މަރުގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ ކަމަރުލް އިސްލާމް މިއަދު ޝަރީއަތުގެ މަޖިލީހުގައި: އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ހުކުމް ވަނީ ދަމަހައްޓާފައި
18 ފެބުރުއަރީ 2025 - 14:12
މާލޭގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަމަރުލް އިސްލާމްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް 2012 ވަނަ އަހަރު މާލޭގައި މަރާލާފައި އޮތް ތަނަށް އެންމެ ފަހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަނީ ކަމުރުލް އެވެ. އަދި އދ. ދަނގެތީގައި މަސައްކަތްކުރާ ކަމުރުލް މާލެ އައިސް، މުނީރުލްއާ އެތަނަށް ވަނުމަށްފަހު އެނބުރި ދަނގެއްޗަށް ގޮސްފައިވެ އެވެ.
އެ މައްސަލާގެ ތަހުގީގު ކަމުރުލްގެ މައްޗަށް ހިންގުމަށްފަހު ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރުމުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަަމަށެވެ. އެ މައްސަލާގައި އޭނާ ކުށް ކުރަނިކޮށް ފެނުނު ޝަފަހީ އެއްވެސް ހެއްކެއް ނެތެވެ.
ނަމަވެސް، އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކަނޑައެޅީ ކަމުރުލްގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ގަރީނާތަކުގެ މައްޗަށް އޭނާގެ މައްޗަށް ކުށް ސާބިތުވިއިރު، މުނީރުލްގެ ވާރިސުން އެދިފައިވަނީ މަރަށް މަރު ހިފުން އަދި މަރުގެ ދިޔަ ވެސް ހޯދުމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ވާރިސުންނަށް އިހްތިޔާރު އޮތީ ދެ ގޮތުން ކުރެ އެއް ގޮތެއް އިހްތިޔާރު ކުރުމަށެވެ.
ވާރިސުން ދެ ގޮތް ވެސް ބޭނުންވާ ކަމަށް ބުނެފައިވާތީ، އޭގެ ފައިދާ ލިބެންޖެހޭނީ ގާތިލަށް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ހުކުމް އިއްވާފައި އޮތީ ކަމުރުލްގެ މައްޗަށް މަރުގެ އަދަބު ނުދީ އޭގެ ބަދަލުގައި ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ޖަލު ހުކުމެކެވެ. އަދި ވާރިސުން އެދުނު ގޮތަށް އޭނާގެ ކިބައިން މަރުގެ ދިޔައިގެ ގޮތުގައި ބުރަ ކުރެވިގެންވާ ދިޔަ ކަމަށްވާ 133،333.33ރ. ނަގައިދޭން ހުކުމްކުރި އެވެ.
ކަމަރުލްގެ ފަރާތުން ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމްގައި ކަނޑައެޅީ އެ މައްސަލާގައި ލިބިފައިވާ ގަރީނާތަކުގެ މައްޗަށް ބަލާއިރު ކަމަރުލްގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ގަރީނާއަކީ މުނީރުލް މަރުވެފައި އޮތް ތަނުގެ ތެރެއިން ކަމަރުލްގެ ފައިގެ ނިޝާންތައް ފެނިފައިވުމެވެ. އަދި އެ ކޮޓަރިން ފެނުނު ފޮތެއްގައި ވެސް ކަމަރުލްގެ އިނގިލީގެ ނިޝާން ފެނިފައިވެ އެވެ.
ސީސީޓީވީގެ ފުޓޭޖުން، ކަމަރުލް އެގެއަށް ވަންނަ މަންޒަރު ފެންނަ ކަމަށާއި އަދި މުނީރުލްއާ އެކު އެންމެ ފަހުން ފެނުނު މީހަކީ ވެސް ކަމަރުލް ކަން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި މުނީރުލްގެ ފޯނުގެ މެމޮރީ ކާޑް ވެސް ކަމަރުލްގެ އަތުން ފެނިފައިވެ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމްގައިވާ ގޮތުން ގަސްތު މަރުގެ ރުކުންތައް މި މައްސަލާގައި ސާބިތުވެ އެވެ. އެއީ ކަމަރުލް މާލެ އައިސްފައިވަނީ މުނީރުލް މަރާލުމުގެ މަގުސަދުގައި ކަމަށާއި އަދި އޭނާއަށް ވަޅިން އެތައް ފަހަރަކު ހަމަލާއެއްދީ މަރާލާފައިވަނީ ގަސްތުގައި ކަން ވެސް ސާބިތުވާތީ ކަމަށް ހުކުމްގައިވެ އެވެ.
ނަމަވެސް، މި މައްސަލާގައި މަރަށް މަރު ހިފުމުގެ އަދަބު ނުދެވޭނެ ކަން ފަނޑިޔާރު ކަނޑައެޅުއްވި އެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ކަމަރުލްގެ މައްސަލާގައި އިޖުރާއީ ގިނަ އައިބުތަކެއް ހުރުމެވެ. އަދި ފުލުހުން ކަމަރުލްއާ މެދު އަމަލު ކޮށްފައިވަނީ ޣައިރު އަހުލާގީ ގޮތެއްގައި ކަމަށް ވެސް ހުކުމްގައިވެ އެވެ.
މި މައްސަލާގެ ތަހުގީގުގެ ތެރޭގައި ކަމަރުލް ވަނީ ކުށަށް އިއުތިރާފު ބަޔާނެއް ދީފަ އެވެ. ނަމަވެސް، އެ ބަޔާން ނެގިއިރު ވީޑިއޯކޮށްފައި ނުވާއިރު ހަމައެކަނި އޮތީ ގަނޑެއްގައި ސޮއިކުރުވައިފަ އެވެ. އެ ބަޔާން ނެގިއިރު ގާނޫނީ ވަކީލެއް ވެސް ކަމަރުލްއަށް ހަމަޖައްސާފައެއް ނުވެ އެވެ. އަދި ހަނު ހުރުމުގެ ހައްގު ލިބިގެންވާ ކަމާއި އޭގެ ތަފްސީލް ވެސް އޭނާއާ ހިއްސާކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ގާނޫނުތައް ނޭނގޭ، ހައްގުތަކަށް ފަރިތަ ނޫން އަދި ލިޔަންކިޔަން ނޭނގޭ މީހަކަށް މިފަދަ ފުރުސަތުތައް ނުދީ ނަގާފައިވާ އެ އިއުތިރާފުގެ ބަޔާނަކީ ނުފޫޒަށް ދީއްލާލައިގެން ނަގާފައިވާ ބަޔާނެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އެ ބަޔާން ޝަރީއަތުން ބަލައިނުގަންނަން ނިންމި އެވެ. އަދި އެ އިއުތިރާފާ އެކު އޭގެފަހުން ކަމަރުލްގެ ވާހަކަތަކަށް ބަލައިގެން ޓީޖެޓީ ސަަރަހައްދުން ފުލުހުން ހޯދި ވަޅި އާއި ގަމީސް ވެސް ހެކީގެ ގޮތުގައި ބަލައިނުގަންނަން ނިންމި އެވެ.
ޝައްކުތަކެއް ހުންނަ މައްސަލަތަކުގައި މަރަށް މަރު ހިފުމުގެ އަދަބު ނުދިނުމަކީ އިސްލާމީ ޝަރީއަތުން ސާބިތުވާން އޮތް ކަމަކަށް ވާތީ، މި މައްސަލާގައި ގަސްތު މަރުގެ ކުށް ސާބިތުވިޔަސް، މަރުގެ އަދަބު ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެހެންވެ، އެންމެ މަތީ ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމްގައިވާ އަދަބުގެ ބައި ދެމެހެއްޓުމަށެވެ. ނަމަވެސް، ހައި ކޯޓުން ހުކުމަށް ވާސިލްވި ސަބަބުތައް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވި ގޮތުގައި މަރުގެ އަދަބާއި މަރުގެ ދިޔައަށް ވާރިސުން އެދޭ ހާލަތުގައި އޭގެ ފައިދާ ގާތިލަށް ލިބޭނެ ކަމަށް ބުނެ، ވަކި އަދަބެއް އިހްތިޔާރު ކުރުމުގެ ފުރުސަތެއް ހާކިމާއަކަށް އިސްލާމީ ޝަރީއަތުގައި ނެތެވެ. މަރުގެ މައްސަލަތަކުގައި މަރަށް މަރުގެ އަދަބަށް އެދުމާއި ދިޔައަށް އެދުމާއި އަދި ގާތިލަށް މާފުކުރުމަކީ ވެސް ހަމައެކަނި ވާރިސުންނަށް ލިބިދޭ ހައްގެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަދު
20 February 2025
ބަނގާޅު މީހަކު މަރާލި ބަންގާޅު ގާތިލަކަށް 25 އަހަރުވަންދެއް ދިވެހިން/ދިވެހިރާއްޖެއިން ހިލޭސާބަހަށް ކާންދީ ބޭސްފަރުވާ ކޮއްދީ ބަލަހައްޓަންޖެހޭ ގޮތެއް އެއްގޮތަކަށްވެސް ނުވިސްނޭ. ދެންބުނޭ ބައިނަލްއަގުވާމީ މުއާހަދާއޭ، ޖަލުގެ ޖާގަ ބޮޑުކުރާވާހަކަ ނުދައްކާ ތިކަލޭގެ މިރާއްޖެއިން ބޭރުކުރޭ.
ބާލީ
19 February 2025
ފުލުހުން ދުވަހަކުވެސް ރަނގަޅަށް އަމަލުކުރި ފަހަރެއް ދިމާވޭތަ؟
ކޮއިމަލް
19 February 2025
މަރަށް މަރުހިފާބަލަ ދީނީ ސަރުކާރު
ކަތްދައްތަ
18 February 2025
ސުޕްރީމް ކޯޓުގެ ނިންމުން ކިޔާލިއިރު ތިމީހާގެ ޙުކުމް ބާޠިލު ކުރުން ނޫން ގޮތެއް އޮތް ކަމަށް ނުފެނުނެވެ. ހައިކޯޓުން ކުށް ސާބިތުކުރުމަށް ބޭނުން ކުރި އަސާސީ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ނިންމާފަ އެއްވެސް ޝައްކެއްނެތި ގަތުލު އަމުދު ސާބިތު ކުރީ ކޮން ހެކިތަކަކަށް ކަމެއް ސާފެއްނޫނެވެ. ހައިކޯޓުގެ ފަނޑިޔާރުން ދިޔަ ލެއްވީ ގޯސްކަމަށް ބުނެފަ އެހުކުމް ދެމެހެއްޓީމާ މިވަނީ ކޯއްޗަކަށް ހެއްޔެވެ.
މި ޖަރީމާގެ ޚަބަރު އޭރި ކީ ހަނދާންވޭ
18 February 2025
ހަނދާންވަނީ މުނީރަކީ 25 އަހަރުގެ ބަނގްލަދޭޝް ކުއްޖެއް ކަމެވެ. އޭނަ ދިރިއުޅެނީ ޗާނދަނީ މަގުގައި ހުންނަ ގެއެއްގެ ކޮޓަރިއެއްގަ އެވެ. މުނީރަކީ ކޮންމެސް ރިސޯރޓެއްގެ މާލެ އޮފީހުގައި މަސައްކަތް ކުރާ ކުއްޖެކެވެ. މި ޤާތިލަކީ މުނީރު އާއި ޢާއިލީ ގޮތުން ވަރަށްގާތް މީހެކެވެ. އޭރު އެޚަބަރު ކިޔާފައި ވަރަށް އަސަރު ކުރިއެވެ. އެންމެ ދެރަވަނީ ފުލުހުން ޒިންމާދާރުކަން ކުޑަކަމުން އެމައްސަލައިގައި ބޮޑެތި ބާގަނޑުތަކެއް އުފެދި މިޤާތިލަށް ފަހި ފުރުޞަތުތަކެއް ލިބުނީމައެވެ.
ކީކޭ
18 February 2025
133،333.33ރ އަކީ 100 ޖަމަލުގެ އަގުތޯ؟ އެހެނީ މަރުގެ ދިޔައަކީ 100 ޖަމަލުކަމަށް އަހަރުމެން ކިޔެވި އިސްލާމް ފޮތުގައި އޮތީ. ކިހިނެތް ހިނގާ ކަމެއްތޯ މިއީ. އިސްލާމީ ޝަރީޢަތުގެ ނަމުގައި އޮޅުން ބޮޅުން ސިސްޓަމެއްހެން ސިފަވޭ.
ޒެންޒިބާރު
18 February 2025
ދެން އަހަރެމެން ޓެކްސް ޕޭޔަރުންގެ ފައިސާއިން މަހަކު 25 ހާސްވަރު ހަރަދުކޮށްގެން ތީނަވެސް 25 އަހަރުވަންދެން ކާންބޯންދީ ބަލަހައްޓަންވީ؟ ވާހަކައެއްބުނަން؟ އޭނަގެ ޢާއިލާއަށް އެލަވަންސެއްވެސް ފޮނުވޭނެގޮތްހަދާ. ބަލަ ތިކަލޭގެ މަރުވި މީހާގެ ޢާއިލާއާއި ހަވާލުކޮށްބަލަ. 25 އަހަރުވަންދެން އެމީހުނަށް ހިލޭސާބަހަށް މަސައްކަތްކޮށްދޭގޮތަށް.
ކެމަރޫން
18 February 2025
ތި ގާތިލުގެ ބަލަދުވެސް މިޖެހެނީ ރައްޔެތުންނަށް. 25 އަހަރު ވަންދެން ކާންދީ ބޯންދީ ބަލާބޮޑުކުރަން. އަނެއްކާވެސް ހަރަދު ކުޑަކުރަންށޭކިޔާފަ ނަގާ ޓެކުހުން. ޑީޕޯޓުކޮށްލަބަ. އުމުރަށް މިތަނަށް ނޭރޭ ގޮތަށް.
ޑރ ވާންޗޯ
18 February 2025
އިންސާނެއްގެ މަރުގެދިޔަ އެއްލައްކަ ރުފިޔާ!. މަޖްލިސް މެންބަރެއްގެ މަހުމުސާރަ، މެންބަރެއްގެ މަރުގެދިޔަވެސް ހަމަތިވަރުތޯވާނީ؟.
1828
18 February 2025
މި އޮއްތީ ސްޕްރީމް ކޯޓްގެ ހުކުމްގައި "އަދި ފުލުހުން ކަމަރުލްއާ މެދު އަމަލު ކޮށްފައިވަނީ ޣައިރު އަހުލާގީ ގޮތެއްގައި ކަމަށް ވެސް ހުކުމްގައިވެ އެވެ." މިވަރުންވެސް ޕޮލިސް އެތިކަލް ސްޓޭންޑާޑް ކޮމާންޑް ނުވަތަ ޑައިރެކްޓްރޭޓް މިމައްސަލަ ބަލައި ފިޔަވަޅެއް ނާޅާނެ. ހެއްވާ ބައެއް ޝަހާދެއް.