ވިޔަފާރި / ރިޕޯޓް

ގޮންޖެހުންތައް އަދިވެސް ބޮޑު، އެކަމަކު ޝިއުރީގެ އުންމީދުތައް މާ މަތީގައި!

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ "މިހާރު" އަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ އަހަރުގެ ޖޫން މަހު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އިބްރާހިމް ޝިއުރީ ހަވާލުވެވަޑައިގަތީ މުޅިން ސުމަކުންނެވެ. ޓީޓީ ކުޅުމާއި އެ ކުޅިވަރު ކުރިއެރުވުމުގައި މުޅި އުމުރު ހޭދަކުރެއްވި ޝިއުރީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޕްރޮމޯޓް ކުރުމާ ހަވާލުވެވަޑައިގަތީ ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްގަ އެވެ. ސިޔާސީ އޮއިވަރު ވެސް ހުރީ އެހާ ފަސޭހަ ގޮތަކަށް ނޫނެވެ. އަނެއްކޮޅުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވެސް ދަތިތަކެއް ހުއްޓެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު ވެސް އޭނާ އަށް އެހާ ބޮޑަކަށް މަރުހަބާއެއް ނުކިޔަ އެވެ.

އެކަމަކު، ސިނާއަތުގައި ނަގާކިޔާ އިސްބޭފުޅުންގެ ފާޑުވިދާޅުވުންތަކާއި ހުރި ކަންބޮޑުވުންތައް ކަނުލައި އަޑުއައްސަވައި، އެ ބޭފުޅުން ބޭނުންވާ ފެންވަރަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފުޅާކުރެއްވި އެވެ. މިދިޔަ އަހަރު ނިންމައިލީ އެ ކާމިޔާބުތަކާ އެކު އެވެ.

ލިބިފައިވާ ކުޑަ ބަޖެޓުގެ ތެރެއިން އެންމެ ބޭނުންވާ ގޮތަށް ރާއްޖެ އިޝްތިހާރު ނުކުރެވުނު ނަމަވެސް، ޝިއުރީ ބޭނުންވަނީ، ލިބުނު އެއްޗެއް ބޭނުންކޮށްގެން ވެސް މިހާރަށް ވުރެ ތިންގުނަ އިތުރަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ފުޅާ ކުރާށެވެ. އިގުތިސާދީ ދަތިތައް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ.

ތިރީގައި މިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު "މިހާރު" އަށް ޝިއުރީ ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

އިންޑިއާގެ މާކެޓު މިދިޔަ އަހަރު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައި. އެ ކަމަށް ހާއްސަކޮށް މިދިޔަ އަހަރު އަމާޒުތަކެއް ކަނޑައަޅައި، ކެމްޕެއިންތަކެއް ވެސް ފެށި. މި އަހަރަށް އެބައޮތްތޯ އިންޑިއާ މާކެޓު ފުޅާކުރުމުގައި ޓާގެޓުތަކެއް؟

މިދިޔަ އަހަރު ވެސް ދިމާވީ މާލީ ގޮތުން ގޮންޖެހުންތަކެއް. ގައުމަށް ވެސް ކުރިމަތިވެފައި އޮތް އެ އުނދަގޫތައް އެމްއެމްޕީއާރުސީ އަށް ވެސް އޮތް. އަޅުގަނޑުމެން ވެސް ކުރިއަށް ގެންދަން ބޭނުންވި މާކެޓިން ކެމްޕެއިންތައް ވެސް ގެންދަން ބޭނުންވި ލެވެލްގައި ނުގެންދެވުނު.

ޝިއުރީ އެމްއެމްޕީއާރްސީގެ މުވައްޒަފަކާ ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ، އިންޑިއާ މާކެޓު ޕްރޮމޯޓު ކުރަން މިއަހަރުގެ ކޮންމެ މަހަކު ވެސް ހަރަކާތްތައް ބާއްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

މި އަހަރު އެ އަށް ވުރެ ކްރިއޭޓިވްކޮށް، ހަރަކާތްތަކެއް ބާއްވަން އެބަ ޕްލޭން ކުރަން. ހާއްސަކޮށް އިންޑިއާގައި ކޮންމެ މަހަކު ވެސް ހާއްސަ ހަރަކާތެއް ބާއްވަން ޕްލޭން ވަނީ ކުރެވިފައި. އިންފްލުއެންސަރުން ރާއްޖެ ގެނައުމާއި ސެލެބްރިޓީ ކޮލަބްރޭޝަންތަކެއްގެ މަސައްކަތް އެބަކުރޭ.

މި އަހަރު ވެސް އިންޑިއާގައި ރޯޑްޝޯއެއް ބާއްވައި، ބޮލީވުޑް ނައިޓެއް ބާއްވާނެ. އޯޓީއެމް ފެއާއެއް ވެސް ބާއްވަން ވަނީ ނިންމާފައި. އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް އިންޑިއާ މާކެޓު ފުޅާކުރެވޭނެ ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ ކުރިން އެޗީވް ނުވި، ރާއްޖޭގެ ޓޮޕް ތްރީ އަށް އިންޑިއާ އަރުވަން.

އިންޑިއާ އަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު ކެމްޕެއިނަކީ ކޮބައިތޯ؟

އެންމެ ބޮޑު ހަރަކާތަކަށް ވާނީ އޯޓީއެމް ފެއާ. އެއީ އިންޑިއާގައި އޮންނަ އެންމެ ބޮޑު ޓްރެވަލް ފެއާ. އެ ފެއާގެ ކުރިއަށް އަޅުގަނޑުމެން މި ރާވަނީ ބޮލީވުޑް ނައިޓް. އެ ހަރަކާތުގައި އިންޑިއާގެ ސެލެބްރިޓީން ބައިވެރިވާނެ. މިދިޔަ އަހަރު ވެސް ބޭއްވި ގޮތަށް މި އަހަރު ވެސް އެ ހަރަކާތް އޮންނާނެ އަންނަ މަހު.

ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި ބޭނުންވާ އައިޑިއަލް ބަޖެޓަކީ ކޮބައިތޯ؟

އެހެން ގައުމުތަކާ އަޅާ ކިޔާ އިރު އިޝިތިހާރު ކުރުމަށް ވަރަށް ބޮޑެތި ބަޖެޓުތައް އެބައޮތް. ވަރަށް ބޮޑަށް ހަރަދު ކުރޭ. މި ސަރަހައްދަށް ބަލާއިރު އެންމެ ކުޑަ ހަރަދެއް މާކެޓިން އަށް ހިންގަނީ ރާއްޖެ ކަން އެބަ އެނގޭ. މިހާރު ކުރާ ހަރަދަށް ވުރެ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑުތަން އިތުރު ކުރަން. އެހެން ގައުމުތަކުން ލޯ މަރާލާފައި ވެސް އެ ގައުމުތަކުގެ ޕްރޮމޯޝަން ހަރަކާތްތަކަށް އެބަ ހަރަދު ކުރޭ.

ޝިއުރީ "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ބަޖެޓުގެ ދަތިކަން ހުއްޓަސް، ކެމްޕެއިން ހަރަކާތްތައް އިތުރު ކުރަން ކްރިއޭޓިވް ގޮތްތައް ބޭނުން ކުރާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެފަދަ ބޮޑު ހަރަކާތްތައް ހިންގުމުން، ރިޓާން ވެސް އިތުރުވާ ތަން އެބަ ފެނޭ. އެހެންވީމާ، އަޅުގަނޑަށް ދަންނަވަން ކެރޭ މާކެޓިން އަށް ކުރާ ހަރަދަކީ ނަގައިލެވޭނެ ހަރަދެއް ނޫނޭ. މާކެޓިން އަކީ އެ ކުރާ އިންވެސްޓްމެންޓެއްގެ ރިޓާން ލިބޭނެ ކަމެއް.

އަޅުގަނޑުމެންގެ [އަމާޒަކީ] މިހާރު ކަނޑައަޅާފައި އޮތް ބަޖެޓު ދެގުނަވުން [ގާތްގަނޑަކަށް 300 މިލިއަން ރުފިޔާއަށް އިތުރުވުން]. (މި އަހަރަށް އެމްއެމްޕީއާރުސީ އަށް ކަނޑައަޅާފައިވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.)

މާކެޓިން ދާއިރާ އެހާ ބޮޑަށް އިވޯލްވެ، ޑިޖިޓަލް ޕްލެޓްފޯމުތައް ވަރުގަދަވެގެންދާ އިރު، ކީއްވެގެންތޯ އަދިވެސް އެހާ ބޮޑު ބަޖެޓެއް ބޭނުންވަނީ އިޝްތިހާރު ކުރުމަށް؟

އަޅުގަނޑުމެން މާކެޓު ކުރަން ސޯޝަލް މީޑިއާތައް ވެސް ވަރަށް ފުޅާކޮށް އެބަ ބޭނުން ކުރަން. އެކަމަކު އޭގެ މާނައަކީ އިންޓަނޭޝަނަލް ކެމްޕެއިންތައް ރަން ކުރާއިރު، އަޅުގަނޑުމެން ޕްރޮމޯޓު މި ކުރަނީ ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި. އަޅުގަނޑުމެން މި ތަން އެޓްރެކްޓް ކުރަނީ ވެސް، ބޮޑު ޕަސެންޓެއް ލަގްޒަރީ ޓްރެވަލާސް އިން އައީމާ. އެކަން ކުރަން އެބަޖެހޭ، އެފިލިއޭޓުވާން އިންޓަނޭޝަނަލް ލަގްޒަރީ ބްރޭންޑުތަކާ ވެސް. އެފަދަ ފަރާތްތަކާ ކޮލަބްރޭޓްވާ އިރު އެފަދަ ބޭފުޅުނަށް ދައްކަންޖެހޭ ފައިސާ ވެސް ކުޑައެއް ނުވޭ.

ޝިއުރީ މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިސާލަކަށް ވަރަށް ހައި އެންޑް ބްރޭންޑަކާ އަޅުގަނޑުމެންނާ ގުޅުނީމާ، އެ ބޭފުޅުންގެ އެތައް ބައިވަރު ފޮލޮވާސް. އެ ބޭފުޅުން ދޭ މެސެޖު ވެސް ވަރަށް ޕަވާފުލްވޭ. އެހެން ގައުމުތަކުން އެފަދަ ހަރަކާތްތަކަށް ބޮޑެތި ހަރަދުތަކެއް އެބަ ކުރޭ. އެއީ ރާއްޖެ އިޝްތިހާރު ކުރާ އިރު ވިސްނާލަން އެބަޖެހޭ ކަމެއް.

މިސާލަކަށް ފުޓްބޯޅަ ސްޓޭޑިއަމެއްގެ ޑިޖިޓަލް ޑިސްޕްލޭ އަށް އެރުވުމުން ވެސް، އެތައް ބަޔަކަށް އެބަ ރާއްޖެ އިޝްތިހާރު ކުރެވޭ. އެފަދަ ކަންކަން ކުރާ ނަމަ އިތުރު ހަރަދުތައް ކުރަން ޖެހޭ

މި އަހަރުގެ މާކެޓިން ހަރަކާތްތައް ރާވާފައިވަނީ ކޮން ކަންކަމަކަށް އިސްކަން ދީގެންތޯ؟

މިދިޔަ އަހަރު އަޅުގަނޑުމެންނަށް ބޭއްވުނީ ގާތްގަނޑަކަށް 90 ހަރަކާތް. އެހެންވީމާ އެ އަށް ވުރެ ދެގުނަ ކުރަން އެބަ ޓާގެޓު ކުރަން. ބަޖެޓު އެއްވަރު ވިޔަސް ހަރަކާތްތައް އިތުރު ކުރަން ކްރިއޭޓިވް ގޮތްތައް މި ބަލަނީ. މިދިޔަ އަހަރު ފެއާތަކަށް ވެސް ކުރި ހޭދަތައް ކުޑަކޮށްފައި ވާނެ.

މީގެ ކުރިން ކުރާ ހަރަދުތައް ކުޑަކޮށް، އެ ފައިސާ އެހެން އިތުރު ކަންކަމަށް ހޭދަކުރަން ވަނީ ނިންމާފައި. އަޅުގަނޑުމެން އަތުގައި އޮތީ ލިމިޓެޑް ފަންޑުތައް.

ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޓޫރިޒަމް ދާއިރާ އަށް ކޮން ކަހަލަ ބަދަލުތަކެއް ގެންނަންތޯ ބޭނުންވަނީ؟

އަޅުގަނޑުމެން އަބަދުވެސް ލަގްޒަރީ، ހަނީމޫން ދެން ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި މި އޮންނަނީ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން މިހާރު އެބަ ކޮންމެވެސް ވަރަކަށް ބަދަލު ކުރަންޖެހޭ. ޑައިވާސިފައި ކުރާ ވާހަކަ ދެއްކިއަސް އޭގެ ހަގީގީ މާނައިގައި މަސައްކަތްތަކެއް އަދި ނުކުރެވޭ.

ޝިއުރީ އެމްއެމްޕީއާރްސީގެ މުވައްޒަފަކާ އެކު: އަންނަ އަހަރު 180 މާކެޓިން ހަރަކާތް ހިންގުމަށް ވަނީ ޕްލޭން ކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޑައިވާސިފައި ކުރަންޏާ އެބަޖެހޭ އަޅުގަނޑުމެންގެ އެހެން ޕްރޮޑަކްޓްތައް ވެސް ޝޯކޭސް ކުރަން. އޭގެ ތެރޭގައި ސްޕޯޓްސް ޓޫރިޒަމަކީ ވެސް ކުރެވިދާނެ ކަމެއް. މިސާލަކަށް ސްޕާޓަން ރޭސް ފަދަ ހަރަކާތްތައް ވެސް ބޭއްވިދާނެ. ބައެއް ޓޫރިސްޓުން އެބަތިބި ކަމާކަން ފަށާފައި އެފަދަ އިވެންޓްތަކުގައި ބައިވެރިވާ ޓޫރިސްޓުން. ބޭރު ބަޔަކާ ގުޅިގެން ވެސް އެފަދަ ހަރަކާތްތައް ރާއްޖޭގައި ބޭއްވިދާނެ.

ރާއްޖެއަކީ ފިލްމު ޓޫރިޒަމަށް ވެސް ޕޮޓެންޝަލް ގައުމެއް. ސްޓާ ވޯސް ވެސް ރާއްޖޭގައި ޝޫޓްކުރި. އެ ވާހަކަތައް ވެސް ދައްކަން ޖެހޭ ގޮތަކަށް އަޅުގަނޑުމެންނަކަށް ނުދެއްކޭ. އެފަދަ ކަންކަން އެހެން ގައުމުތަކުން ވެސް ކުރަނީ ކިހިނެއްތޯ ބަލަން ޖެހޭ. ޕޮލިސީތައް ވެސް އެފަދަ ކަންކަން ކުރަން ފަސޭހަވާނެ ގޮތަށް އެބަ ރާވަން ޖެހޭ.

ހެލްތު އެންޑް ވެލްނަސް އަކީ ވެސް މިހާރަށް ވުރެ ބޮޑަށް ފުޅާކުރެވޭނެ ދާއިރާއެއް. އޭގެ ތެރެއިން ދިވެހި ބޭސް ވެސް ޕްރޮމޯޓު ކުރެވޭނެ. ކުދިކުދި ނީޝް މާކެޓުތަކަށް ވެސް ރާއްޖެ ޕްރޮމޯޓުކޮށް، އާމްދަނީ ހޯދޭނެ ގޮތްތައް ފުޅާކުރަން ޖެހޭ.

އެހާ ގިނަ ހަރަކާތްތަކެއް ހިންގަން ޕްލޭން ކޮށްފައިވާ އިރު މި އަހަރު ބާއްވާ އެންމެ ބޮޑު ހަރަކާތްތަކަކީ ކޮބާ؟

މި އަހަރު އަޅުގަނޑުމެން ލޯންޗު ކޮށްފައި ވާނެ "ވޯލްޑް ބިގަސްޓް ގިވްއަވޭ". ޑަބްލިއުޓީއެމްގައި ލޯންޗުކުރީ. އަޅުގަނޑުމެން މި ދެނީ 265 ހޮލިޑޭސް. ކޮންމެވެސް ބަޔަކަށް މި ދެނީ. އެހެންވީމާ 52 ހަފުތާގެ ޗުއްޓީ މި ދެނީ. ކޮންމެ މަހަކު ވެސް ކޮންމެވެސް ހަތަރު ނަސީބުވެރިއަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ.

މިއީ ދުނިޔޭގައި ނުކުރާ ކަމެއް. ފުރަތަމަ ކެމްޕެއިން، އާ އަހަރުގައި މި ފެށީ. މިހާރު ވެސް ވަރަށް ބައިވަރު މީހުން، 3،000 މީހުން އެ ހަރަކާތުގައި ބައިވެރިވެފައިވޭ. އޭގެ ތެރެއިން އަޅުގަނޑުމެން މި ހޮވަނީ. ރިސޯޓުތަކާ ޕާޓްނާ ވެގެން މި ހަރަކާތް ބާއްވަނީ.

އެމްއެމްޕީއާރްސީގެ ބައެއް ހަރަކާތްތަކާ ގުޅޭ ގޮތުން ޝިއުރާ "މިހާރު" އާ ހިއްސާ ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރިއާ ހިލާފަށް ހަރަކާތްތައް ބާއްވާއިރު، އާންމުކޮށް އޮންނަ މޭޖާ އިވެންޓްތައް ބާއްވާ، ޑިޖިޓަލް ކެމްޕެއިންތައް އިތުރު ކުރަން ވެސް އިސްކަން ދޭނަން. ވަރަށް އަވަހަށް ލޯންޗު ކުރާނަން ގްލޯބަލް އެމްބެސިޑާ ޕްރޮގްރާމެއް ވެސް. އެއީ ދުނިޔޭގެ ފެންވަރުގެ ސެލެބްރިޓީން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަން ފަށާ ކަމެއް.

އާ މާކެޓުތަކަށް ހާއްސަކޮށް ހަރަކާތްތައް ބާއްވާނެތޯ؟

މިޑުލްއީސްޓުގައި ވެސް ރޯޑްޝޯތަކެއް ތަފާތުކޮށް، ކުރިއަށް ގެންދާނަން. ވެބްސައިޓު ވެސް ރީ-ޑިޒައިންކޮށް، ވިޒިޓް މޯލްޑިވިްސް ޝޮޕެއް ވެސް ލޯންޗު ކުރަން ވެސް ޕްލޭން ކުރެވިފައިވޭ.

ޔޫރަޕް އަދި ސެންޓްރަލް އޭޝިއާ އާއި އެމެރިކާގެ އާ މާކެޓުތަކަށް ވެސް އިސްކަން ދޭނަން. ރާއްޖެ އިޝްތިހާރު ކުރާ އިރު އެމްބަސީތަކާ އެކު ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވޭ. ވަރަށް ފަހުން ވާނީ ނިއުޔޯކްގައި އޮތް ފެއާއެއްގައި ވެސް އެމްބަސީ ސްޓާފުން ބޭނުންކޮށްގެން ބައިވެރިވެފައި.

ޓޫރިސްޓުން އިތުރު ކުރުމުގައި އެމްއެމްޕީއާރުސީގެ ޓާގެޓަކީ ކޮބައިތޯ؟

އަޅުގަނޑުމެން މި ފޯކަސް ކުރަނީ ޓޫރިސްޓުންގެ ވަކި އަދަދެއް ހާސިލް ކުރުމަށް ވުރެ، މި ވަގުތު ރާއްޖޭގައި ހުރި ބެޑް ކެޕޭސިޓީ ފިލް ކުރެވޭނެ ގޮތްތަކެއް ހޯދައިދޭން. މި ފަހަރު ނަންބަރަށް އެހާ ވަރަކަށް ނުބަލަން. އެކަމަކު ބެޑް ކެޕޭސިޓީ ފިލް ކުރަން އިސްކަން ދޭނަން.

މިސާލަކަށް އަޅުގަނޑުމެން ޖެހޭނީ މީގެ ކުރިން ނުކުރާ ގޮތަށް މާކެޓު ކުރަން. އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސްއެއް އެބައޮތް މީގެ ކުރިން ޑިމާންޑު ނެތް އޭރިއާތަކަށް އިސްކަން ދީގެން މާކެޓު ކުރުން. އަދި އޮފް ސީޒަނަށް ހާއްސަ ހަރަކާތްތަކެއް ވެސް ހިންގަން އިސްކަންދޭނަން.

18 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީމްބެ ގެ ކޮއްކޮ

21 January 2025

ވަކި ބަޔަކަށް ޕްރޮމޯޝަންގެ ނަމުގައި ލާރިތަކެއް ދޭ ގޮލައެއް ތީވެސް

The name is already taken The name is available. Register?

ކިރުސައި

21 January 2025

ހަމަ އެކަނި ހަވާލުކޮށްފަ ހުރިމީހާ ބުނެލާ ވާހަކަ ގެނެސް، ޔަގީންކަން ދޭން ތިއުޅޭނީ ކޮންކަމެއްގެތޯ؟ ރައްޔިތުނަށް އޮޅުވާލަން ތޯ؟

The name is already taken The name is available. Register?

ޓޯޓޮރޯ

20 January 2025

"ސަރަހައްދަށް ބަލާއިރު އެންމެ ކުޑަ ހަރަދެއް މާކެޓިން އަށް ހިންގަނީ ރާއްޖެ ކަން އެބަ އެނގޭ. މިހާރު ކުރާ ހަރަދަށް ވުރެ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑުތަން އިތުރު ކުރަން" ބޮލުރޮދި ކެނޑުނީ. 1 ބިލިއަން މީހުންގެ އާބާދީއަކުން 300 މިލިއަން ޚަރަދުކުރީމާ ރާއްޖެއިން ކިހިނެއް އެވަރު ޚަރަދުކުރަނީ؟ އަމިއްލަ ޖީބަށް ޖަމާކުރަން ނޫންކަމެއް ނުވިސްނޭ.

The name is already taken The name is available. Register?

ވަގުންނަެ

20 January 2025

ކޮން ގޮން ޖެހުން ތަކެއް އެމްއެމްޕީއާރުސީ އަށް ހުންނާނީ އެމްއެމްޕީއާރުސީން ކުރާ މަސައްކަތުން އެއްވެސް ނަތީޖާ އެއް ނުނެރެވޭނެއޭ ކޮންމެ ރިސޯރޓެއްގެ މާރކެޓިންގް ޑިޕާރޓްމެންޓެއް ހުރޭ އެމެން ޚަރަދުކޮށްގެން ރާއްޖެއަށް ގެސްޓުން އަންނަނީ ދައުލަތްބަނގުރޫޓުވެފައި އޮތްވާ އެމްއެމްޕީއަަރުސީ އަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ދިނުމުން އެމެން އެފައިސާ އިން ރާއްޖޭން ބޭރަށް ގޮސް ނާޗަރަނގީ ތެޅުން ނޫން ކަމެއް ނުކުރޭ މަމެން މިމަންޒަރު ދެކުނީމޭ ބާރލިންގް ފެއަރ އިން

The name is already taken The name is available. Register?

ސެމި

20 January 2025

އަދިވެސް ޓެކްސްބޮޑުކޮށްފަ ބާލިދި އެއާޕޯޓްދީފަ ވޭޕް ސީސާ މަނަާކޮށް ޓުޫރިޒަމް އިނދަޖައްސާފަ ބަހައްޓާ

The name is already taken The name is available. Register?

ގޯހެކޭ

20 January 2025

ރާއްޖެ އަގުބޮޑު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ނުކުރާށޭ އެއީ ބޮޑު ގޯހެކޭ އެކަން ހުއްޓާލާށޭ ސަރުކާރުން އަދި ބޮޑެތި ބަޖެޓް ނުދޭށޭ އެމްއެމްޕީއާރުސީ އަށް ްެއީ ބޮޑު ގޯހެކޭ.

The name is already taken The name is available. Register?

ނޯވޭ

20 January 2025

ބަޖެޓް ނުދީ އެކަމު މާކެޓް ކުރަންވެސް ޖެހޭ! ރާއްޖެ އަކީ އަގުބޮޑު މަންޒިލެއް އަބަދުވެސް. 2ރުފިޔާ ދީގެން އާދެވެން ފެށީމަ އޯވަރ ކްރައުޑްދެން ވާނީ. ނަމްބަަރޒް އެކަނި ބަލައިގެން ނުވާނެ. ޝިއުރީމެން އެ ކުރަނީ ވަރަށް މަސައްކަތް.

The name is already taken The name is available. Register?

ޝިފާޒާާ

20 January 2025

ޝިއުރީ ފަދަ ހިންގުންތެރިންނަށް މިކަން ނުވާންވީ އެއްވެސް ސަބަބެއްނެތް.

The name is already taken The name is available. Register?

ގަފޫރްް

20 January 2025

ޓުއަަރިޒަމް ޕްރޮމޯޓްކުރުމަށް ސަރުކާރުގެ އެއްބާރުލުމާއެކު މިއަހަރުގެ ޓާގެޓްވެސް ރީޗްވާނެ އިރާދަކުރެއްވިއްޔާ.

The name is already taken The name is available. Register?

ޝިފާ އައްބާސްް

20 January 2025

މި ފަސްއަހަރުތެރޭ ޓުއަރިޒަމްގެ ދާއިރާއަށްވެސް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.

The name is already taken The name is available. Register?

އަހްމަދް

20 January 2025

ޝިއުރީމެންގެ ވާހަކަޔާ އަމަލުން މި ސާބިތު ކޮށްދެނީ ކިޔަވައިގެން ތިބި ތަންދޮރު އޮޅުންފިލާ މީހުން އިސް މަގާމު ތަކުގަ ތިބުމުގެ މުހިންމިކަން. ބައެއް މީހުންގެ ބަސްމަގާ އަމަލުން ލަދުން ބޯހަލާކުވާވަރުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454