިރާއަށް މުޅި އިގްތިސާދު ބަރޯސާވުމަކީ، ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ދެހާސް ސަތާރައިން ފެށިގެން ރާއްޖޭގެ އިގްތިސާދު ރޭޓު ކުރަމުން އަންނަ ފިޗުން ބުނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ބޮޑު ކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ސަބަބަކީ، އިމްޕޯޓު ކުރުމަށް ޑޮލަރު ބޭނުން ކުރަން ޖެހޭ ވަރު އިތުރުވުމެވެ. ރިޒާވް ހަމަޖެއްސުމަށް މި އަހަރު ވެސް ރިޒާވް ބޭންކް އޮފް އިންޑިއާއިން 100 މިލިއަން ޑޮލަރު އެމްއެމްއޭއިން ނަގާފައިވެ އެވެ. އަދި ރާއްޖޭގެ ރިޒާވް 16 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ. މިވަގުތު ރާއްޖޭގެ ރިޒާވުގައި 690 މިލިއަން ޑޮލަރު ހުރި އިރު ބޭނުން ކުރެވޭ ގޮތަށް އޭގައި ހުރީ 150 މިލިއަން ޑޮލަރެވެ.
ފިޗުން ބުނީ، ރާއްޖެއަށް ބޭރުން ލޯނާއި އެނޫން ފައިނޭންސިން ހޯދުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސަބަބަކީ އަންނަ އަހަރު ރާއްޖެއިން ބޭރުން ނެގި ލޯނުތަކަށް 3.6 ބިލިއަން ރުފިޔާ އާއި ގެރެންޓީ ދިން ލޯނުގެ 4.6 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހުމެވެ. އަދި 2025 ވަނަ އަހަރު ބޭރުން ނެގި ލޯނުތަކަށް 5.6 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ސަރުކާރުން އެންމެ ބޮޑު ދަރަންޏެއް އަދާ ކުރަން ޖެހޭ 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން ބޭރުން ނެގި ލޯނުތަކަށް އެކަނި 13.6 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ފިޗުން ބުނީ، ދަރަނި އަދާކުރަން އެކުލަވައިލި ސޮވެރިން ޑިވަލޮޕްމެންޓް ފަންޑުގައި މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަަލަށް 7.3 ބިލިއަން ރުފިޔާ ހުރި އިރު އޭގެ ތެރެއިން ޑޮލަރުގެ ގޮތުގައި ހުރީ 30 މިލިއަނެވެ.
ފިޗުން ލަފާކުރާ ގޮތުގައި މިއަހަރުގެ ބަޖެޓު ޑެފިސިޓް މިދިޔަ އަހަރަށް ވުރެ 0.3 ޕަސެންޓް ދައްވާނެ އެވެ. އެއީ 11.6 ޕަސެންޓުން 11.3 ޕަސެންޓަށެވެ. ހަރަދުތައް މިއަހަރު އެހާ ބޮޑަށް އުފުލުނީ، އިންތިހާބާ ދިމާކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް އިތުރުވުމާއި ސަބްސިޑީތައް ދިނުން ހުއްޓާނުލާ ކުރިއަށް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަތްފާނު
09 October 2023
އަހަރެއްހާ ދުވަސްތެރޭ އޭ ސްޓާއަށް އަރާނެހެން ހީވަނީ، ސަގަރޭޕާކުގަ ފެންމޯޓަރެއް ބަހައްޓަން ފ އަތޮޅު ވިއްކާލަންދިމާކުރިބަޔަކަށް އިގުތިސޯދު ހަމައަކަށް އަޅުވާލަން އަހަރެއްވެސް ނުނަގާނެތާ.
އަފްރާސިޔާބު
09 October 2023
ފިޗާއި ބިޗާއި ކިޗާއި ވޯލްޑް ބޭންކާއި އައި.އެމް.އެފާއި މިތަންތަކީ ފަގީރު އަދި ތަރައްގީ ވަމުންދާ ގައުމުތަކުގެ ލޭ ބޯ މީހުން.
ހިންނަވަރުބޭ
09 October 2023
ނާގާބިލު ބަޔަކު ވެރިކަމާ ހަވާލުވީމަ ވާ ގޮތް މީ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގަ ހުރި ޑޮލަރުކޮޅުވެސް މާރުކޮށް ބޭނުންކޮށްލަައިފި. ދަރީންނޭ ގައުމެއް ނެތް
ހިންނަވަރުބޯ
09 October 2023
ޤައުމު ނެތީމަ ޤައުމު ހޯދާކަށްނު ތިޔައައީ ދެން ފަޅޮލޭ ބަރަބޮލޭ ކިޔާނެކަމެއްނެތް އިންޝާ ﷲ އަހަރެމެން މިތިބީ ބަލަންް.
ޕަމްކިން
09 October 2023
މަ ހީކުރީ ޒެޑު ރިޕޯޓެއް ކަމަށް ލިބޭނީ. ޤައުމު އޮތްކަމަށް ހީވާ ހާލަތާ ބަލާފަ ފިޗުގެ ވިސްނުން ވަރަށް ޕޮޒިޓިވްކަމަށް ފެންނަނީ
ވިނޯދު
09 October 2023
މުއިއްޒު އަރާ ބީ ޕުލަސްއަކަށް ބަދަލުކުރާނެހެން ހީވަނީ.
ބޮޑުމީހާ
09 October 2023
ފިޗަށްވުރެ މިގައުމުގެ ވެރިމީހާއަށް ހުރިހާ ކަމެއް މާބޮޑަށް އިގޭ. 114 ބިލިއަނުން ގައުމު ދަރުވާލައި އޯގާތެރިކަމުގެ ލަގަބު ހޯދައިގެން އޭނަ އެހުރީ