ވިޔަފާރި / ރިޕޯޓް

އުއްޗު އާއި އަފީފަށް މުހިންމީ ޝަކުވާއަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުން

ޗަމްޕާ އަފީފު ވިދާޅުވީ، އެ ކުންފުންޏަށް ވަންނަ ހުރިހާ ޑޮލަރެއް މިހާރު ވެސް ވައްދަނީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އަށް ކަމަށް.

އަފީފާއި އުއްޗު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ ސާޅީހަކަށް ނުވަތަ ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ؛ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހުރިހާ ކަމެއް އޮތީ އެ ކަމުގައި އެންމެ އިސްކޮށް އުޅުނު އިންވެސްޓަރުންގެ ބެލުމުގެ ދަށުގަ އެވެ. ބަސް ކިޔައި ހެދީ އެ މީހުންނެވެ. އެކަމަކު ސަރުކާރުން ޓޫރިޒަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި ގަވާއިދުތައް ވުޖޫދަށް އައުމާ އެކު އިންވެސްޓަރުން ސަރުކާރަށް ބޯލަނބައި ކިޔަމަންވި އެވެ. ގަވާއިދުތަކާއި އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރެވޭނީ އެހެން ކަމަށް ވާތީ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އިންވެސްޓަރު ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއު ފެއްޓެވީ އެ ހިސާބުންނެވެ.

ޗަމްޕާ ބްރާދާސް އާއި ކްރައުން އެންޑް ޗަމްޕާގެ ހިއްސާދާރުން ކަމަށްވާ އުއްޗު (ކ) އާއި އަފީފް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ. އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ދެ ބެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

މީރު އައިލެންޑް ރިސޯޓުގައި ހުންނަވައި، އުމުރުން މިހާރު 79 އަހަރުގެ އުއްޗު އާއި އޭނާގެ ކޮއްކޮ ޗަމްޕާ ހުސައިން އަފީފު ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ކޮށްގެން ސަރުކާރާއި އެމްއެމްއޭ އިން ދާދި ފަހުން ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވައިފަ އެވެ.

އުއްޗު ވިދާޅުވި އެއް ވާހަކައަކީ ސަރުކާރުން ކަންކަން ނިންމެވުމުން އެކަންކަން އެގޮތަށް ކުރުން ނޫން ގޮތެއް ވިޔަފާރިވެރިންނަށް ނެތް ކަމެވެ. އެއީ ޓެކްސް ވިޔަސް ނުވަތަ އެހެން ގަވާއިދެއް ކަމަށް ވިޔަސް އެ ކަންކަމަށް އުއްޗުގެ އެއްބާރުލުން ލިބޭނެ ކަަމަށް ވިދާޅުވި އެވެ. މަރުހަބާ ވިދާޅުވާނެ އެވެ.

ޓޫރިޒަމްގެ ޕައިނިއަރު ހުސެއިން އަފީފު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑަށް އެނގޭހާ ވެސް ވަރަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން މަސައްކަތް ކުރައްވާނީ އާންމު ރައްޔިތުންނަށް އެންމެ ރަނގަޅަކަށް އެކަން ކޮށްދެއްވަން،" ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުއްޗު ވިދާޅުވި އެވެ.

ކްރައުން އެންޑް ޗަމްޕާގެ ދަށުން 11 ރިސޯޓެއް ހިންގަމުން އަންނައިރު، އެ ރިސޯޓުތަކުގައި ތިން ހާހަށް ވުރެ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ކުޑައިގެން ދަށުން ހިންގަނީ ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ އަދި ލަގްޒަރީ ރިސޯޓުތަކެވެ.

ރާއްޖޭގެ ބޭންކުތަކުން ލިބެނީ 12 މިލިއަން ޑޮލަރުވަރު

އުއްޗުގެ ކޮންމެ ދުވަހެއް ވެސް ހޭދަކުރައްވަނީ ވިޔަފާރީގެ ތެރޭގަ އެވެ. އުމުރުން މިހާރު 70 އަށް ވުރެ މަތީގައި އުޅޭ އިރު ވެސް އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ވިޔަފާރިއަށެވެ. އިންވެސްޓަރެއްގެ ހުރިހާ ސިފައެއްގެ އުއްޗުގެ ކިބައިގައި އަދިވެސް އެބަހުއްޓެވެ. ދައްކަވަނީ ވިޔަފާރީގެ ވާހަކައެވެ.

"މިހާރު" އާ ވެސް ވާހަކަ ދެއްކެވީ އެ މައުލޫއުގެ ތެރޭގަ އެވެ.

މުހައްމަދު މޫސާ (އުއްޗު) "މިހާރު" ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، މިވަގުތު ހަދާ ރިސޯޓުތަކަށް ލޯނު ނަގަނީ ބޭރުގެ ބޭންކުތަކުން ކަމަށެވެ. އެކަން ކުރަން ޖެހެނީ ރާއްޖޭގެ ބޭންކުތަކުން އެ ފައިސާ ނުލިބޭތީ އެވެ.

އުއްޗު ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޭންކަކުން އެންމެ ބޮޑު އަދަދަކަށް ވެސް ލިބެނީ 10-12 މިލިއަން ޑޮލަރެވެ. އެކަމަކު ރިސޯޓެއް ހަދަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިސޯޓުތައް ހެދުމަށްޓަކައި އުއްޗުގެ ކުންފުނިން މިވަގުތު ވެސް އޮތީ 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯނު ނަގައިފަ އެވެ. އެ ލޯނުތައް އަނބުރާ ދައްކަނީ ކުރާ އިންވެސްޓްމެންޓްތަކުންނެވެ.

"ސަރުކާރަކުން އެންމެ ލާރިއެއް ވެސް ދީގެނެއް ނޫން ތަންތަން ހަދަނީކީ. ބޭރުން އިންވެސްޓަރުން އައިސް އެ ހަދަނީ. ފަޅު އެ ގަންނަނީ 40 މިލިއަން 30 މިލިއަނަށް. އެ މީހުން ރިސޯޓު ހަދަނީ 200 މިލިއަން 300 މިލިއަން ހޭދަކޮށްގެން،" އުއްޗު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ނުވަތަ ލޯނު އަނބުރާ ދައްކަން 20 އަހަރު ވެސް ހޭދަކުރަން ޖެހެ އެވެ.

އުއްޗު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޗަމްޕާ އަފީފު ވިދާޅުވީ، އެ ކުންފުންޏަށް ވަންނަ ހުރިހާ ޑޮލަރެއް މިހާރު ވެސް ވައްދަނީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އަށް ކަމަށެވެ. އެހެންވެ، އެ ގަވާއިދުން އެކަމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ގޮންޖަހާލާފައި މި ބުނަނީ ގޮސް ބައްލަވާ. އެހެންވީމާ، އަޅުގަނޑުމެން އަހަރަކު ރިސޯޓަކަށް ވަރު މި އިންވެސްޓް ކުރަނީ. ބޭރުގައި އެ ފައިސާ ބަހައްޓައިގެން އެކަން ކުރެވޭނެތޯ؟ އެކަމަކު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ގިނައިން ބޭރުން ވެސް ދަރަންޏަށް ނަގައިގެން މިކަން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެއީ މުހިއްމު ކަމެއް. [ސަރުކާރު] މާ ހެވީ. އަސްލުގައި ވެސް،"--- އަފީފު

އަފީފު ވިދާޅުވިގޮތުގައި، ހަ ރިސޯޓުގައި ސޯލާ އެނާޖީ އުފެއްދުމަށް މި އަހަރު އެކަނިވެސް 20 މިލިއަން ޑޮލަރު ވަނީ ހަރަދު ކޮށްފަ އެވެ. އެ މަސައްކަތުގެ އަމަލީ ކަންކަން މިހާރު ކުރިއަށް ގެންދެ އެވެ.

"މުޅިން ލޯނު. އިޓަލީންނާއި ޖަރުމަނުން [ލޯނު] ނަގައިގެން ގެނެސް އެ ހަރުކުރަނީ. އަޅުގަނޑުމެން މި އުޅެނީ ރައީސް ވިދާޅުވި ގޮތަށް އަޅުގަނޑުމެންގެ ރިސޯޓުތަކުގެ 30 ޕަސެންޓު، ކަރަންޓް ސޯލާއިން ލިބޭތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.

އެންމެ މުހިއްމީ ނުދައްކާ ހުރި ފައިސާ ހޯދުން، ނުހެދި ހުރި ރަށްތައް ހެދުން

އަފީފު ވިދާޅުވިގޮތުގައި، ޓޫރިޒަމް ސިނާއަތަށް އާރޯކަން ގެނެސް، މުޅިން އެ ސިނާއަތުގެ ފައިދާ ރަނގަޅު ކުރަން ބޭނުން ނަމަ އެންމެ މުހިންމީ ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުލިބި ހުރި ފައިސާ ހޯދުމެވެ.

އަފީފާއި އުއްޗު އިއްޔެ މީރު އައިލެންޑް ރިސޯޓުގައި: އެ ދެބޭފުޅުންގެ ހިއްސާ އޮންނަ 11 ރިސޯޓު ރާއްޖޭގައި ހިންގާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ނަމަ އެ އިދާރާ އަށް ނުލިބި 10 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ޓީޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި މަސައްކަތްތައް ހުއްޓިފައިވާ ރަށްތަކުގެ އަދަދު އުޅެނީ 80 އިން މަތީގަ އެވެ.

އަފީފު ވިދާޅުވީ، އެކަންކަން ހައްލު ނުކުރެވިގެން އުޅެނީ ސަރުކާރުން މާ ބޮޑަށް ލުއިކޮށްލުމުން ކަމަށެވެ.

"އެއީ މުހިއްމު ކަމެއް. [ސަރުކާރު] މާ ހެވީ. އަސްލުގައި ވެސް،" އޭނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ، އެހާ ގިނަ ރަށްތަކުގެ މައްސަލަތައް ކޯޓަށް ގޮސް ހައްލުކުރަން ފަސޭހަ ވެސް ނުވާނެ ކަމަށެވެ. ނަމަވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވީ ސަރުކާރުން ވިޔަފާރިވެރިންނަށް ވިސްނަވާތީ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް އުއްޗު ވިދާޅުވި އެވެ.

ނިންމުމަށް ގޮތް ނުކިޔާނަން، ސަރުކާރުން ނިންމާނީ އެންމެ ރަނގަޅަށް

ދާދި ފަހުން ސަރުކާރުން ވަނީ ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ އެއް ޕަސެންޓް އިތުރުކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އުއްޗު ވިދާޅުވީ، ބަދަލުތަކާ މެދު ގޮތެއް ކިޔަން އެނގޭނީ އެ ކަންކަމަށް އަމަލު ކުރަން ފެށުމުން ކަމަށެވެ.

"ރައްޔިތުން އެދޭ އެ ބޭފުޅުން ކައިރީގައި އެތައް މަސައްކަތެއް ކުރަން. ބަނދަރު ހަދަން، އެއާޕޯޓު އަޅަން. އެބޭފުޅުން [ސަރުކާރު] އަތުގައި ވެސް ލާރިއެއް ނުހުންނާނެ. ޖެހޭނީ ލޯނާއި އެއްޗެހި ނަގަން. ލޯނު ނުހޯދަންޏާ ޓެކްސް ވެސް ބޮޑު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މީރު މޯލްޑިވްސް ރިސޯޓުގައި އަފީފާއި އުއްޗު" ދެ ބޭފުޅުން ވަނީ ޓޫރިޒަމް ދާއިރާގެ ނިންމުންތަކާ މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަފީފު ވިދާޅުވީ، އާ ޓެކްސް އިސްލާހުތަކަށް ޓޫރިޒަމް ސެކްޓަރު "ރެޑީކަން" އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު އިތުރު ޗޮއިސްއެއް ނެތް ކަމަށެވެ. އޭނާ އުންމީދު ކުރައްވަނީ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ދެރަވާނެ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

އުއްޗު ވިދާޅުވީ، ސަރުކާރުން މިއަދުން ފެށިގެން ޓެކްސް ނަގަން ފެށިޔަސް، އެކަން އެގޮތަށް ޖެހޭނީ ކުރަން ކަަމަށެވެ. އެކަން އެގޮތަށް ނުކުރެވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޖެހޭނީ ވިޔަފާރި ހުއްޓާލާށެވެ.

"[ވިޔަފާރި] ނުކުރެވޭ މީހަކު ހުއްޓާލައިގެން ތިބީމަ ނިމުނީ. އަޅުގަނޑުމެންނަކަށް އެ ބޭފުޅުންނެއް ނާންގައޭ ރިސޯޓެއް ހަދާކަށް. ފިނޭންސް އިން ވެސް އެމްއެމްއޭ އިން ނާންގާ. އަޅުގަނޑުމެން ރިސޯޓު ހަދައިގެން އުޅޭތީ މި ކަހަލަ ކަންކަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނަގާއިރު، ބައެއް އާއިލާތައް އަންނަނީ ކުދިން ގޮވައިގެން ކަމަށެވެ.

އެމްއެމްއޭ އިން ގެނައި އާ ބަދަލުގެ ސަބަބުން ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓެެއްގެ ބޮލަކަށް 25 ޑޮލަރުގެ މަގުން މާރުކުރަން ޖެހެ އެވެ.

ރައްޔިތުން އެދޭ އެ ބޭފުޅުން ކައިރީގައި އެތައް މަސައްކަތެއް ކުރަން. ބަނދަރު ހަދަން، އެއާޕޯޓު އަޅަން. އެބޭފުޅުން [ސަރުކާރު] އަތުގައި ވެސް ލާރިއެއް ނުހުންނާނެ. ޖެހޭނީ ލޯނާއި އެއްޗެހި ނަގަން. ލޯނު ނުހޯދަންޏާ ޓެކްސް ވެސް ބޮޑު ކުރަން ޖެހޭނެ،"--- އުއްޗު

"މިސާލަކަށް ދެ އަހަރު ނުވާ ކުދިން ގޮވައިގެން ވެސް އެބަ އާދޭ. ތިން ހަތަރު ކުދިން ގޮވައިގެން ވެސް އެބަ އާދޭ. ތިން ކުދިންނާއި ބައްޕަ އާއި މަންމަ ލީމާ ފަސް މީހުން. އެއްކަލަ ރޫމަށް ދައްކަން 2،500 ޑޮލަރު މާރު ކުރަން ޖެހެނީ،" އުއްޗު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހި ރުފިޔާ ނަގައިގެނެއް ނޫން ރިސޯޓު ހެދީކީ. އަނެއްކާ މިހާރު އެމްއެމްއޭ ގަވައިދު އޮތް ގޮތުން ދިވެހި ރުފިޔާ ނުނެގޭނެ ބޭނުން ވަރަކަށް. ދުވާލަކު ނެގޭނީ 250،000 ރުފިޔާ."

ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވުމާ ގުޅޭ ގޮތުން އުއްޗު ވިދާޅުވީ، ރިސޯޓުތަކަށް ނަގާ ގްރީން ޓެކްސް 12 ޑޮލަރަށް ބޮޑުކުރުމުން ޓޫރިސްޓުންގެ ޝައުގުވެރިކަން ބޮޑުވާނީ ގެސްޓް ހައުސްތަކަށް ކަމަށެވެ.

"މިހާރު ވެސް އެ އޮތީ ރިސޯޓުތަކަށް ގްރީން ޓެކްސް 12 ޑޮލަރު. ކޮންތާކަށް އަންނާނީ؟،" އޭނާ ވިދާޅުވި އެވެ.

އުއްޗު އާއި އަފީފުގެ މުޅި އިންޓަވިއު ހުލާސާ ކޮށްލާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަން ދޭހަވެ އެވެ. އެކަމަކު، އެއްވެސް ކަމެއްގައި ޝަކުވާ ކުރައްވަން ދެ ބޭފުޅުން ވެސް ބޭނުމެއް ނޫނެވެ. ސަރުކާރުން ކަންކަން ކުރާނީ ރަނގަޅަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ އެއް އާއިލާގެ އިސް ދެވެރިންގެ ވިސްނުމަކީ އެއީ އެވެ.

35 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހމނ

21 October 2024

ތެދެއް! ޝަކުވާކުރާނީ ބަލިމީހާ. ވިޔަފާރިން ފައިދާނުވާނަމަ. ހުއްޓާލާފަ އެވިޔަފާރިއެއް ރަނގަޅުދިމާލަކަށްގޮސް ވިޔަފާރިކުރީމަ ނިމުނީ. ތިވިދާޅުވީ ވަރަށްވެސް ސާފުކޮށް. ޝުކުރިއްޔާ!

The name is already taken The name is available. Register?

އުއްޗުފޭން

21 October 2024

އުއްޗު އޭނާގެ ވިޔަފާރިގެ ވަހާކަ ދައްކާއިރު ވަރަށް އިންސްޕަޔަރިންގ. ބުރަ މަސައްކަތުން ކާމިޔާބު ހޯދި މީހެއްކަން އިނގޭ.

The name is already taken The name is available. Register?

ހަމްދާ

21 October 2024

އުއްޗުއަކީ މޭންއެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 October 2024

ރާއްޖޭގެ ރިސޯޓްތަރައްޤީކުރަން ލޯނުދޫކުރާ ބައިނަލްއަޤުވާމީ މާލީއިދާރާތަކުންނާއި ރާއްޖޭގެ ރިސޯޓްތައްވިއްކުމުގައި ޙަރަކާތްތެރިވާ JLL ފަދަ މަޝްހޫރު ބުރޯކަރ އޭޖަންސީތަކުން ހާމަކޮށްފައިވާ ހިސާބުތަކުންދައްކާގޮތުން އަހަރަކު ރާއްޖޭގެ ފަތުރުވެރިކަމުގެސިނާއަތަށް އިންވެސްޓްކޮށް އަދި މިވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީގެގޮތުގައި 60-40 ބިލިޔަން ޑޮލަރާއިދެމެދުގެ މުއާމަލާތްހިންގާފައިވޭ. މިއީ ޔަޤީންކަމާއިއެކު އެފަރާތްތަކުން ހާމަކުރާ ހިސާބުތަކެއް.

The name is already taken The name is available. Register?

ސ.އަތޮޅު އައްޑޫ ހޮޅުދޫ މީހާ

21 October 2024

JLL އެއްއިރެއްގަވެސް ދިވެހި ރާއްޖެ ޕްރޮޕަޓީއެއް ގެންގުޅެފަ ނެތްކަން އެމީހުންގެ އެނުއަލް ރިޕޯރޓުތަކުން އިނގެއެވެ. ދެން ތިއުފަދަން ތިއުޅޭ ފިތުނަ ސ އަތޮޅުގަވެސް ނެތް ގަބޫލު ކުރާނެ މީހެއް.

The name is already taken The name is available. Register?

ނަންނި.

21 October 2024

އަފީފު ދީދީ ބުނެފިތަ ޖޭއެލްއެލް އަކީ ރާއްޖޭގައި ރިސޯޓު ހިންގާ ބައެކޭ. ތަންކޮޅެއް ރަނގަޅަށް ދެލޯ ފޮހެލާފައި ކޮމެންޓް ކިޔާލަބަލަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 October 2024

މިސިނާއަތުން ޓެކުހުގެގޮތުގައި ދައުލަތަށްދައްކާ އާމްދަނީގެއިތުރުން ރިސޯޓްތަކުގެ ހިސާބުތަކުން ފެންނަ ވިޔައަކުރުތަކާއި، ބައިނަލްއަޤުވާމީ މާލީއިދާރާތަކުގެ ލަފާކުރާހިސާބުތަކުގައި މަތީގައިދެންނެވިފަދަ ފަރަޤު ހުރިއިރު އަހަރުމެންގެ އަތުން ހިފޭގޮތަށް ލޮލުން ފެންނާންހުރި ބައެއް ކަންކަމަށް ބަލާއިރު ހަމައެކަނި ރިސޯޓް މަހުޖަނުންގެ ރިސޯޓް އިތުރުވި އަދަދާއި ކުރުމުއްދަތެއްގައި TMA ސީޕްލޭން ފުލީޓްގެ އަދަދަށް އައި ކުރިއެރުމުންވެސް ކޮންމެވެސް އެއްޗެއް އެބަ ހާމަވޭ!

The name is already taken The name is available. Register?

ހޯޅުދޫ ބެއްޔާ

21 October 2024

މިހިރަ ކޮހާ. އިންވެސްޓު ކުރަން އިނގެޏާ، އިނގޭނެ ދޯ އެކުއިޓީ ދީގެން އެހެން އިންވެސްޓަރުން ހޯދަން. ތަ ފުރަތަމަ ބޭސިކް ބިޒްނަސް ކުލާހެއް ނަގައިގެން ވާހަކަ ފަށަން ވީނު ދެއްތޯ.

The name is already taken The name is available. Register?

ވައިއަނގަ

21 October 2024

އޮނަރަބްލް ކަހަލަ ކަންނެތް މީހުންނަށް އެނގޭނީ މިކަހަލަ ތަންތަނުގައި ކޮމެންޓްކުރަން އެކަނ.ި.

The name is already taken The name is available. Register?

ނޯވެ

21 October 2024

ކިރިޔާވެސް ތަން ދޮރު ދަންނަ މީހަކު ތި ވަަހަކަ ގަބޫލެއް ނުކުރާނެ

The name is already taken The name is available. Register?

ޝެލޯ

21 October 2024

ދެން މި ވަރުގެ ފަގީރު ބަޔަކު ނުތިބޭނެ، ރިސޯޓް ވިޔަފާރިން މަންފާއެއް ލިބޭ ކަމަކަށް ނުވާނެ. ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ކަމެއް ކުރަން އުޅެންޏާ މި ވިޔަފާރިވެެރިން މުޅިން ވެސް ޖައްސާ ގޭމު މިއީ.

The name is already taken The name is available. Register?

ހޮބުން

21 October 2024

އެންމެނަށްތަ އެއްބާރުލުން ދޭންވީ، ނޫނީ ފައިސާ ބަހާ ފަރާތަކަށްތަ އެއްބާރުލުންދޭންވީ؟

The name is already taken The name is available. Register?

އެލްސަން

21 October 2024

ޓެކްސް ގެ ކުރިން ތިޔަ ރިސޯޓު ތަކަށް އަންނަނީ ކިތައް މީހުންކަމެއްވެސް ސަރުކާކަށް ނޭގެ. ރިސޯޓު އޯނަރުން ދިން އެއްޗެއް ގަބޫލުކޮށްލައިގެން މައުމޫނު ހުރީ.

The name is already taken The name is available. Register?

މަރުހަބާ

21 October 2024

ޝަކުވާ މުހިއްމެއް ނޫން!!!! އެކަމަކު މުޅި އިންޓަރވިއު ގައި އޮތީ ހުސް ޝަކުވާ!!! މިސާލަކަށް "އުއްޗު ވިދާޅުވީ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނަގާއިރު، ބައެއް އާއިލާތައް އަންނަނީ ކުދިން ގޮވައިގެން ކަމަށެވެ." މިއޮތީ އެއްބާރުލުން ދޭ މީހާ ބުނާ އެތި!!!! ކިހާއެއްބާރުލެއް ދީފައި މިއޮތީ!!!! އެންމެން ކައިރީ އެބުނަނީ ސަރުކާރުގެ ނިންމުމުން ވިޔަފާރި ވެރިންނަށް ގެއްލުން ލިބޢޭ ވާހަކަ!!!! މިއަށް މަރުހަބާ ކިޔަނީ ކަމަށް ބުނާނަމަ ބުނާނެ އެއްޗެއް ނެތް!!!!!!

The name is already taken The name is available. Register?

ކަންކުރެއް

21 October 2024

ތިބޭޅާ ތި ދެއްކި މިސާލަކު އެއްވެސް ޝަކުވާއެއް ނެތް. ދެން ކޮންމެ ލަފްޒެއްވެސް "ޝަކުވާ" ގޮތުގަ ނަގަންޏާ ނެގިދާނެ.

The name is already taken The name is available. Register?

ޥަޒީނާ

21 October 2024

ކަލޯ ވެސް ހޮލިޑޭ ހަދަން ދާއިރު ބޭކާރު 500 ޑޮލަރު ދުއްވާލާނަންތަ ޓެކްސް ދައްކަން. މި ކިޔަނީ އެ ޓެކެސް ނުނަގާ ޗީޕް ޑެސްޓިނޭޝަން އެބަ ހުއްޓޭ

The name is already taken The name is available. Register?

ބަކުރުު

22 October 2024

ކޮންމެ ޓޫރިސްޓެއްއަތުން ބޮލަކަށް 500ޑޮލަރު ނަގަނީކީނޫން. 500ޑޮލަރު މާރު ކުރަންޖެހެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454