އެކްސިޑެންޓުވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 ޖުލައި 2024 - 23:31
ހުޅުމާލެ 2 ގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ ފިލައިގެން އުޅެނިކޮށް ހޯދައި މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކާރު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޝޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކާރުގައި ދެ މީހުން ތިއްބެވެ. އެ ދެމީހުންނަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ.
ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ފަހުން ކާރުން އެ ދެ ފިރިހެނުން ނުކުމެ އެވެ. ކާރު ދުއްވަން އިން، ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކާ އެކު ކާރުން ދެން ފައިބަނީ ރީނދޫ ކުލައިގެ ޓީޝާޓެއްގައި ހުރި ފިރިހެނެކެވެ.
އެކްސިޑެންޓުވުމުން އެ ދެ މީހުން ވެސް ކާރުން ފައިބައިގެން ގޮސް އަނިޔާވެފައި އޮތް މީހާ ކައިރީގައި މަޑުކުރެ އެވެ.
އެކްސިޑެންޓުވި ކާރުގެ ނަންބަރު ބޯޑު: މިއީ މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ވެސް ނޫން
އޭގެ އިރުކޮޅެއް ފަހުން، ކާރު ދުއްވަން އިން މީހާ އެހެން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އެކްސިޑެންޓް ހިނގި ސަރަހައްދުން ފިލައިގެން ދާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން މިރޭ ބުންޏެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާގެ މޫނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހ. ހުސައިން
01 August 2024
ސުވާލަކީ ފުލުހުންނަށް މަގުމަތި ނުބެލެހެއްޓޭނީ ކީއްވެގެން ހޭ؟ މަދުފަހަރެއްގެ ފުލުން މަގުމަތި ބެލެހެއްޓުމުގައި އުޅޭތަން ފެނޭ. މި ކުޑަ މުޖުތަމައުގައި ގިނަކަންކަން ބޮއްސުންލައިގެން ދަނީ ފުލުހުންގެ ނާގާބިލުކަމުން، ކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވޭތީ. ވާނީވެސް އެހެންތާ، ފުލުހުންނާ ސިފައިން ލެއްވިހާ އެލަވަންސެއް ނަގައިގެންވެސް ނުފުދިގެން އަބަދު އުޅެނީ ވިޔަފާރި ކުންފުނި ހަދައިގެން ވިޔަފާރި ކުރުމުގަ. ގައުމު މިހާލަތުގައި އޮތުންވެސް ޝުކުރު ކުރާވަރު.
ޓެސްލާ
01 August 2024
ކަނޑުހުޅުދޫ މީހާ ވަރަށް މުއްސަދި, މަސައްކަތް ނުކޮށް,
ސަސި.
01 August 2024
މިވެރިންގެ ވާހަކަ ނޫހުގަ ވެސް ލިޔާކަށް ނުވާނެދޯ. އެއީ ވަރަށް ބޮޑު ގޭންގެއްގެ ބާރުގަދަ މެންބަަރެކޭ.
ސަލީމު އިދުރީސް
01 August 2024
ދުއްވާއެއްޗެތި ސުޕީޑު ލިމިޓުކޮއްގެނޫނީ އެތެރެ ނުކުރެވޭގޮތް ހެދީމަ އެކަކައްވެސް އޮންނަވަރައްވުރެ ބާރައް ނުދުއްވޭނެ
އޮނަރަބްލް އަފީފު ދީދީ
01 August 2024
ކާރުދުއްވިމީހާ ބަންދުކޮށްފައި ފުލުހުންގެ ޓްރެފިކް ޑިވިޝަންގެ ވެރިއަކަށް ހުންނެވިމީހާގެ މަޤާމްވެސް ދަށްކުރާންޖެހޭ. އެތައްހާސް ފުލުހުން ތިރަށުގައި ޤާއިމްވެތިބޭއިރު އަކަކިލޯ މީޓަރ ހަމަނުވާ ކުޑަކުޑަރަށްގަނޑެއް ނުބެލެހެއްޓޭނަމަ ފުލުހުންގެމައްޗަށް ދައުލަތުގެ ޙަޒާނާއިން ކުރަމުންދަނީ ބޮޑު އިސްރާފެއްނޫންތޯ؟! ހަމައެކަނި ކުށްވެރިންނަށް އަދަބުދިނުމުގެބަދަލުގައި މިފަދަކަންކަމުގައި އިހުމާލުއޮންނަ ދައުލަތުގެ އިދާރާތަކުގެ ވެރިންނާއިމެދުވެސް ފިޔަވަޅު އަޅާންޖެހޭ.
5171
01 August 2024
ހައްޔަރު ކުރުމަކުން ނުފުދޭ. ދޫކޮށްނުލާތި!! މިކަހަލަ މުޖުތަމައަށް ނުރައްކާތެރިމީހުން ދިގު މުއްދަތަކަށް ޖަލަށްލާންޖެހޭނެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނު ހުރިހާގެއްލުމުގެ ބަދަލު ހޯދައިދޭން ޖެހޭނެ.
މިހާލު
31 July 2024
ތި ހަމަ ކޭއެފްސީ އަށް ގޮސް ކާލުންފަދަ ކަމެއް
ސ. ހުޅުދޫއިން
31 July 2024
މި ވަގުތު ސ ހުޅުދޫގެ މަގުތައްވެސް ވަރަށް ނައަމާންކޮށް ދައްކަނީ، ރޭސް ޖަހަން އައިސް އުޅޭ ބަޔަކު އެބަ އުޅޭ.
ނައިން ފޯ
31 July 2024
ކާރު ވެސް ރްޖިސްޓްރީ ކޮށްފައޮތްތަނަކަށް ފަނުވާލާ، އަދި ދުއްވި މީހުންވެސް، އުތުރުންނާ ދެކުނުން އަރައިގެން ބެލުމެއް ނެތި ތެޅިފޮޅެނީ.
ޏަން
02 August 2024
ކޯޗެއް ފޮނުވާކަށް، ކާރު ޖެހޭނީ ނައްތާލަން. އަނިޔާވި މީހާއަށް ބޮޑު ބަދަލެއްވެސް ދޭންޖެހޭނެ. ލާރި އޮންނާނެ އެވަރަށް ތިމީހުންއަތުގައި. ގޭންގު މީހުން ލާން ހާއްސަ ހައިސެކިއުރިޓީ ޖަލެއް ހަދަން ޖެހޭ.