ހުޅުމާލެ 2 ގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ އެ މީހާ މިހާރު އިމަޖެންސީ ރޫމުން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ.
ނަމަވެސް އޭނާއަށް ވެފައިވާ އަނިޔާގެ ތަފުސީލެއް ހޮސްޕިޓަލުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި އެ މީހާގެ މޫނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން އެ މީހާގެ ގައިގައި ޖެހިގެންނެވެ. ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
އެ އެކްސިޑެންޓް ހިނގުމާ އެކު، ކާރު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އެ ވަގުތު ތިބި މީހުންނެވެ. ކާރު ދުއްވި މީހާ ފިލިޔަސް އެ އެކްސިޑެންޓް ހިނގި ވިނަރެސް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ އަދަދެއްގެ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.