ބިދޭސީންތަކެއް މަސައްކަތް ކުރަނީ. ބިދޭސީންގެ މެޑިކަލް ކަންކަމުގައި ބޮޑެތި ކަންބޮޑުވުންތައް އެބަހުރި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޑިސެމްބަރ 2023 - 12:17
މެޑިކަލް ނުހަދާ ބިދޭސީންނަށް ރާއްޖެ އަށް އާދެވޭ ގޮތަށް އޮންނާތީ އެޗްޕީއޭ އިން އިއްޔެ ކަންބޮޑުވެއްޖެ އެވެ.
އެ އެޖެންސީގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު އަބްދުލް ހަމީދު "މިހާރު" އަށް ވިދާޅުވީ ހެލްތު މިނިސްޓްރީން އަބަދު ވެސް ލަފާދެނީ ރާއްޖެ އަށް ގިނަ ދުވަހަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ހުއްދަ ދިނުމުގެ ކުރިން މެޑިކަލް ސްކްރީނިން ހެދުމަށް ކަމަށެވެ.
ނަމަވެސް، މީގެ ކުރިން ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުންދިޔަ އުސޫލު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަދަލުކޮށް، މެޑިކަލް އެއްވެސް ކަމަކަށް ނުބެލުމަކީ ކަންބޮޑުވުމެއް ކަމަށް، އާއްމު ސިއްހަތު ކުރިއަރުވަން އުފައްދާފައިވާ ގައުމީ އިދާރާއިން ބުންޏެވެ.
"ވަރަށް ކަންބޮޑުވާނެ ކަމެއް. އެއީ ރާއްޖޭގައި، އަޅުގަނޑުމެން އެދޭ ގޮތަކީ ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއް ވެސް ހުންނަން ވާނީ ކަނޑައެޅިފައިވާ ވަކި މެޑިކަލް ސްކްރީނިންއެއް ކޮށް ނިމިގެންނޭ،" ހަމީދު ވިދާޅުވި އެވެ.
ބިދޭސީން ވިސާ އަށް ހުށަހަޅާއިރު މެޑިކަލް ހުށަހެޅުން ހުއްޓާލިތާ ދެ އަހަރު ވީއިރު، ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާ ޖެހިފައި ތިބި ބިދޭސީ ބަޔަކު މި ފަހުން ވަނީ ހދ. ކުޅުދުއްފުށިން ވެސް ފެނިފަ އެވެ. އެކަމަކު، އެއީ، ބިދޭސީން މެޑިކަލް ހެދިއިރު ބެލި ކަމަކަށް ނުވިޔަސް، އެއީ ވެސް މަދިރީގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ބައްޔަކަށް އެކަމުގެ ނުރައްކާ ބޮޑެވެ.
ރާއްޖެ އަށް ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް މަސައްކަތްކުރަން އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހުށަހަޅަން ޖެހެ އެވެ. އެހެން ނޫނީ، ވޯކް ޕާމިޓް އާ ކޮށެއް ނުދެ އެވެ. ރާއްޖެ އެތެރެވުމުގެ ކުރިން އެ މީހެއްގެ ޕޮލިސް ރިޕޯޓު ހުށަހަޅައި އެޕްރޫވަލް ހޯދައި، ރާއްޖެ އެތެރެވާތާ ތިން މަސް ދުވަސް ތެރޭގައި ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، މެޑިކަލް ރިޕޯޓު ހުށަނޭޅިޔަސް ސަރުކާރުން ގެންދަނީ ވޯކްޕާމިޓް ދޫކުރަމުންނެވެ.
ބިދޭސީންގެ ކަންތައް ބަލަހައްޓާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މެޑިކަލް ސްކްރީނިންއާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާންކުރާނެ ކަމަށެވެ.
ބިދޭސީންގެ މެޑިކަލްގައި މިހާތަނަށް ބެލީ މައިގަނޑު ހަތް ކަމަކަށެވެ. އެއީ؛
ވީޑީއާރުއެލް: ޖިންސީ ގުޅުމުގެ ސަބަބުން އަރާ ސިފިލިސް ނަމަކަށް ކިޔާ ބައްޔަށް ޓެސްޓުކުރަން.
އެޗްބީއެސްއޭބީ: ހެޕަޓައިޓިޓިސް ބީ އަށް ޓެސްޓުކުރަން.
އެޗްއައިވީ.
ޓީސީ.
ޓީބީ ހުރިތޯ ބަލަން މޭގެ އެކްސްރޭ.
ފިޒިކަލް އެގްޒަމިނޭޝަން.
އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު ހަމީދު ވިދާޅުވި ގޮތުގައި ކުރިން އޮތް އުސޫލު ވަރަށް ރަނގަޅެވެ. އަދި، ރާއްޖެއިން ނައްތާލާފައިވާ ބައްޔަކަށް ގިނަ ބިދޭސީންތަކެއް ފޮޒިޓިވްވުމުން، ބިދޭސީންގެ މެޑިކަލް ކަންތައް ހަރުދަނާކުރަން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަޝްވަރާތައް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މެޑިކަލް ސްކްރީނިންގައި ފައިލޭރިޔާއަކީ މީގެ ކުރިން ބެލި އެއްޗެއް ނޫނެވެ. ހަމީދު ވިދާޅުވީ، ފައިލޭރިޔާ ފަދަ ރާއްޖެއިން ނައްތާލާފައިވާ ބަލިތަކަށް ސްކްރީން ކުރުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން އެމްއާރު ވެކްސިން ޖަހާފައި ހުރިތޯ އަދި ސްކްރީނިންގައި ލެޕްރަސީ ހިމެނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ހިތުގެ ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތަކަކީ ވެސް ހެލްތު ސްކްރީނިންގައި ބެލުން މުހިއްމު ކަންތައްތަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ.
ބިދޭސީންގެ މެޑިކަލް ހެދުން މަޖުބޫރުކުރިއިރު ވެސް އާއްމުކޮށް އިވޭ އެއް ޝަކުވާއަކީ، ބައެއް ކްލިނިކްތަކުން ފޭކް މެޑިކަލް ރިޕޯޓު ހުށަހެޅުމެވެ. ހަމީދު ވެސް ވިދާޅުވީ ސްކްރީނިން ރިޕޯޓަކާ މެދު ޝައްކުވާ ކަމެއް އަތުވެއްޖެނަމަ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މައްސަލަ ބަލާ ކަމަށެވެ. ފާހަގަކުރެވުނު ބައެއް ތަންތަން ބަންދުކޮށް، މިންގަނޑަށް ފެއްތުމުން ނޫނީ ހުއްދަ ނުދޭ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
19 December 2023
ކީއްކުރަން ހަދާ މެޑިކަލް އެއް. އެދެނީ ފައިސާ ނަގައިގެން ޕްރައިވެޓް ތަންތަނުން. އެހެޔޮ ކޮންމެ ބައްޔެއް ހުއްޓަސް ޖަހަނީ ނިލް ކަމަށް . ބަންގާޅީން ފައިސާ ދީފާނެ ބުނިވަރަކަށް.
ބަބުރުއްސާދާ
19 December 2023
އެޗްޕީއޭއަށް އިރުއަރަނީ ނޫހުގައި އެއްޗެއް ޖެހީމަ، ދެން ހޭލަފަ އެއްޗެކޭކިއާނެ. ސޯލިހުސަރުކާރުން މެޑިކަލްހެދުން ހުއްޓާލީމަ ގުޅިފައިވާ އެހެން އިދާރާތަކާއެކު ސޯލިހު ސަރުކާރު ގޮވައިގެން ކޯޓަށް ނުދިއައީކީއްވެ؟ އެއީ ދޯ ޒިންމާދާރުކޮށް މަސްހޫލިއްޔަތު އަދާކުރުމަކީ؟ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއޭ ކީމަ ނިމުނީއެއްނޫނޭ؟
ހުތްއާދަނު
19 December 2023
އަދިކިރިޔާ
ވަކުންޖު
19 December 2023
"ބައެއް ކްލިނިކްތަކުން ފޭކް މެޑިކަލް ރިޕޯޓު ހުށަހެޅުމެވެ." މީ ބަޔަކު ގުޅިގެން ހިންގާ ބޮޑް ސްކޭމެއް. ކަމެއް ގޯސްކޮށްދިޔަސް ފައިންކުރުމެއް، އެއްވެސްކަމެއް ތަންފީޒުނުކުރެވޭ. އެމީހަކަށް ހެދުނު އެއްޗެއް ހަދަނީ. އަޅެ ޕޭކް ރިޕޯޓްތައް ދޭ ކުލިނިކުތައް ކުޑަކަކޫމައްޗަށް ވެއްޓޭވަރަށް ފައިންކޮށްބަލަ، މެޑިކަލްއަށް މަކަރު ހަދާ މީހާ ޑީޕޯޓްކޮށްލަބަ. ކަަންކަން ކުރަންޖެހޭގޮތައް ކަންކުރާނީ ކޮންދުވަހަކުންބާ!
އަފްރާސިޔާބު
19 December 2023
ސްކޭމް ހިންގަނީ ހަމައެކަނި ބޭންކަކުން ނެއް ނޫން. ސިއްޙީ މުއްސަސާ ތަކުން ހިންގާ ސްކޭމްތަކުގެ އަގުވެސް ވަކި ކުޑައެއް ނޫން. އެކަމަކު މިސްކޭމް ތައް ބަލާ ބަޔަކު ނެތް. އާ ވެރިކަމާއެކު އާސް ގޮތަކަށް އެ ސްކޭމް އެބުރެން ފަށައިފި. މެޝިނަރީގެ އާސްކޭމެއް.
ހޯޕްލެސް
19 December 2023
އެޗްޕީއޭއަށް ހޭލެވެނީ ބަޔަކު އެއްޗެކޭ ކިއާ ނޫސްތަކަށް އެރުވީމަތަ؟ މިހުރިހާ ދުވާހު މީމީހުން ކޮބާ؟ ކޮބާތަ މިމީހުންގެ މޭންޑޭޓާކީ؟
ސަކަރާތް.
19 December 2023
ހުރިހާ ގަޅިއެއް ހަދައިގެން މިއުޅެނީ ސޯލިހު ސަރުކާރުން، ހުރިހާކަމެއް ޗޮކުހުން ދުއްވާލާފަ. ކަންތަކަށް ދޫދެމުންގޮސް ގައުމުވެސް ކިރުއާ ނުދިނީ އެހެން ބައެއްގެ އަތަށް. ވަރަށް ސަކަރާތް.
ކޮރަލް
19 December 2023
އެޗްޕީއޭ އިން އިއްޔެ ކަންބޮޑުވެއްޖެ އެވެ. މެޑިކަލް ނުަދާ އެތެރެވާތާ ދެ އަހރެއް ވަރު ވެއްޖެ އެވެ. ނޫސް ތަކުގަ މިފަދަ ވާހަކަ ނުޖަހަނީސް އަނގައިން ބުނަން ވީ އެވެ.
ބޮޑުދިދަ
19 December 2023
ވެލް ކަމް ބެކް އެޗް ޕީ އޭ … އިޓްސް ގުޑް ޓު ސީ ޔޫ … މިކަން ކިހާ ވަރަކުން ދާނެބާ ؟ ކަންދައްކާލަން ސުރުހީ އަޅާލާފަ މިކަން ދޫކޮށްނުލާ، ރަގަޅު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން.
މީހު
19 December 2023
ކޮވިޑްގަ ކެވުނުލެތް ގިނަވެގެން ނިދިގޮތަށް އަދި ތިޔަ ހޭލެވުނީ ދޯ
އަވަސް ކުރޭ
19 December 2023
ވާރކް ޕާރމިޓް ގެ އުސޫލުތައް ވަރަށް އަވަހަށް އެބަ ޖެހޭ ހަރުކަށިކުރަން. ހެޕަޓައިޓިސް އަކީ އަވައްޓެރި ގައުމުތަކުން އަންނަ ވަރަށް ގިނަ ބައެއްގާގައި ހުރި އެއްޗެއް
އަފްރާސިޔާބު
19 December 2023
ތިކަމެއް ނުވާނެ. ވޯކްޕާމިޓްގެ ފައިސާ ދައްކަނީވެސް ދޮޅަހަކަށް މީހުން. މީހުން އެބައުޅޭ 2 ލައްކަ ވަރަކަށް ބަންގާޅީން.