މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް. --ފޮޓޯ: އޭއެފްޕީ
30 މެއި 2024 - 11:33
މެލޭޝިއާގައި ޑޭޓާ ސެންޓަރެއް އިމާރާތްކުރަން ގޫގުލް އިން ދެ ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމައިފި އެވެ.
މި ސަރަހައްދުގައި އޮތް ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދުމަށް ޓެކް ކުންފުނިތަކުން އިންވެސްޓު ކުރަމުން އަންނަ ދަނޑިވަޅެއްގައި ގޫގުލްގެ މި އިންވެސްޓުމަންޓުގެ ސަބަބުން ސިއްހީ، ތައުލީމީ އަދި މާލީ ދާއިރާތަކުން 26،500 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވި އެވެ.
ޓެކްސް ލުއިކޮށްދީ، ސަބްސިޑީ ދީގެން އިރުދެކުނު އޭޝިއާގެ އެންމެ ބޮޑު ޑިޒައިން ޕާކު މެލޭޝިއާގައި ގާއިމުކުރުމުގެ ޕްލާން އަންވަރު ހާމަކުރެއްވީ މިދިޔަ މަހު އެވެ.
ގޫގުލްގެ ޗީފް އިންވެސްޓްމަންޓު އޮފިސަރު ރުތު ޕޯރަތު ވިދާޅުވީ، މެލޭޝިއާގައި އެ ކުންފުނިން ކުރާ އެންމެ ބޮޑު އިންވެސްޓުމަންޓުން އެ ކުންފުނީގެ ކްލައުޑް ސާވިސް އަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގެ ހުޅަނގުގައި އޮންނަ ބިޒްނަސް ޕާކުގައި ހަދާ މި ޑޭޓާ ސެންޓަރުގައި ގޫގުލްގެ ސާޗް، މެޕްސް އަދި ވާކްސްޕޭސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
ގޫގުލްގެ އިތުރުން މައިކްރޮސޮފްޓް އިން ވެސް ވަނީ ކްލައުޑް ކޮމްޕިއުޓިން އާއި އޭއައި އަށް 2.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މެލޭޝިއާގައި ކުރަން ނިންމާފައިވާ ކަން މިދިޔަ މަހު އިއުލާނުކޮށްފަ އެވެ.
އެމެޒަންގެ ކްލައުޑް ކޮމިޕިޔުޓިންގެ ގާބިލުކަން އިތުރުކުރަން އެ ކުންފުނިން ވެސް ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައިި ނުވަ ބިލިއަން ޑޮލަރު މެލޭޝިއާގައި އިންވެސްޓުކުރާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy