އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު.
02 ޑިސެމްބަރ 2024 - 08:55
މި ސަރުކާރުގެ އެއް އަހަރު ފާއިތުވެގެން މިދިޔައީ ވެރިކަމާ ހަވާލުވިއިރު ވެސް އޮތް ބޮޑު ދަރަންޏާ ހެދި ރަނގަޅަށް ހިންދަމާ ނުލެވި އެވެ. ފާއިތުވި އަހަރުތަކުގައި އިގުތިސާދު މެނޭޖުކުރި ގޮތުގެ ސިޔާސަތުތަކާއި ބެލުމެއް ނެތި ފައިސާ ޗާޕްކުރުމުގެ އުނދަގުލާ އެކު ވެސް އެއް އަހަރު ނިންމައިފި އެވެ. ދެން އޮތީ މި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލާ އެކު އަންނަ އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު ކުރިއަށް ދިއުމެވެ. އެކަމަކު އެއީ ގޮންޖެހުން ބޮޑު އަހަރެއްގެ ބަޖެޓަކަށް ވުން ވަރަށް ކައިރި އެވެ.
އިގްތިސާދު އެންމެ ފަހު ވިންދުގައި އޮތް އިރު، ކުރިމަތިވާ އުނދަގޫ ހާލަތު ކުޑަ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ބަޖެޓުގައި ފާހަގަކޮށްފައި އެބަހުއްޓެވެ. ސަބްސިޑީ ދިނުމުގެ ކަންކަން ހަމަޔަކަށް އެޅުވުމާއި އާސަންދަ އާއި ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ހިމަނާފައިވެ އެވެ. އެ ފިޔަވަޅުތައް ނާޅައި އިގްތިސާދު ކުރިއަށް ގެންދާނެ މާގިނަ ގޮތްތަކެއް ވެސް ނެތެވެ. އެހެންވެ، އެންމެ މުހިންމީ އިގުތިސާދު ރިފޯމް ކުރުމަށް ބަޖެޓުގައި ހިމެނި ކަންކަމުގައި އަމަލީ ސިފަ ޖެއްސުމެވެ. ފަހަތަށް ޖެހިއްޖެ ނަމަ އަނެއްކާވެސް ގޯހުން ގޯހަށް ދިއުން ކައިރި އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ވެސް ފިސްކަލް ހާލަތު ހަމަޔަކަށް އަޅުވައި، ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރު ކުރުމާއި އިކޮނޮމިކް ރިފޯމު އެޖެންޑާ އާއި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމެވެ. ދެން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް ބޯހިޔާވަހިކަމާ ގުޅޭ ވައުދުތައް ފުއްދުމަށެވެ. އެހެންވެ، މިއީ "ހައުސިން" އަށް އިސްކަންދޭނެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބުން ފެށިގެން ސަރުކާރުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
ދައުލަތުގެ ހުރިހާ ކަމަކަށް 56.6 ބިލިއަން ރުފިޔާ ޕްލޭން ކޮށްފައިވާ އިރު އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ފާއިތުވި އަހަރުތަކޭ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓު ފޮތުން ވެސް ހާސިލުކުރަން އުނދަގޫ ކަންކަން ފާހަގަވެ އެވެ. އާންމުކޮށް ބަޖެޓުގައި ހުންނަ، "އޮޕްޓިމިސްޓިކް" ވިސްނުމުން ލިޔެފައި ހުންނަ އަދަދުތަކާއި މާބޮޑު ޕްލޭނެއް ނެތި ޖަހާފައި ހުންނަ އަދަދުތަކުގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް ބައެއް މައުލޫމާތުތައް ބަޖެޓުގައި ނެތް އަހަރެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ފާހަގަކުރެވެ އެވެ.
މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، މިއީ ރާއްޖެ އަށް ބޭރުން ފައިނޭންސިން ހޯދުމުގައި އުނދަގޫ އަހަރެކެވެ. މި އަހަރު ވެސް ރާއްޖެ އިން ބޭރުން ހޯދަން ކަނޑައެޅި އަދަދުގެ 90 ޕަސެންޓު ވެސް ހޯދިފައެއް ނުވެ އެވެ. އެކަން އެހެން އޮތް އިރު އަންނަ އަހަރުގެ ބަޖެޓުގައި 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 6.7 ބިލިއަން ހޯދަނީ ބަޖެޓު ސަޕޯޓަށެވެ. އެ ފައިސާ ހޯދަނީ ބައިލެޓްރަލް ނުވަތަ މަލްޓި ލެޓްރަލް އިދާރާތަކުގެ އެހީގަ އެވެ. އެހެންވެ، އެ ފައިސާ ބޮޑަށް ހޯދާނީ، އަވައްޓެރި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީގައި ކަމަށް ބެލެވެ އެވެ.
އެ ފައިސާގެ އިތުރުުން ބޭރުގެ ބޭންކުތައް މެދުވެރިކޮށް ވެސް 5.1 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ. އެކަމަކު، އެކަމަށް ކޮށްފައިވާ މަސައްކަތެއް ބަޖެޓުގައި ނެތެވެ. ބޭރުން ހޯދަން ގާތްގަނޑަކަށް ހިމަނާފައިވަނީ ބަޖެޓުގެ 65 ޕަސެންޓު ފައިނޭންސިންނެވެ.
ބަޖެޓު ފޮތުގައި ހުރި ތަފްސީލުތައް މެންބަރަކު ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އަންނަ އަހަރު ޑޮމެސްޓިކް ފައިނޭންސިންގެ ގޮތުގައި ހިމަނާފައި ވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހާއި އެމްއެމްއޭ އިން ބަޖެޓާ ގުޅޭ ގޮތުން ދިން ލަފާގައި ވެސް ބުނެފައިވަނީ އަންނަ އަހަރު ވެސް ބޭރުން ފައިނޭންސް ހޯދަން ރާއްޖެ އަށް އުނދަގޫވާނެ ކަމަށެވެ. އެހާ ބޮޑަށް ދަތިވެފައި ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސްފައި އޮތުމުންނެވެ. އެހެންވެ، މި އަހަރެކޭ ވެސް އެއްގޮތަށް އަންނަ އަހަރު ވެސް ބަޖެޓުގައި ހިމެނި އަދަދަށް ވުރެ އިތުރަށް ޑޮމެސްޓިކް މާކެޓުން ދަރަނި ނެގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އަންނަ އަހަރުގެ ޑެފިސިޓް 9.3 ބިލިއަން ރުފިޔާގައި ހުރި އިރު، ފައިސާ ހޯދޭނެ ގޮތްތައް ނެތް ނަމަ މި އަހަރެކޭ އެއްގޮތަށް ބަޖެޓުން ހިންގާ މަޝްރޫއުތަކަށް ވެސް އޭގެ އަސަރު ކުރާނެ އެވެ.
މިއީ އާމްދަނީގެ ގޮތުގައި ޖަހާ އަދަދުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ބަޖެޓުން ހާސިލް ނުވާ އަދަދެކެވެ. އަންނަ އަހަރުގެ ބަޖެޓުން ވެސް ފެންނަނީ އެ މަންޒަރެވެ. މި އަހަރު ވެސް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން 50 ޕަސެންޓު އޮތީ ނުލިބި އެވެ. މިދިޔަ އަހަރު ވެސް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ޖެހި 2.5 ބިލިއަން ރުފިޔާގެ ތެރެއިން ލިބުނީ 500 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ޖެހި އަދަދުގެ 80 ޕަސެންޓު ލިބިފަ އެއް ނުވެ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 2.6 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ ފަސް އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބިފައި ނުވާ އަދަދެކެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވަނީ އެއް ބިލިއަނާއި 1.4 ބިލިއަނާ ދެމެދުގެ އަދަދުތަކެކެވެ.
ބަޖެޓު ދިރާސާ ކުރެއްވި ބޭފުޅަކު ވިދާޅުވީ، އެއީ ހޯދޭނެ އަދަދެއް ނޫން ކަމަށެވެ. އެ އަދަދު ނުހޯދިއްޖެ ނަމަ ފައިނޭންސިން އަށް އިތުރު ދަތިތައް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ކޮންމެ އަހަރަކު ހާސިލު ނުވި ނަމަވެސް، އެ އަދަދު އެގޮތަށް ޖަހަނީ، އަދަދުތައް ހަމަޖައްސާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެހާ ބޮޑު ބަޖެޓެއް ހުށަހެޅި އިރު އެއީ އާ ސަރުކާރުގެ މެނިފެސްޓޯގައި ވެސް އެންމެ މުހިއްމު ވައުދެވެ.
ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ފައިނޭންސިން ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ހައުސިން އަށް ހާއްސަކޮށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވެސް ބަޖެޓުގައި ވެ އެވެ. ގެދޮރުވެރިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 1.8 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުގައި މިކަން މިހެން ހިމަނާފައި އޮތް ނަމަވެސް، އެ މުހިއްމު މަސައްކަތައް ވެސް އޮތް ގޮންޖެހުމަކީ، ބަޖެޓަށް ބޭނުންވާ ފައިނޭންސިން ހޯދުމެވެ. އެކަމުގައި އަންނަ އަހަރު ހުރީ ހަނި ފުރުސަތުތަކެކެވެ.
ބަޖެޓުގެ މުހިއްމު އަމާޒުތައް ހާސިލުކުމަށް އާމްދަނީ އިތުރުވާނެ ކަންކަން ވެސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޓެކްސް އާއި ފީތަކުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުހިއްމު ހަތް ކަމެއް ކުރަން ކަނޑައަޅާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ލަފައަކީ އެކަންކަމުން ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއަށް އިތުރަށް ހޯދޭނެ ކަމެވެ.
1. އިމްޕޯޓު ޑިއުޓީ ރޭޓު މަތިކުރުން: އެއް ބިލިއަން ރުފިޔާ
2. ޓީޖީއެސްޓީ ރޭޓު މަތިކުރުން: 202 މިލިއަން ރުފިޔާ
3. ޖީއެސްޓީ ގާނޫނު މުރާޖައާ ކުރުން: 680 މިލިއަން ރުފިޔާ
4. ގްރީން ޓެކްސް ރޭޓު މަތިކުރުން: 964 މިލިއަން ރުފިޔާ
5. އެއާޕޯޓު ޓެކްސް އަދި ޑިޕާޗާ ފީ ބޮޑުކުރުން: 1.6 ބިލިއަން ރުފިޔާ
6. ޑްރެޖިން ފީ ނެގުން: 262 މިލިއަން ރުފިޔާ
7. ސްޕެކްޓްރަމް ޗާޖު ނެގުން: 112 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓުން އެންމެ ބޮޑަށް ފާހަގަވީ، އެހެން އަހަރުތަކާ ހިލާފަށް ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ނެތުމެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއް އެއް ކަމެވެ.
މިދިޔަ އަހަރުތަކުގެ ބަޖެޓުގައި ވަކިވަކި ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ނަމާއި އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓާއި އެ ޕްރޮޖެކްޓްތައް މިހާރު އޮތް ސްޓޭޖުވެސް އެނގެ އެވެ. ނަމަވެސް އާ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި އޭގެ ތަފްސީލުތައް ހިމަނައިފައެއް ނުވެ އެވެ. އެހެންވެ، ބަޖެޓުގެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ދައުލަތް ޖަވާބުދާރީ ކުރުވަން ހުރަސް އެޅޭނެ ކަމަށް ބަޖެޓް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ސަރުކާރުން އަލަށް ހިމެނި ޕްރޮޖެކްޓްތަކަށް ތިން ބިލިއަން ރުފިޔާ ބަޖެޓުކުރި އެވެ.
އެންމެ ބޮޑު އަދަދެއް ހާއްސަ ކުރީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. ގެދޮރު އެޅުމުގެ މަޝްރޫއުތަކަށް ވަނީ 1.5 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ. އެއާޕޯޓު މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 222 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މިހާރު ވެސް ޕީއެސްއައިޕީ މަޝްރޫއުތަކުގެ ދެމެހެއްޓެނިވިކަން ގެއްލި، މިވަގުތު ޕައިޕްލައިންގައި ކަނޑައަޅާފައި ހުރި ޕްރޮޖެކްޓްތަކުގެ އަގު 50 ބިލިއަން ރުފިޔާއަށް އަރާކަމެވެ. އެހާ ބޮއްސުންލާފައި އޮތް ޕީއެސްއައިޕީ ނިޒާމެއް ހަރުދަނާ ކުރުމަށްޓަކައި މިހާރަށްވުރެ ހާމަކަން ބޮޑުކުރުން ވަރަށް މުހިއްމު ކަމަށް "މިހާރު އަށް މައުލޫމާތު ދެއްވި ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ މަޝްރޫއުތައް ރޭޝަނައިޒްކޮށް، އިސްކަން ދޭނެ ތަރުތީބެއް އެކުލަވައިގެން އަންނަ އަހަރު މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އެކަމަކު، އެކަން ބަޖެޓުގައި ހާމަކޮށްފައި ނުވުމުން، އެކަން ރޭވިފައި ގޮތް ފެންނާކަށް ނެތެވެ.
ބަޖެޓު ކޮމިޓީގައި މެންބަރަކު ބަޖެޓު ފޮތް ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބަޖެޓުގައި ހުރި ކަންކަމުގެ ތެރެއިން ހާސިލް ވާނެ އެއް ކަމަކީ، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަދި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރުމުން އާމްދަނީ އަށް އިތުރުވާނެ އަދަދެކެވެ. މި އަހަރު ނިމޭ އިރު މަޖިލީހުން ފާސްކޮށް، އެކަން ތަސްދީގު ކޮށްފައި އޮތުމުން، އެކަން ހާސިލް ވާނެ އެވެ. އެކަމަކު، އާމްދަނީ ހޯދުމުގައި ޓޫރިޒަމްގެ ޓެކްސްތަކަށް އެހާ ބޮޑަށް ބަރޯސާވުމަކީ، ރިސްކު ބޮޑު ކަމެއްގެ ގޮތުގައި ބަޖެޓު ދިރާސާ ކުރައްވާ ބޭފުޅުން ފާހަގަކުރައްވަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން ވެސް ފެންނަނީ، ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވާތަކެވެ. އެކަން ރިކަރަންޓު ހަރަދުން ވެސް އެނގެ އެވެ. މި އަހަރު ރިކަރަންޓް ހަރަދު 35 ބިލިއަން ރުފިޔާގައި ހުރި އިރު އަންނަ އަހަރު ވަނީ އެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. މުވައްޒަފުންގެ މުސާރަ އަށް ކުރާ ހޭދަތައް 20 ޕަސެންޓަށް އިތުރުވުމަކީ ވެސް މާލީ ގޮތުން އޮތް ބޮޑު ގޮންޖެހުމެކެވެ.
އަންނަ އަހަރުގެ ބަޖެޓުން ވެސް ދަރަނި ކުޑަ ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިވާ މަންޒަރުގެ ބަދަލުގައި ފެނުނީ މިއަހަރެކޭ ވެސް އެއްގޮތަށް އެކަމަށް އަދަދުތަކެއް ޖަހާފައި ހުރި މަންޒަރެވެ. އެހެންވެ، މެދުރާސްތާގައި ރާއްޖޭގެ ދަރަނި، ކުޑަވާނެ މަންޒަރެއް ނުފެނެ އެވެ. އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާ އިރު އަންނަ އަހަރާއި 2026 ވަނަ އަހަރަކީ ބޮޑެތި އަދަދުތަކެއް ބަޖެޓުން ދަރަންޏަށް ހޭދަކުރަން ޖެހޭ އަހަރެކެވެ. އެހެންވެ، އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ބަޖެޓުގައި ހިމަނާފައި އޮތްތަނެއް ވެސް އަންނަ އަހަރުގެ ބަޖެޓަކުން ނުފެނެ އެވެ.
ދަރަނި އަދާކުރުމުގައި ބޮޑެތި އަދަދުތައް ހުރުމާއި ޖުމްލަ ހަރަދު އިތުރުވާނެ ކަމަށް ބެލެވޭތީ އަންނަ އަހަރަކީ ވެސް ރިޒާވަށް އިތުރު ގުޑުންތައް އަންނާނެ އަހަރެއް ކަމަށް ބެލެވެ އެވެ.
ރިފޯމުގެ ގޮތުގައި މުހިއްމު ފިޔަވަޅުތަކެއް އަޅަން ހުރި އިރު، އެކަންކަން ހާސިލް ނުވެއްޖެ ނަމަ، އަންނަ އަހަރުގެ ހަރަދުތައް ހަމަޖެއްސޭނެ ގޮތްތައް ވަރަށް ބޮޑަށް ހަނިވާނެ ކަމަށް ބެލެވެ އެވެ. ހަރަދުތައް ބޮޑުވާއިރު، އެއާ އެއް ވަރަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ނެތުމަކީ އަންނަ އަހަރު ވެސް ބަޖެޓުގައި އޮތް އެންމެ ބޮޑު ދަތިކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު މީހާ
02 December 2024
ދަރަނި ނަގައިގެން ހައުސިން ސްކީމްތައް ހިންގުމުގެ ބިލިއަން ރުފިޔާގެ ވެލުފުނި ތަކެއްޖަހައި އެ ތަނުގައި ދައުލަތުގެ ޚަރަދުގައި އިމާރާތްކޮށް އެތަންތަނަށް ކުރި ޚަރަދުވެސް ނުލިބޭގޮތަށް ޕާޓީ އެކްޓިވިސްޓުންނަށް އެތަންތަން ބަހައިލުމަކީ ގައުމާއި ރައްޔިތުން ދެކެ ލޯބިން ގައުމުގައި ހެޔޮވެރިކަމެއް ހިންގުމެެއް ނޫނެވެ. މުސާރަޔަށް ކުރަން ޖެހޭ ޚަރަދު އިންތިހާއަށް ބޮޑުއިރުވެސް ސިޔާސީ މަގާމުތައް އުފައްދައި ޕާޓީ ކުދިންނަށް މުސާރަ ދިނުމަކީ ގައުމު ފެލާލުމެވެ.
ހަމަދު ސަލީމް
02 December 2024
ހާސްނުވޭ. ރައީސް މުއިއްޒް މިކަމަށް ރަނގަޅު ހައްލެއް ހޯދަދޭނެ. ރައްޔިތުން ބިކަވިޔަކަ ނުދޭނެ
ރަޝާ
02 December 2024
ލިބޭ އެތިން ފުއްދާލައި، ގައުމުގެ ފުދުންތެރިކަން އިތުރުކޮށްގެން ގައުމު މިއޮތް ހާލަތުން އަރާގަނެވޭނީ. ރައީސް މުއިއްޒު މަސައްކަތް އެކުރައްވަނީ މިގޮތަށް
ހހހހހހ
02 December 2024
އެވަރުންވެސް އެމްބަސީތައް ގިނަ ކޮށް އެ އެންމެންގެ އާއިލާއަށް ކުރާ ހަރަދު ތައ އިތުރު ކުރާތި!
ނޫރިޝް
02 December 2024
ކުރީ ސަރުކާރުން ގައުމު ވައްޓާލި އަދަވަޅުން ސަލާމަތްކުރާނެ ބަޖެޓަކަށް މި ބަޖެޓުވެގެންދާނެ. ފުރިހަމަ ތާއީދު ރައީސް މުޢިއްޒުއަށް އެބައޮތް
އާއިޝް ޝަަރީފް
02 December 2024
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވެހިކަން. މި ބަޖެޓުގައި މިވަނީ އެކަމަށް ހާއްސަ އިސްކަމެއްދެއްވާފަ. މިއީ ހަމަ ސަތޭކައިގެ ބަޖަޓެއް
އޮނަރަބްލް އަފީފު ދީދީ
02 December 2024
ކިތަންމެވަރަކަށް އުސްއިމާރާތާއި ހައުސިންގސްކީމް ހިންގިޔަސް ރާއްޖޭގެ އުތުރާއިދެކުނުގައި އަސާސީހިދުމަތްޤާއިމްކޮށް އިޤްތިސޯދީޙަރަކާތް ފުޅާކޮށް، އިންސާނަކުދިރިއުޅެން ބޭނުންވާކަންކަން މާލޭސަރުކާރުން ޤާއިމްކޮށްދީގެން ނޫނީ ކ.އަތޮޅުމާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވާނެކަން އިގެނީ ކ.ވިލިގިލި، ކ.ހުަލުމާލެ، ކ.ގުޅިފަޅަށް ފަހު ކ.ފުށިދިއްގަރު ފަޅުވެސް ހިއްކާން ޖެހުފައިވާތީ. މިހުރިހާ ފައިސާ ކަނޑަށް އެޅުމުގެ ބަދަލުގައި ރާއްޖެ ތަރައްޤީކުރުން ބުއްދިވެރި.
ބާސިލް
02 December 2024
ދަރަނި ކުޑަކުރެވޭނީ ލިބޭ މިންވަރުން ކަންކަންކުރަން އުޅުނީމަ.
ނިހާޓު
02 December 2024
ދިވެހިން ބޭނުންވަނީ ބޯހިޔާވަހިކަން. މިބަޖެޓުން އެކަން ހާސިލް ކުރުމަށް މަސައްކަތް ފެށިގެން ދާނެ
އަލީ ޒުބެއިރު
02 December 2024
ޔާމީނާއި އިބޫ އިންތިހާއަށް މިވަނީ ގައުމު ދަރުވާލާފަ