ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ވަނީ އިންޑިއާއަށް ފުރާވަޑައިގެންފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މެއި 2025 - 14:33
ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިސްޓަރު ހަލީލްގެ މި ދަތުރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
އެ ބައްދަލުވުން ބާއްވަނީ މާދަމާ އެވެ.
ހަލީލްގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުންތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެކުލަވައިލި ތަސައްވަރު "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް"ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށެވެ.
މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ގައި މާލޭގަ އެވެ.
އިގުތިސާދާއި ސިއްހަތާއި ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ކަހަލަ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ވަރުގަދަކުރުމަށް މި މަތީ ފަންތީގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސް އޮފީހައި އެ މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީ ފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެރިގުއި
26 May 2025
ގިނައިން ދިޔަވަރަކަށް ނިކަމެތި ރައްޔިތު މީހާ އަށްވާ އުދަގޫ ބޮޑުވަނީ. އިންޑިޔާއިން ކުރަމުންދާ އޮޕަރޭޝަން ތަކެއްގައި އެންމެ ފަހުން ކުރަންދިޔަ އޮޕަރޭޝަން ކުރަން އިންޑިޔާ އަށް ނާރުވާ ސަބަބެއްވެސް ނުބުނެ ފޮނުވާލީ. ބޭސް ފަރުވާ ނުކުރެވި އަތުން ލާރިތަކެއް ހަރަދުވެ ބޮޑު ގެއްލުމެއް ލިބުނީ
ހަމްދާ
25 May 2025
ކޯ ގުރޫޕުތަކުގައި އިންޑިޔާ އޮތުމަކީ މިގައުމުގެ ވަހުދަތު ގެއްލިދާނެ ކަމެއް.