ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ
29 ޖެނުއަރީ 2025 - 22:47
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަވަށްޓެރި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނެ ގޮތުގެ އާ ތަސައްވަރު ތަންފީޒު ކުރުމަށްޓަކައި، ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުވުމަކީ، ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ
"މިގޮތުން، އިގްތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހު އިންޑިއާގަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
މިގޮތުން، ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ އިތުރުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އޭގެ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރުތައް އިންޑިއާއަށް ކުރައްވައިފަ އެވެ.
ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ
މީގެއިތުރުން، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވެސް މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.
އެ ދަތުރުތަކުގެ ތެރެއިން، މަތީފަންތީގެ މަޝްވަރާތައް ބާއްވައި، އިންޑިއާ އިން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ދެމުންދާ އެހީތައް ވެސް އިތުރުކޮށްފަ އެވެ.
މިގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް، އިންޑިއާގެ އެސްބީއައި އިން ގަނެފައިވާ ޓީ-ބިލުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޕުނޑުމާ
30 January 2025
އިންޑިއާ އައުޓް ގޮވިމީހުން ރަނގަޅަށް ހާރުވާލަނީ. ކޮބާ ގަޓުހުރިމީހުން. މިހާރުވެސް ބުނަންވީނު ބޭނުމެއްނޫނޭ ޒާތްޒާތުގެ ބައްދަލުވުންތައް ބާއްވާކަށް ބޭނުމެއްނޫނޭ. ހިތްވަރެއް ހުރިއްޔާ ބުނަންވީނު އިންޑިއާ އައުޓޭ. ދެން ޖެހޭނީ ކުރިޔަށްވުރެ މާބޮޑަށް އަޅުވެތިވާން.
އަބިސް
30 January 2025
ކުރީ ސަރުކާރުން ވިއްކާލި ޤައުމު އަނބުރާ ހޯދަނީ ދެއްތޯ. ލަދެއްވެސް ހުންނަނީކީ ނޫނިއްޔާ
ހާރުޝާ
30 January 2025
އިންޑިޔާ އައުޓް ޖަހައިގެން އުޅެ ވެރިކަން ހޯދި މީހުން ލައްވާއި ތިޔަ ތަސައްވުރު ނިމޭއިރު އެފަދަ ކަމެއްކޮށްފި ނަމަ އެމީހުންނަށް ދޭނެ އަދަބު އަމިއްލައަށް ލިޔުވައި އަދަބު ކަނޑައަޅަންވާނެއެވެ. ތިޔަ ތަސައްވުރުގެ އަސްލުބޭނުމަކީ އިންޑިޔާއައުޓް ޖެހި މީހުން ހާރުވައި އެމީހުން އިންޑިޔާ ކުރިިމަތީގައި ކުޑަކަކޫ ޖެހުވުމެވެ. ބާރުގަދަ ޤައުމުތަކާއި ސިޔާސީ މަންފާއަށް ނުތޮޅި އެންމެންނާއި ގުޅިގެން އުޅެންޖެހެނީ ދުނިޔޭގެ މީހުން ކުރިމަތީ މިފަދަ ލަދުން ސަލާމަތް ވުމަށެވެ.
އަބްޑޫޅް +
30 January 2025
ދިވެހިރާއްޖެ އަކީ އިންޑިޔާގެ ޔޫނިޔަން ޓެރިޓަރީ އަކަށް ހެދީމަ، ރައީސުގެ ފުރަމާނަދަތުރު ބަދަލުވެގެންދާނީ ހަޑުމިޝްޓޭޓަރުސާހަބު ގެ ބަންޑާރައްތުރު އަށް.
ކަަނބުލޮ
30 January 2025
އާއުސްމިންތަކެއް އިތުރަށް ބޭނުމެއް ނެތް.