ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ކުޑަގިރި ފަރަށް އެރި ބޯޓު ފުރުން މަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި. --- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2023 - 14:49
ކ. ތިލަފުށި ކައިރީގައި އޮންނަ ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރި މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ބޯޓު ރާއްޖެއިން ފުރުން މަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަގިރި ފަރުގެ ވެލިގަނޑަށް މިދިޔަ ޖެނުއަރީ މަހު އެރި މައްސަލާގައި އެމްއެސްވީ މާރިޔާ ސިންތަޔަތިރައި ބޯޓުގެ ފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ނިންމައިފަ އެވެ. އަދި ބޯޓު ރާއްޖެއިން ފުރުން އޮތީ މަނާކޮށްފަ އެވެ.
އެ ކުންފުނީގެ ރާއްޖޭގެ އޭޖެންޓްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އީޕީއޭއިން އެ ބޯޓު ފުރުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ދިނުމަށެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ ރާއްޖެއަށް އަންނަ ބޭރުގެ ބޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަނީސް، ރާއްޖެއިން ފުރުމުގެ ހުއްދަ އާންމު އުސޫލުން ނުދޭ ކަމަށާއި އަދި އެ މައްސަލާގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކާފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ ބޯޓު ޖޫރިމަނާ ކޮށްފައިވަނީ އީޕީއޭއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށާއި އަދި އެ ބޯޓު ފުރުމުގެ ހުއްދަ ނުލިބި އޮތީ ޖޫރިމަނާ ނުދައްކާތީ ކަމަށެވެ. އެހެންވެ، އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެކުރިން ވެސް ބޯޓުތައް ފަރަށް އެރުމުގެ މައްސަލަތަކުގައި ޖޫރިމަނާ ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy