އެފްއޭއެމްގެ ކޮންގްރެސް، އޮބްޒާވްކުރުމުގައި ބައިވެރިވި ފީފާގެ އޮފިޝަލް އަހްމަދު ހައްރާޒު: ކޮންގްރެސް ޑިސެޓެބަލައިޒް ކޮށްލަން އޭނާ މަސައްކަތް ކުރި ކަމުގެ ތުހުމަތު ވަނީ އަމާޒު ވެފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 މާޗް 2025 - 10:28
ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ގެއްލުވާލަން، އެ ކޮންގްރެސް އަށް ފީފާ އިން ފޮނުވި މަންދޫބު އަހުމަދު ހައްރާޒު މަސައްކަތްކުރި ކަމަށް ތުހުމަތުތަކެއް ކޮށްފި އެވެ.
އެފްއޭއެމްއާ ގުޅޭ ކޭސް ފީފާގެ ފަރާތުން ބަލަހައްޓަނީ، އެ ޖަމިއްޔާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު ހައްރާޒެވެ. މިސްރަށް ނިސްބަތްވާ ހައްރާޒު ވަނީ އެފްއޭއެމާ ގުޅޭ އެކިކަންކަމުގައި މީގެ ކުރިން ވެސް ރާއްޖެ އައިސްފަ އެވެ.
ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 20 ކްލަބްގެ ތެރެއިން ހަ ކްލަބަކުން ކޮންގްރެސް ބޮއިކޮޓް ކުރި އެވެ. އެއީ ފުރަތަމަ ޑިވިޝަނުން އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ބުރު ސްޕޯޓްސް އެވެ. ދެ ވަނަ ޑިވިޝަނުގެ ބޮއިކޮޓްކުރީ ދަ ގްރާންޑޭ އެވެ. އަނެއް 14 ކްލަބުން ކޮންގްރެސް އަށް ހާޒިރުވި އެވެ.
ތިންވަނަ ޑިވިޝަނުން ކޮންގްރެސް ތަމްސީލު ކުރި ސީބީއެލްގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ކޮންގްރެސްއިން ބޭރުން ބައެއް ކަންކަން ކުރަން ހައްރާޒު މަސައްކަތް ކުރި ކަމަށެވެ.
އޭނާ ބުނީ އެ ކްލަބް ކޮންގްރެސްގައި ބައިވެރިވުން ސައްހަ ނޫންކަމަށް ހައްރާޒު ބުނަމުން ދިޔަ ކަމަށެވެ.
"ފީފާ އެފަދަ ރެޕިއުޓަބަލް މަގާމެއްގައި ހުންނަން ޖެހޭ މީހަކު މުއާމަލާތް ކުރަންޖެހޭގޮތަކަށް ނޫން އޭނާ އަޅުގަނޑުމެންނާ މުއާމަލާތް ކުރީ. ބުނަނީ އެއްބާރުލުން ދޭނީ ހޭ ނުދޭނީހޭ؟ ހަރުކަށި ޒާތަކަށް އޭނާ އަޅުގަނޑާ ވާހަކަ ދެއްކީ،" ސީބީއެލްގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގައި ބޭއްވި ކޮންގްރެސް ޖަލްސާތަކަށް ވެސް ސީބީއެލް އަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އެކަމަކު އޭރު މައްސަލައަކަށް ނުވެ އެންމެ ފަހުގެ ކޮންގްރެސްގައި އެ ކްލަބް ބައިވެރިވުން މައްސަލައަކަށް ހަދަނީ ކޮންގްރެސް "ޑިސްޓެބަލައިޒް" ކުރުވަން ހައްރާޒު ބޭނުންވާތީ ކަމަށް އޮފިޝަލް ތުހުމަތު ކުރި އެވެ.
އެފްއޭއެމްގެ ކޮންގްރެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި ނަމަވެސް ކޯރަމް ހަމަވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބައެއް ކްލަބްތަކުން ކޮންގްރެސް ބައިކޮޓްކޮށްފަ އޮތީމަ ދެން ހަގީގަތުގައި އިތުރަށް އެންމެ ކްލަބެއް ބައިވެރި ނުވި ނަމަވެސް ކޯރަމް ގެއްލޭނެ. އޭނަ މަސައްކަތް ކުރީ އަޅުގަނޑުމެން އެތަނުން ނެރެން. އޭރުން ކޯރަމް ގެއްލޭނެ، އެކަމަކު އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންނަކީ އެފްއޭއެމްގެ ސައްހަ މެންބަރު ކްލަބެކޭ. ކޮންގްރެސްގައި މީގެ ކުރިން ވެސް ދައުވަތު ލިބެޔޭ. ސައްހަ ނޫން ކަމަށް އާގިއު ކުރާނެ ވެލިޑް ޕޮއިންޓެއް އޭނަ އަކަށް ނުދެއްކުނު،" ސީބީއެލްގެ އޮފިޝަލް ބުންޏެވެ.
"އެފްއޭއެމުން އަޅުގަނޑުމެންނަށް އޮތީ އިންވައިޓްކޮށްފައި. މިދިޔަ އަހަރު ފެބްރުއަރީ (އެފްއޭއެމްގެ އޭރުގެ ލީޑާޝިޕުން) ބޭއްވި ކޮންގްރެސް އަށް ވެސް ދައުވަތު ފޮނުވި. އެހެން ކޮންގްރެސްތަކަށް ވެސް އޮފިޝަލީ އިންވައިޓް ކުރޭ."
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލިޑާޝިޕުގެ ދަށުން މިދިޔަ އަހަރު ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސް ބޮއިކޮޓް ކުރި ކްލަބްތަކުގެ ތެރޭގައި ސީބީއެލް ވެސް ހިމެނެ އެވެ.
އޭރު ކޮންގްރެސް ބޮއިކޮޓް ކުރި ކްލަބްތަކަކީ، ދެފަހަރެއްގެ މަތިން އެފްއޭއެމުން ބާއްވަން އުޅުނު އިންތިހާބުގައި ވާދަކުރެއްވި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރި ކްލަބްތަކެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކޮންގްރެސް ބޮއިކޮޓް ކުރި ހަ ކްލަބަކީ އޭރު ބާއްވަން އުޅުނު އިންތިހާބުގައި، އެންމެ ފުރަތަމަ ތޯރިގާ ވާދަކުރަން ކެންޑިޑެސީ ހުށަހެޅި އެފްއޭއެމްގެ އޭރުގެ އެކްސްކޯ މެންބަރު އަދި އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމް ތާއީދުކުރި ހަ ކްލަބެވެ. އަދި ދެ ވަނަ ފަހަރު ބައްސާމް ވާދަކުރަން ހުށަހެޅުމުން ވެސް އެ ހަ ކްލަބުން ތާއީދު ކުރީ އޭނާ އަށެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތް ގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ ކުރީގެ ލީޑާޝިޕަށް "ކަންކަން މަގުފަހިވާނެ" ގޮތަށް ކަމަށް ސީބީއެލުން ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް މީގެ ކުރިން ވެސް ގިނަ އެހެން ތުހުމަތުތަކެއް ކުރެވިފައި ވެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން އައްޔަން ކުރި ކެންޑިޑޭޓުންނާ މެދު އޭނާގެ ހިތްހަމަނުޖެހުން އުފެދި މަގާމުން ވަކި ކުރުމަށް އޭނާ ޑިމާންޑް ކުރި ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.
އޭނާ އަށް ކުރެވޭ މިފަދަ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް ހޯދަން "މިހާރު" އޭނާގެ ރަސްމީ އީމެއިލް އަށް ފޮނުވި މެސެޖަށް ޖަވާބެއް ނުދެ އެވެ. އަދި އޭނާގެ އެ މައްސަލައާ ގުޅިގެން ފީފާ ބަހެއް ހޯދަން ކުރި އީމެއިލް އަށް އެ އިދާރާއިން ވެސް ޖަވާބެއް ނުދެ އެވެ.
އެކަމަކު މީގެ ކުރިން އެފްއޭއެމާ ގުޅޭ އެހެން ކަންކަމުގައި ފީފާ އަށް ކުރާ އީމެއިލްތަކަށް އެ އިދާރާއިން "މިހާރު" އަށް ޖަވާބު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރު68
18 March 2025
މުޅި ދުނިޔެ ބައްސާމުމެން ގަނެލައިގެން އެތިބީ. އެމީހުނާދޭތެރޭ ފިޔަވަޅެއްނޭޅޭނީ މިހެންވެ. މުޅިފީފާތެރޭގާވެސް ތިކަން އާންމުވެފާ. އެހެންނޫނީ ސުވާލުތަކަށް ކޮންމެސް ޖަވާބެއް ނުދެވެންވީ ސަބަބެއް ނުފެނޭ. ލައްކަދުވަހު މަގާމުތަކުގާ ތިބެގެން ލައްކަގިނަ ޑޮލަރާ ފައިސާ އެކިމީހުނަށް ބެހިކަމުގެ ޝައްކު ޔަގީނަށް ބަދަލުވީ. މިހެން ކަންހުރީމާ ބައިބެހި ބައިލިބުނުމީހުން މިހާރުގެ މީހުނާދޭތެރޭ ހިތްހަމަނުޖެހޭނެ. ބައެއް ކުލަބުތައްވެސް އެވަނީ އެމަޅީގާ ޖެހިފާ. ޔަގީން.
މީޒްލީ
17 March 2025
ތިތަން އުވާލާ، ބޭކާރު މަސައްކަތެއް ކުރާބައެއް، އެހެން ގޮތަށް ބުނާނަމަ ފައިދާހުރި އެއްކަމެއްވެސް ކުރާ ބައެއްނޫން! ކޮރަޕްޝާއި، ފަސާދައާއި، ރުޅިވެރިކަމާއި ފުރައްސާރަ ކުރުން އިންތިހާއަށް އޮތް ތަނެއް! ފްޓްބޯޅަ ކުރިއަރަނީ އެއްނޫން! ބޮޑު ކަންތަށްގަނޑެއް ހިންގާތަނެއްތީ!
އޮނަރަބްލް އަފީފު ދީދީ
17 March 2025
އެފްއޭއެމް އެކަންޏެއްނޫން. ނަމުގެ ކުރިއަށް ޤައުމީ، ނެޝަނަލް، ދިވެހި، މޯލްޑިވްސް އަދި ރާއްޖެ ލައިގެން ކ.މާލޭގައި ހަދާފައިވާ އެސޯސިއޭޝަން ތަކާއި ސަރުކާރު އިދާރާތަކާއި، އަދި އެންޖޯއީ އެއްވިޔަސް މިފަދަ ހުރިހާ ތަނަކީ "ދިވެހި ރާއްޖެއަކީ ކ.އަތޮޅު މާލެ ކަމަށް ބަލައިގެން" މާލެއަށް ހަދާފައިވާ މާލޭގެ ތަންތަން. ތިޔަ ޖަމާއަތަކީވެސް ކ.މާލޭގެ ކަންމަތީ ޤުރޫޕް ތަކަށާއި، ތިތަނުގެ ވެެރިންނަށްތިބި ތިރަށު މީހުންގެ ގޭދޮށު ކުދިންނަށް ލާރި ބަހަން ހަދާފައިވާ ތަނެއް.
އޮނަރަބްލް އަފީފު ދީދީ
17 March 2025
ކ.މާލޭ ޤަބީލާތަކާއި، އެރަށު ކަންމަތީ ގޭންގްތަކުން ދިވެހިފުޓްބޯޅަ ޙިސޯރުކޮށްގެން ތިބުމުގެބޭނުމަށްޓަކާ ނަމުގެތެރެއަށް "ޤައުމީ" ލައިގެން ހަދާފައިވާ ފުޓްބޯޅަ އެސޯސިއޭޝަން ޤަބޫލު ނުކުރާނެކަމަށާއި، އެމީހުންގެ އެއްވެސްޙަރަކާތެއް ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީގައި ނުހިންގޭނެކަމަށާއި، އަދި އެމީހުނަށް ކުރިންދޫކޮށްފައިހުރި މިދެންނެވި ސިޓީތަކުގެ ދަނޑުތައް ކައުންސިލްގެދަށަށް ގެންނާނެކަމަށް ކައުންސިލްތަކުން ފާސްކޮށް އާންމުކޮށް އިޢުލާންކުރޭ.
އޮނަރަބްލް އަފީފު ދީދީ
17 March 2025
ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.
އޮނަރަބްލް އަފީފު ދީދީ
17 March 2025
މިދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބު ކުރާ ބަޔަކު ތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރު ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.
އޮނަރަބްލް އަފީފު ދީދީ
17 March 2025
މަތީގައިދެންނެވި ބަދަލުގެނައުމަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތްތައްބޭއްވުމަށްޓަކާ ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަންހޯދައި ވަސީލަތްޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.
ކައްޕިި
17 March 2025
ވެދާނެނޫންތޯ ގޭންގުތަކުން އޭނާއަށް ބިރުދެއްކަިކަމަށްވެސް.