ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި އިރުތިޝާމް މިއަދު އެ ގައުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. 

އިރުތިޝާމް އިންޑިއާއަށް ކުރައްވާ މި ދަތުރަކީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން، ރާއްޖެއިން ބޭރަށް އޭނާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. 

ފޮރިން މިނިސްޓަރުގެ މަގާމާ ހަލާވުވެވަޑައިގަތުމަށް ފަހު އިރުތިޝާމް އެންމެ ފުރަތަމަ މިނިސްޓްރީގެ އިދާރާގައި ބައްދަލުކުރެއްވީ ވެސް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބާލާސުބްރަމާނިއަމްއާ އެވެ.

މިނިސްޓްރީން ބުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރައްވާ މި ދަތުރުގައި ޖައިޝަންކަރު އާއި އިރުތިޝާމް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުގައި އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު 14 ގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ. އިރުތިޝާމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.

ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި މިދިޔަ މަހު ކެބިނެޓު އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. އެއީ، ރައީސް އޮފީހުން އޭރު ބުނި ގޮތުގައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. އޭރު ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި އިރުތިޝާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.